الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ފިޠުރު ޒަކާތް ނެރުމުގެ ފުރަތަމަ ވަގުތާމެދު ޢިލްމުވެރިންގެ ބަސްފުޅުތަކެއް ވެއެވެ.
ފުރަތަމަ ބަސްފުޅު:
ޢީދުދުވަހުގެ ދެ ދުވަސް ކުރިން.
މިއީ މާލިކީންނާއި ޙަންބަލީންގެ ބަސްފުޅެވެ. އެބޭކަލުންގެ ދަލީލަކީ އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ޙަދީޘެވެ. އެ ޙަދީޘްގައިވަނީ:
«وَكَانُوا يُعْطُونَ قَبْلَ الفِطْرِ بِيَوْمٍ أَوْ يَوْمَيْنِ» [رواه البخاري (1511)]
މާނައީ: “ފިޠުރު ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން އެބޭކަލުން ފިޠުރު ޒަކާތް ނެރުއްވައެވެ.”
އަދި ބައެއް ބޭކަލުން ވިދާޅުވަނީ ޢީދުދުވަހުގެ ތިން ދުވަސް ކުރިންވެސް އެބޭކަލުން ފިޠުރު ޒަކާތް ނެރުއްވާ އުޅުއްވިކަމުގައެވެ. “المدونة” (1/385) ގައި ވެއެވެ. އިމާމު މާލިކު ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނުގެ އަރިހުގައި ނާފިޢު ވިދާޅުވިއެވެ. ހަމަކަށަވަރުން އިބްނު ޢުމަރު، ފިޠުރު ޒަކާތް ބައްސަވަން އުޅުއްވި ބޭކަލުންނަށް، ދެ ދުވަސް ނުވަތަ ތިން ދުވަސް ކުރިން ފިޠުރު ޒަކާތް ފޮނުއްވައެވެ.”
މި ބަސްފުޅަކީ ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ، އައްޝައިޚް އިބްނު ބާޒު ޚިޔާރުކުރެއްވި ބަސްފުޅެވެ. مجموع الفتاوى (12 / 216).
ދެވަނަ ބަސްފުޅު:
ރަމަޟާން މަސް ފެށުމުން ނެރުން.
މިއީ މިކަމުގައި ޙަނަފީންގެ ފަތުވާއެވެ. އަދި ޝާފިޢީންގެ އަރިހުގައި ޞައްޙަ ބަސްފުޅެވެ. (ބައްލަވާ: الأم (2/75)، المجموع (6/87)، “بدائع الصنائع (2 / 74).
އެބޭކަލުން ވިދާޅުވަނީ: ފިޠުރު ޒަކާތް ނެރުމުގެ ސަބަބަކީ ރޯދަ ހިފުމާއި ރޯދަ ނިމުމެވެ. އެ ދެ ސަބަބުން ކުރެ އެއް ސަބަބު މެދުވެރިވުމުން އެކަން އަވަސްކުރުން ހުއްދަވެގެންވެއެވެ. އެއީ ނިޞާބު ހަމަވުމުން އަހަރު ނުވަނީސް މުދަލު ޒަކާތް ނެރުން ހުއްދަވާ ފަދައިންނެވެ.
ތިންވަނަ ބަސްފުޅު:
އަހަރު ފެށުމުން ނެރުން.
އެއީ ބައެއް ޙަނަފީންނާއި ޝާފިޢީންގެ ބަސްފުޅެކެވެ. އެހެނީ މިއީވެސް ޒަކާތެކެވެ. މުދަގެ ޒަކާތް ނެރުން އަވަސްކުރުން ހުއްދަވާ ފަދައިން ފިޠުރު ޒަކާތް ނެރުންވެސް އެއްވެސް ޤައިދަކާ ނުލާ ހުއްދައެވެ.
މި ތިން ބަސްފުޅުގެ ތެރެއިން އެންމެ ބުރަދަން ހުރި، ރާޖިޙު ބަސްފުޅަކީ ފުރަތަމަ ބަސްފުޅެވެ.
އަލްމުޣްނީގައި (2 / 676) އިބްނު ޤުދާމާ ވިދާޅުވިއެވެ.
“އެ ވާޖިބުވުމުގެ (އެބަހީ: ފިޠުރު ޒަކާތް ވާޖިބުވުމުގެ) ސަބަބަކީ ރަމަޟާންމަސް ނިމުމެވެ. އޭގެ ދަލީލަކީ އެ ޒަކާތް ބަހުގެ ގޮތުންވެސް ގުޅާލެވިފައިވަނީ އެއާއެވެ. އަދި އޭގެ މަޤްޞަދަކީ ވަކި ވަގުތެއްގައި ބަޔަކު ފުދުންތެރިކުރުމެވެ. އެހެންކަމުން އޭގެ ވަގުތަށް ވުރެ ކުރިން އެ ގެނެސްގަތުން ހުއްދަވެގެން ނުވެއެވެ.”
ފަޟީލަތުއްޝައިޚު މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله އާ ސުވާލުދެންނެވުނެވެ.
“މައްކާއަށް ފުރުމުގެ ކުރިން، ރަމަޟާން މަސް ފެށުމުން މިޞްރުގައި ހުރެފައި އަޅުގަނޑު ފިޠުރު ޒަކާތް ދެއްކީމެވެ. މިހާރު އަޅުގަނޑު މިހުރީ މައްކާގައެވެ. އަޅުގަނޑު ފިޠުރު ޒަކާތް އަލުން ނެރެން ޖެހޭނެ ހެއްޔެވެ؟
ޖަވާބު: އާނއެކެވެ. ތިބާ އަނެއްކާވެސް ޒަކާތް އަދާކުރަން ޖެހޭނެއެވެ. އެހެނީ ތިބާ އެ ޒަކާތް ނެރުނީ އޭގެ ވަގުތު ޖެހުމުގެ ކުރިންނެވެ. “زكاة الفطر” (ފިޠުރު ޒަކާތް، ޢަރަބިބަހުގައި ފިޠުރުގެ މާނައަކީ ރޯދަވީއްލުމެވެ. މިތަނުގައި އޭގެ މުރާދަކީ ރަމަޟާންމަސް ނިމުމެވެ. އެހެންކަމުން އެއީ ރަމަޟާންމަސް ނިމުމުން އަދާކުރާ ޒަކާތެވެ.) އެވަނީ އެކަމުގެ ސަބަބާ ގުޅުވާލެވިފައެވެ. ނުވަތަ އެކަން އެވަނީ އޭގެ ވަގުތާ ގުޅާލެވިފައެވެ. އެ ދެގޮތްވެސް ޢަރަބިބަހުގެ ހަމަތަކުން ރަނގަޅެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿بَلْ مَكْرُ اللَّيْلِ وَالنَّهَارِ﴾ [سورة سبإ ٣٣]
މާނައީ: “އަދި ކިއެއް ހެއްޔެވެ! އެއީ (ތިޔަބައިމީހުންގެ) ރެޔާދުވާލުގެ މަކަރެވެ.”
މިއާޔަތުގައި މިވަނީ ކަމެއް އޭގެ ވަގުތާ ގުޅުވާފައެވެ.
އަދި ޢިލްމުވެރިން ވިދާޅުވިއެވެ. “باب سجود السهو” (ކުށު ސަޖިދަ ނަންގަތް ބާބު) މި ޢިބާރާތުގައި މިވަނީ ކަމެއް އޭގެ ސަބަބާ ގުޅުވާފައެވެ.
އެ ގޮތަށް ފިޠުރު ޒަކާތް ވެސް ގުޅުވާލާފައި އެވަނީ އޭގެ ސަބަބާއި އޭގެ ވަގުތާއެވެ. ޝައްކެއްވެސް ނެތް ގޮތުގައި ފިޠުރު ޢީދު އަންނަނީ ރަމަޟާންމަހުގެ އެންމެ ފަހު ދުވަސް ނިމުމުންނެވެ. އެހެންކަމުން ރަމަޟާންމަހުގެ އެންމެ ފަހު ދުވަހު އިރު އޮއްސުމުގެ ކުރިން ފިޠުރު ޒަކާތް ނެރުން ހުއްދަވެގެން ނުވެއެވެ. އެހެނަސް ރަމަޟާންމަސް ނިމުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ނެރުމުގެ ލުއިކަންވަނީ ދެއްވާފައެވެ. އެއީ ހަމައެކަނި ދެއްވާފައިވާ ލުއިކަމެކެވެ. ޙަޤީޤީ ވަގުތަކީ ރަމަޟާންމަހުގެ އެންމެ ފަހުދުވަހުގެ އިރު އޮއްސުމުންނެވެ. އެއީ ރަމަޟާންމަސް ނިމި ފިޠުރުގެ ވަގުތެވެ. އެހެންކަމުން ދަންނަވަމެވެ. ފިޠުރު ޒަކާތް ނެރުމުގައި އެންމެ މޮޅު އިތުރު ގޮތަކީ ކުޅަދާނަވެގެންވާނަމަ ޢީދު ދުވަހުގެ ފަތިހު އެކަން ކުރުމެވެ.” ޝައިޚުގެ ބަސްކޮޅު ނިމުނީ. مجموع الفتاوى (18/زكاة الفطر/السؤال رقم 180)
އެއާ ޚިލާފަށް ތިބާގެ ފަރާތުން ޒަކާތް ނެރެދޭނެ މީހަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ނުވަތަ އިތުބާރު ހުރި ބަޔަކަށް ރަމަޟާން މަސް ފެށޭއިރު ޒަކާތް ހަވާލު ކުރާނަމަ އެއީ ހުއްދަކަމެކެވެ. އެހެނަސް އެކަމުގެ ޝަރުޠަކީ އެ ހަވާލުކުރެވޭ ފަރާތް ޒަކާތް ނެރެ މީސްތަކުންނަށް ބަހަންވާނީ ޢީދުގެ އެއްދުވަސް ނުވަތަ ދެ ދުވަސްކުރިނެވެ. އެހެނީ ޝަރުޢީ ޒަކާތަކީ އޭގެ ޙައްޤުވެރި ފަޤީރުންނާއި މިސްކީނުންނަށް ޢީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ނެރުމަށް ޤައިދުކުރެވިގެން އައިސްފައިވާ ކަމެކެވެ. އެހެނަސް އެ ބަހަން މީހަކާ ހަވާލުކުރާނަމަ އެކަމުގައި ވަކި ވަގުތެއް ނެތެވެ. އެއީ އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެހީތެރިވުމުގެ ތެރެއިން ހިމެނޭކަމެކެވެ.
ޚުލާޞާއަކީ:
– ޢީދުވުމުގެ ހަފްތާއެއް ނުވަތަ އޭގެ ކުރިން ވިޔަސް ފިޠުރު ޒަކާތް ނެރެ ފަޤީރުންނާއި މިސްކީނުންނަށް ބަހައިފިނަމަ، އެ ނެރުނުމީހާ ޒަކާތް ނެރުނުކަމަކަށް ނުވާނެއެވެ. އެފަދަ މީހަކު ރަމަޟާންމަސް ނިމުމުން އަލުން ޒަކާތް ނެރުން ހުއްޓެވެ.
– ޢީދު ނަމާދަށް ދިޔުމުގެ ކުރިން ނުވަތަ ޢީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން އެ ބަހާދޭނެ މީހަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ނުވަތަ ބަޔަކަށް ހަވާލުކޮށްފިނަމަ އެމީހެއްގެ މައްޗަށް އޮތް ވާޖިބު އެ އަދާވީއެވެ. އަދި އެ ޒަކާތް ބަލާނީ މަޤްބޫލު ޞައްޙަ ޒަކާތަކަށެވެ. إن شاء الله
والله أعلم .