[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހަމައެކަނި ސަބަބަކީ އޭގެ ނަތީޖާ ނެރެދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫން

ސަބަބުތަކުގައި ހިފުމަކީ ވަކީލުކުރުމުގެ އެއްރުކުނެވެ.

ހަމައެކަނި މާއްދާގެ މައްޗަށް ވަކީލުކޮށްގެން، ހަމައެކަނި ދުނިޔެއަށްޓަކާ ދިރިއުޅޭ ބައެއް މީހުން ދެކޭ ގޮތުގައި، ސަބަބުން ނުކުންނަ ނަތީޖާ އުފައްދާ އެއްޗެކީ ސަބަބެވެ. ވީމާ ބޭހަކީ އޭގެ ޒާތުން ފަރުވާ ލިބޭ އެއްޗެކެވެ. ކާމިޔާބަށް ވާޞިލުކޮށްދޭ އެއްޗަކީ މަސައްކަތް އެކަންޏެވެ. އެފަދަ މީހުން ދެކޭގޮތުގައި އެހެންފަރާތަކަށް ބަރޯސާވުމެއް ނުވެއެވެ. ނަމަވެސް މިއީ، ޙަޤީޤަތާއި މުޅިން ޚިލާފު ވާހަކައެކެވެ. ފަހަރެއްގައި ސަބަބު އޮވެފައި، ސަބަބުން ނުކުންނަންޖެހޭ ނަތީޖާ ނުނުކުމެ ވެސް އޮވެދާނެއެވެ. ބޭސްކޮށްގެން ފަރުވާ ނުލިބޭ ފަހަރުވެސް އާދެއެވެ. ދެމީހަކަށް އެއް ބައްޔެއް ޖެހިގެން، ހަސްފަތާލެއްގެ އެއް ކޮޓަރީގައި، އެއް ޙަކީމެއްގެ އަތްމައްޗަށް، އެއް ފަރުވާއެއް ދެމުންދަނިކޮށް، އެކަކަށް ޝިފާލިބިފައި އަނެކަކު މަރުވެސް ވެދާނެއެވެ. ދަނޑުވެރިއަކު އެންމެ ޒަމާނީ އާލަތްތައް ބޭނުންކޮށްގެން ފަސްގަނޑުޖަހާ، އެންމެ މޮޅު ގަސްކާނާ އަޅައި، އެންމެ މޮޅު މުޑުވައް ލައިގެން ދަނޑު އިންދައިގެން ހުއްޓާ، އާދަޔާ ޚިލާފަށް ޖައްވު ހޫނުވެގެން ނުވަތަ ފިނިވެގެން، ނުވަތަ ވާރޭ ނުވެހި ދަނޑު ހަނަފަސްވެގެން، ނުވަތަ ފެންބޮޑުވެގެން، ކޮށްފައިވާ ހުރިހާ ކަމެއް ބޭކާރުވެގެން ދެއެވެ.

ވީމާ، ހަމައެކަނި ސަބަބު އެއީ، އޭގެ ނަތީޖާ ނެރެދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫނެވެ. އަދި އަނެއްކޮޅުން، ކަންކަމުގެ ސަބަބުތައް އިހުމާލުކޮށްލުމަކީ، ބުއްދީގެ ގޮތުން ހަމަޖެހޭ ކަމެއްވެސް ނޫނެވެ. ބުއްދީގެ ހަމަތަކަށް ފެތޭ، އަދި ދީނުގައި އަމުރުކުރެވިފައިވަނީ، އިންސާނުން އެމީހުން ކުރާ ކޮންމެ ކަމެއްގައި ވެސް، އެކަމަކަށް ބޭނުންވާ ހުރިހާ ސަބަބުތަކެއްގައި ހިފުމަށެވެ. އަދި މިއަށް ފަހު، އޭގެ ނަތީޖާ ޙާޞިލުކޮށްދެއްވުން އެދި ﷲ އަށް ދުޢާ ދެންނެވުމަށެވެ. އަދި ކަންކަން ނިންމަވަނީ ހަމައެކަނި ﷲ އަށް ޤަބޫލުކޮށް އެއިލާހުގެ ނިޔާފުޅަށް ރުހި އެއިލާހަށް ބަރޯސާވުމެވެ. އެއިލާހަށް ޔަޤީންކަމާއެކު ފުރިހަމައަށް އިޢުތިމާދުކުރުމެވެ. ޖަމަލު އައްސާލާފައި، ދެން އެ ނުގެއްލި ރައްކާކަންމަތީ އޮތުން، ﷲ އާ ވަކީލުކުރާށެވެ. ރަނގަޅަށް ފިލާވަޅު ދަސްކުރުމަށް ފަހު، ދެން އިމްތިޙާނުން ފާސްވުން، ﷲ އާ ވަކީލުކުރާށެވެ. ފާސްވުން އެދި ދުޢާކުރާށެވެ.

ޙަޤީޤީ ވަކީލުކުރުމަކީ މިއީއެވެ. ﷲ އާ ވަކީލުކުރުމަކީ ފަހަރެއްގައި ވެސް، ސަބަބުތަކާ މެދު އިހުމާލުވެ ފަރުވާކުޑަކޮށްލުމެއް ނޫނެވެ. ކައުނުގައި ﷲ ލައްވާފައިވާ ޤާނޫނުތައް ބޭކާރުކޮށްލުމެއް ނޫނެވެ. އަދި، ގެއްލުމާއި މަންފާ ދެއްވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން ހަނދާން ނައްތާލުމެއް ވެސް ނޫނެވެ.

ސަބަބުތަކަކީ އޭގައި ކޮންމެހެން ވެސް ހިފަހައްޓަންޖެހޭ އެއްޗެކެވެ. މީގެ ބޭނުން ހިފުމަކީ ދީނުގެ އަމުރުތަކަށް ވެވޭ ކިޔަމަންތެރިކަމެކެވެ. ކައުނު ހިނގުމަށް މާތް ﷲ މެދުވެރި ކުރައްވާފައިވާ ޤާނޫނުތަކަށް ވެވޭ ތަބާއެކެވެ. ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ، ހަމައެކަނި ސަބަބުން ފުއްދާނުލެވޭނެ ކަމެވެ. އެހެނީ، ކަންކަމުގެ ނަތީޖާއަކީ މާތް ﷲ ގެ އަތްޕުޅުގައިވާ އެއްޗެކެވެ. ވީމާ ޙައްޤު ގޮތުގައި ﷲ އާ ވަކީލުކުރާ މީހަކީ، ބޭނުންވާ ކަމަށް ވާޞިލުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް، ހިފަންޖެހޭ ހުއްދަ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، ނަތީޖާއަށް ވާޞިލުކޮށްދެއްވާ ފަރާތަކީ ﷲ ކަމަށް އީމާންވެ، ﷲ އާ ވަކީލުކުރާމީހާއެވެ.