[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 42

  • ޢިލްމު ޙާޞިލުކުރެއްވުމުގެ ދަތުރު

 

  ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. ބަނޫ އިސްރާއީލުގެ މީހުންނަށް އެއްދުވަހު މޫސާގެފާނު ޚުތުބާ ދެއްވިއެވެ. އެކަލޭގެފާނާއި ސުވާލު ދެންނެވުނެވެ. އެންމެ ޢިލްމުވެރިވެރި  މީހަކީ ކޮން ބޭކަލެއް ހެއްޔެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އެންމެ ޢިލްމުވެރި މީހަކީ ތިމަންކަލޭގެފާނެވެ. މޫސާގެފާނުގެ ބަސްފުޅާއި މެދު ﷲ ތަޢާލާ ރުހިވޮޑިއެއްނުގެންނެވިއެވެ. އެއީ ޢިލްމު ﷲ ތަޢާލާއަށް ރައްދު ނުކުރެއްވީތީއެވެ. މޫސާގެފާނަށް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ދެކަނޑު ގުޅުނު ތަނުގައިވާ ތިމަންއިލާހުގެ އަޅުތަކުންގެ ތެރެއިން އަޅެއް، ކަލޭގެފާނަށްވުރެ ޢިލްމުވެރިވެގެންވެއެވެ. މޫސާގެފާނު ވިދާޅުވިއެވެ. އޭ ރައްބެވެ. އެއީ ކިހިނަކުން ހެއްޔެވެ.

މޫސާގެފާނަށް ދެންނެވުނެވެ. ވަށިގަނޑަކަށް މަހެއް ލައްވައިގެން ވަޑައިގަންނަވާށެވެ. ފަހެ އެ މަސް ގެއްލިއްޖެ ހިސާބަކީ އެ ބޭކަލަކާއި ބައްދަލުވެވަޑައިގަންނަވާނެ ތަނެވެ.

ދެން އެއަށްފަހު ޒުވާން ބޭކަލެއްކަމުގައިވާ ޔޫޝަޢު ބުން ނޫންއާއި އެކީ ދަތުރު ފައްޓަވަފިއެވެ. އެ ދެ ބޭކަލުންނާއެކު ވަށިގަނޑެއްގައި މަހެއް ގެންދެވިއެވެ. ބޮޑު ހިލަގަނޑެއްގެ ކައިރިއަށް އާދެވިއްޖައުމަށް ދާންދެނެވެ. އެ ހިލަގަނޑުގެ މަތީގައި އެ ދެބޭކަލުން އަރާމުކުރައްވަން މަޑުކުރެއްވިއެވެ. އެހިނދު އެ މަސް، އެވަށިގަނޑުން ކަނޑަށް ފުންމާލުމަށް ފަހު، ފިލައިފިއެވެ.

(فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا) [1]

މާނަ: “ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެ ތެރެއަށް ހިނގައްޖެއެވެ.”

އެ ދެބޭކަލުން އަރާމުކުރެއްވުމަށް ފަހު، އެ ދުވަހުގެ ބާކީބައިގައްޔާއި، ރޭގަނޑު ފާއިތުވަންދެން ދަތުރު ކުރެއްވިއެވެ. ދުވާލުވުމުން، މޫސާގެފާނު ޒުވާނާއަށް ވިދާޅުވިއެވެ.

(آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا) [2]

މާނަ:  “ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށް ބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ.”

މޫސާގެފާނު ވަރުބަލިފުޅުވެގެން ދިޔައިރުވެސް އެތަނެއް ފާހަގަނުކުރެވުނެވެ. އޭރު ވަނީ ދާންޖެހޭ ތަން ފަހަނައަޅައި ގޮސްފައެވެ. އެ ޒުވާނާ މޫސާގެފާނަށް ދެންނެވިއެވެ.

(أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ) [3]

މާނަ: “ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެ މަތިން ހަނދާން ނެތުނީއެވެ.”

މުސާގެފާނު ވިދާޅުވިއެވެ.

(ذَٰلِكَ مَا كُنَّا نَبْغِ) [4]

މާނަ: “ތިމަންމެން ބޭނުންވެގެން މިއުޅެނީ އެތަނެވެ.”

(فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا)

މާނަ: “ދެން އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ.”

އެ ބޮޑު ހިލަކައިރިއަށް ދެވުނު ހިނދު، އެ ހިލަކައިރީގައި ހެދުމެއްގައި ފޮރުވިގެން ހުންނެވި ބޭކަލެއް ހުންނެވިއެވެ. މުސާގެފާނު އެބޭކަލަކަށް ސަލާމްކުރެއްވިއެވެ.

ޚަޟިރުގެފާނު ވިދާޅުވިއެވެ.

މިބިމުގައި މީހަކު ސަލާމް ގޮވުމަކީ ވަރަށް ޢަޖައިބުކުރުވަނިވި ކަމެކެވެ.

މޫސާގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަކީ މޫސާގެފާނެވެ.

ޚަޟިރުގެފާނު ވިދާޅުވިއެވެ. ބަނީ އިސްރާއީލުގެ މުސާގެފާނު ހެއްޔެވެ؟

މޫސާގެފާނު ވިދާޅުވިއެވެ. އާދެހެވެ.

މުސާގެފާނު ވިދާޅުވިއެވެ.

(هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا) [5]

މާނަ: “ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާވަންތޯއެވެ؟”

(قَالَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا) [6]

މާނަ: “އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުުޅަދާނަވެގެނެއް ނުވާނެއެވެ.”

އޭ މޫސާގެފާނެވެ. ތިމަންކަލޭގެފާނު މި ހުންނެވީ ﷲގެ ޢިލްމުން، އެ އިލާހު އުނގަންނަވައިދެއްވި ޢިލްމެއްގެ މަތީގައެވެ. އެ ޢިލްމު ކަލޭގެފާނަށް އެނގިވަޑައެއް ނުގަނެއެވެ. ﷲ ގެ ޢިލްމުން، އެ އިލާހުވަނީ ކަލޭގެފާނަށްވެސް ޢިލްމުގެ މިންވަރެއް އުނގަންނަވައިދެއްވާފައެވެ. އެ ޢިލްމު ތިމަންކަލޭގެފާނު ދެނެވަޑައެއްނުގަންނަވަމެވެ.

ދެން އެ ދެބޭކަލުން ބަދަރުކައިރިއަށް ހިންގަވައި ވަޑައިގަތެވެ. އެދެބޭކަލުން ދަތުރުކުރައްވާނޭ ނަވެއް ނުވެއެވެ. އެ ދެބޭކަލުންގެ ކައިރިން ނަވެއް ހުރަސްކުރިއެވެ. އެ ދެބޭކަލުން ގޮވައިގެން ދަތުރުކުރުމަށް، ނަވުގެ ފަޅުވެރިންނާއި ވާހަކަޕުޅު ދެއްކެވިއެވެ. އެ މީހުންނަށް ޚަޟިރުގެފާނު އެނގެއެވެ. އެއްވެސް އަގެއް ނުނަގައި، ނަވުގައި އެދެބޭކަނލުން އުފުއްލެވިއެވެ.

ކުޑަ ދޫންޏެއް އައެވެ. ނަވުގެ އެއް ފަރާތުގައި އޭތި އިނެވެ. ދެން އިރުކޮޅަކުން ކަނޑުގެ ފެނުގެ ތެރެއިން ކޯވަރެއް ނުވަތަ ދެކޯވަރުގެ ފެން، އެ ދޫނި ނެގިއެވެ. ޚަޟިރުގެފާނު ވިދާޅުވިއެވެ. އޭ މޫސާގެފާނެވެ! ތިމަންކަލޭގެފާނުގެ ޢިލްމާއި ކަލޭގެފާނުގެ ޢިލްމާއި މީސްތަކުންނަށް ލިބިފައިވާ ޢިލްމަކީ އެ ދޫނި އެ ނެގި ކޯވަރުގެ މިންވަރެވެ. (އެއީ ﷲ ތަޢާލާގެ ޢިލްމާ އަޅާބަލާއިރު އެވެ. އެހެނީ ﷲ ތަޢާލާ އިންސާނުންނަށް ދެއްވާފައިވަނީ ޢިލްމުގެ ތެރެއިން ވަރަށްވެސް މަދު މިންވަރެކެވެ).

ދެން އެއަށްފަހު ޚަޟިރުގެފާނު، އެ ނަވުން ފިލާ ގަނޑެއް ނައްޓަވާ، އެ ނަވު ފޫދުއްވާލިއެވެ. މޫސާގެފާނު ޚަޟިރުގެފާނަށް ދެންނެވިއެވެ. އެ ނަވުގެ މީހުން އަހަރުމެން، މި ނަވުގައި އުފުލުމަށް، އެއްވެސް އަގެއް ނުނަގައެވެ. އެހެނެއް ކަމަކު ކަލޭގެފާނު ނަވު ފޫދުއްވާލީ އެމީހުން ޣަރަޤު ކުރަވަންތޯއެވެ؟ ތިޔަ ކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ.

ޚަޟިރުގެފާނު ވިދާޅުވިއެވެ.

( أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا) [7]

މާނަ: “ހަމަކަށަވަރުން، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟”

އެހިނދު މޫސާގެފާނު ދެންނެވިއެވެ.

(قَالَ لَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا) [8]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ!”

ފުރަތަމަ ފަހަރު މޫސާގެފާނު ހަނދުމަނެތިވަޑައިގަަތީއެވެ. ދެން އެ ދެބޭކަލުން ކުރިޔަށް ވަޑައިގަންނަވަނިކޮށް ކުޑަކުދިންތަކަކާއެކު ކުޅެން ހުރި ފިރިހެން ކުއްޖެއް ފެނިވަޑައިގަތެވެ. އެހިނދު ޚަޟިރުގެފާނު އެ ކުޑަ ކުއްޖާ ޤަތުލުކުރެއްވިއެވެ.

މޫސާގެފާނު ދެންނެވިއެވެ.

(أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ نَفْسٍ) [9]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. އެކަކުވެސް މަރާފައިނުވާ، ކުށެއް ނެތް، ޠާހިރު ނަފްސެއް، ކަލޭގެފާނު ތިޔަ ޤަތުލުކުރެއްވީތޯއެވެ؟”

ޚަޟިރުގެފާނު ވިދާޅުވިއެވެ.

(أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا) [10]

މާނަ: “ހަމަކަށަވަރުން، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ، ތިމަންކަލޭގެފާނު ކަލޭގެފާނަކަށް ނުދަންނަވަންތޯއެވެ؟”

(فَانطَلَقَا حَتَّىٰ إِذَا أَتَيَا أَهْلَ قَرْيَةٍ اسْتَطْعَمَا أَهْلَهَا فَأَبَوْا أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ) [11]

މާނަ: “ދެން އެ ދެބޭކަލުން ކުރިޔަށް ހިންގަވައިވަޑައިގަންނަވަމުން، ރަށެއްގެ އަހުލުވެރިބަޔަކާ ހަމައަށް ވަޑައިގެންނެވުނު ހިނދު، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުރިއެވެ. ދެން އެރަށުން ވެއްޓެންކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ.”

ޚަޟިރުގެފާނު އެކަލޭގެފާނުގެ އަތްޕުޅިން އެ ފާރު ސީދާކުރެއްވިއެވެ.  އެހިނދު މޫސާގެފާނު ދެންނެވިއެވެ.

(قَالَ لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرًا)

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެކަމަށް އުޖޫރައެއް ހިއްޕެވިދާނެއެވެ.”

ޚަޟިރުގެފާނު ވިދާޅުވިއެވެ.

( هَـٰذَا فِرَاقُ بَيْنِي وَبَيْنِكَ) [12]

މާނަ: “މިއީ ތިމަންކަލޭގެފާނާއި، ކަލޭގެފާނާ ދެމެދުގެ ވަކިވުމެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] الكهف  61

[2] الكهف  62

[3] الكهف  63

[4]   الكهف 64

[5]   الكهف 66

[6]  الكهف 67

[7]  الكهف 72

[8]    الكهف 73

[9]  الكهف 74

[10]  الكهف  75

[11]   الكهف 77

[12] الكهف 78