[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 7 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الطَّحَاوِيُّ رحمه الله: “وَلاَ شَيْءَ مِثْلُهُ، وَلاَ شَيْءَ يُعْجِزُهُ، وَلاَ إِلَهَ غَيْرُهُ”.

ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“އަދި އެއިލާހާ އެއްފަދަ ވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ. އަދި އެއިލާހަށް ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއިލާހު ފިޔަވައި ޙައްޤު އެހެން އިލާހެއްނުވެއެވެ.”

_________________________________________________________________

(ކުރީގެ ބަޔާގުޅޭ)

ޝަރަޙަ:

* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ތިންވަނަ ޖުމްލަ “وَلاَ إِلَهَ غَيْرُهُ” (އަދި އެއިލާހު ފިޔަވައި ޙައްޤު އިލާހެއްނުވެއެވެ.) ދަންނައެވެ. މިޖުމްލައިން އަންގައިދެނީ އިލާހުވަންތަކަމުގައި ﷲ އެއްކައުވަންތަކަމެވެ. މިއީ އެކަލިމައަކަށް އެންމެހާ ރަސޫލުންނާއި ނަބިއްޔުން ގޮވާލެއްވި މަތިވެރި ކަލިމަ “لا إله إلاّ الله” އެވެ. މިކަލިމައިގެ މާނައަކީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެއްވެސް އިލާހެއް ނުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلاَّ نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلاَّ أَنَا فَاعْبُدُونِ)) الأنبياء: 25 މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!”

“لا إله إلاّ الله” މިކަލިމާގައި ދެރުކުނެއް އެކުލެވިފައިވެއެވެ. އެއީ ނަފީކުރުމާއި އިޘްބަތުކުރުމެވެ. ނަފީކުރުން ނެގިފައިވަނީ “لا إله” މިޢިބާރާތުންނެވެ. ނަފީކުރުމުގެ މާނައަކީ ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހާ ފަރާތްތައް ނަފީކުރުމެވެ. އެހެން ޢިބާރަތަކުން ބުނަނީނަމަ އެއިލާހު ފިޔަވައި އަޅުކަންވެވޭ އެންމެހާ ފަރާތްތަކަށް ކާފަރުވުމެވެ. އަދި އިޘްބާތުކުރުން ނެގިފައިވަނީ “إلاّ الله” މިޢިބާރާތުންނެވެ. އިޘްބާތުކުރުމުގެ މާނައަކީ މުދަލުންނާއި ހަށިގަނޑުން ނުވަތަ މިދެބައި ހިމެނޭގޮތަށް ކުރެވޭ އެންމެހާ އަޅުކަންތައް ހަމައެކަނި އެއްކައުވަންތަ ﷲ އަށް ނިސްބަތްކުރުމެވެ. މިދެރުކުނަށް އެއްކޮށް އީމާންވެގެން މެނުވީ ތަވްޙީދުގެ އަހުލުވެރިޔަކަށް ނުވެވޭނެއެވެ. މިދެރުކުނުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެވެ. ((فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدْ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى)) البقرة: 256  މާނައީ: “ފަހެ، ޠާޣޫތުންނަށް (އެބަހީ ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހާ ފަރާތްތަކަށް) ކާފަރުވެ، ﷲ އަށް އީމާންވާމީހާ ދަންނާށެވެ. ފަހެ، އެމީހަކު ވަރުގަދަވެގެންވާ ދީނުގައި ހިފަހައްޓައިފިއެވެ.” މިއާޔަތުގައިވާ ((فَمَنْ يَكْفُرْ بِالطَّاغُوتِ))  މިބަސްފުޅުން ދޭހަވަނީ ނަފީކުރުމެވެ. އަދި ((وَيُؤْمِنْ بِاللَّهِ)) މިބަސްފުޅުން ދޭހަވަނީ އިޘްބާތުކުރުމެވެ.

“إله” މިކަލިމައިގެ މާނަ ދަންނައެވެ. މަގުފުރެދިފައިވާ ފިރުޤާތަކުގެ މީހުން މިކަލިމަ މާނަކުރަނީ “ربّ” މިމާނައިގައެވެ. މިއީ ރަނގަޅު މާނަކުރުމެއް ނޫނެވެ. އެހެނީ “ربّ” ގެ މާނައަކީ އެންމެހާ ޚަލްޤުތަކެއް ބަލަހައްޓަވައި، އެއެންމެހާ ޚަލްޤުތަކެއްގެ މައްޗަށް ކުޅަދުންވަންތަ، އަދި އެހެން އެއްވެސް ފަރާތެއްގެ އެހީއާއި މަދަދަށް ބޭނުންވެވޮޑިގެންނުވާ، އަދި އެހެން ހުރިހާ ފަރާތެއް އެފަރާތަކަށް ބޭނުންވެގެންވާ ފަރާތެވެ. މިއާޚިލާފަށް “إله” އަކީ ލޯތްބާއި ކިޔަމަންތެރިކަމާއި ރުހުމާއެކު އަޅުކަންވެވޭ ފަރާތެވެ. ކަންމިހެންހުރުމާއެކު، “إله” ގެ މާނާގައި “ربّ” އޭ ބުނުން އެއީ ޞައްޙަގޮތެއް ނޫނެވެ. އެހެނީ، ނަބީބޭކަލުންނާއި އެބޭކަލުންގެ ޤައުމުތަކުގެ މީސްތަކުންނާ ޚިޔާލުތަފާތުވެފައިވަނީ ރައްބުވަންތަކަމުގެ މައްސަލާގައެއް ނޫނެވެ. އެހެނެއްކަމަކު ޚިޔާލުތަފާތުވެފައިވަނީ އަޅުކަންވެވޭ ފަރާތުގެ މައްސަލާގައެވެ. އެހެން ހުރިހާ އިލާހުންތައް ދޫކޮށް ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ޚާލިޞްކުރުމުގެ މައްސަލާގައެވެ.

“لا إله إلاّ الله” މިކަލިމައިގެ ޞައްޙަ މާނަކަމުގައި ޢިލްމުވެރިން ވިދާޅުވެލައްވަނީ “لاَ مَعْبُودَ بِحَقٍّ إلاَّ اللهُ” އެވެ. އެބަހީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ ފަރާތެއް ނުވެއެވެ. އަޅުގަނޑުމެން މިކަލިމައިގެ މާނާގައި “ޙައްޤުވެގެން” މިފަދައިން ނުގެންނަކަމުގައިވާނަމަ ދެގޮތަކުން މާނައަށް ބަދަލު އަންނާނެއެވެ. ފުރަތަމައީ: އަޅުގަނޑުމެން “ﷲ ފިޔަވައި އަޅުކަމެއް ވެވޭ ފަރާތެއް ނުވެއެވެ.” މިފަދައިން މާނަކޮށްފިނަމަ އެކަލިމައިގެ މާނަ އެއަންނަނީ އަޅުކަމެއް ކޮށްފިނަމަ އެއަޅުކަން ކުރެވެނީ ﷲ އަށެވެ. މިފަދައިންނެވެ. މިކަލިމަ މިފަދައިން މާނަކޮށްގެން މިކަލިމައާ ފުށުއަރައެވެ. ﷲ ފިޔަވައި އެހެން އިލާހުންތައް ޤަބޫލުކުރާމީހުންވެސް ސަޖިދަކުރުން، ދުޢާކުރުން، ނަދުރުބުނުން ފަދަ އަޅުކަންތައް ކޮށްއުޅެއެވެ. ނަމަވެސް އެއީ ﷲއަށް ކުރެވޭ އަޅުކަންތަކެއް ނޫނެވެ. އެއިލާހަށް ކުރެވޭ އަޅުކަމަކީ އެއިލާހަށް އިޚްލާޞްތެރިކަމާއެކު، އަދި އެއިލާހުގެ ފޮތުގައި ނުވަތަ މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ބަޔާންކޮށްދެއްވާފައިވާގޮތަށް ކުރެވޭ އަޅުކަންތަކެވެ. ދެވަނައީ: އަޅުގަނޑުމެން އެފަދައިން މާނަކޮށްފިނަމަ އެކަލިމައިގެ މާނަ އެއަންނަނީ އިލާހަކީ ހަމައެކަނި ﷲ ކަމެވެ. މިފަދައިންނެވެ. ޢަރަބިބަހުގައި އިލާހަކީ ޙައްޤުގޮތުގައި އަދި ބާޠިލުގޮތުގައި އަޅުކަންވެވޭ ފަރާތެވެ. މިއީވެސް ފުށުއެރުމެކެވެ. އެހެނީ، ކާފަރުން އަޅުކަންކުރާ ބާޠިލު ފަރާތްތަކަކީވެސް އިލާހުން ކަމުގައި ﷲ ބަޔާންކުރައްވާފައިވެއެވެ. މިގޮތުން ﷲ ވަޙީ ކުރައްވާފައިވާ އެއްއާޔަތަކީ ((وَمَا ظَلَمْنَاهُمْ وَلَكِنْ ظَلَمُوا أَنفُسَهُمْ فَمَا أَغْنَتْ عَنْهُمْ آلِهَتُهُمْ الَّتِي يَدْعُونَ مِنْ دُونِ اللَّهِ مِنْ شَيْءٍ لَمَّا جَاءَ أَمْرُ رَبِّكَ وَمَا زَادُوهُمْ غَيْرَ تَتْبِيبٍ)) هود:101 މާނައީ: “އަދި ތިމަންއިލާހު އެބައިމީހުންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު، އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް، އެބައިމީހުން އަނިޔާވެރިވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިއިލާހުގެ އަމުރުފުޅު އައިހިނދު، ﷲ ފިޔަވައި، އެބައިމީހުން އަޅުކަންކޮށްއުޅުނު އެބައިމީހުންގެ އިލާހުންތައް، އެއްވެސްކަމެއް އެބައިމީހުންނަކަށް ފުއްދައެއް ނުދިނެވެ. އަދި އެ އިލާހުން، އެބައިމީހުންނަށް ގެއްލުންދިނުން މެނުވީ އިތުރެއް ނުކުރެތެވެ.” މިއާޔަތުގައި ﷲ ފިޔަވައި އަޅުކަން ވެވޭ ފަރާތްތަކަކީވެސް އިލާހުންކަމުގައި ﷲ އަންގަވާފައި އެވަނީއެވެ. ވުމާއެކު، މިކަލިމައިގެ ޞައްޙަ މާނާއެއް ގެންނަކަމުގައި ވަނީނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެއިލާހު ފިޔަވައި އަޅުކަންވެވޭ އިލާހުންތައް ފަރަޤުކުރަން އެބަޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ ޙައްޤުގޮތުގައި އަޅުކަން ވެވޭ އިލާހެވެ. އެއިލާހު ފިޔަވައި ދެން އަޅުކަންވެވޭ އިލާހުންތަކަކީ ބާޠިލު އިލާހުންތަކެކެވެ.

ނަމާދުގައި ޝަރުޠުތަކެއް ވާފަދައިން ތަވްޙީދުގެ ކަލިމާގައިވެސް ޝަރުޠުތަކެއް އެކުލެވިގެންވެއެވެ. ޝަރުޠެއް އުނިވުމުގެ ސަބަބުން ނަމާދު ޞައްޙަނުވާފަދައިން، މިކަލިމައިގެ ޝަރުޠެއް އުނިވެއްޖެނަމަވެސް ހަމައެކަނި އެކަލިމަ ކިޔާލުމަކުން މަންފާނުކުރާނެއެވެ. އެގޮތުން ހަތްޝަރުޠެއް ވެއެވެ. އެއީ:

1. ޢިލްމު: ޢިލްމުގެ މާނައަކީ މިކަލިމަ ނަފީކޮށް އިޘްބާތުކުރުމުގެ މާނަ ދެނެގަތުމާއެކު، އެކަލިމައިން ލާޒިމުކުރާ ޢަމަލުތައް ދެނެގަތުމެވެ. މިސާލަކަށް ﷲ ޤަބޫލުކުރައްވާ ޢަމަލުތަކާއި ޤަބޫލުނުކުރައްވާ ޢަމަލުތަކަކީ ކޮބައިކަން ދެނެގަތުމެވެ. ޢިލްމު ގެ ސަބަބުން ޖާހިލުކަން ދުރުކޮށްދޭނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((فَاعْلَمْ أَنَّهُ لا إِلَهَ إِلاَّ اللَّهُ)) محمد: 19 މާނައީ: “ފަހެ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަން ދެނެގަންނާށެވެ.”

2. ޔަޤީންކުރުން: ޔަޤީންކުރުމުގެ މާނައަކީ މިކަލިމައިން ދޭހަކޮށްދޭ މާނަ ދެނެހުރެ މިކަލިމަ ދުލުން ކިޔުމާއެކު، މިކަލިމައާމެދު ޝައްކު ނުކުރުމާއި، ދެފުށްދެގޮތް ނުވުމެވެ. ޔަޤީންކުރުމުގެ ސަބަބުން ޝައްކު ދުރުކޮށްދޭނެއެވެ. ((إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا)) الحجرات: 15 މާނައީ: “މުއުމިނުން ކަމުގައިވާކަން ކަށަވަރީ، ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން (އެ އީމާންކަމާމެދު) ޝައްކު ނުކުރާ މީހުންނެވެ.”

3. ޤަބޫލުކުރުން: ޤަބޫލުކުރުމުގެ މާނައަކީ މިކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް ހިތުންނާއި ދުލުން ޤަބޫލުކުރުމެވެ. އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ގެނެސްދެއްވި އެންމެހާކަމަކަށް އީމާންވުމެވެ. ޤަބޫލުކުރުމުގެ ސަބަބުން ޤަބޫލުނުކޮށް ރައްދުކުރުން ދުރުކޮށްދޭނެއެވެ. ޤަބޫލުނުކޮށް ބޮޑައިވެގަންނަ މީހުންނާ ބެހޭގޮތުން ވަޙީ ކުރައްވާފައިވެއެވެ. ((إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لا إِلَهَ إِلاَّ اللَّهُ يَسْتَكْبِرُونَ)) الصافات: 35  މާނައީ: “ހަމަކަށަވަރުން، ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް އެބައިމީހުންނަށް ބުނެފިހިނދަކު އެބައިމިހުން ބޮޑާވެގަންނަކަމުގައިވެއެވެ.”

4. އިޚްލާޞްތެރިވުން: އިޚްލާޞްތެރިވުމުގެ މާނައަކީ މިކަލިމައަށާއި މިކަލިމައިން ދޭހަކޮށްދޭ މާނައަށް އިޚްލާޞްތެރިވުމެވެ. ބަހާއި ޢަމަލުގައި އެއްވެސް ކަހަލަ ދެއްކުންތެރިކަމެއްނެތި ހަމައެކަނި ﷲއަށް ކުރުމެވެ. އިޚްލާޞްތެރިވުމުގެ ސަބަބުން ޝިރުކު ދުރުކޮށްދޭނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((فَاعْبُدِ اللَّهَ مُخْلِصاً لَهُ الدِّينَ)) الزمر: 2  މާނައީ : “ފަހެ، ﷲއަށް ދީން ޚާލިޞްކުރާ ޙާލު، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ.”

5. އިންޤިޔާދުކުރުން: އިންޤިޔާދުކުރުމުގެ މާނައަކީ މިކަލިމައިން ދޭހަކޮށްދޭ މާނައަށް ބޯލަނބައި ކިޔަމަންގަތުމެވެ. އިންޤިޔާދުކުރުމުގެ ސަބަބުން ނުކޮށް ދޫކޮށްލުން ދުރުކޮށްދޭނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى)) لقمان: 22  މާނައީ: “إحسانއިޙްސާންތެރިއެއްކަމުގައިވާ ޙާލު، ﷲއަށް (އިޚްލާޞްތެރިކަމާއެކު) ކިޔަމަންވެ ކުރިމަތިލާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެންމެ ވަރުގަދަ ވާފަށުގައި (އެބަހީ ސަލާމަތުގެ ވާފަށުގައި) ހިފަހައްޓައިފިކަން ކަށަވަރެވެ.”

6. ތެދުވެރިވުން: ތެދުވެރިވުމުގެ މާނައަކީ މިކަލިމައިން ދޭހަކޮށްދޭ މާނައަށް އެތެރެފުށުންނާއި ބޭރުފުށުން ތެދުވެރިވުމެވެ. މުނާފިޤުން ފަދައިން އެތެރެފުށުގައި ނުވާއެއްޗެއް ބޭރުފުށުން ދެއްކުމެއް ނޫނެވެ. ތެދުވެރިވުމުގެ ސަބަބުން ދޮގުކުރުން ދުރުކޮށްދޭނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ * وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ)) العنكبوت: 2 – 3  މާނައީ: “اމީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެބައިމީހުން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެބައިމީހުންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަންއިލާހު އިމްތިޙާނުކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.”

7. ލޯބިވުން: ލޯބިވުމުގެ މާނައަކީ މިކަލިމަދެކެ ލޯބިވުމާއި، އެކަލިމައިގެ އަހުލުވެރިންދެކެ ލޯބިވުމާއި، އެކަލިމައިގެ މަގަށް ގޮވާލާ މީހުންދެކެ ލޯބިވުމެވެ. އަދި ހަމައެފަދައިން އެކަލިމަ ފޯރުކޮށް ބަޔާންކޮށްދޭ މީހުންނާއި، އެކަލިމަ އިޢްލާން ކުރުމަށް ޖިހާދުކުރާ މީހުންދެކެ ލޯބިވުމެވެ. މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންނާއި، އެބޭކަލުން ދައްކަވައި ދެއްވި ސާފުސީދާ މަގުގައި އެތެރެފުށުންނާއި ބޭރުފުށުން ބަހުންނާއި، ޢަމަލުން ތަބާވިމީހުންދެކެ ލޯބިވުމެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَمِنْ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَندَاداً يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آمَنُوا أَشَدُّ حُبّاً لِلَّهِ)) البقرة: 165 މާނައީ: “އަދި ﷲ ފިޔަވައި އެކަލާނގެއާ އެއްފަދަ ޝަރީކުشريكން ތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. ﷲ ދެކެ ލޯބިވާ ފަދައިން، އެބައިމީހުން އެޝަރީކުشريكން ދެކެ ލޯބިވެއެވެ. އަދި އީމާންإيمانވި މީހުން ﷲދެކެ ލޯބިވުން މާބޮޑެވެ.”

_________________________________________________

ސުވާލު:

1. އިމާމް ޠަޙާވީ ރަޙިމަހުﷲގެ ތިންވަނަ ޖުމްލަ “وَلاَ إِلَهَ غَيْرُهُ” (އަދި އެއިލާހު ފިޔަވައި ޙައްޤު އިލާހެއްނުވެއެވެ.)، މިޖުމްލައިން އަންގައިދެނީ ކޮންކަމެއް؟

2. “لا إله إلاّ الله” މިކަލިމާގައި އެކުލެވިގެންވާ ދެރުކުނަކީ ކޮބާ؟ އަދި އޭގެ ދަލީލަކީ ކޮބާ؟

3. “لا إله إلاّ الله” މިކަލިމައިގެ ޞައްޙަ މާނައަކީ ކޮބާ؟

4. ޢަރަބިބަހުގައި “إله” އާއި “ربّ” ގެ މާނައަކީ ކޮބާ؟

5. “لا إله إلاّ الله” މިކަލިމައިގެ ހަތްޝަރުޠަކީ ކޮބާ؟

__________________________________________________

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް