[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނުގައި އެއްބައިވަންތަކަން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އިސްލާމްދީން ބާރުއަޅުއްވާފައިވަނީ އަދި ގޮވާލައްވާފައިވަނީ އެއްބައިވަންތަކަމަށެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا﴾‏ [سورة آل عمران: ١٠٣]

މާނައީ: “ތިޔަބައިމީހުން އެންމެން ﷲގެ ވާފަށުގައި ހިފަހައްޓާށެވެ! އަދި ވަކިވަކިވެ ނުގަންނާށެވެ!”

މި އާޔަތުގައި މިވާ “ވާފަށް” ގެ ތަފްސީރުގައި ސަލަފުއްޞާލިޙުންގެ ބޭކަލުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކުގެ ތެރޭގައި[1]:

– ﷲ ގެ އެއްކައުވަންތަކަމަށް ހެކިވުން

– ކީރިތި ޤުރުއާން

– އިސްލާމްދީން

– މުސްލިމުންގެ ޖަމާޢަތް

– ﷲ ތަޢާލާ ކުރައްވާފައިވާ އަމުރުފުޅުތައް

މި ހުރިހާ ކަމެއްގައި ހިފެހެއްޓުމަކީވެސް މުސްލިމުން އެކުވެރިކުރުވާ އަދި އެއްގަލަކަށް އަރުވާ ކަންކަމެވެ. ފަހެ ރަސޫލާ صلى الله عليه وسلم ވަނީ މުއުމިނުން އެއްބައިވެ، އެކަތިގަނޑަކަށް ވުމަށް ބާރުއަޅުއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى» [رواه مسلم 66 – (2586)]  

މާނައީ: “އެކަކު އަނެކަކުދެކެ ލޯބިވުމާއި، ރަޙުމުކުރުމާ އަދި އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ ހަށިގަނޑުގެ މިސާލެވެ. ހަށިގަނޑުގެ ގުނަވަނަކަށް ބަލިމަޑުކަމެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.”

މުސްލިމުންގެ މެދުގައި ބަދަހިކަން ވަރުގަދަކުރުމަށް ބާރުއަޅުއްވާފައި އެކިއެކި ނައްޞުތަކުންނާ، މުސްލިމުންގެ ތެރޭގައި ދިމާވާ އެކިއެކި ދެބަސްވުންތަކުގައި ޞުލްޙަކުރުމަށް ބާރުއަޅުއްވާފައި ވުމާ، ޖަމާޢަތުގައި ނަމާދުކުރުމަށް ކުރައްވާފައިވާ އަމުރުފުޅުތަކާ، ޖަމާޢަތުގެ ޞަފުތައް އެއްވަރު ނުކުރުމަކީ ހިތްތައް ބައިބައިވާ ކަމެއްކަމަށް އަންގަވާފައި ވުމާ، އެކަހެރިކޮށް ނަމާދުކުރާ މީހުންގެ މައްޗަށް ޝައިޠާނާ ގަދަވެ ގަތުމަށް ފަސޭހަވާނޭކަން ބަޔާންކުރައްވާފައި ވުމާ، ގާތްތިމާގެކަމުގެ ގުޅުންތައް ވަރުގަދަ ކުރުމަށް އަންގަވާފައިވުމާ، ތިބާ އެދޭ ހެޔޮކަންތައް ތިބާގެ މުސްލިމު އަޚާއަށް ނޭދޭހާ ހިނދަކު މުއުމިނެއްގެ އީމާންކަން ފުރިހަމަ ނުވާނޭކަމަށް އަންގަވާފައި ވުމާ، މި އެންމެހާ ކަންކަމުންނާ އަދި މިނޫނަސް އެތައް ނައްޞަކުން އެނގިގެން ދަނީ އެއްބައިވަންތަކަމަށް އިސްލާމްދީން ބާރު އަޅުއްވާފައިވާ މިންވަރެވެ.

 

 

އެއްގަލަކަށް އެރުމާއި އެއްބައިވަންތަކަމުގެ އަސާސް

 

ފަހެ އިސްލާމްދީނުގައި އަންގަވާފައިވަނީ އެއްގަލަކަށް އެރުމާއި އެއްބައިވަންތަކަމުގެ އަސާސަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތްކަމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ﴾ [سورة الأنفال: ٤٦]‏

މާނައީ: “އަދި ﷲއަށާއި އެއިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ދެބަސްވެ އަރައިރުންނުވާށެވެ! (ދެބަސްވެ އަރައިރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ (ނާކާމިޔާބުވެ)، ބާރުނެތި ހިނގައިދާނެއެވެ. އަދި ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.”

ޚިލާފުތަކުގައި އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތަށް އެކަން ރައްދުކޮށް، އެ ދެ މަޞްދަރުގައި އެކަން އޮތްގޮތް ބަލާ އަދި އޭގެ އަލީގައި ޚިލާފު ނައްތާލުމަށެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا﴾‏ [سورة النساء: ٥٩]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން އަމުރުގެ އަހުލުވެރިންނަށްވެސް (އެބަހީ: ޢިލްމުވެރިންނާއި ވެރިންނަށްވެސް) މެއެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲއަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު ﷲއާއި އެއިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) އެއީ ތިޔަބައިމީހުން ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައިވާ ނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ.”

ފަހެ ޞަޙާބީ ބޭކަލުންގެ ޒަމާނުން ފެށިގެންވެސް އެއަށް ފަހު ވަޑައިގެންނެވި އެންމެ ހެޔޮ ޖީލުތަކުގެ ބޭކަލުންނާއި އެބޭކަލުންނަށް ފަހު ވަޑައިގެންނެވި އިމާމުވެރި، ޢިލްމުވެރި، ދީންވެރި ބޭކަލުން ޢަމަލުކުރައްވާފައިވަނީ އެފަދައިންނެވެ. ކޮންމެ ބޭކަލަކަށްވެސް ކީރިތި ޤުރުއާނާއި ސުންނަތުން އެނގިފައިވާ އެންމެ ރަނގަޅު ގޮތް އެހެން ބޭކަލުންނަށް އުނގަންނަވައިދެއްވުމަށް އެބޭކަލުން މަސައްކަތްކުރެއްވިއެވެ. އަދި ރަނގަޅު ގޮތް އެނގުމުން އެބޭކަލުންވަނީ އޭގެ ކުރިން ޢަމަލުކުރަމުން އައި ސުންނަތާ ޚިލާފު ގޮތްތައް ނުވަތަ ސުންނަތާ ދުރު ގޮތްތައް ދޫކޮށްލައްވާފައެވެ. ޢަޤީދާއާއި ތަފްސީރާއި ޙަދީޘާއި ފިޤުހާ އަދި އެ ނޫނަސް އިސްލާމީ އެންމެހާ ޢިލްމުތަކެއްގައިވެސް އެބޭކަލުން ޢަމަލުކުރައްވާފައިވަނީ އެފަދައިންނެވެ.

އެއާ އެކުގައި ދީނުގެ ކަންކަން ދެނެގަތުމުގައި ޞަޙާބީ ބޭކަލުން އެކަންކަމުގައި ދެކެވަޑައިގެންނެވި ގޮތާއި އެބޭކަލުން އެކަމުގައި ގެންގުޅުއްވި މަންހަޖާއި ވިދާޅުވި ބަސްފުޅުތަކާއި ޢަމަލުކުރެއްވި ގޮތަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެބޭކަލުންނަށް ފަހު ވަޑައިގެންނެވި ތާބިޢީ ބޭކަލުންނާއި އަތުބާޢުއް ތާބިޢީންގެ ޖީލާ، ޙަދީޘްފުޅުގައި ބަޔާންވެގެން އައިސްފައިވާ އެންމެ ހެޔޮ ޖީލުތަކުގެ ބޭކަލުން އެއާ މެދު ވިދާޅުވި ބަސްފުޅުތަކާއި ޢަމަލުކުރެއްވި ގޮތް ދެނެގަތުންވެސް ވަރަށް މުހިންމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ» [رواه البخاري (2652)، ومسلم (212 – (2533))]

މާނައީ: “މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެބައިމީހުންގެ ފަހުން އަންނަ މީހުންނެވެ. ދެން އޭގެ ފަހުން އަންނަ މީހުންނެވެ.”

އެހެނީ ޞަޙާބީ ބޭކަލުންވަނީ ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވި ދުވަސްވަރުގައި އުޅުއްވާފައެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ތަރުބިއްޔަތުވެ ވަޑައިގެން އެކި ކަންކަމުގައި އެކަލޭގެފާނު ކުރެއްވި ޙަދީޘްފުޅުތަކާއި ޢަމަލުފުޅު ބެހެއްޓެވި ގޮތް ދެކެވަޑައިގެންފައެވެ. އެހެންކަމުން އެބޭކަލުންނަކީ މި އުންމަތުގެ އެންމެ ޢިލްމުވެރި އަދި އެންމެ ރަނގަޅަށް ދީނުގެ ކަންކަން ވިސްނިވަޑައިގެންނެވި ބޭކަލުންނެވެ. [2] އަދި އޭގެ ފަހުން ވަޑައިގެންނެވި ބޭކަލުންނަށް އެބޭކަލުންވަނީ އަމާނާތްތެރިކަމާ އެކުގައި އެ ޢިލްމު ފޯރުކޮށްދެއްވާފައެވެ. އެހެންކަމުން އިސްވެ ވަޑައިގެންނެވި ބޭކަލުން (ސަލަފުއްޞާލިޙުން) ގެ ޢިލްމާއި ރައުޔުތައް ދީނީ ކަންކަމުގައި އެހެން ހުރިހާ ބައެއްގެ ރައުޔާއި ވިސްނުމުގެ މައްޗަށް މާތްވެ މަތިވެރިވެގެން ވެއެވެ. ފަހެ މި ޖީލުގެ ކުރީކޮޅުގައި ވަޑައިގެންނެވި މުފައްސިރުންނާއި މުޙައްދިޘުންނާއި ފަޤީހުން އެބޭކަލުންގެ ފޮތްތަކުގައި ހެޔޮ ޖީލުތަކުގެ ބޭކަލުންގެ ފަތުވާތަކާއި ބަސްފުޅުތައް ގެންނަވާފައި ވަނީ އެ ސަބަބަށްޓަކައެވެ. އަދި އެބޭކަލުންގެ ބަސްފުޅުތައް ޖަމާކުރުމަށް ޚާއްޞަކޮށްގެންވެސް އެބޭކަލުންވަނީ އެތައް ފޮތެއް އެކުލަވާލައްވާފައެވެ. އޭގެ ތެރޭގައި ޢަޤީދާއާއި ތަފްސީރާއި ޙަދީޘާ އަދި ފިޤުހު ފޮތްތައް ހިމެނެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْرًا مَّا سَبَقُونَا إِلَيْهِ﴾ [سورة الأحقاف: ١١] ‎

މާނައީ: ” އަދި ކާފިރުވި މީހުން އީމާންވި މީހުންނަށް ބުންޏެވެ. (އެކަލޭގެފާނު ގެންނެވި ތަކެއްޗަށް އީމާންވުމަކީ) އެއީ ހެޔޮކަމެއް ކަމުގައިވީނަމަ، ތިމަންމެންގެ މައްޗަކަށް އެބައިމީހުން އެކަމުގައި ކުރިއަރައިގެން ނުދިޔައީހެވެ.”

މި އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.

“ސުންނަތް ޖަމާޢަތާ މެދު ދަންނައެވެ. އެބައިމީހުން ބުނަކީ (ދީނީ ކަންކަމާ ގުޅޭ ގޮތުން) ޞަޙާބީ ބޭކަލުންގެ އަރިހުން ޘާބިތުވެފައި ނުވާ ޢަމަލުތަކާއި ބަސްތަކަކީ އެއީ ބިދުޢައެއް ކަމުގައެވެ. އެހެނީ އެއީ ހެޔޮކަމެއްކަމުގައިވާނަމަ އެބޭކަލުން އެކަމުގައި ކުރިއަރައިގެން ވަޑައިގެންނެވީހެވެ. ފަހެ ހުރިހާ ހެޔޮކަމެއް ކުރެއްވުމަށްވެސް އެބޭކަލުން އަވަސްވެވަޑައިގަންނަވާފައި ވެއެވެ.” [3]

 


 

[1] ބައްލަވާ: تفسير الطبري (7 / 70 – 73) وتفسير البغوي (2 / 78).

[2] ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (19 / 200).

[3] تفسير ابن كثير (7 / 278 – 279).