[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމަތުގެ އާންމުންނަށް މުހިއްމު ދަރުސްތައް (އަށާރަވަނަ ދަރުސް) – ފަހު ދަރުސް

އަށާރަވަނަ ދަރުސް (މައްޔިތާ ހިނެވުމާއި އޭނާގެ މައްޗަށް ކަށުނަމާދުކުރުމާއި އެއަށްފަހު ވަޅުލުން)

 

މައްޔިތާ ހިނެވުމާއި އޭނާގެ މައްޗަށް ކަށުނަމާދުކުރުމާއި އެއަށްފަހު ވަޅުލުމުގެ ތަފްޞީލު:

 

 • ފުރަތަމަ:

މަރަށް ޙާޟިރުކުރެވިފައިވާ މީހާއަށް ((لاَ إِلٰهَ إِلاَّ اللهُ))  ލައިދޭންވާނެއެވެ.

އެއީ ނަބިއްޔާ  صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްގެ އަލީގައެވެ.

((لَقِّنُوا مَوْتاَكُمْ: لاَ إِلٰهَ إِلاَّ اللهُ)).

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މަރަށް ޙާޟިރުކުރެވޭ މީހުންނަށް لاَ إِلٰهَ إِلاَّ اللهُ ލައިދޭށެވެ.” 

އިމާމު މުސްލިމުގެ ޞަޙީޙުގައި މިޙަދީޘް ރިވާކުރައްވާފައިވެއެވެ.

މިޙަދީޘްގައި “مَوْتى” ގެ މުރާދަކީ: މަރަށް ޙާޟިކުރެވިފައިވާ މީހުންނެވެ. އަދި އެއީ، އެމީހުންގެ ކިބައިން މަރުވުމުގެ ޢަލާމާތްތައް ފެންނަ މީހުންނެވެ.

 

 • ދެވަނަ:

މަރުވެއްޖެކަން ޔަޤީންވުމުން އޭނާގެ ދެލޯލައްޕާލައި ދަތްދޮޅި އައްސަންވާނެއެވެ. އެއީ މިކަމުގައި ސުންނަތުގައި ވާރިދުވެގެން އައިސްފައިވާގޮތެވެ.

 

 • ތިންވަނަ:

ހަނގުރާމައެއްގައި ޝަހީދުވެފައިމީހުން ފިޔަވާ ދެން ކޮންމެ މައްޔިތެއްވެސް ހިނެވުން ވާޖިބުވެގެންވެއެވެ. ހަނގުރާމައިގައި ޝަހީދުވެއްޖެ މީހެއް ހިނަވާ އޭނާގެ މައްޗަށް (ކަށު)ނަމާދު ކުރުމެއްނުވެއެވެ. އަދި ކިއެއްތަ، އޭނާ ވަޅުލާނީ އޭނާ ޝަހީދުވިއިރު ހުރިހެދުމުގައެވެ. އެހެނީ ނަބިއްޔާ  صلى الله عليه وسلم، އުޙުދު ހަނގުރާމައިގައި އަވަހާރަވި ބޭކަލުން ނުހިނަވައެވެ. އަދި އެބޭކަލުންގެ މައްޗަށް ކަށުނަމާދުނުކުރައްވައެވެ.

 

 • ހަތަރުވަނަ:

މައްޔިތާ ހިނަވާގޮތް: (ފުރަތަމަ) މައްޔިތާގެ ޢައުރަ ފޮރުވާނީއެވެ. ދެން ކުޑަކުޑަކޮން އުފުލާލާފައި މަޑުމަޑުން ބަނޑަށް ފިތާލާނީއެވެ. އެއަށްފަހު ހިނަވާމީހާގެ އަތް ރައްކާތެރިކުރުމުގެ ގޮތުން ފޮތިގަނޑެއް ނުވަތަ އެފަދަ އެއްޗަކުން ފޮރުވާލުމަށް ފަހު ނަމާދަށް ވުޟޫކުރާފަދައިން މައްޔިތާ ވުޟޫ ކުރުވާނީއެވެ. ދެން މައްޔިތާގެ ބޮލާއި ތުނބުޅި ކުންނާރުފަތު ފެނުން ނުވަތަ އެފަދަ އެހެން އެއްޗަކުން ދޮންނާނީއެވެ. މައްޔިތާގެ ކަނާތްފަރާތް ދޮވުމަށްފަހު ވައަތްފަރާތް ދޮންނާނީއެވެ. އަދި މިފަދައިން ދެވަނަ އަދި ތިންވަނަ ފަހަރު ދޮންނާނީއެވެ. އަދި ކޮންމެ ފަހަރަކު މައްޔިތާގެ ބަނޑުގައި އަތް ހިންގާލާ އެއްޗެއް ނުކުމެއްޖެ ނަމަ ދޮވެލާނީއެވެ. އެއަށްފަހު ކަފަ ނުވަތަ އެފަދަ އެއްޗަކުން އެތަން [ނަޖިސް ނުކުންނަތަން]  ބަންދު ކުރާނީއެވެ. ކަފައިން ނުހިފަހައްޓައިފިނަމަ “طين حر” [މިއީ އިހުޒަމާނުގައި މިކަމަށް ބޭނުންކޮށްއުޅުނު މަށީން ހަދާފައި ހުންނައެއްޗެއް] ނުވަތަ ތަތްކުރާ ޒަމާނީ ޑޮކްޓަރީ ވަޞީލަތްތައް ބޭނުންކުރާނީއެވެ.

އަދި އަލުން މައްޔިތާ ވުޟޫ ކުރުވާނީއެވެ. ތިންފަހަރުން ސާފު ނުވާނަމަ ފަސް ފަހަރަށް ނުވަތަ ހަތް ފަހަރަށް އިތުރުކުރާނީއެވެ. ދެން އެއަށްފަހު ފޮތިގަނޑަކުން ހިއްކާލައި އޭނާގެ ކިހިލިފަތާއި ސަޖިދަކުރާއިރު ޖެހޭ ހިސާބުތަކުގައި ހުވަނދުލާނީއެވެ. އަދި މައްޔިތާގެ މުޅިހަށިގަނޑުގައި ހުވަނދުލިޔަސް އެއީ ހަމަ އެންމެ ރަނގަޅުކަމެކެވެ. ދެން ކަފުނުގައި މީރުވަސް ދުއްވާލާ ފަދަ އެއްޗެއްލާނީއެވެ. އަދި މައްޔިތާގެ މަތިމަހާއި ނިޔަފަތި ދިގުނަމަ ކުރުކުރާނީއެވެ. އެކަން ނުކޮށް ދޫކޮށްލިޔަސް އެއީ މައްސަލައެއްނޫނެވެ. އަދި އޭނާގެ ބޯ އޮމާންކޮށް، ކުރިމަތިފަރާގެ އިސްތަށިބާލާ އަދި ޚިތާނު ކޮށްގެންނުވާނެއެވެ. އެއީ އެކަންކުރުމަށް ދަލީލެއް އައިސްފައި ނުވާތީއެވެ. އަންހެނަކު ނަމަ އޭނާގެ އިސްތަށިގަނޑު ތިންބަޔަށްބެހުމަށްފަހު ގަތާނީއެވެ. [އެއީ ބޮލުގެ މެދާއި ދެފަޅިއެވެ. ކޮންމެފަޅިއެއް ގަތާނީ ވަކިންނެވެ.] ދެން އޭނާގެ ފަހަތަށް އޮންނާނެހެން އިސްތަށިގަނޑު ދޫކޮށްލާފައި ބާއްވާނީއެވެ.

 

 • ފަސްވަނަ:

މައްޔިތާ ކަފުންކުރުން: އެންމެ މޮޅުއިތުރުގޮތަކީ ނަބިއްޔާ صلى الله عليه وسلم ޢަމަލުކުރެއްވި ގޮތަށް، ފިރިހެނެއްނަމަ ހުދުކުލައިގެ ތިން ފޭރާމުން ކަފުން ކުރުމެވެ. އޭގެ ތެރެއަށް އޭނާ ލާ އޮޅާލާނީއެވެ. އެ ފޭރާމަކީ ގަމީހެއް ނުވަތަ ފަގުޑިއަކަށް ވެގެން ނުވާނެއެވެ. އިޒާރަކާއި ގަމީހެއްލައްވައި ދެންފޮތިގަނޑަކުން އޮޅާލިޔަސް މައްސަލައެއް ނެތެވެ. އަންހެނުން  ކަފުންކުރާނީ ފަސް ފޭރާމުންނެވެ. އެއީ އިޒާރަކާއި، ހެދުމަކާއި، ބުރުގާއަކާއި، ދެފޮތިގަނޑުންނެވެ. ކުޑަކުދިން ކަފުންކުރުމުގައި އެއްފޭރާމުން ފެށިގެން ތިންފޭރާމާއި ހަމައަށް ބޭނުންކުރެވިދާނެއެވެ. ކުޑަ އަންހެންކުދީން ކަފުންކުރާނީ ހެދުމަކާއި ދެފޮތިގަނޑުންއެވެ.

މިއެންމެން ކަފުންކުރުމުގައިވެސް ވާޖިބުވެގެންވަނީ މައްޔިތާގެ ހަށިގަނޑުފޮރުވާލާނެ އެއްފޭރާމެވެ. ނަމަވެސް މައްޔިތާއަކީ އިޙްރާމުގައި ހުއްޓާމަރުވި މީހެއްނަމަ ފަހެ ހަމަކަށަވަރުން އޭނާ ކުންނާރުފަތުފެނުން ހިނަވާ، އިޒާރަކާއި ރިދާއަކާއި (އަންނަ ފޮތިގަނޑަކާއި ހަށިގަނޑުނިވާކުރާ ފޮތިގަނޑަކާއި) ނުވަތަ އެނޫނަސް ދެފޮތިގަނޑުން ކަފުންކުރާނީއެވެ. އަދި އޭނާގެ ބޮލާއި މޫނާއި ނިވާނުކުރާނެއެވެ. އަދި ހުވަނދުވެސް ނުލާނެއެވެ. އެހެނީ ޞައްހަ ޙަދީޘްގައި ވާރިދުވެފައިވާފަދައިން ޤިޔާމަތްދުވަހު އޭނާ އަލުންދިރުވޭނީ ތަލްބިޔާކިޔާ ޙާލެވެ. އިޙްރާމުގައި ހުއްޓާމަރުވި މީހަކީ އަންހެނެއްނަމަ އެހެނިހެން އަންހެނުން ހިނަވާފަދައިން ހިނަވާނީއެވެ. [އެބަހީ: އާންމު ޙާލަތުގައި ހުރި އަންހެނުން ކަފުންކުރާފަދައިން މިފަދަ މީހުންވެސް ކަފުންކުރާނީ] ނަމަވެސް އޭނާގެ ގައިގައި ހުވަނދެއްނުލާނެއެވެ. އަދި ނިޤާބުފޮތިގަނޑުން އޭނާގެ މޫނު ނުފޮރުވާނެއެވެ. އަދި އޭނާގެ ދެއަތަށް އަންގިއެއް ނުލައްވާނެއެވެ. އަންހެނާކަފުން ކުރާނޭ ގޮތް އިސްވެ ބަޔާންވި ފަދައިން އޭނާގެ މޫނާއި ދެއަތްތިލަ ފޮރުވާނީ އޭނާގެ ކަފުނުގެ ބަޔަކުންނެވެ.

 

 • ހަވަނަ:

މައްޔިތާއަކީ ފިރިހެނެއްނަމަ މައްޔިތާ ހިނަވުމާއި، މައްޔިތާގެ މައްޗަށް ކަށުނަމާދުކުރުމާއި އަދި ވަޅުލުމަށް އެންމެ ޙައްޤުކަން ބޮޑީ: އެކަންކޮށްދިނުމަށް މައްޔިތާ ވަޞިއްޔަތް ކޮށްފައިވާ ފިރިހެނާ ، ދެން ބައްޕަ، ދެން ކާފަ، ދެން އޭނާގެ ގާތްތިމާގެމީހުންގެ ތެރެއިން ޢަޞަބާއިން، އެބައިމީހުން މައްޔިތާއާ ހުރި ގާތްކަމުގެ  ތަރުތީބުންނެވެ. [އެއީ ވާރުތަމުދަލުން ވަކި މިންވަރެއް ކަނޑައެޅިފައިނުވާ، މައްޔިތާމަރުވާ ހިނދު އެމީހަކު އެކަނި ހުރިނަމަ ވާރުތަމުދާ އެކީ ޙައްޤުވާމީހުންނެވެ.]

އަންހެނަކު ހިނެވުމަށް އެންމެ ފުރަތަމަ އިސްކަންދެވޭ މީހުން: އެކަމަށް އޭނާ ވަޞިއްޔަތް ކޮށްފައިވާ އަންހެންމީހާ، ދެން މަންމަ، ދެން މާމަ، ދެން އޭނާގެ އެންމެ ގާތް މީހުންގެ ތެރެއިން އަންހެނުންނެވެ. ދެމަފިރިންނަށް އެކަކު އަނެކަކު ހިނެވޭނެއެވެ. އެހެނީ [އަބޫ ބަކުރު] الصديق رضي الله عنه އަވަހާރަވުމުން ހިނެވީ އެކަލޭގެފާނުގެ އަނބިކަނބަލުންނެވެ. އަދި ޢަލީ رضي الله عنه ގެ އަނބިކަނބަލުން ފާޠިމާ رضي الله عنها އަވަހާރަވުމުން އެކަމަނާ ހިނެވީ އެކަލޭގެފާނެވެ.

 

 • ހަތްވަނަ:

މައްޔިތާގެ މައްޗަށް ނަމާދުކުރާނެގޮތް: ކަށުނަމާދުގައިވަނީ ހަތަރު ތަކުބީރެވެ. ފުރަތަމަ ތަކްބީރަށްފަހު ކިޔާނީ ސޫރަތުލް ފާތިޙާ، އަދި ކުރު ސޫރަތެއް ނުވަތަ އާޔަތެއް ނުވަތަ ދެއާޔަތް ކިޔެވިނަމަވެސް އެގޮތް ރަނގަޅެވެ. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން އައިސްފައިވާ ޞައްޙަ ޙަދީޘެއްގައި އެފަދައިން ވާރިދުވެފައިވެއެވެ. ދެން ދެވަނަ ތަކްބީރަށްފަހު އައްތަޙިއްޔާތުގައި ކިޔާފަދައިން ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. ދެން ތިންވަނަ ތަކްބީރަށްފަހު މިފަދައިން ކިޔާނީއެވެ.

((اللَّهُمَّ اغْفِرْ لِحَيِّناَ، وَمَـيِّتِناَ، وَشاَهِدِناَ، وَغاَئِبِناَ، وَصَغِيْرِناَ وَكَبِيْرِناَ، وَذَكَرِناَ وَأُنْثاَناَ، اللَّهُمَّ مَنْ أَحْيَيْتَهُ مِناَّ فَأَحْيِهِ عَلَى الإِسْلاَمِ، وَمَنْ تَوَفَّيْتَهُ مِناَّ فَتَوَفَّهُ عَلَى الإِيْماَنِ، اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعاَفِهِ، وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْماَءِ وَالثَّلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطاَياَ كَماَ يُنَقَّى الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلاً خَيْرًا مِنْ أَهْلِهِ، وَأَدْخِلْهُ الْجَنَّةَ, وَأَعِذْهُ مِنْ عَذَابِ الْقَبْرِ، وَعَذَابِ النَّارِ، وَافْسَحْ لَهُ فِيْ قَبْرِهِ، وَنَوِّرْ لَهُ فِيْهِ، اللَّهُمَّ لاَ تَحْرِمْناَ أَجْرَهُ وَلاَ تُضِلَّناَ بَعْدَهُ))

“އޭ ﷲ! އަޅަމެންގެ ތެރޭގައި ދިރިތިބި މީހުންނަށާއި އަޅަމެންގެ ތެރެއިން މަރުވެގޮސްފައިވާ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް ފެންނަހާ މީހުންނަށާއި ނުފެންނަހާ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންގެ ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންގެ ތެރޭގައި ތިބި ފިރިހެނުންނަށާއި އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އޭ ﷲ! އަޅަމެންގެ ތެރެއިން އިބަﷲ ދިރިލަހައްޓަވައިފި މީހާ ފަހެ އިސްލާމްކަން މަތީގައި އޭނާ ދިރިލަހައްޓަވާނދޭވެ! އަދި އަޅަމެންގެ ތެރެއިން އިބަﷲ މަރުގަންނަވައިފި މީހާ ފަހެ އީމާންކަން މަތީގައި އޭނާ މަރުގަންނަވާނދޭވެ! އޭ ﷲ! އޭނާއަށް ފާފަ ފުއްސަވާނދޭވެ! އަދި އޭނާއަށް ރަޙްމަތްލައްވާނދޭވެ! އަދި އޭނާއަށް ފުރިހަމަ ޢާފިޔަތު ދެއްވާނދޭވެ! އަދި އޭނާއަށް ޢަފޫކޮށްދެއްވާނދޭވެ! އަދި އޭނާގެ މެހުމާންދާރީ މާތްކޮށްދެއްވާނދޭވެ! އަދި އޭނާ ވެއްދެވޭތަން (ކަށްވަޅު) ތަނަވަސް ކޮށްދެއްވާނދޭވެ! އަދި ފެނުންނާއި، ސުނޯއިންނާއި، ގަނޑުފެނުން އޭނާ ދޮވެދެއްވާނދޭވެ! އަދި ހުދުފޭރާން ހަޑިމިލައިން ސާފުކުރެވޭ ފަދައިން (ފާފަތަކުން) އޭނާ ސާފުކޮށްދެއްވާނދޭވެ! އަދި އޭނާގެ ގޮވަށްޗަށް ވުރެ ހެޔޮ ގޮވައްޗަކަށް އޭނާ ބަދަލުކޮށްދެއްވާނދޭވެ! އަދި އޭނާގެ އަހުލުވެރިންނަށް ވުރެ ހެޔޮ އަހުލުވެރިންގެ ގާތަށް އޭނާ ބަދަލުކޮށްދެއްވާނދޭވެ! އަދި އޭނާ ސުވަރުގެއަށް ވައްދަވާނދޭވެ! އަދި ކަށްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން އޭނާ ރައްކާތެރިކޮށްދެއްވާނދޭވެ! އޭނާއަށް އޭނާގެ ކަށްވަޅު ތަނަވަސްކޮށްދެއްވާނދޭވެ! އަދި އޭނާއަށް އެތަން އަލިކޮށްދެއްވާނދޭވެ! އޭ ﷲ! އޭނާގެ އަޖުރުން އަޅަމެން މަޙުރޫމުނުކުރައްވާނދޭވެ! އަދި އޭނާއަށް ފަހު އަޅަމެން މަގުން އެއްކިބާ ނުކުރައްވާނދޭވެ!”

ދެން ހަތަރުވަނަ ތަކްބީރަށްފަހު ކަނާއަތް ފަރާތަށް އެއް ސަލާމްދޭނީއެވެ.

ކޮންމެ ތަކްބީރަކަށް އަތް އުފުލަންވާނެއެވެ. މައްޔިތާ އަކީ އަންހެނެއްނަމަ ކިޔާނީ ((اللَّهُمَّ اغْفِرْ لَهَا …)) މާނައީ: “އޭﷲ އެއަންހެނާގެ ފާފަފުއްސަވާނދޭވެ…” މިފަދައިންނެވެ. އަދި އެއީ ދެމައްޔިތެއްގެ ޖަނާޒާނަމަ ކިޔާނީ ((اللَّهُمَّ اغْفِرْ لَهُمَا …)) މާނައީ: އޭﷲ އެދެމީހުންގެ ފާފަފުއްސަވާނދޭވެ… މިފަދައިންނެވެ. އަދި އެއީ ބައިވަރު މައްޔިތުންގެ ޖަނާޒާއެއްނަމަ ކިޔާނީ ((اللَّهُمَّ اغْفِرْ لَهُمْ …)) މާނައީ: “އޭﷲ އެމީހުންގެ ފާފަފުއްސަވާނދޭވެ…” މިފަދައިންނެވެ.

އަދި މައިންބަފައިންނަށްވުރެ ކުރިން މަރުވެފައިވާ ކުއްޖެއްނަމަ އެކުއްޖާއަށް ފާފަފުއްސެވުމަށް އެދި ދުޢާކުރުމުގެ ބަދަލުގައި ކިޔާނީ މިފަދައިންނެވެ.

((اللَّهُمَّ اجْعَلْهُ فَرَطاً وَذُخْرًا لِوَالِدَيْهِ، وَشَفِيْعاً مُجاَباً، اَللَّهُمَّ ثَقِّلْ بِهِ مَوَازِيْنَهُماَ وَأَعْظِمْ بِهِ أُجُوْرَهُماَ، وَأَلْحِقْهُ بِصاَلِحِ سَلَفِ الْمُؤْمِنِيْنَ، وَاجْعَلْهُ فِيْ كَفاَلَةِ إِبْرَاهِيْمَ عَلَيْهِ الصَّلَاةُ وَالسَّلَامُ، وَقِهِ بِرَحْمَتِكَ عَذَابَ الْجَحِيْمِ))

މާނައީ: “އޭ ﷲ! އެކުއްޖާ (އެކުއްޖާގެ މައިންބަފައިންނަށްޓަކައި) އިސްވެގޮސްފައިވާ އަޖުރެއްކަމުގައާއި ރައްކައުތެރިކުރެވިގެންވާ ޛަޚީރާއެއް(ބޭނުންޖެހޭ ވަގުތައް ރައްކާތެރިކުރާ އެތި) ކަމުގައި ލައްވާނދޭވެ! އަދި  ޝަފާޢަތް ޤަބޫލުވެވޭ  ޝަފާޢަތްތެރިއެއް ކަމުގައި ލައްވާނދޭވެ! އޭ ﷲ! އެކުއްޖާގެ ސަބަބުން އެދެމީހުންގެ ތިލަފަތް ބަރުކޮށްދެއްވާނދޭވެ! އަދި އެކުއްޖާގެ ސަބަބުން އެދެމީހުންގެ އަޖުރު މަތިވެރިކޮށްދެއްވާނދޭވެ! އަދި އިސްވެދިޔަ ޞާލިޙު މުއުމިނުންނާ އެކުއްޖާ ބައްދަލުކޮށްދެއްވާނދޭވެ! އަދި އިބްރާހީމް عليه الصلاة والسّلام ގެ ބެލެހެއްޓެވުމުގެ ދަށުގައި އެކުއްޖާ ލައްވާނދޭވެ! އަދި އިބަﷲގެ ރަޙްމަތުން އެކުއްޖާ ނަރަކައިގެ ޢަޛާބުން ދިންނަވާދޭނވެ!”

ސުންނަތްވެގެންވާ ގޮތަކީ މައްޔިތާއަކީ ފިރިހެނެއްނަމަ އިމާމު މީހާ މައްޔިތާގެ ބޮލާދިމާލުގައި ހުއްޓުމެވެ. މައްޔިތާއަކީ އަންހެނެއްނަމަ އޭނާގެ މެދަށް ވާގޮތަށް އިމާމު މީހާ ހުއްޓުމެވެ. ފިރިހެން އަދި އަންހެން މައްޔިތުންތަކެއްގެ މައްޗަށް އެއްވަގުތެއްގައި ކަށުނަމާދުކުރާނަމަ އިމާމާ ގާތުގައި ބާއްވާނީ ފިރިހެން މައްޔިތުންނެވެ. އަދި އަންހެން މައްޔިތުން ބާއްވާނީ ޤިބްލަޔާ ވީ ފަރާތުގައެވެ. އެމައްޔިތުންގެ ތެރޭ ކުޑަކުދިންވާނަމަ ފިރިހެން ކުދިން ބާއްވާނީ އަންހެން މައްޔިތުންނަށް ވުރެ ކުރިންނެވެ. ދެން ކުޑަ އަންހެން ކުދިން (ބާއްވާނީ އަންހެނާގެ ފަހަތުގަ)އެވެ. ކުޑަފިރިހެންކުދިންގެ ބޯ އޮންނަންވާނީ ފިރިހެން މައްޔިތުންގެ ބޮލާ އެއްހަމައެއްގައެވެ. ދެން އަންހެން މައްޔިތާއިންގެ މެދު ފިރިހެން މައްޔިތުންގެ ބޮލާ އެއްހަމައެއްގައެވެ. ހަމަމިފަދައިން ކުޑަ އަންހެންކުދިން ބާއްވާނީ އެކުދިންގެ ބޯ އަންހެނާގެ ބޮލާއި އެއްހަމަ ވާ ގޮތަށެވެ. އަދި އެ އަންހެންކުއްޖާގެ މެދުވާނީ ފިރިހެނާގެ ބޮލާއި އެއްހަމައެއްގައެވެ. އަދި އެންމެހާ މައުމޫމުން ތިބޭނީ އިމާމުގެ ފަހަތުގައެވެ. އެކަމުން އިސްތިސްނާވާނީ އިމާމުފަހަތުގައި ނަމާދުކުރާނޭ ޖާގައެއްނުލިބުނު މީހާއެވެ. އޭނާ (ނަމާދުކުރަން) ހުއްޓޭނީ އިމާމުގެ ކަނާތްފަރާތުގައިއެވެ.

 

 • އަށްވަނަ:

މައްޔިތާ ވަޅުލާނެގޮތް: ވަޅުކޮންނައިރު ޝަރުޢުވެގެންވަނީ މީހެއްގެމެދާއި ހަމައަށް  ފުންމިން ހުންނާނެވަރަށް ފުންކޮށް ވަޅުކޮނެ ވަޅުގެ ޤިބްލައާވީ ފަރާތަށް ލަޙްދެއް ހެދުމެވެ. [ލަހްދަކީ: ސަންދޯކަށް ނުލާ ވަޅުލާއިރު މައްޔިތާލުމަށްޓަކައި ވަޅުގެ ޤިބްލައާވީ ފަރާތުގައި އިތުރަށް ފުންކޮށްކޮނެގެން ހަދާ ވަޅެކެވެ.] އަދި މައްޔިތާ ކަނާތްފަރާތަށް ލަޙުދަށް ލުމެވެ. އަދި އޭނާގެ ކަފުނުގެ ގޮށް މޮހާލުމެވެ. ނަމަވެސް އޭނާގެ ކަފުން ފޮތިގަނޑުނުނަގާނެއެވެ. އަދި މައްޔިތާއަކީ ފިރިހެނަކަށްވިޔަސް އަދި އަންހެނަކަށްވިޔަސް އޭނާގެ މޫނު ކަޝްފުނުކުރާނެއެވެ. ދެން ގާ ބާއްވާ [މައްޔިތާ ފޮރުވާލާނީ]އެވެ. އަދި މައްޔިތާ ވެލިން ރައްކާތެރިކުރުމަށް ކިސަޑުފަދަ އެއްޗެއްލާ އެގާތައް ޘާބިތުކުރާނީއެވެ. ފަހެ ގާ ނުލިބުނިއްޔާ، މައްޔިތާ ވެލިން ރައްކާތެރިކުމަށް ބޭނުންކުރާނީ ފިލާގަނޑެއްފަދަ އެއްޗެއް ނުވަތަ ހިލަ ނުވަތަ ބޮޑުލަކުޑިގަނޑެކެވެ. ދެން އެއަށްފަހު އޭގެ މައްޗަށް ވެލި އަޅާނީއެވެ. ވެލި އަޅާއިރު ކިޔާނީ ((بِاسْمِ اللهِ، وَعَلَى مِلَّةِ رَسُولِ اللهِ)) މިފަދައިންނެވެ. އަދި ކައިވަތެއްގެ މިންވަރަށް ވެލިގަނޑު އުފުލާނީއެވެ. އަދި ދަތިކަމެއްނެތި ކުދި ހިލަ ލިބޭނަމަ މަހާނަ މައްޗަށް އަޅާނީއެވެ. އަދި ފެން މަތުރަލާނީއެވެ. މައްޔިތާ ވަޅުލަން ދާމީހުންނަށް ޝަރުޢުވެގެންވަނީ މަހާނަކައިރި ކޮޅަށް ތިބެ މައްޔިތާގެ މައްޗަށް ދުޢާކުރުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم މައްޔިތުން ވަޅުލެއްވުމަށްފަހުގައި، އެތާކައިރި ކޮޅަށްހުންނަވާ ޙަދީޘްފުޅު ކުރެއްވިއެވެ:  ((اسْتَغْفِرُوْا لِأَخِيْكُمْ، وَاسْأَلُوْا لَهُ التَّثْبِيْتَ، فَإِنَّهُ الآنَ يُسْأَلُ)) މާނައީ: “ތިޔަބައިމީހުންގެ އަޚާއަށް ފާފަ ފުއްސަވައިދެއްވުމަށްއެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަން ދެއްވުމަށްވެސް އެދި ދަންނަވާށެވެ. އެހެނީ، ފަހެ އޭނާއާއި މިހާރު ސުވާލު އެބަކުރެވެއެވެ.”

 

 • ނުވަވަނަ:

މައްޔިތާ ވަޅުލުމުގެ ކުރިން ނާދެވިއްޖެ މީހާ، ވަޅުލުމަށްފަހު މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުން ޝަރުޢުވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم އެފަދައިން ޢަމަލުކުރައްވާފައިވެއެވެ. އެފަދައިން ޢަމަލުކުރެވޭނީ (ވަޅުލިތާ) މަހަކަށް ވުރެ އިތުރު ނުވާނަމައެވެ. އެއަށްވުރެ މުއްދަތު އިތުރު ވެއްޖެނަމަ އެޤަބުރަކަށް ނަމާދުކުރުން ޝަރުޢުވެގެންނުވެއެވެ. ސަބަބަކީ ވަޅުލެވުނުފަހުން މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ މައްޔިތަކަށް ނަބިއްޔާ صلى الله عليه وسلم ނަމާދުކުރެއްވިކަމަށް ވާރިދުވެގެން އައިސްފައި ނުވުމެވެ.

 

 • ދިހަވަނަ:

މީސްތަކުންނަށް ކެއުމެއް ތައްޔާރުކުރުމަކީ މައްޔިތާގެ އަހުލުންނަށް ހުއްދަކަމެއްނޫނެވެ. މާތް ޞަޙާބީ ބޭކަލެއް ކަމުގައިވާ ޖަރީރު ބިން ޢަބްދިﷲ އަލްބަޖަލީ رضي الله عنه ވިދާޅުވެފައިވާ ބަސްފުޅެއްގައިވެއެވެ:

((كُنَّا نَعُدُّ الإجْتِمَاعَ إلَى أهْلِ الميِّتِ وَصُنْعَةَ الطَّعَامِ بَعْدَ الدَّفْنِ مِنَ النِّيَاحَةِ))  

މާނައީ: “މައްޔިތާ ވަޅުލުމަށްފަހު އޭނާގެ އަހުލުންގެ ގާތަށް އެއްވެ ކެއުމެއް ތައްޔާރުކުރުމަކީ النِّيَاحَةގެ ތެރެއިން ވާ ކަމެއްކަމުގައި ތިމަންމެން ހިމަނާ އުޅުނީމެވެ.” ޙަސަން ދަރަޖައިގެ ސަނަދަކުން އިމާމް އަޙްމަދު މި ޙަދީޘް ރިވާކުރެއްވިއެވެ. [النِّيَاحَةގެ މާނައަކީ: ކެތްތެރިކަންކުޑަވެ ރޮއެ އަޑުގަދަކުރުންފަދަ ކަންތައް ކުރުމެވެ.]

މައްޔިތާގެ އަހުލުންނަށް ނުވަތަ އެމީހުންގެ މެޙެމާނުންނަށް [އެހެންބަޔަކު] ކާއެއްޗެތި ތައްޔާރު ކޮށްދިނުމުގައި މައްސަލައެއް ނެތްތެވެ. އެމީހުންނަށް ކާއެއްޗެތި ތައްޔާރުކޮށްދިނުމަށް ޝަރުއުވެގެންވަނީ ގާތްތިމާގެ މީހުންނާއި އަވަށްޓެރިންގެ ފަރާތުންނެވެ. އެހެނީ ޖަޢުފަރު ބިން އަބީޠާލިބް رضي الله عنه ގެ މަރުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ޝާމްކަރައިން އައިހިނދު، ޖަޢުފަރުގެފާނުގެ އަހުލުންނަށް ކެއުމެއް ތައްޔާރުކޮށްދިނުމަށް އެކަލޭގެފާނު صلى الله عليه وسلمގެ އަހުލުންނަށް އަމުރު ކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ:

((إنَّهُ أَتَاهُمْ مَا يَشْغُلُهُمْ)) 

މާނައީ: “ހަމަކަށަވަރުން އެބައިމީހުން މަޝްޣޫލުވާފަދަކަމެއް އެބައިމީހުންގެގާތަށް އަތުވެއްޖެއެވެ.”

މައްޔިތާގެ އަހުލުންނަށް ހަދިޔާކުރެވުނު ކާތަކެތިން ކެއުމަށްޓަކާ އެމީހުންގެ އަވަށްޓެރިންނާއި އަދި އެނޫން މީހުންނަށް ދަޢުވަތު ދިނުން އެއީ މައްސަލައެއް ނޫނެވެ. އެއީ އަހަރެމެންނަށް އެނގިފައިވާ ގޮތުން ޝަރުޢުގައި ވަކި މުއްދަތަކަށް އޮތް ކަމެއް ނޫނެވެ.

 

 • އެގާރަވަނަ:

މައްޔިތާގެ މައްޗަށް ތިން ދުވަހަށްވުރެ ގިނަ ދުވަހަށް އިޙްދާދުކުރުން އަންހެނެކަށް ހުއްދަވެގެން ނުވެއެވެ. އެއީ އޭނާގެ ފިރިމީހާ ފިޔަވައެވެ. ފަހެ އޭނާގެ ފިރިމީހާއަށްޓަކައި ހަތަރު މަހާއި ދިހަ [ދުވަސް] މަޑުކުރުން އަންހެނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. [އިޙްދާދުކުރުމަކީ: މީހެއްމަރުވުމުން އެކަމަށް ހިތާމަކުރާ ޙާލު ޒީނަތްތެރިވުމާއި ރީތިހެދުންލުންދޫކޮށްލުމެވެ.] އެއީ އޭނާ ބަލިވެ އިންކަމުގައި ނުވާނަމައެވެ. ބަލިވެއިންނަމަ ވިހަންދެނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަ ސުންނަތުން އެފަދައިން ޘާބިތުވެފައިވާތީއެވެ.

ގާތްތިމާގެ މީހަކަށްވެސް ނުވަތަ އެހެންމީހަކު (މަރުވެގެންވެސް) ފިރިހެނަކު އިޙްދާދުކުރުން އެއީ ހުއްދަވެގެންވާކަމެއްނޫނެވެ.

 

 • ބާރަވަނަ:

ދޭތެރެ ދޭތެރެއިން ފިރިހެނުން ގަބުރުސްތާނަށް ޒިޔާރަތްކުރުން ޝަރުޢުވެގެންވެއެވެ. އެއީ އެތަނުގެ އަހުލުވެރިންނަށް ރަޙްމަތްލެއްވުން އެދި ދުޢާކޮށް އަދި މަރާއި އޭގެ ފަހުން ވާނޭ ކަންތައްތައް ހަނދުމަކުރުމަށްޓަކައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.  ((زُورُوا القُبُوْرَ، فَإِنهَّاَ تُذَكِّركُمُ الآخِرَة))   މާނައީ: “ތިޔަބައިމީހުން ގަބުރުސްތާނަށް ޒިޔާރަތްކުރާށެވެ. އެއީ ފަހެ، ތިޔަބައިމީހުންނަށް އާޚިރަތުގެމަތިން  ހަނދުމަކޮށްދޭ ކަމެކެވެ.” މިޙަދީޘް އިމާމު މުސްލިމުގެ ޞަޙީޙުގައި ރިވާކުރައްވާފައިވެއެވެ.

ގަބުރުސްތާނަށް ޒިޔާރަތްކުރާއިރު ކިޔުމަށް ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އުގަންނައިދެއްވި ދުޢާއަކީ:

((اَلسَّلاَمُ عَلَيْكُمْ أَهْلَ الدِّياَرِ، مِنَ الْمُؤْمِنِيْنَ وَالْمُسْلِمِيْنَ، وَإِناَّ إِنْ شاَءَ اللهُ بِكُمْ لاَحِقُوْنَ، نَأَسْأَلُ اللهَ لَناَ وَلَكُمُ الْعاَفِيَةَ، يَرْحَمُ اللهُ الْمُسْتَقْدِمِيْنَ مِناَّ وَالْمُسْتَأْخِرِيْن))

މާނައީ: “އޭ މުއުމިނުންނާއި މުސްލިމުންގެ ތެރެއިން މިމަހާނަތަކުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ސަލާމަތްކަންހުއްޓެވެ. އަދި ހަމަކަށަވަރުން އަހުރެމެންނީ ﷲ އިރާދަކުރެއްވިއްޔާ ތިޔަބައިމީހުންނާ އަރާހަމަކުރާނޭ މީހުންނެވެ. ﷲގެ ޙަޟްރަތުން އަހަރެމެންނަށާއި ތިޔަބައިމީހުންނަށް ޢާފިޔަތު ދެއްވުމަށް އެދި ދަންނަވަމެވެ. އަދި އަހުރެމެންގެ ތެރެއިން ކުރިން ދިޔަމީހުންނަށާއި ފަހުން ދާނެމީހުންނަށް ﷲ ރަޙްމަތްލައްވާށިއެވެ!”

އަންހެނުންނަށް ގަބުރުސްތާނަށް ޒިޔާރަތްކުރުމެއް ނެތެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ވަނީ ގިނަގިނައިން ޤަބުރުތަކަށް ޒިޔާރަތްކުރާ އަންހެނުންނަށް ލަޢުނަތް ލައްވާފައެވެ. އެއީ އެކަނބަލުން އެތަނަށް ގޮސް ފިތުނަވެރިވެ ކެތްތެރިކަން ކުޑަވެދާނެތީއެވެ. އަދި ހަމައެފަދައިން ޖަނާޒާއަށް ތަބާވެ އޭގެ ފަހަތުން ގަބުރުސްތާނަށް ދިޔުންވެސް އެކަނބަލުންނަށް ހުއްދައެއް ނޫނެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ވަނީ އެކަނބަލުންނަށް އެކަން ނަހީކުރައްވާފައެވެ.

މިސްކިތެއްގައި ނުވަތަ ހުސްބިމެއްގައިވިޔަސް ކަށުނަމާދުކުރުން އެއީ ފިރިހުންނަށާއި އަންހެނުންނަށްވެސް ޝަރުޢުވެގެންވާކަމެކެވެ.

 

މިފޮތުގައި ޖަމާކުރުމަށް ފަސޭހަވި މިންވަރަށް މިހާ ހިސާބުން ޖަމާކޮށް ނިމުނީއެވެ.

 

وصلى الله وسلم على نبينا محمد، وآله وصحبه.

__________________________________

މި ފޮތުގެ އެހެނިހެން ދަރުސްތައް

(ނިމުނީ)