[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝައްވާލު މަހާއި ގުޅޭ ބައެއް ފިޤުހީ މައްސަލަތަކަށް އަވަސް ނަޡަރެއް

 • ޝައްވާލުމަހަކީ ޙައްޖުގެ މައްސަރުތަކުންގެ ތެރެއިންވާ ބަރަކާތްތެރި މައްސަރެކެވެ.
 • ޝައްވާލުމަހުގެ އެންމެ ޚާއްސަ އެއް އަޅުކަމަކީ ރަމަޟާންމަހުގެ ރޯދައާއި ވިދިގެން ޝައްވާލުމަހުން ހަރޯދަ ހިފުމެވެ.
 • ޝައްވާލުމަހުގެ ހަރޯދަ ހިފުމަކީ މުސްތަޙައްބު ސުންނަތެކެވެ.
 • ރަމަޟާންމަހުގެ ރޯދައާއި ވިދިގެން ޝައްވާލު މަހުން ހަރޯދަ ހިފުމީ މުޅި އަހަރުދުވަހު ރޯދަހިފުންފަދަ މަތިވެރި އަޅުކަމެކެވެ.
 • މުޅި އަހަރު ދުވަހު ރޯދަހިފުމަށް ވާ ގޮތަކީ ކޮންމެ ހެޔޮކަމަކަށް ދިހަ ހެޔޮކަން ލިބޭނެކަމަށް ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ އުސޫލުގެ ދަށުންނެވެ. މިއުސޫލުގެ ދަށުން ބަލާއިރު ރަމަޟާންމަހު ރޯދަ ހިފުމުން ދިހަ މަހު ރޯދަ ހިފިފަދައެވެ. އަދި ޝައްވާލު މަހުން ހަރޯދަ ހިފުމުން ފަސްދޮޅަސް ދުވަހު (ދެމަސްދުވަހު) ރޯދަހިފުންފަދައެވެ. އަހަރު ދުވަހު ރޯދަ ހިފުންވަނީ މިފަދައިންނެވެ.
 • ޝައްވާލު މަހުގެ ހަރޯދަ ހިފުމުގައި އެންމެ އިތުރުކަން ބޮޑު ގޮތަކީ ރަމަޟާންމަހުން ގެއްލިފައިވާ ރޯދަތައް ޤަޟާކުރުމަށްފަހު ހިފުމެވެ.
 • ރަމަޟާންމަހުގެ ރޯދަ ޤަޟާނުކޮށްވެސް ޝައްވާލު މަހުގެ ހަރޯދަ ހިފިދާނެކަމަށް ބައެއް ދަންނަބޭކަލުން ވިދާޅުވެއެވެ.
 • ރަމަޟާންމަހުގެ ފަރުޟު ރޯދަ ޤަޟާކުރުމުގެ ނިޔަތާއި، ޝައްވާލުމަހުގެ ހަރޯދަ ހިފުމުގެ ނިޔަތް ޖަމާޢަކޮށްގެން ރޯދައެއް ނުހިފޭނެއެވެ. (ޔަޢުނީ ދެބާވަތުގެ ރޯދަ ހިފަންޖެހޭނީ ވަކިވަކިންނެވެ).
 • ޝައްވާލު ހަރޯދަ އެކުއެކީގައިވެސް ނުވަތަ ވަކިވަކިން މަހުގެ އެކި ދުވަސްތަކަށް ބަހާލައިގެންވެސް ހިފިދާނެއެވެ.
 • ޝައްވާލުމަހުގެ ސުންނަތް ހަރޯދައާއި، ހޯމަ ބުރާސްފަތީގެ ރޯދައާއި، މެދުފޮއި ރޯދަ ފަދަ ސުންނަތް ރޯދަތަކުގެ ނިޔަތް ޖަމާޢަކުރެވިދާނެއެވެ. (ޔަޢުނީ މިސާލަކަށް ހޯމަ ބުރާސްފަތީގެ ސުންނަތް ރޯދަ ހިފާއިރު ޝައްވާލު މަހުގެ ހަރޯދަ ހިފަންވެސް ނިޔަތް ގަނެފިނަމަ ދެރޯދައިގެ ޘަވާބުވެސް ލިބޭނެއެވެ).
 • ޝައްވާލު ހަރޯދަ ހިފައި ނިންމުމަށް ފަހު ފާހަނގަކުރުން ޝަރުޢުވެގެންވާ ޢީދެއް ނުވެއެވެ.