[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މެދުމިނަކީ ޢަދުލުވެރިވުމެވެ. ހައްދުގެ ތެރެއަށް ވަނުމެވެ. އަދި ހައްދު ފަހަނައަޅައިވެސް ނުދިޔުމެވެ.

ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންގެ ގާތައް ހަމަ އެމީހުންގެ ތެރެއިން ރަސޫލުން ފޮނުއްވާފައިވަނީ، އެއިލާހުގެ ޝަރީޢަތް އެ އަޅުތަކުންނާއި ހަމައަށް ފޯރުކޮށްދިނުމަށެވެ. އެއީ އެއިލާހު ރުހިވޮޑިގެންފައިވާ ޝަރީޢަތެވެ. އެއީ ބިންމަތީގައި އަޅުތަކުން ތަންފީޒުކުރުން ވާޖިބުވެގެންވާ ހަމައެކަނި ޝަރީޢަތެވެ. އެއީ އެންމެ ހެޔޮވެގެންވާ ޝަރީޢަތެވެ. އެ ޝަރީޢަތް ތަންފީޒުނުކުރާހައި ހިނދަކު އަމާންކަން ނާންނެ ޝަރީޢަތެކެވެ. އަދި ކިއެއްހެއްޔެވެ! ޝަރީޢަތާއި ބަޔަކު އެއްކިބާވެއްޖެކަމުގައި ވާނަމަ ، އެބަޔަކަށް ހުރީ ނާމާންކަމާއި ބިރުވެރިކަމެވެ. އެއީ ﷲ ގެ ޢަދުއްވުން އެންމެ ބިރުގަންނަ ޝަރީޢަތެވެ.  ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” …الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَ‌ضِيتُ لَكُمُ الْإِسْلَامَ دِينًا ۚ …﴿٣﴾ ” سورة المائدة  މާނަ : ” މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމުދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.” އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ” فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٣٨﴾ ” سورة البقرة މާނަ : ” ތިމަންރަސްކަލާނގެ ތެދުމަގާ ތަބަޢުވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. “

ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ގޮތަކަށް ޝަރީޢަތްތައް ހަދައިގެން ޢަމަލުކުރަންޖެހޭ އުސޭލެއް އޮތްނަމަ ، ރަސޫލުން ފޮނުއްވުމުގެ ބޭނުމެއްނެތެވެ. އެހެން ނަމަވެސް ، އިންސާނުން ޚަލްޤުކުރެއްވުމުގެ ކުރީންވެސް އެއިންސާނާގެ ޙާލަތު އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ، އަދި ކާއިނާތުގެ ޙާލަތާއި ، ވެފައިވާ ކަންކަމާއި ، ވާނޭ ކަންކަމާއި ، ޙާލަތުބަދަލުވެގެން އަންނާނެގޮތާއި ހުރިހާ ޒަމާނެއްގައި މީސްތަކުންގެ ވިސްނުމާއި ފިކުރު ހުންނާނޭގޮތް މޮޅަށް ދެނެވޮޑިގެންވާ ، ﷲ ތަބާރަކަވަތަޢާލާ ވަނީ ، އިންސާނުން ބިންމަތީގައި ތަންފީޒުކުރުމަށް އެއިލާހުގެ ހަޟްރަތުން ފުރިހަމަވެގެންވާ ޝަރީޢަތެއް ބާވައިލައްވާފައެވެ. އެންމެހައި ޒަމާނަކަށް އެކަށީގެންވާ ޝަރީޢަތެކެވެ. ކިތައްމެ ކުޑަކަމެއްވިޔަސް އަދި ކިތައްމެ ބޮޑުކަމެއްވިޔަސް އެ ޝަރީޢަތުގައި ނުހިމެނި ނުވެއެވެ.

މި ޝަރީޢަތުގެ ދިފާޢުގައި އަޅުގަނޑުމެންގެ އެތައް އަޖުދާދުންނެއް ވަނީ އެބައިމީހުންގެ ފުރާނަ ދުއްވާލާފައެވެ. މި ޝަރީޢަތުގެ ޙައްޤުގައި ދުނިޔޭގެ ދިރިއުޅުން ފަހަތައް ޖައްސާލާފައެވެ. އާޚިރަތުގެ ދިރިއުޅުން އިސްކޮށް ، އެ ޝަރީޢަތާއި ދެކޮޅަށް ނުކުންނަ ކޮންމެ ނަފްސެއް ހަމަބިމަށް ތިރިކޮށްފައެވެ.  އެހެނީ މިޝަރީއަތަކީ ހަތް އުޑުމަތިން ކާއިނާތުގެ މިލްކުވެރި އިލާހު ބާވައި ލެއްވި ޝަރީޢަތެވެ. މި ޝަރީޢަތުގެ މައްޗަށް އިސްކުރެވޭނޭ އެއްވެސް ގާނޫނޭއް ނޯންނާނެއެވެ. އެއްވެސް ޤަވައިދެއް ނޯންނާނެއެވެ. ޝެއިހުލް އިސްލާމް ، އަލް މުޖައްދިދު މުޙައްމަދު ބުން ސުލައިމާނު އައްތަމީމިއްޔު(ރަޙިމަހުﷲ)، އިސްލާމްކަން ގެއްލޭ ކަންތައްތައް ބަޔާންކުރައްވަމުން 5 ވަނަ ކަމަކަށް ލިޔުއްވާފައިވެއެވެ. ( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ޝަރީޢަތަށްވުރެ އެހެން ޝަރީޢަތެއް މާ ފުރިހަމަވެގެންވާކަމަށް ޤަބޫލުކޮށްފިމީހާއާއި ، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙުކުމުގެ މައްޗަށް ޠާޣޫތުންގެ ޙުކުމު އިސްކުރާ ފަދައިން އެކަލޭގެފާނުގެ ޙުކުމަށްވުރެ އެހެން ޙުކުމެއް ރަނގަޅުވެގެން ވާކަމަށް ޤަބޫލުކޮށްފި މީހާއަކީ ކުފުރުވެފައިވާ މީހެކެވެ. ) އަދި 6 ވަނަ ކަމަކަށް ވިދާޅުވެފައިވެއެވެ. ( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ކަމަކާއިމެދު މީހަކު ރުޅި އަންނަކަމުގައި ވާނަމަ އެއީ ، އޭނާ އެކަމަށް ޢަމަލު ކުރިކަމުގައި ވިޔަސް ، ކާފިރުވާނޭކަމެކެވެ. ) މިހުންނަނީ ވަރައް ނުރައްކާތެރި ކަންކަމެވެ. އެހެންކަމުން އަޅުގަނޑުމެން ޕޯޑިއަމް ތަކުގައާއި ތަފާތު ހަފްލާތަކުގައި ދައްކާ ވާހަކަތަކުގައިވެސް ، ވާހަކަ ދެއްކުމުގެ ކުރިން ވިސްނާ ފިކުރުކުރުމަށްފަހު ، މިދެކެއްނީ ކިހާވަރެއްގެ ވާހަކައެއްތޯ ބަލަންޖެހެއެވެ. އެހެންނޫނީ ދާއިމީގޮތެއްގައި ހިތާމަކުރަންޖެހޭ މީހުންގެތެރެއިން ވާންޖެހިދާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. ” وَإِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللهِ لاَ يُلْقِي لَهَا بَالاً يَهْوِي بِهَا فِي جَهَنَّمَ ” رواه البخاري  މާނަ : ” އަދި ހަމަކަށަވަރުން އަޅާ ވާހަކަ ދައްކާއިރު ބުނެލާބަހާއިމެދު ވިސްނާނުލައި ﷲ ތަޢާލާ ކޯފާވާ ގޮތްގޮތުން ބަސް ބުނުމުގެ ސަބަބުން ، ނަރަކައަށް ވަދެގެންދެއެވެ. “

އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވަނީ އިސްލާމްދީނުގެ ތެރެއަށް ފުރިހަމައަށް ވަނުމެވެ. ﷲ ތަޢާލާ އަމުރުކުރެއްވީ އެފަދައިންނެވެ. ” يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٢٠٨﴾ ” سورة البقرة މާނަ : ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އިސްލާމްދީނުގެ ޝަރީޢަތުގެ ތެރެއަށް އެކީ އެކައްޗަކަށް ވަންނާށެވެ. އަދި ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢު ނުވާށެވެ. ހަމަކަށަވަރުން އެ ޝައިޠާނާއަކީ ތިޔަބައިމީހުންނަށް ހުރި ބަޔާންވެގެންވާ ޢަދުއްވެކެވެ. “ އަދި ﷲ ތަޢާލާގެ ޝަރީޢަތުގެ އެއްބަޔަށް އީމާންވެ އަނެއްބަޔަށް ކާފިރުވާ މީހުންނަށް ވޭންދެނިވި ޢަޒާބު ހުރިކަމުގައި ޚަބަރު ދެއްވާފައިވެއެވެ. ” … أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُ‌ونَ بِبَعْضٍ ۚ فَمَا جَزَاءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا ۖ وَيَوْمَ الْقِيَامَةِ يُرَ‌دُّونَ إِلَىٰ أَشَدِّ الْعَذَابِ ۗ وَمَا اللَّـهُ بِغَافِلٍ عَمَّا تَعْمَلُونَ ﴿٨٥﴾ ” سورة البقرة މާނަ : ” ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ، އަނެއްބަޔަށް ކާފަރުވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެގޮތަށް ކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ ޙަޔާތުގައި ދެރަކަމާއި ނިކަމެތިކަން ލިބުންކަމުގައި މެނުވީ ނުވެއެވެ. އަދި ޤިޔާމަތްދުވަހުން ގަދަފަދަ ޢަޒާބުގެ ތެރެޔަށް އެއުރެން ފޮނުއްވާހުށްޓެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ ޢަމަލުތަކާމެދު ޣާފިލުވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ.  “

މިފަދަ ބޮޑެތި ވަޢީދުގެ ބަސްފުޅުތައް އައިސްފައިވާއިރުވެސް އަޅުގަނޑުމެންނަށް މިފެންނަނީ ﷲ ތަޢާލާގެ ފޮތުގެ އެއްބައި އާޔައްތަކަށް އިންކާރުކުރާ މަންޒަރެވެ. ފުރައްސާރަކުރާ މަންޒަރެވެ. މެދުމިނުގެ ނަމުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ހައްދު ތަކަކީ އެކަށީގެންވާ ޙައްދުތަކެއް ނޫންކަމުގައި ބުނަމުންދާ މަންޒަރެވެ. ޔަހޫދީންނާއި ހުޅަނގުގެ ނާތަޙްޒީބު ފިކުރުތަކުގެ އަހުލުވެރިން ރުއްސުމަށްޓަކައި ﷲ ތަޢާލާ ކަނޑައޅުއްވާފައިވާ ހުކުމުތަކާއިމެދު ބަހުސްކުރަން މަސައްކަތްކުރާ މަންޒަރެވެ. މާދަމާވެސް ، މި ފަނާކުރަނިވި ދުނިޔެއާއި ވަކީވާން ޖެހިދާނެކަމަށް ބިރުވެތި ނުވަނީބާއެވެ! އެހިނދު އުޑެއްވެސް އަދި ބިމެއްވެސް އޭނައަށްޓަކައި ހިތާމައެއްނުކުރާނެއެވެ. ﷲ ތަޢާލާ ފިޔަވައި އޭނައަށް ނަޞްރުދޭނޭ ހުރީ ކޮންފަރާތެއް ހެއްޔެވެ. ﷲ ގެ ދީނަށް ފުރައްސާރަކޮށް ގޮންޖަހަމުންދާއިރު ، އޭނާގެ އުފެދުން ހަނދާންނެތިފައިވާކަހަލައެވެ. ނިކަމެތިކަމުގެ މައްޗަށް ނިކަމެތިވެގެންވާ އިންސާނެކެވެ. މަދު ހިނދުކޮޅަކަށް ﷲ ތަޢާލާ ކުޑަކުޑަ ބާރެއްދެއްވުމުން އެއިލާހު ޙުކުމުފުޅުތަކަށް ގޮންޖައްސަވަނީއެވެ. މިއީ އިންސާނުންނަށް ” ދުނިޔެފެނުމުން ” ވާ ގޮތްގޮތެވެ. މިދުނިޔޭގެ ހަޤީޤަތާއިމެދު ސަމާލުވެ ހޭ އަރަންވެއްޖެއެވެ.

ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައިވެއެވެ. ” وَالسَّارِ‌قُ وَالسَّارِ‌قَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿٣٨﴾ ” سورة المائدة  މާނަ : ” ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ ދަންނާށެވެ! ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތް ބުރިކުރާށެވެ! އެއީ އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބުރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ ގަދަފަދަވަންތަ ، ޙިކުމަތްވަންތަ ރަސްކަލާނގެއެވެ. “ އިންސާނައަކީ ﷲ ގެ އަޅެކެވެ. އެއިލާހުގެ މިލްކެކެވެ. އެއިންސާނާ ނުރުހުނުކަމުގައި ވިޔަސް ﷲ ތަޢާލާ އެއިލާހު އިރާދަކުރެއްވި ހިނދަކު އެއިންސާނަގެ މަރުހިއްޕަވައެވެ. އެ އިލާހު ތަޢާލާ މި އަންގަވަނީ ވަންކަން ކުރާކަމުގައި ވާނަމަ އަތް ކެނޑުމަށެވެ. އަދި އެއީ އެއިލާހު ކަނޑަ އަޅުއްވާފައިވާ ޢުޤޫބާތްކަމުގައެވެ. ނަމަވެސް ކުޑަ ކުޑަ މަޚްލޫޤެއް ، އަދި ކުޑަކުޑަ ދާއިރާއެއްގެތެރޭގައި ނޫނީ ވިސްނުން ނުގެންގުޅެވޭ މި އިންސާނާ އެ ޙުކުމާއިމެދު އިންކާރުކުރާތީ އަޖާއިބުވެއެވެ.

 ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ” يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى … ﴿١٧٨﴾  ” سورة البقرة މާނަ :” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު މަރަށް މަރުހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟްކުރައްވައިފިއެވެ.” އިންސާނާ ޚަލްޤު ކުރެއްވި އިލާހު މި އިޒްނަ ދެއްވަނީ މަރަށް މަރުހިފުމަށެވެ. ނަމަވެސް ކުޑަ ކުޑަ މަޚްލޫޤެއް ، އަދި ކުޑަކުޑަ ދާއިރާއެއްގެތެރޭގައި ނޫނީ ވިސްނުން ނުގެންގުޅެވޭ މި އިންސާނާ އެ ޙުކުމާއިމެދު އިންކާރުކުރާތީ އަޖާއިބުވެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ …  ﴿٢﴾ ” سورة النور މާނަ : ” ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން ޙައްދު ޖަހާށެވެ!” އިންސާނާ ޚަލްޤު ކުރެއްވި އިލާހު މި އިޒްނަ ދެއްވަނީ ހައްދު ޤާއިމުކުރުމަށެވެ. ނަމަވެސް ކުޑަ ކުޑަ މަޚްލޫޤެއް ، އަދި ކުޑަކުޑަ ދާއިރާއެއްގެތެރޭގައި ނޫނީ ވިސްނުން ނުގެންގުޅެވޭ މި އިންސާނާ އެ ޙުކުމާއިމެދު އިންކާރުކުރާތީ އަޖާއިބުވެއެވެ.

ފަރުޟުފަސް ނަމާދާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴿١٠٣﴾ ” سورة النساء މާނަ : ” ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަޤުތުކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ. “ ﷲ ތަޢާލާ ކަނޑަ އަޅުއްވާފައިވާ މިން އެއީ މެދުމިނެވެ. އެއީ ޢަދުލުވެރި މިނެވެ. އަޅުގަނޑުމެން މި ގޮވާލަނީ އެ ހައްދު ތަކުގެ ތެރޭގައި ތިބުމަށެވެ. އެބައެއްގެ ކިބައިން ޤަބޫލުވެވިގެންވާ މީހުންނަކީ ، އެއިލާހު ކަނޑައެޅުއްވި މިނުގެ ތެރެއަށް ވަތް މީހުންނެވެ. އެއީ އެ މިނުގެ ތެރޭގައި ޤާއިމުވެ ތިބި މީހުންނެވެ. ﷲ ތަޢާލާ ނަމާދު ފަރުޞުކުރެއްވީ ކަނޑައެޅިފައިވާ ވަޤުތުތަކެއްގައި ކުރުމަށެވެ. ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމުގެ ކުރިން ކިތައްމެ ވަރަކަށް ފަތިސްނަމާދު ކުރިޔަސް ، އޭނާގެ އެ ނަމާދަކީ އެއްވެސް ފައިދާ އެއް ހުރި ނަމާދެއްކަމުގައި ނުވާނެއެވެ. އެއީ ﷲ ތަޢާލާ ފަރުޟުކުރެއްވި ފަތިސްނަމާދު އަދާކުރީ ކަމުގައި ނުވާނެއެވެ. އެހެނީ އޭނާ އެނަމާދުކުރީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ހައްދުގެ ތެރެއަށް ނުވަދެވެ. އަދި ޤަސްތުގައި، ޝަރުޢީ އުޒުރަކާ ނުލައި ( ޝަރުޢީ ދެ އުޒުރަކީ ހަމައެކަނި ނިދުމާއި ހަނދާންނެތުން ) އިރުއެރުމަށް ފަހު އޭނާ ކިތައްމެވަރަކަށް ފަތިސްނަމާދު ކުރިކަމުގައި ވިޔަސް އޭނާގެ ކިބައިން އެ ނަމާދު ޤަބޫލުވެވިގެން ނުވެއެވެ. އެހެނީ އޭނާ ވަނީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ހައްދު ފަހަނަ އަޅާގޮސްފައެވެ. ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރު އަރައްޖައުމާއި ދެމެދު ފަތިސްނަމާދު ކުރާމީހުން ނުވަތަ ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ވަޤުތުގެ ތެރޭގައި ކުރާމީހާއީ ، އެއީ މެދުމިނުގައި ހުރި މީހާއެވެ. ﷲ ގެ އަމުރަށް ކިޔަމަންވުން އެއީ މެދުމިނެވެ.

އަޅުގަނޑުމެން މި އެދެނީ އަދުލުވެރިވުމަށެވެ.  ﷲ ތަޢާލާގެ ޝަރީޢަތުގައިވާ ޙައްދުތައް ޤާއިމުކުރުމަށެވެ. ހައްދުފަހަނަ އަޅައިނުދިޔުމަށެވެ. ހައްދުފަހަނަ އަޅައިދާމީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެން ނުވެއެވެ. އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ. ” تلْكَ حُدُودُ اللَّـهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿٢٢٩﴾ ” سورة البقرة މާނަ : ” އެއީ ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކެވެ. ފަހެ، އެ ޙައްދުތައް ފަހަނަޅައި ތިޔަބައިމީހުން ނުދާށެވެ! އަދި ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތައް ފަހަނަޅައިދާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ އަނިޔާވެރިންނެވެ. “ އަދިވެސް އެ އިލާހު ވަޙީކުރެއްވިއެވެ. ” وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارً‌ا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ ﴿١٤﴾ ” سورة النساء މާނަ : ” އަދި، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޒާބުހުށްޓެވެ. “

މެދުމިނަކީ ޢަދުލުވެރިވުމެވެ. ﷲ ތަޢާލާ ކަންޑައަޅުއްވާފައިވާ ޙުކުމުތައް ބަލައިގަނެ ފުރިހަމަގޮތުގައި އިސްލާމް ވުމަކީ ޢަދުލުވެރިވުމެވެ. އެ ހައްދުތަކަށް ފުރައްސާރަކޮށް އެއްބައި ޙުކުމުތައް ނުވަތަ އެއްކޮށް އެޙުކުމުތައް ދޫކޮށްލުމަކީ އަނިޔާވެރިވުމެވެ. ދީނުގެ ޙައްދުތައް ފަހަނައަޅައިދާ މީހުންގެ ތެރެއިން ﷲ ތަޢާލާ އަޅަމެން ނުލައްވާށިއެވެ.    – އާމީން –

ު