ޞަޙީޙު މުސްލިމުގައިވާ ޙަދީޘްތަކުގެ ޢަދަދު:
الحافظ العراقي ވިދާޅުވިއެވެ.
“ޞަޙީޙު މުސްލިމުގައިވާ ޙަދީޘްތަކުގެ ޢަދަދު ابن الصلاح ބަޔާންކުރައްވާފައި ނުވެއެވެ. “التقريب” ގައި النووي ވަނީ އެކަލޭގެފާނުގެ زيادات ގައި އެ ޢަދަދު ބަޔާންކުރައްވާފައެވެ. ފަހެ ވިދާޅުވިއެވެ. އެކަލޭގެފާނު ގެންނަވާފައި ޖުމްލަ ޙަދީޘްގެ ޢަދަދަކީ ތަކުރާރު ޙަދީޘްތައް ނުލާ ގާތްގަނޑަކަށް ހަތަރު ހާސް ޙަދީޘެވެ. [1] ތަކުރާރުކޮށް ގެންނަވާފައިވާ ޙަދީޘްތަކުގެ ޢަދަދު އެކަލޭގެފާނު ބަޔާންކުރައްވާފައި ނުވެއެވެ. ޙަދީޘްތައް ވާރިދުވެފައިވާ މަގުތަކަށް ބަލާއިރު ޞަޙީޙުލް ބުޚާރީގެ ޙަދީޘްތަކުގެ ޢަދަދަށް ވުރެ މުސްލިމުގެ ޙަދީޘްތަކުގެ ޢަދަދު އިތުރެވެ. أبو الفضل أحمد بن سلمة ގެ އަރިހުގައި އެއީ ބާރަ ހާސް ޙަދީޘްކަމަށް ތިމަން ދެކެވަޑައިގެންނެވީމެވެ.” [2]
ޞަޙީޙު މުސްލިމަށް ޢިލްމުވެރިން ދެއްވާފައިވާ އަހަންމިއްޔަތު:
ﷲ ތަޢާލާގެ ފޮތަށް ޢިލްމުވެރިން ދެއްވި އަހަންމިއްޔަތަށް ފަހު، އެބޭކަލުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައިވަނީ ދެ ޞަޙީޙަށެވެ. ޞަޙީޙުލް ބުޚާރީއަށް އެބޭކަލުން ދެއްވި އަހަންމިއްޔަތުގެ ވާހަކަ އިސްވެ ބަޔާންވެއްޖެއެވެ. ވަރަށް ކުރީ ކޮޅުގައި ޢިލްމުވެރިންވަނީ އެ ދެ ފޮތަށް އަހަންމިއްޔަތުކަން ދެއްވާފައެވެ. އެގޮތުން ހިޖުރައިން ހަތަރުވަނަ އަދި ފަސްވަނަ ޤަރުނުގައި އެ ދެފޮތުގައިވާ ރާވީންގެ ވަނަވަރުތައް ލިޔެވި އެ ދެ ފޮތުގައިވާ ޙަދީޘްތައް އެއްކުރެވި ފޮތްތައް ލިޔެވިގެން ދިޔައެވެ. އަދި އެ ދެ ފޮތަށް المستخرجات އާއި އެ ނޫން ޚިދުމަތްތައްވެސް ކުރެވިގެން ދިޔައެވެ. ހަތަރުވަނަ ބާބުގައި އެކަން ބަޔާންވެގެން ދާނެއެވެ. بإذن الله تعالى.
ޢިލްމުވެރިން މިފޮތް ރިވާކުރުމާއި އަޑު އެހުމަށް ސަމާލުކަން ދެއްވާފައި ވުމާއެކުވެސް ގުޅިފައިވާ ސަނަދުން މި ފޮތް މި ފަހުގެ ޖީލުތަކުގައި މަޝްހޫރުވެފައިވަނީ أبو إسحاق إبراهيم بن محمد بن سفيان النيسابوري الفقيه الزاهد المجتهد ގެ ރިވާޔަތުންނެވެ. (އަވަހާރަވީ 308 هـ ގައެވެ.)
= ނުނިމޭ =
[1] جلال الدين السيوطي: تدريب الراوي المطبوع بهامش: التقريب والتيسير (1 / 104).
[2] أبو الفضل عبد الرحيم العراقي: التقييد والإيضاح ص: 15، وأبو عبد الله الذهبي: سير أعلام النبلاء 12 / 566، الحافظ ابن الصلاح ވަނީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ صيانة صحيح مسلم (ص: 99 – 100) ޞަޙީޙު މުސްލިމުގެ ޙަދީޘްތަކުގެ ޢަދަދު ބަޔާންކުރައްވާފައެވެ.