ހަތްވަނައީ: އެކަލޭގެފާނު އަވަހާރަވުމާ އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅު
އެކަލޭގެފާނު رحمه الله އަށް ފަސޭހަވުމުގެ އުންމީދެއް ނެތް ބަލިމަޑުކަމެއް ދިމާވިއެވެ. އަދި މަދު ދުވަސްކޮޅަކަށް ބައްޔަށް ފަރުވާކުރެއްވުމަށް އެމެރިކާއަށް ވަޑައިގެންނެވިއެވެ. މިއީ އެކަލޭގެފާނު ސުޢޫދީ ޢަރަބިއްޔާއިން ބޭރަށް ވަޑައިގެންނެވި ހަމައެކަނި ފަހަރެވެ. އެމެރިކާގައި ހުންނަވަން ލިބުނު ފުރުޞަތުގެ ބޭނުންހިއްޕެވީވެސް ﷲ ގެ މަގަށް ގޮވާލެއްވުމުގައެވެ. އަދި އެތަނުގައި ހުކުރު ޚުޠުބާ ދެއްވިއެވެ.
އެނބުރި ވަޑައިގެން ރިޔާޟުގައި (ބައްޔަށް) ޚާއްޞަ ހޮސްޕިޓަލަކަށް ވަދެވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ބަލި އިތުރަށް ގޯސްވިއެވެ.
އެހެން އަހަރު ތަކުގައިވެސް އެކަލޭގެފާނުގެ އާދަފުޅެކޭ އެއްގޮތަށް ރަމަޟާން މަހުން ބައެއް ފާއިތުވުމުން މަސްޖިދުލް ޙަރާމުގައި ކިޔަވާ ދެއްވުމަށް މައްކާއަށް ވަޑައިގެންނެވިއެވެ. މިސްކިތުގައި އެކަލޭގެފާނަށް ޚާއްޞަ ކޮޓަރިކޮޅެއް ތައްޔާރު ކުރެވުނެވެ. ފަހެ އެކަލޭގެފާނު އެނދު ދާންކޮޅުގައި އޮންނަވައި ދަރުސް ދެއްވިއެވެ. މީސްތަކުންނަށް އެކަލޭގެފާނުގެ ބަލި އަޑުފުޅު އިވުނު ނަމަވެސް އެކަލޭގެފާނުގެ ފެނިވަޑައިނުގަނެއެވެ.
ރަމަޟާން މަސް ނިމުމާއެކު ޖިއްދާގެ ހޮސްޕިޓަލަކަށް އެކަލޭގެފާނު ގެންދެވުނެވެ. އަދި ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 15 ވީ ބުދަ ދުވަހުގެ ހަވީރު އެކަލޭގެފާނު އެތަނުގައި އަވަހާރަވިއެވެ.
ބުރާސްފަތި ދުވަހުގެ ޢަޞުރު ނަމާދަށްފަހު މަސްޖިދުލް ޙަރާމުގައި އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެވުނެވެ. އަދި އެކަލޭގެފާނު ވަޅުލެވުނީ މައްކާގެ އަލްޢަދުލު މަޤްބަރާގައެވެ. އެކަލޭގެފާނު رحمه الله ގެ ކަށުނަމާދާއި ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވި ވިއެވެ. އަދި އެބައިމީހުންގެ ތެރޭގައި އަޅުގަނޑުވެސް ވީމެވެ. އަދި ކަށުނަމާދާއި މަޤްބަރާގައި މީހުން ގިނަކަން ފެނުނެވެ.
އެކަލޭގެފާނު އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކަށް އަޘަރު ކުރިއެވެ. އަދި އެކަލޭގެފާނަށް ޢިލްމުގައި ލިބިގެންވި މަޤާމުގެ ސަބަބުން މިކަމާ ގިނަ ބަޔަކު ހިތާމަ ކުރިއެވެ. އެއީ އެކަލޭގެފާނުގެ ސަބަބުން އިސްލާމް ދީނަށާއި މުސްލިމުންނަށް ލިބެމުން ދިޔަ މަންފާގެ ބޮޑުކަމުންނެވެ.
ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ދަރިކަލުން އިބްރާހީމު އަވަހާރަވުމުން ވިދާޅުވިއެވެ.
«إِنَّ العَيْنَ تَدْمَعُ، وَالقَلْبَ يَحْزَنُ، وَلاَ نَقُولُ إِلَّا مَا يَرْضَى رَبُّنَا، وَإِنَّا بِفِرَاقِكَ يَا إِبْرَاهِيمُ لَمَحْزُونُونَ» [1]
މާނައީ: “ހަމަކަށަވަރުން ލޯ ކަރުނަ އަޅައެވެ. އަދި ހިތް ހިތާމަ ކުރެއެވެ. (ނަމަވެސް) އަހަރެމެންގެ ރައްބު ރުހިވޮޑިގަންނަވާ ބަހެއް ނޫނީ އަހަރެމެން ނުބުނާނަމެވެ. އޭ އިބްރާހީމެވެ! ހަމަކަށަވަރުން ކަލޭގެފާނާ ވަކިވެވަޑައިގަތުމުގެ ސަބަބުން އަހަރެމެން ހިތާމަކުރަމެވެ.”
ފަހެ ﷲ އެކަލޭގެފާނަށް ރަޙުމަތްލައްވައި ފާފަ ފުއްސަވައި ދެއްވާށިއެވެ. އަދި ހަމަކަށަވަރުން އަހަރެމެން މިލްކުވެގެންވަނީ ﷲ އަށެވެ. އަދި އަހަރުމެން އެނބުރި ދިއުން ވަނީވެސް އެއިލާހުގެ ޙަޟްރަތަށެވެ.
އެކަލޭގެފާނު رحمه الله އަވަހާރަވުމަކީ އެ އަހަރުގައި މުސްލިމުން ތަޙައްމަލު ކުރި އެންމެ ބޮޑު އެއް މުޞީބާތެވެ.
އޭގެ ކުރީ އަހަރު، 1420 ވަނަ އަހަރުގެ މުޙައްރަމު މަހުގެ 27 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު ޝައިޚް ޢަބްދުލް ޢަޒީޒް ބުން ބާޒު رحمه الله އަވަހާރަވުމާ އަދި ހަމަ 1420 ވަނަ އަހަރު ޖުމާދުލް އާޚިރުގެ 22 ވަނަ ދުވަހުގެ ހަވީރު އައްޝައިޚް މުޙައްމަދު ނާޞިރުއްދީން އަލްބާނީ رحمه الله އަވަހާރަވުމުގެ މުޞީބާތް މުސްލިމުންނަށް ޖެހުނެވެ.
އެބޭކަލުންނަށް ފާފަ ފުއްސަވައި ދެއްވުން އެދި އަޅަމެން ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި ޢިލްމު އުނގެނޭ ދަރިވަރުންނަށް، އަވަހާރަވެ ގޮސްފައިވާ ޢިލްމުވެރިންގެ ޢިލްމުން ފައިދާ ޙާޞިލުކުރުމުގެ ތައުފީޤު ދެއްވުމަށް އެދި ދަންނަވަމެވެ. އެ ތިން ބޭކަލުންނަކީ މި ދެންނެވި ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ތިން ބޭކަލުންނެވެ. އަދި މިހާރު ދުނިޔޭގައި ތިއްބެވި ޢިލްމުވެރިންގެ ޢިލްމުން ފައިދާ ޙާޞިލުކުރުމުގެ ތައުފީޤު ދެއްވުމަށްވެސް އެދި ދަންނަވަމެވެ. ހަމަކަށަވަރުން އެއިލާހަކީ މޮޅަށް އައްސަވާވޮޑިގެންވާ، (ދުޢާ) އިޖާބަކުރައްވާ އިލާހެވެ.
_______________________
މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.
[1] رواه البخاري (١٣٠٣) واللفظ له، ومسلم (62 – (2315)).