އަށްވަނައީ: މުސްލިމުންނާ ދެކޮޅަށް މުޝްރިކުންނަށް ވާގިވެރިވެ އެހީތެރިވުން: ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ.
﴿وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ﴾ [سورة المائدة ٥١]
މާނައީ: “އަދި އެބައިމީހުންނީ އެހީތެރިންކަމަށާއި އެކުވެރިކަންކަމުގައި، ތިޔަބައިމީހުންގެ ތެރެއިން ބަލައިގެންފި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެ މީހާވެސް ވާނީ އެމީހުންގެ ތެރެއިންނެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.”
ނުވަވަނައީ: މުޙައްމަދު صلى الله عليه وسلم ގެ ޝަރީޢަތުން ބޭރުވެގަތުން ބައެއް މީހުންނަށް ހުއްދަވެގެންވާކަމަށް ޤަބޫލުކޮށްފި މީހާއީ ކާފިރެކެވެ.
ދިހަވަނައީ: ﷲގެ ދީނުން އެއްކިބާވެ، އެ ދީން އުނގެނުމަށް އެއްގޮތަކަށްވެސް މަސައްކަތް ނުކޮށް އަދި އެ ދީނަށް އެއްގޮތަކަށްވެސް ޢަމަލުނުކުރުން. ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ.
﴿وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا ۚ إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ﴾ [سورة السجدة ٢٢]
މާނައީ: “އަދި އެމީހާގެ ރައްބުގެ އާޔަތްތައް އެމީހަކަށް ހަނދާންކޮށްދެވުމަށް ފަހު، އެއިން އެއްކިބާވި މީހާއަށް ވުރެ ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ! ހަމަކަށަވަރުން މުޖުރިމުންނަށް ތިމަން އިލާހު ޢުޤޫބާތްދެއްވާ ހުށީމެވެ.”
އިސްލާމްކަން ގެއްލޭ މިކަންކަން ކުރުމުގައި: ސަމާސާއަކަށް ނުވަތަ ‘ސީރިއަސްކޮށް’ ނުވަތަ ބިރުން ވިޔަސް މިފަދަކަމެއް ކުރުމުގައި ތަފާތެއް ނެތެވެ. މަޖްބޫރުވެގެން ކުރާ މީހާ މެނުވީއެވެ.[1]
އަދި މި ހުރިހާކަމަކީވެސް (އިސްލާމްކަން ގެއްލޭ ކަންތައްތަކުގެ ތެރެއިން) ނުރައްކާތެރިކަން އެންމެ ބޮޑު އަދި އެންމެ ގިނައިން ހިނގާ ކަންތައްތަކެވެ. އެހެންކަމުން މުސްލިމުން މި ކަންކަމަށް ރައްކާތެރިވުން ހުށްޓެވެ. އަދި އެމީހެއްގެ ނަފްސުގެ މައްޗަށް މި ކަންކަމާމެދު ބިރުވެތިވުން ހުށްޓެވެ.
އެއިލާހުގެ ކޯފާ އަޅަމެންގެ މައްޗަށް ޙައްޤުވާ ކަންތައްތަކުންނާއި އެއިލާހުގެ ވޭންދެނިވި ޢަޛާބުން، އަޅަމެން ރައްކާތެރިކަމަށް އެދެމެވެ! އަޅަމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އާލުންނަށާއި އަޞްޙާބުންނަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ!
ފިލާވަޅުގެ އިރުޝާދުތައް
* އިސްލާމްކަން ގެއްލޭ ކަންތައްތަކުގެ ތެރެއިން އަށްވަނަކަމުގެ މިސާލަކީ: ކާފިރުން ދެކެ ލޯބިވުމާއި މުސްލިމުންނާ ދެކޮޅަށް އެބައިމީހުންނަށް ނަޞްރުދީ ވާގިވެރިވުމެވެ. އެފަދަ މީހުންވާނީ އެބައިމީހުން ފަދައިން ﷲއާއި އިސްލާމްދީނުގެ ޢަދާވާތްތެރިއަކަށެވެ. އެއީ އެކަންކުރުމުގައި ޖާހިލުކަމެއް ނުވަތަ ތައުވީލުކުރުމެއް ނުވަތަ މަޖުބޫރުކަމެއް ނުވާނަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ﴾ [سورة المائدة ٥١]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން (އެއީ) އެކުވެރިންކަމުގައި ނުބަލާށެވެ! އެބައިމީހުންގެ އެއް ބަޔަކީ އަނެއް ބަޔެއްގެ އެކުވެރިންނެވެ. އަދި އެބައިމީހުންނީ އެހީތެރިންކަމަށާއި އެކުވެރިކަންކަމުގައި، ތިޔަބައިމީހުންގެ ތެރެއިން ބަލައިގެންފި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެ މީހާވެސް ވާނީ އެމީހުންގެ ތެރެއިންނެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.”
* އިސްލާމްކަން ގެއްލޭ ކަންތައްތަކުގެ ތެރެއިން ނުވަވަނަކަމުގެ މިސާލަކީ: އިސްލާމްދީނުގައި ލާޒިމުކޮށްފައިވާ ބައެއް ކަންކަން ދޫކޮށްލުން އެމީހަކަށް ހުއްދަވެގެންވާކަމަށް ދެކުމެވެ. މިސާލަކަށް ނަމާދު ދޫކޮށްލުމަކީ ހުއްދަކަމެއްގެ ގޮތުގައި ދެކުމެވެ. ނުވަތަ އިސްލާމްދީނުގައި ޙަރާމްކޮށްފައިވާ ބައެއް ކަންކަން ކުރުން އެމީހަކަށް ހުއްދަވެގެންވާކަމަށް ދެކުމެވެ. މިސާލަކަށް ރާބުއިމާ އަދި މަސްތުވާތަކެތި ބޭނުންކުރުމަކީ ޙުއްދަކަމެއްގެ ގޮތުގައި ދެކުމެވެ.
* އިސްލާމްކަން ގެއްލޭ ކަންތައްތަކުގެ ތެރެއިން ދިހަވަނަކަމުގެ މުރާދަކީ އިސްލާމްދީނުގައި ދެނެގަތުން އެންމެ އަސާސީ ކަންކަން އުނގެނުމުން އެމީހަކު އެކުއެކީ ދުރުހެލިވެ، މޫނު އަނބުރާލުމެވެ. އެކަންކަމަކީ އޭނާ މުސްލިމެއްގެ ގޮތުގައި އުޅުމަށް ކޮންމެހެންވެސް އެނގުން ލާޒިމު ކަންތައްތަކެވެ.
* ދީނުން ބޭރުވާ މިފަދަ ކަންކަމުން ދުރުހެލިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. އަދި މީސްތަކުންނަށް މިކަންކަން ބުނެދިނުން ހުށްޓެވެ. ނޫންނަމަ ޝައިޠާނާ މީސްތަކުން މަގުފުރައްދަފާނެއެވެ. ނޭނގިވެސް ބައެއް މީހުން މިފަދަ ކަންތައްތައް ކުރެއެވެ. މުސްލިމެއްކަމަށް ދަޢުވާކުރާ ޙާލުވެސް ބައެއް މީހުން މިފަދަ ކަންތައްތައް ކުރާތަން ފެނެއެވެ. ولا حول ولا قوة إلا بالله.
ސުވާލުތައް
1- ރަނގަޅު ޖަވާބުގައި ރަނގަޅު ފާހަގަ ޖަހާށެވެ.
– މުސްލިމުންނާ ދެކޮޅަށް މުޝްރިކުންނަށް ވާގިވެރިވެ އެހީތެރިވުމަކީ:
(ހ) މަކްރޫހަ ކަމެކެވެ.
(ށ) ކުފުރުގެ ޢަމަލެކެވެ.
(ނ) ހުއްދަ ކަމެކެވެ.
– މުޙައްމަދު صلى الله عليه وسلم ގެ ޝަރީޢަތުން ބޭރުވެގަތުން ބައެއް މީހުންނަށް ހުއްދަވެގެންވާކަމަށް ޤަބޫލުކުރުމަކީ:
(ހ) ހުއްދަ ކަމެކެވެ.
(ށ) ޙަރާމް ކަމެކެވެ.
(ނ) ކުފުރުގެ ޢަމަލެކެވެ.
– ﷲގެ ދީނުން އެއްކިބާވެ، އެ ދީން އުނގެނުމަށް އެއްގޮތަކަށްވެސް މަސައްކަތް ނުކޮށް އަދި އެ ދީނަށް އެއްގޮތަކަށްވެސް ޢަމަލު ނުކުރުމަކީ:
(ހ) ކުފުރުގެ ޢަމަލެކެވެ.
(ށ) ޝިރުކުގެ ޢަމަލެކެވެ.
(ނ) މައްސަލައެއް ނޫނެވެ.
2- ތިބާގެ އެކުވެރިއަކު ނަމާދުކުރާމީހުންނަށް ނުވަތަ ދީންވެރި މީހުންނަށް ފުރައްސާރަކުރާނަމަ، އެކުއްޖާ އެކުރަނީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ އެފަދަ ކުއްޖަކަށް ނަސޭޙަތްތެރިވާނީ ކިހިނެއް ހެއްޔެވެ؟
3- އިސްވެ ދިޔަ ފިލާވަޅުތަކުގައި ޛިކުރުކޮށްފައިވާ އިސްލާމްކަން ގެއްލޭ 10 ކަންތައް ޚުލާޞާކޮށް ލިޔާށެވެ.
[1] މިތަނުގައި މަޖުބޫރުވުމުގެ މިސާލަކީ ކާފިރުންގެ އަތް ދަށުވެފައިވާ މުސްލިމުމީހާ ލައްވައި، އޭނާއަށް މަޖުބޫރުކޮށްގެން ކުފުރުގެ ބަސްތައް ކިޔުއްވުމެވެ. އެހެނަސް އޭނާގެ ހިތް އީމާންކަމުގައި ހަމަޖެހިފައިވާނަމަ އެކަމުގެ ސަބަބުން އޭނާ ދީނުން ބޭރު ނުވާނެއެވެ. މިކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ. ﴿مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ﴾ [سورة النحل ١٠٦] މާނައީ: “ﷲއަށް އީމާންވުމަށް ފަހު ކާފިރުވެއްޖެމީހާ ދަންނައެވެ. ކާފިރުވުމަށް މަޖުބޫރުކުރެވިފައިވާ މީހާ މެނުވީއެވެ. ފަހެ އޭނާ ދުލުން ކުފުރުގެ ބަހެއް ބުންޏަސް އޭނާގެ ހިތްވަނީ އީމާންކަމުގައި ހަމަޖެހިގެންނެވެ. އެހެނެއްކަމަކު ކާފިރުކަމަށް އެމީހެއްގެ މޭ ތަނަވަސްވެއްޖެ މީހާ ދަންނައެވެ. އެބައިމީހުންގެ މައްޗަށް ﷲގެ ކޯފާވެއެވެ. އަދި އެބައިމީހުންނަށް ހުރީ ބޮޑުވެގެންވާ ޢަޛާބެވެ.”