ކެތްތެރިކަމަކީ ކޮބާ؟
ކެތްތެރިކަމަށް ޢަރަބި ބަހުގައި ބޭނުންކުރާ ލަފްޒަކީ الصبر (އައްޞަބްރު) އެވެ. މީގެ މާނައަކީ ހިފެހެއްޓުމެވެ. އެހެންކަމުން ކެތްތެރިކަމަކީ ރުޅިއިސްކުރުމުންނާއި، ފިނޑިކަމާއި ނުކުޅެދުންތެރިކަމާއި މިފަދަ އެންމެހާ ކަމަކުން ނަފްސު ހިފެހެއްޓުމެވެ. [1]
ދިވެހި ބަސްފޮތުގައިވެސް، ކެތްތެރިކަން މާނަކޮށްފައިވަނީ މިއާއި ދާދި އެއްގޮތަކަށެވެ. އެއީ، ލިބޭ ވޭންތަކަށް ޝަކުވާނުކޮށް ހުރުމެވެ. އަދި ހިތުގައި އުފެދޭ އަސަރުތައް މަތަކޮށްގެން ހުންނަ ހުރުމެވެ. [2]
ޝަރުޢީ އިސްޠިލާހުގައި، ކެތްތެރިކަމަކީ، ﷲ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމާއި، ﷲ ވާޖިބު ކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުމާއި، އަދި އެއިލާހުގެ މިންވަރުފުޅާއި މެދު ރުހިގެންހުރުމެވެ. [3] ހަމަ އެފަދައިން އެއީ “މުޞީބާތްތަށް މެދުވެރިވުމުން، ﷲ ފިޔަވާ އެހެންފަރާތްތަކަށް އެކަމުގެ ޝަކުވާ ނުދެންނެވުން” ކަމުގައިވެސް ޢިލްމުވެރިން މާނަކުރައްވައެވެ. [4]
ކެތްތެރިވާން ޖެހެނީ ކީއްވެ؟
އަހަރެމެންނަކީ މުސްލިމުންކަމުގައި ވީތީ، ޤަބޫލުކުރަންޖެހޭ ވަރަށް މުހިއްމު ޙަޤީޤަތެއް އޮވެއެވެ. އެއީ މި ޙަޔާތަކީ އިމްތިޙާނުގެ ހޯލެއްކަމެވެ. މި ޙަޔާތުގައި އިމްތިޙާނުތަކާއި ކުރިމަތިވާނެއެވެ. އެހެންކަމުން، އެ އިމްތިޙާނުތަކުން ފާސްވުމަށްޓަކައި ކެތްތެރިވާންޖެހެއެވެ.
މި ޙަޔާތަކީ އިމްތިޙާނު ކުރެއްވުމަށްޓަކައި ލައްވާފައިވާ ޙަޔާތެއްކަން ބަޔާންކުރައްވާ، މުލްކު ސޫރަތުގައި މާތްﷲ ވަހީކުރެއްވިއެވެ. (الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ)[5] މާނައީ: “އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި އިލާހެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.”
އަދިވެސް މި ޙަޤީޤަތް ބަޔާންކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ. (وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ)[6] މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން جهاد ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبرތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. “
ކެތްތެރިކަން ބެހިގެންވާ ބައިތައް:
ޢިލްމުވެރިން ކެތްތެރިކަން ތިން ބަޔަކަށް ބައްސަވާފައިވެއެވެ. އެއީ، ﷲ ގެ ޢަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ކެތްތެރިވުމާއި، އެއީލާހު ނަހީކުރެއްވި ކަންކަމުން ދުރުހެލިވެ ހުރުމަށް ކެތްތެރިވުމާއި، ދިމާވާ މުޞީބާތްތަކަށް ކެތްތެރިވުމެވެ.
- ޢަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ކެތްތެރިވުން:
ﷲ ތަޢާލާ، އިންސާނުން އުފައްދަވާފައިވަނީ އެއިލާހަށް އަޅުކަންކުރުމަށެވެ. (وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ)[7] މާނައީ: “ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.” އެހެންކަމުން، މި މަޤްޞަދު ހާޞިލްކުރުމަށްޓަކައި، ﷲ އަމުރުފުޅުތަކަށް ކިޔަމަންގަންނަން ޖެހެއެވެ. ނަމާދު ކުރުމާއި، ރޯދަ ހފުމާއި، ޢިއްފަތްތެރިވެ ހުރުމާއި، ބެލުން ތިރިކުރުމާއި، ޝަރުޢީ ޙިޖާބުން ނިވާވެގެން ހުރުމާއި މިފަދަ އެންމެހާ އަޅުކަންތަށް އަދާކުރުންމަތީ ދެމި ހުންނަން ޖެހެއެވެ. މިކަންކަމުގައި ޘާބިތުވެ ހުރުމަކީ ކެތްތެރިކަން ބޭނުންވާނެ ކަމެކެވެ. މާތްﷲ، މަރްޔަމް ސޫރަތުގައި ވަޙިކުރެއްވިއެވެ.
(فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ)[8]
މާނައީ:” ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! “
- ﷲ ނަހީކުރެއްވި ފާފަތަކުން ދުރުވެ ހުރުމަށް ކެތްތެރިވުން:
ﷲ ގެ ޝަރީއަތުގައި ވަނީ ހަމައެކަނި އަމުރުފުޅުތަކެއް ނޫނެވެ. އެއާއި އެކު ކަންތައްތަކެއް ނަހީކުރައްވާ ޙަރާމްކުރައްވާފައިވެސް ވެއެވެ. އެހެންކަމުން ކެތްތެރިކަމުގެ ދެވަނަ ވައްތަރަކީ، ﷲ ނަހީކުރެއްވި ކަންކަމުން ދުރުހެލިވެ ހުރުމެވެ. މީހާގެ ހަވާ ނަފްސު ނުބައި ކަންކަމަށް ގޮވަމުން ދާއިރު، އެކަންކަމުން ނަފްސު ސަލާމަތްކޮށް ދުރުކޮށްގެން ހުރުމެވެ. އެކަމުގައި ޘާބިތުވެ ހުރުމެވެ.
ނާޒިޢާތު ސޫރަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ.
(وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ () فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ)
[9] މާނައީ: “އަދި އެމީހާގެ ރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! (40) ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.”
- މުޞީބާތްތަކަށް ކެތްތެރިވުން:
މުޞީބާތްތަކަށް ކެތްތެރިވުމަކީ، ޙާޔާތުގައި ދިމާވާ އެކި އެކި ހިތާމަތަކާއި، އިމްތިޙާނުތަކުގައި، ﷲ ގެ މިންވަރުފުޅަށް ރުހި ޤަބޫލުވުމެވެ. އަދި އެކަންމެދުވެރިވީ ﷲ ގެ މިންވަރުފުޅާއި، އެއީލާހު އިޛްނަޔާއި ލައިގެންކަން ޤަބޫލުކުރާ ޙާލު، މީސްތަކުންގެ ގާތުގައި އެކަންކަމުގެ ޝަކުވާކޮށް ހެދުން ދޫކޮށްލުމެވެ.
މިދުނިޔެމަތީގައި އުޅޭއިރު މުޞީބާތްތަކާއި އިމްތިހާންތައް ކުރިމަތިވާނޭކަން މާތްﷲ ވަނީ ބަޔާންކުރައްވާފައިއެވެ. އެއީލާހު ވަޙީކުރެއްވިއެވެ.
(وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ)[10]
މާނައީ: “ހަމަކަށަވަރުން، ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވައިގެންނާއި އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވައިގެން، ތިމަންއިލާހު ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!”
ކެތްތެރިވުމުގެ މާތްކަން:
ކެތްތެރިވުމަކީ މާތްމީހުންގެ ސިފައެކެވެ. ކެތްތެރިކަމުގެ މާތްކަން ދޭހަވާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ކެތްތެރި އަޅުންނަށް ﷲ ތަޢުރީފްގެ ބަސްފުޅު ވަޙީކުރައްވާފައިވުން:
ކެތްތެރިކަމަކީ، އެ ސިފައެއްގެ ސަބަބުން، މާތް ﷲ ތަޢުރީފުގެ ބަސްފުޅު ވަޙީކުރެއްވި މާތް ސިފައެކެވެ. މާތްﷲ، އައްޔޫބުގެފާނާއި ބެހޭގޮތުން ވަހީކުރެއްވިއެވެ.
(إِنَّا وَجَدْنَاهُ صَابِرًا ۚ نِّعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ)[11]
މާނައީ: “ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންއިލާހު ދެކެވޮޑިގެންވީމެވެ. އެއީ ހާދަހާ ރަނގަޅު އަޅެކެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.”
- ކެތްތެރިންނަށް ހިސާބެއް ނެތްގޮތުގައި ޘަވާބާއި ދަރުމަ ދެއްވާނެކަން ބަޔާންކުރައްވާފައިވުން
މާތް ﷲ، ވަޙީކުރައްވާފައިވެއެވެ.
(إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ)[12] މާނައީ: “ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. “
- ކެތްތެރިންގެ ޖަޒާއަކީ ސުވަރުގެކަމުގައި ބަޔާންކުރައްވާފައިވުން:
މާތް ﷲ، ވަޙީކުރައްވާފައިވެއެވެ.
(وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا)[13] މާނައީ: ” އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ.”
- ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވާކަން ބަޔާންކުރައްވާފައިވުން:
މާތް ﷲ، ވަޙީކުރައްވާފައިވެއެވެ. ) وَاللَّهُ يُحِبُّ الصَّابِرِينَ)[14] މާނައީ: “އަދި ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.”
- ކެތްތެރީންނާއި އެކު ﷲ ވޮޑިގެންވާކަން ބަޔާންކުރައްވާފައިވުން
މާތް ﷲ، ވަޙީކުރައްވާފައިވެއެވެ. (إِنَّ اللَّهَ مَعَ الصَّابِرِينَ)[15] މާނައީ: ” ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.” އެބަހީ: އެއިލާހުގެ މަދަދާއި ނަޞްރު އެމީހުނާއެކު ވެއެވެ.
[1] ލިސާނުލް ޢަރަބް، 4/437
[2] ދިވެހި ބަސްފޮތް
[3] އިބުނު ޤައްޔިމްގެ ރިސާލާ، ޞަފްހާ 18
[4] އައްތަޢުރީފާތް ލިއްޖަރްޖާނީ ، ޞަފްޙާ 131
[5] ސޫރަތުލް މުލްކު، އާޔަތް 2
[6] ސޫރަތު މުޙައްމަދު 31
[7] ސޫރަތުއް ޛާރިޔާތު 56
[8] ސޫރަތު މަރްޔަމް 65
[9] سورة النازعات 40و 41
[10] سورة البقرة 155
[11] سورة ص 44
[12] سورة الزمر 10
[13] سورة الإنسان 12
[14] سورة آل عمران 146
[15] سورة البقرة 153