[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 12

 ކޭމްޕް ޑޭވިޑުގެ އެއްބަސްވުން (Camp David Accords)

 

1978 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 އިން 17 އަށް ކޭމްޕް ޑޭވިޑްގައި ބޭއްވި ބައްދަލުވުންތަކުގައި އެއްބަސްވި ކަންތައްތައް ތަންފީޒުކުރުމުގެ ގޮތުން ކޭމްޕް ޑޭވިޑުގެ އެއްބަސްވުމުގައި ސޮއިކުރީ ވައިޓްހައުސްގައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ އޭރުގެ ރައީސް ޖިމީ ކާޓާ (Jimmy Carter) ގެ ޙާޒިރުގައި މިޞްރުގެ ރައީސް އަންވަރު އައްސާދާތާއި އިސްރާއީލުގެ ބޮޑުވަޒީރު މެނަޚެމް ބެގިންއެވެ. މި އެއްބަސްވުމުގައި 2 ކަރުދާހެއް ވެއެވެ.

 

ކޭމްޕް ޑޭވިޑުގެ އެއްބަސްވުމުގައި ހިމެނޭ މުހިންމު ނުކުތާތައް: [1]

 

ފުރަތަމަ ކަރުދާސް: މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމާ ބެހޭ ކަރުދާސް (The Framework for Peace in the Middle East)

މި ކަރުދާހުގައި ވަނީ ދެ ބަޔެކެވެ. އެއީ ހުޅަނގު އައްސޭރި އާއި ޣައްޒާއާ ބެހޭ ބަޔާއި މިޞްރާއި އިސްރާއީލާ ބެހޭ ބަޔެވެ.

 

* ހުޅަނގު އައްސޭރިއާއި ޣައްޒާ

– ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިޞްރާއި އިސްރާއީލާއި އުރުދުން އަދި ފަލަސްޠީނުގެ އަހުލުވެރިން ތަމްސީލުކުރާ ފަރާތްތަކުން ފަލަސްޠީނުގެ މައްސަލައިގައި ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވާން ވާނެއެވެ. މިކަމުގައި ހުޅަނގު އައްސޭރިއާއި ޣައްޒާއާ ގުޅުންހުރި ކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނީ 3 މަރުހަލާއެއްގެ ދަށުންނެވެ. އެއީ:

 1. މިޞްރާއި އިސްރާއީލުން އެއްބަސްވެފައިވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ އިންތިޤާލީ މަސައްކަތްތައް ގިނަވެގެން 5 އަހަރުގެ ތެރޭގައި ޞުލްޙަވެރިކަމާއެކު ނިންމުމަށެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމުގެ ގޮތުން، އިސްރާއީލުގެ ސަރުކާރުގެ އަސްކަރިއްޔާއާއި އިސްރާއީލުގެ ރައްޔިތުން ވީހާވެސް އަވަހަކަށް އެތަނުން ފައިބާ، މިހާރު އޮތް އަސްކަރީ ވެރިކަމުގެ ބަދަލުގައި ރައްޔިތުން އިންތިޚާބުކުރާ ވެރިކަމެއް ޤާއިމުކުރަން ޖެހޭނެއެވެ. އަދި އިންތިޤާލީ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ މިކަމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތީ ކަންކަމަށް ރިޢާޔަތްކޮށްގެންނެވެ. މި ކަރުދާހުގައިވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގައި އުރުދުންއިން ބައިވެރިވުމަށް ދަޢުވަތުދެވޭނެއެވެ.
 2. ހުޅަނގު އައްސޭރިއާއި ޣައްޒާގައި އަމިއްލަ ވެރިކަމެއް ޤާއިމުކުރާނެ ގޮތަކާ މެދުގައި މިޞްރާއި އިސްރާއީލް އަދި އުރުދުންއިން އެއްބަސްވާނެއެވެ. މިޞްރާއި އުރުދުންއިން މިކަމުގެ މަޝްވަރާތަކުގައި ބައިވެރިވާ ވަފްދުގައި އެބައިމީހުންގެ މެދުގައި އެއްބަސްވެގެން، ހުޅަނގު އައްސޭރިއާއި ޣައްޒާގެ މީހުންގެ ތެރެއިން ބަޔަކު ނުވަތަ ފަލަސްޠީނުގެ އެހެން ބަޔަކު ބައިވެރިކުރުމުގައި މައްސަލައެއް ނެތެވެ. މި މަޝްވަރާ ބައްދަލުވުންތަކުގައި ވާހަކަދެކެވޭނީ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އަމިއްލަ ވެރިކަމެއް ޤާއިމުކުރާއިރު އެބައިމީހުންނަށް ލިބިދޭނެ ބާރުތަކާއި ޒިންމާތަކާ މެދުގައެވެ. އަދި އިސްރާއީލު ހަތިޔާރުއެޅި ސިފައިން ހުޅަނގު އައްސޭރިއާއި ޣައްޒާއިން ފައިބަން ޖެހޭނެއެވެ. ނަމަވެސް ފަހުން ސަލާމަތީ ކަންކަމަށްޓަކައި ޤާއިމުކުރެވޭ ޚާއްޞަ ތަންތަނުގައި (checkpoint ގައި) އިސްރާއީލުގެ ސިފައިން ބޭތިއްބޭނެއެވެ. އަދި އެތެރެއާއި ބޭރުގެ ސަލާމަތީ ކަންކަމާއި އާންމު މަޞްލަޙަތު ޤާއިމުކުރާނެ ގޮތާމެދުވެސް ދެ ފަރާތުން އެއްބަސްވާން ޖެހޭނެއެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާގައި އަމިއްލަ ސަރުކާރެއް ޤާއިމުވުމުން އެބައިމީހުންގެ ވަރުގަދަ ފުލުހުންގެ ބާރެއް އުފެއްދޭނެއެވެ. އަދި އެބައިމީހުންގެ ފުލުހުންގެ ތެރޭގައި އުރުދުންގެ ރައްޔިތުން ހިމެނިދާނެއެވެ. މީގެ އިތުރުން ބޯޑަރު ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އިސްރާއީލާއި އުރުދުންގެ އަސްކަރިއްޔާއިން އެ ސަރަހައްދުގައި ސަލާމަތީ މަސައްކަތްތައް ކުރާނެއެވެ.
 3. ހުޅަނގު އައްސޭރިއާއި ޣައްޒާގެ އަމިއްލަ ސަރުކާރެއް (self-governing authority / administrative council) ޤާއިމުކުރެވި އެބައިމީހުންގެ މަސައްކަތް ފަށައިގަތުމުން 5 އަހަރުގެ އިންތިޤާލީ މަރުހަލާއެއް ފެށޭނެއެވެ. މި ސަރުކާރު ހިނގައިގަތުމާއެކު ނުވަތަ އެންމެ ލަސްވެގެން ސަރުކާރު ފަށާތާ 3 ވަނަ އަހަރު، ހުޅަނގު އައްސޭރިއާއި ޣައްޒާއާމެދު ނިންމާ އެންމެ ފަހުގެ ނިންމުމާ ގުޅޭ މަޝްވަރާތައް ފަށަންވާނެއެވެ. އަދި އެބައިމީހުންގެ އަވައްޓެރި ޤައުމުތަކާމެދު ގުޅުން ޤާއިމުކޮށް އިންތިޤާލީ މަސައްކަތްތައް ނިންމުމުގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައްވެސް ފަށަންވާނެއެވެ. މި މަޝްވަރާތައް ކުރިއަށްދާނީ މިޞްރާއި އިސްރާއީލާއި އުރުދުން އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގެ ވަޒަންވެރިންގެ ތެރެއިން އެބައިމީހުން ތަމްސީލުކުރުމަށް ހޮވާފައިވާ ފަރާތްތަކުގެ މެދުގައެވެ. މި މަޝްވަރާތައް ކުރިއަށްދާނީ UN Security Council Resolution 242 ގެ އުޞޫލުތަކުގެ ދަށުންނެވެ.

 

* މިޞްރާއި އިސްރާއީލު

– ދެބައިމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ބާރުގެ ބޭނުން ނުކުރުމަށް މިޞްރާއި އިސްރާއީލުން އެއްބަސްވެއެވެ. އެފަދަ ކޮންމެ މައްސަލައެއް ހައްލުކުރަންވާނީ އދ ގެ ޗާޓަރުގެ 33 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ޞުލްޙަވެރިކަމާއެކުގައެވެ.

– މި އެއްބަސްވުމުގައި ސޮއިކުރާތާ 3 މަސް ތެރޭގައި، ދެ ބައިމީހުންގެ މެދުގައި ޞުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމެއް އެކުލަވާލަން ވާނެއެވެ. އަދި މިކަމުގައި މަޝްރަވާކުރުމަށް ބޭއްވޭ ބައްދަލުވުންތަކަށް އެހެން ފަރާތަކަށް ދަޢުވަތުދޭންވާނެއެވެ. އެއަށްފަހުގައި އެކުލަވާލާ ޞުލްޙައިގެ އެއްބަސްވުމުގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތާއި ތާރީޚުތައް ކަނޑައަޅަން ވާނެއެވެ.

– މި އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުން ޞުލްޙަވެރިކަމާ އެކުގައި އެއްބަޔަކު އަނެއް ބަޔެއްގެ ދައުލަތް ބަލައިގަންނަން ވާނެއެވެ. އަދި ދެ ދައުލަތުގެ ދެމެދުގައި ގުޅުން ޤާއިމުކުރަންވާނެއެވެ. އަދި އދ ގެ ޗާޓަރަށް ތަބާވާންވާނެއެވެ. އެގޮތުން:

 1. ފުރިހަމައަށް ދައުލަތް ބަލައިގަތުން.
 2. އިޤްތިޞާދީ ގޮތުން އަޅާފައިވާ ފިޔަވަޅުތައް (economic boycotts) އުވާލުން.
 3. ދެ ފަރާތުގެ ރައްޔިތުންނަށް ފުރިހަމަ، ޤާނޫނީ ރައްކާތެރިކަން ލިބިދިނުން.

– އިޤްތިޞާދީ ތަރައްޤީގައި އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ، ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

– ޞުލްޙައިގެ އެއްބަސްވުމުގެ ތަފްޞީލުތަކާއި ތާރީޚުތައް އެކުލަވާލަންވާނީ އެމެރިކާ ބައިވެރިކޮށްގެން ބޭއްވޭ ބައްދަލުވުންތަކެއްގައެވެ.

– ޞުލްޙައިގެ އެއްބަސްވުން އެކުލަވާލުމަށް ފަހުގައި އދ އިން އެ އެއްބަސްވުން ބަލައިގަތުމަށްޓަކައި އދ އަށް އެ ހުށަހަޅަންވާނެއެވެ.

 

 

ދެވަނަ ކަރުދާސް: އިސްރާއީލާއި މިޞްރާ ދެމެދު ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމާ ބެހޭ ކަރުދާސް (Framework for the Conclusion of a Peace Treaty between Egypt and Israel)

އިސްރާއީލާއި މިޞްރާ ދެމެދުގައި ޞުލްޙަ ޤާއިމުކުރުމަށްޓަކައި، 3 މަސް ތެރޭގައި ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމަށް އެބައިމީހުން އެއްބަސްވިއެވެ. އެކަމުގެ މަޝްވަރާތައް ކުރިއަށްދާނީ އދ ގެ ބެލުމުގެ ދަށުންނެވެ. އަދި އިސްރާއިލާއި މިޞްރާ ދެމެދުގައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނީ U.N. Resolution 242 ގެ އެންމެހާ އުސޫލުތަކާ އެއްގޮތަށެވެ.

އެބައިމީހުން އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި:

 1. ބައިނަލްއަޤުވާމީ ގޮތުން އެއްބަސްވެފައިވާ މިޞްރާއި ފަލަސްޠީނުގެ (mandated Palestine ގެ) ބޯޑަރާ ހަމައަށް މިޞްރުގެ ފުރިހަމަ ބާރު އޮންނާނެއެވެ.
 2. ސައިނާއިން އިސްރައީލުގެ ލަޝްކަރު ފައިބަން ޖެހޭނެއެވެ.
 3. އަލްޢަރީޝާއި ރަފަޙާއި ރަސް އަންނަޤަބު އަދި ޝަރަމުއް ޝައިޚުގެ ކައިރީގައި އިސްރާއީލުން ދޫކޮށްލާ ވައިގެ މަރުކަޒުތައް ބޭނުންކުރާނީ ހަމައެކަނި މަދަނީ ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުންތަކަށެވެ.
 4. ސުވޭޒް ކެނަލާއި އެތަނަށް ދެވޭ އެންމެހާ މަގުތަކުން އިސްރާއީލުގެ ބޯޓުތަކަށް އަމާންކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދޭން ޖެހޭނެއެވެ.
 5. އަސްކަރީ ސްޓޭޝަންތައް ނުވަތަ ޗެކްޕޮއިންޓުތައް ހެދޭނެ ތަންތަނާއި އަސްކަރީ ހަރަކާތައް ހިންގޭނެ ގޮތުގެ ތަފްޞީލު ބަޔާންކޮށްފައި ވެއެވެ. އޭގައިވަނީ:

– ސުވޭޒް ކެނަލްގެ އިރުން ގާތްގަނޑަކަށް 50 ކިލޯމީޓަރުގެ ސަރަހައްދުގައި މިޞްރުގެ ލަޝްކަރުގެ އެއް ޔުނިޓަށް ވުރެ ގިނައިން ނުތިބެވޭނެ.

– ބައިނަލްއަޤުވާނީ ބޯޑަރާއި ޚަލީޖުލް ޢަޤަބާގެ ހުޅަނގުގައިވާ ގާތްގަނޑަކަށް 20 ކިލޯމީޓަރާއި 40 ކިލޯމީޓަރުގެ ސަރަހައްދުގައި ތިބެވޭނީ ހަމައެކަނި އދ ގެ ޞުލްޙަ ބަލަހައްޓާ ލަޝްކަރާއި މަދަނީ ފުލުހުންނަށް އެކަނި.

– ބައިނަލްއަޤުވާމީ ބޯޑަރުގެ އިރުން 3 ކިލޯމީޓަރުގެ ސަރަހައްދުގައި، އިސްރާއީލުގެ ސިފައިންގެ 4 ޔުނިޓާއި އދ ގެ އޮބްޒާވަރުން ތިބޭނެ.

– މަތީގައި ބަޔާންކޮށްފައިވާ ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ބޯޑަރު ބަލަހައްޓާ 3 ޔުނިޓާއި މަދަނީ ފުލުހުން ބޭތިއްބޭނެ.

– ބައިނަލްއަޤުވާމީ ބޯޑަރުން ފެށިގެން ސައިނާގެ ތެރޭގައި 20 ކިލޯމީޓަރުގެ ސަރަހައްދުގައި އަދި ޝަރަމުއްޝައިޚުގައި އދ ގެ ލަޝްކަރު ތިބޭނެ.

– ޞުލްޙައިގެ އެއްބަސްވުމުގައި ސޮއިކުރުމުން އިސްރާއީލާއި މިޞްރާ ދެމެދު ހުރިހާ ގުޅުމެއް ރަނގަޅުވާން ޖެހޭނެ.

އެގޮތުގެ މަތިން މިޞްރުން އިސްރާއީލަކީ މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފުރިހަމައަށް ބަލައިގަންނަން ޖެހޭނެއެވެ. އަދި އިޤްތިޞާދީ ގުޅުންތަކާއި ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމުކުރަން ޖެހޭނެއެވެ.

 

މިއީ މިޞްރަށް ލިބުނު ކާމިޔާބެއްކަމުގައި ބަޔަކު ދެކުނުކަމުގައި ވިޔަސް، މި އެއްބަސްވުމުން ފެންނަން އޮތް ޙަޤީޤަތަކީ މީގެ ކުރިން ޔަހޫދީންނާ އެކުގައި ވެފައިވާ އެހެން އެއްބަސްވުންތަކެކޭ އެއް ގޮތަށް މީގައިވެސް އޮތީ އިސްރާއީލަށް އިސްކަންދީފައި ކަމެވެ. އެގޮތުން މުހިންމު 3 ނުކުތާއެއް ފާހަގަކޮށްލެވެއެވެ. އެއީ:

 1. ސައިނާ އެއްކޮން މިޞްރުގެ ބާރުގެ ދަށަށް ގެނެވިފައިއެއް ނުވެއެވެ.

ސައިނާގެ ސަރަހައްދުގެ ތެރޭގައި، ބައިނަލްއަޤުވާމީ ބޯޑަރުގެ ކައިރީގައި ބޭތިއްބޭނެ މިޞްރުގެ ސިފައިންގެ އަދަދު ކަނޑައަޅާފައިވުމުން ހާމަވަނީ މިޞްރަށް ޙަޤީޤީ މިނިވަންކަން ނެތްކަމެވެ. އަދި އދ ގެ ލަޝްކަރު ހަމައެކަނި މިޞްރާވީ ފަޅީގައި ބޭތިއްބުމަށް އަންގާފައި އޮތްއޮތުމުންވެސް ހާމަވަނީ މިއީ އިސްރާއީލަށް ލެނބިފައިވާ ބަޔަކު ހަދާފައިވާ އިންސާފެއް ނެތް އެއްބަސްވުމެއް ކަމެވެ.

 

 1. ފަލަސްޠީނުގެ މުސްލިމުންނަށް އެބައިމީހުންގެ އެއްވެސް ޙައްޤެއް ކަށަވަރުކޮށްދެވިފައެއް ނުވެއެވެ.

ފަލަސްޠީނުގެ ދައުލަތެއްގެ ވާހަކަ އެއްވެސް ވަރަކަށް މި އެއްބަސްވުމުގައި ނުވެއެވެ. ނަމަވެސް މީގައިވަނީ “ހުޅަނގު އައްސޭރިއާއި ޣައްޒާގައި އަމިއްލަ ސަރުކާރެއް” ހަދާ ވާހަކައެވެ. އިސްރާއީލުގެ ބިމުގައި ހުޅަނގު އައްސޭރިއާއި ޣައްޒާގައި އަމިއްލަ ސަރުކާރެއް ހަދަން އުޅޭ ކަހަލައެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރު މެނަޚެމް ބެގިން ދައްކާފައިވާ ވާހަކައެކެވެ. އޭނާ ބުނެފައިވާ ގޮތުގައި އަމިއްލަ ސަރުކާރެއް އޮތުމަކީ ވެރިކަން ކުރާނެ ބަޔަކު ކަނޑައެޅުމެވެ. ބިމެއް އޮތުމެއް ނޫނެވެ. އަދި މިޞްރާއި އުރުދުން އަދި ފަލަސްޠީން ބައިވެރިވެގެން ހަދާ ސަރުކާރެއްގެ އިންތިޤާލީ 5 އަހަރަށް ފަހުގައި ދެން ކަންތައްވާނެ ގޮތަކާމެދު، މި އެއްބަސްވުމުގައި އެއްވެސް ވަރަކަށް ވާހަކަ ދައްކާފައި ނުވެއެވެ.

ފަހެ ޤުދުސްއާމެދު ދަންނައެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލަ ހުރި ބިމެވެ. އެއީ އެތަނެއްގެ ވަށައިގެން ބަރަކާތްލައްވާފައިވާ ތަނެކެވެ. ނަމަވެސް އެތަނުގެ ނަން މި އެއްބަސްވުމުގައި ޛިކުރުކޮށްފައިވެސް ނުވެއެވެ. އަބަދުގެ އަބަދަށް އިސްރާއީލުގެ ވެރި ރަށަށްވާނީ ޤުދުސްކަމުގައި އިސްރާއީލުގެ ބޮޑުވަޒީރު މެނަޚެމް ބެގިން ބުނެފައިވެއެވެ. އެހެންކަމުން އެބައިމީހުންގެ ވާގިވެރިން އެވަނީ އެބައިމީހުންގެ އެދުން ފުރިހަމަކޮށްދީފައެވެ. ކަންމިހެން އޮތްއިރު މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް ނުވަތަ މެދު އިރުމައްޗަށް ޞުލްޙަ ގެނައުމުގެ މަސައްކަތެއްކަމުގައި މުސްލިމަކު ޤަބޫލުކުރާނީ ކިހިނެތް ހެއްޔެވެ؟ އަދި އިސްލާމްދީނުގެ އެންމެ މުޤައްދަސް އެއް ތަން ކަމުގައިވާ މަސްޖިދުލް އަޤްޞާ ޙިމާޔަތްކޮށް، މިނިވަންކުރުމުގެ  އެއްވެސް ވާހަކައެއް މި ނިންމުން ތަކުގައި ނުވާތީ މިއީ މުސްލިމުންނަށް ފައިދާ ހުރި އެއްބަސްވުމެއް ނޫންކަން ކަށަވަރުވެއެވެ.

 

 1. އިސްރާއީލުން އެބައިމީހުންގެ ދައުލަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް ހިތްވަރުލިބޭ އެތައްކަމެއް މި އެއްބަސްވުމުގައި ވެއެވެ.

ޤުދުސްގެ ވާހަކަ މި އެއްބަސްވުމުގައި ނެތުމަކީ އެކަމުގެ އެއް ހެއްކެވެ. އަނެއްކަމަކީ އެބައިމީހުން ހިފާފައިވާ ޖައުލާންގެ ބިންތަކުގެ ވާހަކަވެސް މީގައި ނެތުމެވެ. ހަމަ އެއާއެކުގައި މި އެއްބަސްވުމުގައި ހުޅަނގު އައްސޭރިއާއި ޣައްޒާއަށްވެސް ފުރިހަމަ މިނިވަންކަން ލިބިފައެއް ނެތެވެ. މި އެއްބަސްވުމުން ފެނިގެންދަނީ ލުބުނާނާއި ފަލަސްޠީނުގެ މުސްލިމުން ޔަހޫދީންގެ މުށު ތެރޭގައިވާ ފިތިފައިވާ ތަނެވެ.

މީގެ އިތުރުން އިސްރާއީލުން ޙާޞިލުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

– މިޞްރާއި އިސްރާއީލާ ދެމެދު އޮތް ހަނގުރާމަ ނިމުމަކަށް ގެނައުން.

– އެ ދެ ދައުލަތުގެ ދެމެދުގައި ގުޅުން ޤާއިމުކުރުން.

– އިޤްތިޞާދީ ފިއްތުންތަކަށް ނިމުމެއް ގެނެސް، އިސްރާއީލުގެ ބޯޓުތަކަށް ސުވޭޒް ކެނަލް ހުޅުވައިލުން.

– އިސްރާއީލަށް ޢަރަބި ޤައުމުތަކުން ތެޔޮ ގަތުން ދަތިވެފައިވާ ދަނޑިވަޅެއްގައި، މިޞްރާއެކު ގާތް ގުޅުމެއް އުފެއްދުމުން ސައިނާގެ އަބޫ ރުބައިސް ތެޔޮ ވަޅުތަކުން އިސްރާއީލަށް ފަސޭހަކަމާއެކު ތެޔޮ ލިބުން.

 

މި އެއްބަސްވުން ވެގެން ދިޔައީ ޢަރަބި އިސްލާމީ ދުނިޔެއިން މިޞްރު ބާކީވެ، އިސްރޭލާ އެއްކޮޅަށް އެރިކަން ހާމަވެގެން ދިޔަ ކަމަކަށެވެ. އަދި އެންމެ އަޖައިބު ކަމަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާވެރިވެ، އެބައިމީހުންގެ ބިން ފޭރިގަނެފައިވާ ޔަހޫދީ އިސްރާއީލާއެކު ޞުލްޙަވުމަކީ ހުއްދަކަމެއް ނޫންކަމުގައި މިޞްރުގެ އަޒުހަރުން ފަތުވާ ނެރެފައިވަނިކޮށް، އެއާ ޚިލާފަށް މިފަދަ އެއްބަސްވުމެއްގައި އެބައިމީހުން ސޮއިކުރުމެވެ. މި އެއްބަސްވުމުގެ 24 އަހަރު ކުރިން، ހިޖުރައިން 1375 ވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގެ 18 ވަނަ ދުވަހު އަޒްހަރުގެ ޢިލްމުވެރިން ނެރުއްވާފައިވާ ފަތުވާއާ ޚިލާފުވެ، އެ ބޮލާލާ ޖެހުމަށް ފަހުގައި ސާދާތު މިވަނީ މިޞްރުގެ ރައްޔިތުންނަށް އަދި މުޅި އިސްލާމީ އުންމަތަށް ޚިޔާނާތްތެރިވެފައެވެ.

 

=ނުނިމޭ=

 

_______________

 

މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري

 

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް

 

[1] ބައްލަވާ: The Camp David Accords 1978.