ދެވަނަ މިޘާލު: الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿يَقُولُونَ لَئِن رَّجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ﴾ [سُورَةُ المُنَافِقُون 8]
މާނައީ: “އެބައިމީހުން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި މަދީނާއަށް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެންމެ ޢިއްޒަތްތެރި މީހާ، އެންމެ ދެރަ ނިކަމެތި މީހާ އެތަނުން ބޭރުކޮށްލާނެތެވެ.“
އަދި ޞަޙީޙުލް ބުޚާރީގައި[1] ގެންނަވާފައި ވެއެވެ. ޢަބްދުالله ބުން އުބައްޔު (މުނާފިޤުންގެ އެންމެ ބޮޑު މީހާ) މިފަދައިން ބުނަނިކޮށް ޒައިދު ބުން އަރްޤަމް رَضِيَ اللهُ عَنْهُ އަށް އަޑުއިވިވަޑައިގަތެވެ. ޢަބްދުالله ބުން އުބައްޔުގެ ބުނުމުގައި އެންމެ ޢިއްޒަތްތެރި މީހާގެ ގޮތުގައި ނިސްބަތް ކުރީ އޭނާގެ އަމިއްލަ ނަފްސަށެވެ. އަދި އެންމެ ދެރަ ނިކަމެތި މީހާގެ ގޮތުގައި ނިސްބަތް ކުރީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަދި އެކަލޭގެފާނުގެ ޞަޙާބީންނަށެވެ. ޒައިދު ބުން އަރްޤަމް رَضِيَ اللهُ عَنْهُ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅާއި މިވާހަކަ ހިއްސާކުރެއްވުމުން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް މިޚަބަރު ދެއްވިއެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޢަބްދުالله ބުން އުބައްޔު އަދި އޭނާގެ އަޞްޙާބުންގެ ގާތަށް މިވާހަކަ އާއި ބެހޭގޮތުން ސުވާލުކުރެއްވުމަށް ފޮނުއްވުމުން މިކަން ދޮގުކޮށް، މިފަދައިން ނުބުނާކަމަށް ހުވާކުރިއެވެ. ދެން ޒައިދު ބުން އަރްޤަމް رَضِيَ اللهُ عَنْهُ ގެ ވާހަކަފުޅު ތެދުކުރައްވައި މާތް الله ވަޙީބާވައިލެއްވިއެވެ. އެއަށްފަހު ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް މިކަން ހިނގައި ދިޔަ ގޮތް ސާފުވެ ބަޔާންވެގެން ދިޔައެވެ.
ޝަރަޙަ
މި އާޔަތް ބާވައިލެއްވީ މުނާފިޤުންނާ ބެހޭގޮތުންނެވެ. އެބައިމީހުން ބުންޏެވެ.
﴿يَقُولُونَ لَئِن رَّجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ﴾ [سُورَةُ المُنَافِقُون 8]
މާނައީ: “އެބައިމީހުން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި މަދީނާއަށް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެންމެ ޢިއްޒަތްތެރި މީހާ، އެންމެ ދެރަ ނިކަމެތި މީހާ އެތަނުން ބޭރުކޮށްލާނެތެވެ.”
މިފަދައިން ބުނީ: ޢަބްދުالله ބުން އުބައްޔެވެ. އެހެން ނަމަވެސް އާޔަތުގައި ހުރިހާ މުނާފިޤުންނަށް ނިސްބަތްކޮށްފައި އެވަނީ އެއީ އޭނާއަކީ މުނާފިޤުންގެ އެންމެ އިސްމީހާ ކަމުގައި ވާތީއެވެ.
﴿لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ﴾ [سُورَةُ المُنَافِقُون 8]
މާނައީ: “އެންމެ ޢިއްޒަތްތެރި މީހާ، އެންމެ ދެރަ ނިކަމެތި މީހާ އެތަނުން ބޭރުކޮށްލާނެތެވެ.”
މުނާފިޤުންނަކީ އެމީހުންގެ ހިތުން އެންމެ ޢިއްޒަތްތެރި އަދި އެންމެ މުއްސަނދި މީހުންނެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި އެންމެ ދެރަ ނިކަމެތިވެގެންވާ މީހުންނަކީ އެބައިމީހުންނެވެ. އެބައިމީހުން ބުނެއެވެ.
﴿لَا تُنفِقُوا عَلَىٰ مَنْ عِندَ رَسُولِ اللَّهِ حَتَّىٰ يَنفَضُّوا﴾ ٧ [سورة المنافقون 7]
މާނައީ: “އެއުރެން (ﷲގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން) ވަކިވެ ހިނގައްޖައުމަށް ދާނދެން ﷲގެ ރަސޫލާ އަރިހުގައި ތިބި ބަޔަކަށް ތިޔަބައިމީހުން ހޭދަ ނުކުރާށެވެ.”
އެބަހީ: އެބައިމީހުން ވަކި ހިނގައްޖެނަމަ ތިޔަބައިމީހުން ހޭދަކުރާށެވެ…
ފަހެ އޭގެ ޖަވާބުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلِلَّهِ خَزَائِنُ السَّمَاوَاتِ وَالْأَرْضِ وَلَٰكِنَّ الْمُنَافِقِينَ لَا يَفْقَهُونَ﴾ [سورة المنافقون ٧]
މާނައީ: “އަދި އުޑުތަކާއި ބިމުގައިވާ ޚަޒާނާތައް މިލްކުވެގެންވަނީ ﷲ އަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނުވިސްނެއެވެ.”
އެބަހީ: ހަމަކަށަވަރުން ރިޒްޤުވަނީ އެބައިމީހުންގެ އަތުގައެއް ނޫނެވެ. އެހެނަސް އެ ވަނީ ﷲ ތަޢާލާގެ އަތްޕުޅުގައެވެ. ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވާފައިވާ މުދާ ދެއްވާފައި އެވަނީ އެބައިމީހުންނަށް ހުރި ފިތުނައެއްގެ ގޮތުގައެވެ.
ފަހު މި ޙާދިޘާގައި ޒައިދުގެފާނު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ އަރިހުގައި އެވާހަކަ ދެންނެވިއެވެ. އަދި އެކަލޭގެފާނު ވަނީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އެވާހަކަ ދަންނަވާފައެވެ. މީހުންނާ ހިސާބަށް އަންނަ ވާހަކަތައް ޔަޤީންކުރުމުގެ އަޞްލެއްގެ ގޮތުގައި މި ޙަދީޘް ނެގިދާނެއެވެ. ޒައިދު ބުން އަރްޤަމް رَضِيَ اللهُ عَنْهُ ގެ ބޮޑުބޭބޭފުޅަކީ ޞަޙާބީއެކެވެ. ޞަޙާބީ ބޭކަލުންނަކީ ޢަދުލުވެރިންނެވެ. އެއާއެކުވެސް ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ބޭނުންފުޅުވީ އެކަން ޔަޤީންކުރައްވާށެވެ. މިފަދައިން އިންސާނާ، އޭނާއާ ހިސާބަށް އަންނަ ވާހަކަތައް ޔަޤީންކުރަން ޖެހޭނެއެވެ.
ދެން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޢަބްދުالله ބުން އުބައްޔު އަދި އޭނާގެ އަޞްޙާބުންގެ ގާތަށް މިވާހަކަ އާއި ބެހޭގޮތުން ސުވާލުކުރެއްވުމަށް ފޮނުއްވުމުން މިފަދައިން ނުބުނާކަމަށް އޭނާ ހުވާކުރިއެވެ. މުނާފިޤުންގެ އާދައަކީ މިއީއެވެ. އެނގިގެންވާ ޙާލު އެމީހުން ދޮގުގެ މައްޗަށްވެސް ހުވާކުރާނެއެވެ. އެހެނީ އޮޅުވާލުމާއި ނިފާޤުކަމަކީ އެމީހުން ޝިޢާރެވެ.
ދެން މާތް الله މިވަނީ ޒައިދު ބުން އަރްޤަމް رَضِيَ اللهُ عَنْهُ ގެ ވާހަކަފުޅު ތެދުކުރައްވައި ވަޙީބާވައިލައްވާފައެވެ. އޭގެ ފަހުގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް މިކަން ހިނގާދިޔަ ގޮތް ސާފުވެވެގެން ދިޔައެވެ.
މިބައިމީހުންގެ މި ބުނުމަށް ރައްދެއްގެ ގޮތުގައި މާތް الله ވަޙީކުރައްވާފައިވެއެވެ.
وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ [سُورَةُ المُنَافِقُون 8]
މާނައީ: “(އެހެންނަކުން ނޫނެވެ.) ޢިއްޒަތް ވަނީ، اللَّه އަށެވެ. އަދި އެއިލާހުގެ ރަސޫލާއަށާއި މުއުމިނުންނަށެވެ.”
މިއާޔަތުގައި “އެންމެ ޢިއްޒަތްތެރިވެގެންވަނީ ﷲ ގެ ރަސޫލާ” އޭ މިފަދައިން ﷲ ތަޢާލާ ވަޙީނުކުރައްވައެވެ. އެހެނަސް އެއިލާހު އަންގަވާފައި އެވަނީ އެޔަށް ވުރެވެސް ތަނަވަސް، ޝާމިލު މާނައެއްގައިވާ ވާހަކައެކެވެ. އެއިލާހު ވަޙީކުރެއްވީ:
﴿وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ﴾ [سُورَةُ المُنَافِقُون 8]
މާނައީ: “(އެހެންނަކުން ނޫނެވެ.) ޢިއްޒަތް ވަނީ، اللَّه އަށެވެ. އަދި އެއިލާހުގެ ރަސޫލާއަށާއި މުއުމިނުންނަށެވެ.”
އެބަހީ: ޢިއްޒަތްވަނީ ހަމައެކަނި މި ތިން ފަރާތަށެވެ. އެހެންވެ، މުނާފިޤުންނަށް ޢިއްޒަތުގެ އެއްވެސް މިންވަރެއްވާކަން މި އާޔަތުން ނަފީވެގެން ދެއެވެ.
މުނާފިޤުންނާ ބެހޭގޮތުން ﷲ ތަޢާލާ ސޫރަތެއް ބާވައިލެއްވިއެވެ. އެއީ سُورَةُ المُنَافِقُون އެވެ. އަދި سُورَة بَرَاءَة (އެބަހީ: ތައުބާ ސޫރަތުގައި) ގައި ވެސް އެބައިމީހުންނާ ބެހޭ ގިނަ އާޔަތްތަކެއް ވެއެވެ. އެހެންކަމުން އެ ސޫރަތަކީ މުނާފިޤުންނަށް އެންމެ ވަރުގަދައަށް ވަޢީދުގެ ބަސްތައް ހުރި ސޫރަތެވެ.
މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –
[1] أخرجه البخاري: كتاب التفسير، سورة المنافقون، باب قوله: ﴿إذا جاءك المتفقون قالوا نشهد إنك لرسول الله﴾ رقم:4900 / ومسلم: كتاب صفات المنافقين وأحكامهم، باب صفات المنافقين وأحكامهم، رقم:2772