ފުރަތަމަ އިންތިފާޟާއިން ފެށިގެން 1995 ވަނަ އަހަރު އޮސްލޯގެ ދެވަނަ އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް އައިއިރު، ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތުން ހިންގި ލާއިންސާނީ ކަންތައްތަކުގެ ތެރެއިން މުހިންމު ދެ ކަމެއް ފާހަގަކުރެވެއެވެ. އެއީ:
* 1990 ވަނަ އަހަރު މަސްޖިދުލް އަޤްޞާގައި ހިންގި ޤަތުލުޢާންމު
ޔަހޫދީން ދައުވާކުރާ ގޮތުގައި މަސްޖިދުލްއަޤްޞާ ހުރި ބިމަކީ އެބައިމީހުންގެ ހައިކަލް (އެބައިމީހުންގެ ބޮޑު ފައްޅި) ހުރި ބިމެވެ. އެހެންކަމުން އެތަނުގައި އެބައިމީހުންގެ ބޮޑު ފައްޅި އަލުން ބިނާކުރުމަކީ ޔަހޫދީންގެ އެންމެ ބޭނުންވާ އެއް ކަމެވެ. އެގޮތުން އެބައިމީހުން ފުރަތަމަ އެކަމަށް ކުރިމަތިލީ 1989 ވަނަ އަހަރެވެ. ނަމަވެސް ފަލަސްޠީނުގެ ޢާންމުންވަނީ ފައްޅީގެ ބިންގާ އެޅުމަށް ނުކުތް ޔަހޫދީން ހުއްޓުވާފައެވެ.
އަނެއްކާވެސް އެބައިމީހުން ފައްޅީގެ ބިންގާ އެޅުމަށް ތައްޔާރުވިއެވެ. އެއީ 1990 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނެވެ. އެކަން އެނގުމުން ފަލަސްޠީނުގެ އަހުލުވެރިން މިފަހަރުވެސް އެކަމާ ދެކޮޅަށް ނުކުތެވެ. މަސްޖިދުލްއަޤްޞާގެ ދިފާޢުގައި ނުކުތް ފަލަސްޠީނުގެ އަހުލުވެރިންނާ ކުރިމަތިލީ ޔަހޫދީންގެ ޢާންމުންނާއި ސިފައިންނެވެ. އަދި އިސްރާއީލުގެ ސިފައިން މަސްޖިދުލްއަޤްޞާގައި ތިބި މީހުންގެ ތެރެއަށް ބަޑިޖަހާ ޤަތުލުޢާންމެއް ހިންގިއެވެ. މި ޤަތުލުޢާންމުގައި ފަލަސްޠީނުގެ އަހުލުވެރިންނާއި މަސްޖިދުލްއަޤްޞާގައި ނަމާދުކުރުމަށް ގޮސްތިބި މީހުންގެ ތެރެއިން 20 އަށް ވުރެ ގިނަ މީހުން ޤަތުލުވިއެވެ. އަދި 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ. [1]
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން އެކަމާ ދެކޮޅަށް އަޑުއުފުލަން ފެށުމުން، އެކަން ތަޙުޤީޤުކުރުމަށް އދ ގެ ވަފުދެއް ފޮނުވިއެވެ. ނަމަވެސް އިސްރާއީލުން އެބައިމީހުންނަށް އެއްބާރުލުމެއް ނުދިނެވެ. އެބައިމީހުން ބުނަމުން ދިޔައީ އެއީ ފަލަސްޠީނުގެ މީހުން އަމިއްލައަށް ރާވައިގެން ކުރިކަމެއް ކަމުގައެވެ. އދ އިން ތަޙުޤީޤުކުރުމަށް ފަހުގައި ނެރުނު ރިޕޯޓުގައި އެއީ އިސްރާއީލުގެ ސިފައިން ހިންގާފައިވާ ޤަތުލުޢާންމެއްކަމަށް އިޤުރާރުވެފައި ވެއެވެ. ނަމަވެސް އެކަން އިސްރާއީލުން ބަލައެއް ނުގަތެވެ. [2] އދ އަކީ އިސްރާއީލުގެ ކުރިމަތީގައި އެއްވެސް ބައެއް ނޫނެވެ. އދ ވެގެން ދިޔައީ އިސްރާއީލުގެ ޔަހޫދީ ދައުލަތާއި އެބައިމީހުންނަށް ވާގިވެރިވާ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ދަށުވެފައި އޮތް ތަނަކަށެވެ. އެހެނީ އދ އަކީ އެމެރިކާގެ ބާރާއި ނުފޫޒު ހިނގާ ތަނެކެވެ. އަދި އިސްރޭލަކީ އެމެރިކާއިން ޙިމާޔަތްކުރާ އަދި މެދު އިރުމަތީގައި އެމެރިކާގެ ބާރު ތަންފީޒުކޮށްދޭ ޤައުމެވެ. އެހެންކަމުން އެ ޤަތުލުޢާންމު ކުށްވެރިކޮށް ބަޔާންތަކާއި ރިޕޯޓުތައް އދ އިން ނެރުނަސް، އިސްރާއީލުގެ ދައުލަތުން ހިންގި ޖަރީމާއަށް އަދަބެއް ނުދެވުނެވެ.
* 1994 ވަނަ އަހަރު އަލްޚަލީލު (Hebron)ގެ އިބްރާހީމީ މިސްކިތުގައި ހިންގި ޤަތުލުޢާންމު
މި ޤަތުލުޢާންމު ހިންގީ 1994 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ. އެއީ 1414 ވަނަ އަހަރުގެ ރަމަޟާން މަހުގެ 15 ވީ ހުކުރު ދުވަހެވެ. އަލްޚަލީލުގައި ހުންނަ އިބްރާހީމީ މިސްކިތުގައި ގިނަ ޢަދަދެއް ބަޔަކު ތިބި ވަގުތެކެވެ. 1983 ވަނަ އަހަރު އެމެރިކާއިން ފަލަސްޠީނުގެ ބިމަށް ހިޖުރަކުރި ޔަހޫދީއެއް ކަމުގައިވާ ބަރުޗް ގޯލްޑްސްޓެއިން (Baruch Goldstein) އިސްރާއީލުގެ ސިފައިންގެ ޔުނީފޯމުގައި ބަޑި ހިފައިގެން މިސްކިތަށް ވަނެވެ. އޭނާއަކީ އިސްރާއީލުގެ ދިފާޢީ ބާރުގައި މަސައްކަތްކުރި މީހެކެވެ. އޭނާ މިސްކިތުގައި ތިބި މީހުންގެ ތެރެއަށް ބަޑި ޖަހަމުން ދިޔައެވެ. މިސްކިތުގައި ތިބި މީހުން އޭނާ ހުއްޓުވަން މަސައްކަތްކުރިއެވެ. މީހަކު އޭނާގެ ބޮލުގައި އަލިފާން ނިއްވާ ފުޅިއަކުން ޖެހުމުން އޭނާ ވެއްޓުމުން މިސްކިތުގައި ތިބި މީހުން އޭނާއަށް ހަމާލީ މަރާލިއެވެ. މި ހަމަލާގައި ފަލަސްޠީނުގެ 29 މީހުން މަރުވިއެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ.
މި ހަމަލާއަށް ފަހު، އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ ރައްޔިތުންނަށް ނުވަދެވޭ ގޮތަށް އެ މިސްކިތުގެ ބޮޑު ބައެއް ބަންދުކުރިއެވެ. އަދި އެތަނުގައި ޔަހޫދީން އަޅުކަންކުރާ ތަނެއް ހެދިއެވެ. މީގެ އިތުރުން އަލްޚަލީލުގެ ޤަދީމީ އަވަށުގެ އެކި ހިސާބުތައް ފަލަސްޠީނުގެ ރައްޔިތުންނަށް ބަންދުކުރިއެވެ. އެގޮތުން އެ އަވަށުގެ މައި މަގުތަކަށް ފަލަސްޠީނުގެ ރައްޔިތުން ވަނުން މަނާކުރިއެވެ. އަދި ޚާއްޞަކޮށް “އައްޝުހަދާ” އޭ ކިޔާ ބޮޑު މަގުގެ އެއްބައި ފަލަސްޠީނުގެ ރައްޔިތުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރިއެވެ. [3]
އޮސްލޯގެ ޞުލްޙައިގެ އެއްބަސްވުންތަކުން ފަލަސްޠީނުގެ ރައްޔިތުންގެ ކެކުޅުންތަކަށް ކުޑަވެސް ލުޔެއް ލިބިދާނެކަމަށް އެބައިމީހުން ކުރި އުންމީދުތައްވެސް ވިއްސިވިހާލިވެގެން ދިޔައީއެވެ. ފަލަސްޠީނުގެ ސަރުކާރުން އިސްރާއީލުގެ ދަޢުލަތް ބަލައިގަތެއް ކަމަކު ޔަހޫދީން ފައިވިއްދައިގެން ތިބީ އަވަށަކަށް ފަހު އަވަށެއް، ރަށަކަށް ފަހު ރަށެއް ހިފުމަށެވެ.
ޔަހޫދީއަކު ފަލަސްޠީނުގެ މިސްކިތެއްގައި ޤަތުލުޢާންމެއް ހިންގުމުން އަނެއްކާވެސް އަދަބު ލިބުނީ ފަލަސްޠީނުގެ ރައްޔިތުންނަށެވެ. އެބައިމީހުންގެ މިސްކިތުގެ އެއްބައި ފޭރިގަތުމުގެ އިތުރުން އެބައިމީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައްވެސް އަޅަން ފެށިއެވެ. އެގޮތުން ޔަހޫދީ ދައުލަތުން އަޅަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ވަޒަނުން ޑީޕޯޓުކުރުމާއި، ތަޙުޤީޤަކާ ނުލާ ދިގުމުއްދަތަކަށް ބަންދުކުރުމާއި، ރަށްތަކާއި އަވަށްތައް ބަންދުކޮށް ކާފިއު ހިންގުމާ އަދި ތަޙުޤީޤަކާ ނުލާ މީހުން މެރުން ހިމެނެއެވެ. އަދި އިސްރާއީލުން ފޭރިގަނެފައިވާ ބިންތަކުގައި އަދި ޚާއްޞަކޮށް އަލްޚަލީލުގައި ޔަހޫދީން ވަޒަންވެރިކުރުން އިތުރުކުރިއެވެ. [4]
މިކަންކަން ވެގެން ދިޔައީ ފަލަސްޠީނުގެ އަހުލުވެރިންނަށް އަނެއްކާވެސް އެބައިމީހުންގެ އަމިއްލަ ވަޒަނުގެ ދިފާޢުގައި ޔަހޫދީންނާ ދެކޮޅަށް ނުކުތުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ.
=ނުނިމޭ=
[1] ބައްލަވާ: The status quo at Al-Aqsa: What you need to know by Arab News (page 4).
[2] ބައްލަވާ: The Origin and Evolution of the Palestine Problem, Part V (1989 – 2000) by UN (page 15 – 18).
[3] ބައްލަވާ: Forced Population Transfer: The Case of the Old City of Hebron (page 21 -22) and The Origin and Evolution of the Palestine Problem, Part V (1989 – 2000) by UN (page 19 – 22).
[4] ބައްލަވާ: The Origin and Evolution of the Palestine Problem, Part V (1989 – 2000) by UN (page 18 – 19 , 22 – 31).