[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަލަކީ ހުރިހާ ނަބައެއްގެ އަޞްލު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދިވެހިރާއްޖެއަށް ޖެހިފައިވާ މަސްތުވާތަކެތީގެ ވަބާ ހުއްޓުވަންވީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ތަޢާރަފްކުރެވުނު ގޮތަކަށް ނޫނެވެ. 20 ވަނަ ގަރުނުގައި އުފެދިގެން އައި ޓޫރިޒަމްގެ ސިނާއަތާއިއެކު ރާއްޖެއަށް ބަނގުރާ އެތެރެކުރެވެން ފެށި އަދި ދިވެހި ޒުވާނުންގެ އަތް ފޯރާ ހިސާބަށް ބަނގުރަލާއި މަސްތުވާތަކެތީގެ އެކިއެކި ބާވަތްތައް އައީ ނޭނގި ތިއްބާއެއް ނޫނެވެ.

ﷲގެ ޝަރީޢަތާއި އެކަލާނގެ ހުކުމްފުޅު ބޮލާލައި ޖެހުމަށް ފަހު ކަނޑައެޅިގެން ޙަރާމް ވަޞީލަތަކުން ޤައުމުގެ ބައިތުލްމާލު ފުރަމުން އައީ ނޭނގުމެއްގެ ސަބަބަކުން ނޫނެވެ. ޢުޘްމާނުގެފާނު ބަނގުރާ ޞިފަކުރައްވާ ވިދާޅުވިއެވެ.

“اجْتَنِبُوا الْخَمْرَ فَإِنَّهَا أُمُّ الْخَبَائِثِ” [صحيح النسائي (5666)]

“ބަނގުރަލާއި ދުރުވާށެވެ. ފަހެ އެއީ ހަމަކަށަވަރުން ހުރިހާ ނުބައިކަމެއްގެ އަޞްލެވެ.”

ދެން ފަހެ ޤައުމުގެ ޒުވާނުންގެ ބޮޑު އިންސައްތައެއް މަސްތުވާތަކެތީގެ ވަބާގައި ޣަރަޤުވުމުން، ބަނގުރަލުގެ ވިޔަފާރީގެ މޭސްތިރިން މިބުނަނީ މިކަން ހުއްޓުވޭނީ މަސްތުވާ ތަކެތީގެ ލުއި ވައްތަރު ނުވަތަ “recreational marijuana” ތައާރަފުކޮށްގެން ކަމަށެވެ. އަދި ‘ތަޙުޒީބު’ ހުރިހާ ޤައުމެއްގައި މި ބާވަތުގެ ގަންޖާ ފަތް ހުއްދަކޮށްފި ކަމަށެވެ. ރާއްޖޭގައިވެސް މި ހުއްދަ ކުރަންވެއްޖެ ކަމުގައެވެ.

ކާފަރުންގެ ހުރިހާ ފިޔަވަޅަކަށް ފިޔަވަޅު އަޅަން އުޅޭ މިފަދަ މީހުންގެ ސިފަ ވަނީ ނަބިއްޔާ ﷺ ބަޔާންކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ» [صحيح البخاري (7320)]

“ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިންވީ މީހުންގެ ގޮތްތަކަށް ތަބާވާނެތެވެ. ކައިވަތަކަށް ފަހު ކައިވަތެއް، މުށަކަށް ފަހު މުށެއް، އެމީހުން ޟައްބު ހޮރެއްގެ ތެރެޔަށް ވަންނަމަވެސް ތިޔަބައިމީހުން އެމީހުންނަށް ތަބާވާނެތެވެ.” ޞަޙާބީން އެއްސެވިއެވެ. “ޔާހޫދީންނާއި ނަޞޯރާއިންތޯއެވެ؟” ނަބިއްޔާ ﷺ ޖަވާބު ދެއްވިއެވެ: ” އެ ނޫން ދެން ކޮން ބަޔެއް ހެއްޔެވެ؟”. 

މާތް ﷲ އަހަރެމެންނަށް ހުރިހާ މުޞީބާތެއްގެ އަޞްލާއި އޭގެ ޙައްލު ބަޔާންކުރައްވައި އެކަލާނގެ ދީން ފުރިހަމަކުރައްވާފައި ވަނިކޮށް، އެކަލާނގެއަށް އުރެދި އަމިއްލަ އަތްތަކުން ހޯދި ބޮނޑީގެ ތަދުފިލުވަން ދާންވީ ކާފަރުން ހިނގާ މަގަކުން ނޫނެވެ. އެމީހުން ކަމެއް ހުއްދަ ކުރުމަކީ އެއީ ކަމެއް ތަޙުޒީބުވުމެއްވެސް ނޫނެވެ. ރަލާއި (އަދި މަސްތުވާ ކޮންމެ އެއްޗަކާއި މެދު) މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ:

﴿يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا﴾ [سورة البقرة  ‎٢١٩]

މާނައީ: “ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށް ވުރެ، އެ ދެކަމުގެ ފާފަވެރިކަން މާ ބޮޑެވެ.”

ރައާއި މަސްތުވާތަކެތި ހުއްޓުވުމަކީ އެމީހުންގެ އިޚްލާޞްތެރި ނިޔަތެއްނަމަ، ﷲގެ ޝަރީއަތް ތަންފީޒުކުރީހެވެ. އިސްލާމީ ޝަރީޢަތުގައި ރާ ބުއިމުގެ ހައްދުވަނީ ކަނޑައަޅުއްވާފައެވެ. އަދި ރަލުގެ ވިޔަފާރީގައި ހިމެނޭ އެންމެނަށް ޢުގޫބާތް ދެވެއެވެ. އަނަސް ބިން މާލިކު  رضي الله عنه ރިވާކުރެއްވިއެވެ:

«لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الخَمْرِ عَشَرَةً: عَاصِرَهَا، وَمُعْتَصِرَهَا، وَشَارِبَهَا، وَحَامِلَهَا، وَالمَحْمُولَةُ إِلَيْهِ، وَسَاقِيَهَا، وَبَائِعَهَا، وَآكِلَ ثَمَنِهَا، وَالمُشْتَرِي لَهَا، وَالمُشْتَرَاةُ لَهُ» [سنن الترمذي (1295) و صححه الألباني في غاية المرام في تخريج أحاديث الحلال والحرام (60 )]

މާނައީ: “ﷲގެ ރަސޫލާ ﷺ ރާއާއި ގުޅިގެން 10 ބަޔަކަށް ލަޢުނަތް ދެއްވިއެވެ. އެ ފެލާ މިހާއާއި، އެމީހަކަށްޓަކައި އެ ފެލައިދެވޭ މިހާއާއި، އެ ބޯ މީހާއާއި، އެ އުފުލާ މިހާއާއި، އެމީހެއްގެ ގާތަށް އެ އުފުލައިދެވޭ މިހާއާއި، އޭގެ ބުއިން އަޅައިދޭ މިހާއާއި، އެ ވިއްކާ މީހާއާއި، އޭގެ ފައިދާ(އަގު) ކާ މީހާއާއި، އެ ގަންނަ މީހާއާއި، އެ މީހަކަށްޓަކައި އެ ގަންދެވޭ މީހާއެވެ.”

ދެން ފަހެ ތަޙްޒީބު ޤައުމުތަކުގައި ކުރާތީ ސިންގަޕޫރުގައި މަސްތުވާތަކެތީގެ ކުށްކުށުގައި މަރުގެ އަދަބު ދޭ ފަދައިން ރާއްޖޭގައި ގާނޫނު ހަދަން ނުބުނަނީ ކީއްވެ ހެއްޔެވެ؟

އާދޭހެވެ! އެމީހުން ބޭނުންވަނީ ރާއްޖެއިން މަސްތުވާތަކެތީގެ ބަލިމަޑުކަން ފިލުވާކަށް ނޫނެވެ. އެހެނެއްކަމަކު، ވިޔާފާރިކުރާނެ އާ ވައްތެރެއްގެ މުދަލަކާއި، ރާއްޖޭގައި ގަންޖާއަކީ ޢާންމު އެއްޗެއްކަމުގައި ހެދުމެވެ.

މާތް ﷲ މި ބިން، އެންމެހާ ކުފުރަކާއި ޝިރުކާއި ފާސިޤުކަމުގެ ޢަމަލުތަކާއި ނުބައި ރޭވުންތައް ރާވާ މީހުންގެ ރޭވުންތަކުން ސަލާމަތް ކުރައްވައި ރައްކާތެރި ކުރައްވާށިއެވެ! އާމީން.