ޤަޟާ ރޯދައަށް ހުރެފައި އެ ރޯދަ ދޫކޮށްލުން
ޤަޟާ ރޯދައަށް ނުވަތަ ހުވާގެ ކައްފާރާ ރޯދައަށް ހުންނަ ދުވަހުގައި ބައްޔެއް ނުވަތަ ދަތުރެއް ފަދަ ޝަރުޢީ ޢުޛުރަކާ ނުލައި ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. ޢުޛުރަކާ ލައިގެން ނުވަތަ ޢުޛުރަކާ ނުލައި ރޯދަ ދޫކޮށްލި ނަމަވެސް އެ ދުވަސް އަލުން ޤަޟާކުރަން ޖެހޭނެއެވެ. އަދި ރޯދަ ދޫކޮށްލީ ޝަރުޢީ ޢުޛުރަކާ ނުލައި ނަމަ އެއީ ފާފައެކެވެ. އަދި އެ ފާފަކުރިކަމަށްޓަކައި އޭނާ މާތް اللهއަށް ތައުބާވާން ޖެހޭނެއެވެ.
އިބްނު ޤުދާމާ رَحِمَهُ اللهُ ވިދާޅުވިއެވެ.
“ރަމަޟާން މަހުގެ ޤަޟާ ރޯދަ ނުވަތަ ނަދުރު ރޯދަ ނުވަތަ ކައްފާރާ ރޯދަ ފަދަ ވާޖިބު ރޯދައަށް ހުރުމަށް ފަށައިފި މީހާ، [ޝަރުޢީ ޢުޛުރަކާ ނުލައި] އެ ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. މި ކަމުގައި އެއްވެސް ޚިލާފެއް ނުވެއެވެ.- މާތް اللهއަށް ޙަމްދު ހުއްޓެވެ. -“[1]
އައްޝައިޚު އިބްނު ބާޒު رَحِمَهُ اللهُ އާ ސުވާލު ދެންނެވުނެވެ. ޤަޟާ ރޯދައަކަށް ހުރި ދުވަހެއްގައި މެންދުރު ފަހުން ބަނޑުހައިވެގެން ރޯދަ ދޫކޮށްލީމެވެ. އެއީ ހަނދާންނެތިގެން ނުވަތަ ނޭނގިގެން ވެސް ނޫނެވެ. މި ކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.
“ޙަޤީޤަތުގައި ތިބާގެ މައްޗަށް ވާޖިބުވެގެން އެ ރޯދަ އެދުވަހު ފުރިހަމަ ކުރުމެވެ. ރަމަޟާން މަހުގެ ޤަޟާ ރޯދަ އަދި ނަދުރު ރޯދަ ފަދަ ފަރުޟު ރޯދައަކަށް ހުންނަ ދުވަހަކު [ޝަރުޢީ ޢުޛުރަކާ ނުލައި] ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. އަދި ތިބާ ޢަމަލުކުރި ގޮތުގެ ސަބަބުން ތިބާ ތައުބާވުން ހުއްޓެވެ. اللهގެ ޙަޟްރަތަށް ތައުބާވެއްޖެ މީހާގެ މައްޗަށް އެއިލާހު ތައުބާ ލައްވާނެއެވެ.”[2]
އައްޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُ ވިދާޅުވިއެވެ.
“ރަމަޟާން މަހުގެ ޤަޟާ ރޯދަ އަދި ހުވާގެ ކައްފާރާ ރޯދަ އަދި ޙައްޖުގައި ޙަލާލުވުމުގެ ކުރިން ބޯ ބޭލުމުގެ ސަބަބުން ކައްފާރާގެ ރޯދަ އަދި މިފަދަ ވާޖިބު ރޯދައަކަށް ހުންނަ ދުވަހަކު ޝަރުޢީ ޢުޛުރަކާ ނުލައި ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. މިފަދައިން ވާޖިބު ކޮންމެކަމެއް ފަށައިފިނަމަ، އެކަމެއް ފުރިހަމަކުރުން ލާޒިމެވެ. އެކަމެއް މެދުކަނޑައިލުން ހުއްދަވެގެންވާ ޝަރުޢީ ޢުޛުރެއް އޮވެގެން މެނުވީ އެކަން މެދުކަނޑައިލުން ހުއްދަވެގެން ނުވެއެވެ. ޤަޟާ ރޯދައަށް ހުރެ ޢުޛުރަކާ ނުލައި ރޯދަ ދޫކޮށްލައި، ދެން އެ ދުވަސް އެހެން ދުވަހަކުން ޤަޟާކުރި މީހާ އެއަށްފަހު އިތުރުކަމެއް ނުވެއެވެ. އެހެނީ ޤަޟާކުރުން ވަނީ ރޯދައަކަށް ރޯދައެކެވެ. އެހެންނަމަވެސް ޢުޛުރަކާ ނުލައި ވާޖިބު ރޯދައެއް ދޫކޮށްލުމުގެ ސަބަބުން، އޭނާ މައްޗަށް މާތް اللهގެ ޙަޟްރަތަށް ތައުބާވެ، ފާފަފުއްސަވައިދެއްވުމަށް އެދުން ވާޖިބުވެގެން ވެއެވެ.”[3]
ރަމަޟާން މަހުގެ ޤަޟާ ރޯދައަކަށް ހުރެ ދުވާލުގެ ވަޤުތުގައި ޖިމާޢުވެއްޖެ މީހާގެއް މައްޗަށް ކައްފާރާ ދިނުމެއް ނުވެއެވެ. އޭނާގެ މައްޗަށް ވަނީ އެ ދުވަސް އަލުން ޤަޟާކުރުމެވެ.
އިމާމު ނަވަނީ رَحِمَهُ اللهُ ވިދާޅުވިއެވެ.
“ރަމަޟާން މަސް ނޫން އެހެން ރޯދައެއްގައި ޖިމާޢުވެއްޖެ ނަމަ، އެއީ ޤަޟާ ރޯދައެއް ނުވަތަ ނަދުރު ރޯދައެއް ނުވަތަ އެނޫން ރޯދައެއް ނަމަވެސް، ކައްފާރާ ދެއްކުމެއް ނުވެއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. ޤަތާދާ ވިދާޅުވިއެވެ. ރަމަޟާން މަހުގެ ޤަޟާ ރޯދައެއްވެސް ފަސާދަކޮށްލައިފިނަމަ އެކަމުގެ ކައްފާރާ ދޭން ޖެހޭނެއެވެ.”[4]
[1] المغني لابن قدامة – ت التركي 412/4
[2] مجموع فتاوى ومقالات متنوعة – ابن باز 355/15
[3] مجموع فتاوى ورسائل العثيمين 20 / 61
[4] المجموع شرح المهذب – ط المنيرية 6 / 345