[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމްތިޙާނުތަކުގައި މަކަރު ހެދުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އިމްތިޙާނުތަކުގައި (ޓެސްޓުތަކުގައި) މަކަރު ހެދުމަކީ ޙަރާންކަމެކެވެ. އަދި އެއީ މުންކަރާތެއްވެސް މެއެވެ. އެއީ އެކިއެކި މުޢާމަލާތުކުރުމުގައި މަކަރާއި ޙީލަތް ހެދުން ފަދަ ކަމެކެވެ. އަދި ބައެއް ފަހަރު މުޢާމަލާތްކުގައި މަކަރުހެދުމަށް ވުރެވެސް ނުބައިކަމަކަށް އެކަން ވެދާނެއެވެ. އެއީ އިމްތިޙާނުގައި މަކަރުހަދައި ފާސްވެ ބޮޑު ވަޒީފާއެއް ވެސް ލިބިދާނެއެވެ.

އެހެންކަމުން އެއްވެސް މާއްދާއެއްގެ އިމްތިޙާނެއްގައި މަކަރު ހެދުން ޙަރާމެވެ. ނަބިއްޔާ ﷺ ގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.

«وَمَنْ غَشَّنَا فَلَيْسَ مِنَّا» [رواه مسلم برقم: 164 – (101)]

މާނައީ: “އަހަރުމެންނަށް މަކަރު ހަދައިފި މީހަކީ އަހަރުމެންގެ ތެރެއިންވާ މީހެއް ނޫނެވެ.”

އެހެނީ އެއީ ޚިޔާނާތެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّـهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ﴾ [سورة الأنفال 27]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!”

އެހެންކަމުން ކިޔަވާ ކުދިންނަށް ވާޖިބުވެގެންވަނީ އެއްވެސް މާއްދާއެއްގައި މަކަރު ނުހެދުމެވެ. އަދި ގަދައަށް މަސައްކަތްކޮށް (ޓެސްޓުތަކަށް) ރަނގަޅަށް ތައްޔާރުވުމެވެ. އޭރުން އިމްތިޙާނުތަކުގައި ރަނގަޅަށް ފާސްވާނެއެވެ.

މަކަރު ނުހަދާ ޓެސްޓު ހަދާ މީހާއަކީ ރަނގަޅަށް ކަންކުރާ މީހެކެވެ. ބައެއް މާއްދާތައް ރިޕީޓުކުރަން ޖެހެނަސް ތިބާގެ މައްޗަށް އޮތީ ރަނގަޅަށް މަސައްކަތްކޮށް ހެޔޮގޮތުގައި ކުރިއަށް ދިޔުމެވެ.

ފަހެ ޙައްޤަށް ތަބާވުން މާ އައުލާކަން ބޮޑެވެ. އަދި ހެޔޮކަން ލިބޭނެކަމުގެ އުފާތެރި ޚަބަރު ލިބިގަންނާށެވެ. އަދި ހެޔޮ ނިމުންވެސް އެފަދަ މީހުންނަށް ހުށްޓެވެ.

ތެދުވެރިކަމާއެކު ތައްޔާރުވެ މަސައްކަތްކުރަންޏާ ތިބާގެ ކަންތައްތައް ﷲ ތަޢާލާ ފަސޭހަކޮށްދެއްވާނެއެވެ.

﴿وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا [٢] وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ …﴾ [سورة الطلاق 2 – 3]

މާނައީ: “އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އެއިލާހު އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެއެވެ. [2] އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެއިލާހު އޭނާއަށް ރިޒްޤު ދެއްވާނެއެވެ. …”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴾ [سورة الطلاق 4]

މާނައީ: “އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެއިލާހު އޭނާއަށް ފަސޭހަކަން ލައްވާނެއެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّـهَ يَجْعَل لَّكُمْ فُرْقَانًا﴾ [سورة الأنفال 29]  

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާނަމަ، ތިޔަބައިމީހުންނަށް ޙައްޤާއި ބާޠިލު ވަކިކުރާނެ މަގު، އެއިލާހު ދައްކަވާނެއެވެ.”

الفُرْقَان އަކީ ނޫރާއި ޢިލްމާއި ހިދާޔަތެވެ.

ޢިލްމު ހޯދުމުގެ ރަނގަޅު މަގުގައި ގަދައަޅާ މަސައްކަތްކުރާށެވެ. އަދި ޢިލްމު ޙާޞިކުރުމުގައި ގަދައަޅާ މަސައްކަތްކުރުމަށް ސަމާލުވާށެވެ. އަދި ﷲ އާ މެދު ހެޔޮކޮށް ހީކުރާށެވެ. އަދި އެއިލާހުގެ ޙަޟްރަތުން ތައުފީޤު ދެއްވުމަށް އެދި ދުޢާކުރާށެވެ. އަދި ހެޔޮކަމާއި ހެޔޮ ނިމުން ހުރިކަމުގެ އުފާވެރި ޚަބަރު ލިބިގަންނާށެވެ. އަދި މަކަރު ހަދާ އުޅޭ ބައެއްގެ ކަންތައްތައް ފެނިފައި ކެހިވެރި ނުވާށެވެ. އަދި އެމީހުންނަށް ލިބޭ ކުރިއެރުންތައް ލިބުމަށްވެސް ނޭދޭށެވެ. އެހެނީ އެބައިމީހުން އެވަނީ ބޮޑު ފާފައަކަށް އަރިއިގަނެފައެވެ. އަދި ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ.

نسأل الله السلامة.

 

= ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله =


މަޞްދަރު