އެކަލޭގެފާނުގެ ރައުޔާ އެއްގޮތަށް ޤުރުއާން ބާވައިލެއްވުން
ޢުމަރުގެފާނު ރަނގަޅުކަމުގައި ދެކިވަޑައިގެން ދެއްވާ ރައުޔާ އެއްގޮތަށް ޤުރުއާނުގެ އާޔަތްތައް ބާވައިލައްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް މިސާލުތަކަކީ:
- ނަމާދުކުރާ ތަނެއްކަމުގައި މަޤާމު އިބްރާހީމު ހެދުން.
ޢުމަރުގެފާނު ވިދާޅުވިއެވެ.
“فَقُلْتُ لَوِ اتَّخَذْنَا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى، فَنَزَلَتْ: ﴿وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى﴾ [سورة البقرة: 125]“. [1]
މާނައީ: “ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. ‘އޭ ﷲ ގެ ރަސޫލާއެވެ. އިބްރާހީމުގެފާނުގެ މަޤާމަކީ ތިމަންމެން ނަމާދުކުރާ ތަނެއްކަމުގައި ހައްދަވާނެ ނަމައެވެ.’ ފަހެ، މި އާޔަތް ބާވައިލެއްވުނެވެ.”
﴿وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى﴾ [سورة البقرة 125]
މާނައީ: “އަދި އިބްރާހީމުގެފާނު ހުންނެވި ތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވި ތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ހަދާށެވެ!”
- ޙިޖާބުގެ އާޔަތް.
ޢުމަރުގެފާނު ވިދާޅުވިއެވެ.
“قُلْتُ يَا رَسُولَ اللَّهِ، لَوْ أَمَرْتَ نِسَاءَكَ أَنْ يَحْتَجِبْنَ، فَإِنَّهُ يُكَلِّمُهُنَّ البَرُّ وَالفَاجِرُ، فَنَزَلَتْ آيَةُ الحِجَابِ”. [2]
މާނައީ: “ތިމަންކަލޭގެފާނު ދެންނެވީމެވެ. ‘އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ޙިޖާބުއެޅުމަށް ކަލޭގެފާނު އަމުރުކުރައްވާނެ ނަމައެވެ. ފަހެ، ހަމަކަށަވަރުން އެއީ ހެޔޮ މީހުންނާއި ނުބައި މީހުންވެސް އެކަނބަލުންނާ ވާހަކަދައްކާ އުޅެއެވެ. ފަހެ، ޙިޖާބުގެ އާޔަތް ބާވައިލެއްވުނެވެ.”
ފަހެ، ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّـهُ غَفُورًا رَّحِيمًا﴾ [سورة الأحزاب 59]
މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން ނިވައިވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހުކަމުގައި ވޮޑިގެންވެއެވެ.”
- ރާ ޙަރާމްކުރެއްވުން.
ރާގެ ސަބަބުން މުސްލިމުންނަށް ކުރާ ނޭދެވޭ އަސަރުތައް ޢުމަރުގެފާނަށް ފެނިވަޑައިގެން، އެކަލޭގެފާނު ﷲ އަށް ދުޢާ ދެންނެވިއެވެ. ޢުމަރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
أَنَّهُ قَالَ: اللَّهُمَّ بَيِّنْ لَنَا فِي الخَمْرِ بَيَانَ شِفَاءٍ، فَنَزَلَتِ الَّتِي فِي البَقَرَةِ: ﴿يَسْأَلُونَكَ عَنِ الخَمْرِ وَالمَيْسِرِ﴾، فَدُعِيَ عُمَرُ فَقُرِئَتْ عَلَيْهِ فَقَالَ: اللَّهُمَّ بَيِّنْ لَنَا فِي الخَمْرِ بَيَانَ شِفَاءٍ، فَنَزَلَتِ الَّتِي فِي النِّسَاءِ: ﴿يَا أَيُّهَا الَّذِينَ آمَنُوا لاَ تَقْرَبُوا الصَّلاَةَ وَأَنْتُمْ سُكَارَى﴾، فَدُعِيَ عُمَرُ فَقُرِئَتْ عَلَيْهِ، ثُمَّ قَالَ: اللَّهُمَّ بَيِّنَ لَنَا فِي الخَمْرِ بَيَانَ شِفَاءٍ، فَنَزَلَتِ الَّتِي فِي الْمَائِدَةِ: ﴿إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ العَدَاوَةَ وَالبَغْضَاءَ فِي الخَمْرِ وَالمَيْسِرِ﴾، إِلَى قَوْلِهِ: ﴿فَهَلْ أَنْتُمْ مُنْتَهُونَ﴾ فَدُعِيَ عُمَرُ فَقُرِئَتْ عَلَيْهِ فَقَالَ: انْتَهَيْنَا انْتَهَيْنَا.
މާނައީ: “އެކަލޭގެފާނު (ދުޢާ) ދެންނެވިއެވެ. ‘އޭ ﷲ! ރާއާ ބެހޭގޮތުން ސާފުވެގެންވާ ގޮތެއް އަޅަމެންނަށް ބަޔާންކޮށްދެއްވާނދޭވެ!’ ފަހެ، ބަޤަރާ ސޫރަތުގެ މިއާޔަތް ބާވައިލެއްވިއެވެ.
﴿يَسْأَلُونَكَ عَنِ الخَمْرِ وَالمَيْسِرِ﴾
[މާނައީ: “ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ ސުވާލުކުރެއެވެ.”]
ފަހެ، ޢުމަރުގެފާނަށް ގޮވާލެއްވުނެވެ. އަދި އެކަލޭގެފާނަށް (މިއާޔަތް) ކިޔައިދެއްވިއެވެ.
ފަހެ، އެކަލޭގެފާނު (ދުޢާ) ދެންނެވިއެވެ. ‘އޭ ﷲ! ރާއާ ބެހޭގޮތުން ސާފުވެގެންވާ ގޮތެއް އަޅަމެންނަށް ބަޔާންކޮށްދެއްވާނދޭވެ!’ ފަހެ، ނިސާ ސޫރަތުގެ މިއާޔަތް ބާވައިލެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ﴾
[މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން މަސްތުވެގެން ތިބޭ ޙާލު ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ!”]
ފަހެ، ޢުމަރުގެފާނަށް ގޮވާލެއްވުނެވެ. އަދި އެކަލޭގެފާނަށް (މިއާޔަތް) ކިޔައިދެއްވިއެވެ.
ދެން އެކަލޭގެފާނު (ދުޢާ) ދެންނެވިއެވެ. ‘އޭ ﷲ! ރާއާ ބެހޭގޮތުން ސާފުވެގެންވާ ގޮތެއް އަޅަމެންނަށް ބަޔާންކޮށްދެއްވާނދޭވެ!’ ފަހެ، މާއިދާ ސޫރަތުގެ މިއާޔަތް ބާވައިލެއްވިއެވެ.
﴿إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ العَدَاوَةَ وَالبَغْضَاءَ فِي الخَمْرِ وَالمَيْسِرِ﴾
[މާނައީ: “ޝައިޠާނާ އެދޭކަން ކަށަވަރީ ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ.”]
މިހާ ހަމައަށެވެ.
﴿فَهَلْ أَنْتُمْ مُنْتَهُونَ﴾
[މާނައީ: “ފަހެ، ތިޔަބައިމީހުން ތިޔަ ތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)”]
ފަހެ، ޢުމަރުގެފާނަށް ގޮވާލެއްވުނެވެ. އަދި އެކަލޭގެފާނަށް (މިއާޔަތް) ކިޔައިދެއްވިއެވެ.
ފަހެ، އެކަލޭގެފާނު ދެންނެވިއެވެ. ‘ހުއްޓާލައިފީމެވެ. ހުއްޓާލައިފީމެވެ.'” [3]
- މުނާފިޤުން މަރުވުމުން އެބައިމީހުންގެ މައްޗަށް ކަށުނަމާދު ނުކުރުން.
މުނާފިޤުންގެ ޒަޢީމު، ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލު މަރުވުމުން އޭނާގެ ދަރިކަލުން ޢަބްދުﷲ ބުން ޢަބްދުﷲ ބުން އުބައްޔު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް އައިސް އޭނާގެ މައްޗަށް ކަށުނަމާދުކޮށްދެއްވުން އެދި ދެންނެވިއެވެ. އަދި އެކަލޭގެފާނު ކަށުނަމާދު ކުރެއްވުމަށް ތެދުވެވަޑައިގަތުމުން ޢުމަރުގެފާނު އެކަލޭގެފާނުގެ ހެދުންކޮޅުގައި ހިއްޕަވާ، އޭނާގެ މައްޗަށް ކަށުނަމާދު ކުރައްވަނީތޯ އެއްސެވިއެވެ. އަދި އެއީ މުނާފިޤެއްކަމުގައިވެސް ދެންނެވިއެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم އޭނާގެ މައްޗަށް ކަށުނަމާދު ކުރެއްވިއެވެ. ދެން ﷲ ތަޢާލާ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ. [4]
﴿وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ﴾ [سورة التوبة 84]
މާނައީ: “އެބައިމީހުންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ!”
- ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން، ޣީރަތްތެރިވެ އެއްބައިވުމުން އެކަނބަލުންނަށް ނަސޭހަތްތެރިވުން.
ޢުމަރުގެފާނު ވިދާޅުވިއެވެ.
“اجْتَمَعَ نِسَاءُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي الغَيْرَةِ عَلَيْهِ، فَقُلْتُ لَهُنَّ: عَسَى رَبُّهُ إِنْ طَلَّقَكُنَّ أَنْ يُبَدِّلَهُ أَزْوَاجًا خَيْرًا مِنْكُنَّ، فَنَزَلَتْ هَذِهِ الآيَةُ.” [5]
“ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން، އެކަލޭގެފާނުގެ މައްޗަށް ޣީރަތްތެރިވެ އެއްބައިވިއެވެ. ފަހެ، ތިމަންކަލޭގެފާނު އެކަނބަލުންނަށް ދެންނެވީމެވެ. އެކަލޭގެފާނު ތިޔަކަނބަލުން ވަރިކުރައްވައިފިނަމަ، އޭގެ ބަދަލުގައި ތިޔަކަނބަލުންނަށް ވުރެ ހެޔޮކަންބޮޑު އަނބިންތަކެއް، އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނަށް ދެއްވައިފާނެއެވެ. ފަހެ، ދެން މިއާޔަތް ބާވައިލެއްވިއެވެ.”
﴿عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ﴾ [سورة التحريم 5]
މާނައީ: “އެކަލޭގެފާނު ތިޔަކަނބަލުން ވަރިކުރައްވައިފިނަމަ، އޭގެ ބަދަލުގައި ތިޔަކަނބަލުންނަށްވުރެ ހެޔޮކަން ބޮޑު އަނބިންތަކެއް، އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނަށް ދެއްވައިފާނެއެވެ.”
____________________________________________________
الخلفاء الراشدون لسليمان بن عبد الله الرومي
[1] انظر: صحيح البخاري رقم: 402.
[2] انظر: صحيح البخاري رقم: 402.
[3] انظر: مسند أحمد رقم: 378، وسنن الترمذي رقم: 3049، وسنن أبو داود رقم: 3670، وسنن النسائي رقم: 5540، و صحيح وضعيف سنن الترمذي للألباني رقم: 3049.
[4] انظر: صحيح البخاري رقم: 4670 ، وصحيح مسلم رقم: 3 – (2774).
[5] انظر: صحيح البخاري رقم: 4916.