[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ސީދާކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އަޅުގަނޑުގެ ކުރީގެ ލިޔުމެއްގައި ވާނީ ކީރިތި ޤުރުއާން ކިޔެވުމާއި ކީރިތި ޤުރުއާން އުނގެނުމާ އަދި ކީރިތި ޤުރުއާނަށް ޢަމަލުކުރުމުން ޘަވާބު ލިބޭނެކަން ބަޔާންކޮށް، އެކަމުގެ ދަލީލުތައްވެސް ގެނެސްދީފައެވެ. މި ލިޔުމުގައި ގެނެސްދޭން މި ޤަޞްދުކުރަނީ ކީރިތި ޤުރުއާން އުނގެނި އެއަށް ޢަމަލުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ސަލަފުންގެ ބޭކަލެއްކަމުގައިވާ އަބޫބަކުރު އަލްއާޖުއްރީ رحمه الله ލިޔުއްވާފައިވާ އަގުހުރި ބަސްފުޅުތަކެއްގެ ތަރުޖަމާއެކެވެ.

*****************************

 

“ކީރިތި ޤުރުއާން ކިޔަވާ ކުއްޖަކު ކީރިތި ޤުރުއާން ކިޔަވާ އިރުގައި އެއާ މެދު ވިސްނާ ފިކުރުކޮށްގެން ކިޔަވާށެވެ. އަދި ޤުރުއާން އުނގެނުމަށް ހިއްމަތް ކުރާށެވެ. އަދި އޭގައި ﷲ އަމުރުކުރެއްވި ކަންތައްތައްކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވާށެވެ. އަދި އޭނާ އެންމެ ކަންބޮޑުވާ ކަމަކީ ސޫރަތް ނިމެނީ ކޮން އިރަކުންތޯ ބެލުން ކަމުގައި ނުހަދާށެވެ. އެހެނަސް:

 •  ﷲ ތަޢާލާ ދެއްވާފައިވާ އެއްޗަކާ މެދު ފުދި، އެހެން މީހުންގެ ގާތުން ކަންކަމުގައި ކިޔުން ހުއްޓާލާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ތަޤްވާވެރިންގެ ތެރެއިން ވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި އިޙްސާންތެރިންގެ ތެރެއިން ވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ވަކީލުކުރާ މީހުންގެ ތެރެއިން ވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ޚުޝޫޢަތްތެރިވާ މީހުންގެ ތެރެއިން ވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ކެތްތެރިންގެ ތެރެއިން ވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ތެދުވެރިންގެ ތެރެއިން ވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ބިރުވެތިވާ މީހުންގެ ތެރެއިން ވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ހަމައެކަނި ﷲގެ ޙަޟްރަތުން އުންމީދުކުރާ މީހުންގެ ތެރެއިން ވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ދުނިޔަވީ ކަންކަމުގައި ޒުހުދުވެރިޔާ (އެބަހީ: މަދު މިންވަރަކުން ފުއްދާލާ) މީހުންގެ ތެރެއިން ވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި އާޚިރަތަށް އެދެން ފަށާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ފާފަތަކުން ތައުބާވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ﷲ ދެއްވި ގިނަގުނަ ނިޢުމަތްތައް ދެނެގަނެ، އެއަށް ޝުކުރުވެރިވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ މާނަ ދެނެގަންނާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ތިލާވަތުކުރަމުންދާ އާޔަތްތަކުގެ މާނަ އުނގެނޭނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ހަވާ ނަފްސުގެ މައްޗަށް ގަދަކަން ހޯދާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ﷲގެ މަގުގައި ޖިހާދުކުރުން ޙައްޤު ގޮތުގައި ޖިހާދުކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ދޫރައްކާތެރި ކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ބެލުން ތިރިކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި (ޙަރާމްކަންކަމުން) ފަރުޖު ރައްކާތެރި ކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ތިބާ ﷲ ތަޢާލާގެ ޙަޟްރަތަށް ލަދުވެތިވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ތިބާގެ ޢައިބުތަކާ ހެދި އުޅޭނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ތިބާގެ ކަންތައްތައް އިޞްލާޙު ކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ނަފްސު ޙިސާބު ކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި އަލުން ދިރުއްވާ ދުވަހަށް ތައްޔާރުވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ﷲ ތަޢާލާއާމެދު ރުހޭނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ﷲ ތަޢާލާމެދު ޔަޤީންކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ކީރިތި ޤުރުއާނުގައި ހުރި އިންޛާރުތަކުން ޢިބުރަތް ލިބިގަންނާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި އެހެން ފަރާތްތަކުގެ ޛިކުރުކުރުމުގެ ބަދަލުގައި އެއިލާހުގެ ޛިކުރުކުރުމައިގެން އުޅޭނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި އެއިލާހު ލޯބިވެވޮޑިގެންވާ ކަންކަމަށް ލޯބިކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި އެއިލާހު ކޯފާވެވޮޑިގެންވާ ކަންކަމަށް ނުރުހުންތެރިވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ﷲއަށް އިޚުލާޞްތެރިވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ތިބާގެ ޢަމަލުތައް އެއިލާހަށް އިޚްލާޞްތެރި ކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި (ދުނިޔަވީ) އުންމީދުތައް މަދުކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ތިބާއަށް ތިބާގެ އަޖަލު ނޭނގޭއިރުގައި މަރަށް ތައްޔާރުވާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ކަށްވަޅު އާރާސްތުކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ޤިޔާމަތްދުވަހާއި އެދުވަހުގެ ދަތިއުނދަގޫތަކާމެދު ފިކުރުކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި އެކަހެރިވެ ﷲ އާ މެދު ވިސްނާ ފިކުރުކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި (ﷲ ތަޢާލާގެ ޙަޟްރަތަށް) އެނބުރިދިއުމާމެދު ވިސްނާ ފިކުރުކުރާނީ ކޮން އިރަކުންތޯ ބަލާށެވެ.
 •  އަދި ތިބާގެ ރައްބު އިންޛާރުދެއްވާފައިވާ ނަރަކައާ މެދު ރައްކާތެރިވާނީ ކޮން އިރަކުންތޯ ބަލާށެވެ…

 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ﴾ [سورة آل عمران ١٣١‏] ‎

މާނައީ: “އަދި ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ ކާފިރުންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ‎﴾‏ [سورة الحشر  ١٨]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

… ފަހެ ބުއްދިވެރި މުއުމިނު އަޅާ އޭނާ ޤުރުއާން ކިޔަވާ އިރުގައި ޤުރުއާނުގެ އާޔަތްތަކާ މެދު ވިސްނާ ފިކުރުކުރާނެއެވެ. އަދި އޭނާގެ ޢަމަލުތަކާ އަޅާބަލާނެއެވެ. އޭރުން އެވެގެންދާނީ ލޯގަނޑެއް ފަދައިންނެވެ. އޭނާގެ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް އޭގެ ސަބަބުން އެނގިގެން ދާނެއެވެ. އަދި އޭނާގެ ރައްބު އޭނާއަށް އިންޛާރުކުރައްވާފައިވާ، އެކަންކަމުގެ ނިމުމަށް ބިރުވެތިވުމަށް އަންގަވާފައިވާ ކަންކަން އެނގިގެންދާނެއެވެ. އަދި އޭނާގެ ރައްބު އެކަންކަމަށް އޭނާ ޝައުޤުވެރި ކުރުވާފައިވާ ކަންތައްތައްވެސް އެނގިގެން ދާނެއެވެ.

ފަހެ މިގޮތުގައި ހުރި މީހަކު ނުވަތަ މިގޮތާ ގާތްކުރާ ގޮތެއްގެ މަތީގައި ހުރި މީހަކުވިޔަސް ދަންނައެވެ. އޭނާ އެވަނީ ޤުރުއާން ތިލާވަތުކުރުން ޙައްޤު ގޮތުގައި ތިލާވަތުކޮށްފައެވެ. އަދި އޭގެ ޙައްޤަށް ރިޢާއަތްކޮށްފައެވެ. އަދި އޭނާއަށްޓަކައި ހެކިވެރިއެއްކަމުގައްޔާއި ޝަފާޢަތްތެރިއެއްކަމުގައްޔާއި އެކަނިވެރިކަން ފިލުވައިދޭ ފަރާތެއްކަމުގައްޔާ އަދި ރައްކަލެއްކަމުގައި ޤުރުއާން ވެގެންދާނެއެވެ.

މިފަދަ މީހެއްގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށާއި ޢާއިލާގެ މީހުންނަށްވެސް ފައިދާ ކުރާނެއެވެ. އަދި އޭނާގެ މައިންބަފައިންނާއި ދަރިންނަށްވެސް ދުނިޔެއާއި އާޚިރަތުގައި އޭނާގެ ކިބައިން ހުރިހާ ފައިދާއެއް ލިބިގެން ދާނެއެވެ.” – ޝައިޚުގެ ބަސްފުޅު ނިމުނީ –

 

*****************************

 

ފަހެ މިކަން ޙާޞިލުކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމާ އެކުގައި ގިނަގިނައިން ދުޢާކުރާށެވެ. ނަބިއްޔާ صلى الله عليه وسلم ކުރެއްވި ދުޢާއެއްގައި ވެއެވެ.

«اللَّهُمَّ إِنِّي عَبْدُكَ، وَابْنُ عَبْدِكَ ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّي» [رواه أحمد (4318) وصحح إسناده أحمد شاكر]

“އޭﷲ! ހަމަކަށަވަރުން އަހުރެންނީ އިބަ އިލާހުގެ އަޅަކީމެވެ. އަދި އިބަ އިލާހުގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަ އިލާހުގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މި އަޅާގެ ލަގަންވަނީ އިބަ އިލާހުގެ އަތްޕުޅުގައެވެ. އިބަ އިލާހުގެ ޙުކުމްފުޅު މި އަޅާގެ މައްޗަށް ތަންފީޒު ވެގެންވެއެވެ. އިބަ އިލާހުގެ ނިޔާކުރެއްވުން މި އަޅާއާމެދު ޢަދުލުވެރިވެގެން ވެއެވެ. އިބަ އިލާހުގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަ އިލާހު ދެއްވާފައިވާ ނުވަތަ އިބަ އިލާހުގެ ފޮތުގައި ބާވާލައްވާފައިވާ ނުވަތަ އިބަ އިލާހުގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އުނގަންނަވައިދެއްވާފައިވާ ނުވަތަ އިބަ އިލާހުގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި ޚާއްޞަ ކުރައްވާފައިވާ އިބަ އިލާހުގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މި އަޅާގެ ހިތުގެ ބަހާރުކަމުގައާއި، މި އަޅާގެ ހިތުގެ ނޫރުކަމުގައާއި، މި އަޅާގެ ހިތާމަ ފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މި އަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރްއާން ލައްވައިދިނުމަށް އިބަ އިލާހުގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ.”

 


 

މަޞްދަރު: أخلاق حملة القرآن للآجري (ص: 60 – 63).