-
ޢުޤޫބާތް.
ސާމިރިއްޔު، ބަނޫ އިސްރާއީލުގެ މީހުން މަގުފުރެއްދި ޚަބަރު މޫސާގެފާނަށް ﷲ ތަޢާލާ ދެއްވިއެވެ. މޫސާގެފާނު ކޯފާވެ، ހިތާމަކުރައްވާ ޙާލު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ވަޑައިގަތެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުން ދެކެ ކޯފާވެވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ އަޚް ހާރޫނުގެފާނާމެދުވެސް ކޯފާވެވަޑައިގެންނެވިއެވެ.
(قَالَ يَا هَارُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوا) [1]
މާނަ: “އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ. އޭ ހާރޫނުގެފާނެވެ! އެއުރެން މަގުފުރެދިގެން ދިޔަތަން ކަލޭގެފާނަށް ފެނިވަޑައިގަތް ހިނދު، ތިމަންކަލޭގެފާނުގެ އަރިހަށް (އެޚަބަރާއިގެން) ވަޑައިގަތުން ކަލޭގެފާނަށް މަނާކުރީ ކޮންކަމެއްތޯއެވެ؟
(أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِي) [2]
ކަލޭގެފާނު ތިމަންކަލޭގެފާނަށް ތަބާވެވަޑައިނުގަންނަވަނީ ހެއްޔެވެ؟ ފަހެ، ތިމަންކަލޭގެފާނުގެ އަމުރަށް ކަލޭގެފާނު އުރެދިވަޑައިގަތީ ހެއްޔެވެ؟”
ޙާރޫނުގެފާނު ޢުޒުރު ދެއްކެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
(إِنِّي خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِي إِسْرَائِيلَ وَلَمْ تَرْقُبْ قَوْلِي) [3]
މާނަ: “ހަމަކަށަވަރުން، (އެބައިމީހުން ގެރިއަށް އަޅުކަންކުރުމުން، އެބައިމީހުން ދޫކޮށްލާފައި ދިޔައީމާ) އިސްރާއީލުގެ ދަރިން ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވެދާނެތީ، ތިމަން ބިރުގަތީއެވެ. އަދި ކަލޭގެފާނު ވިދާޅުވިގޮތަށް ނެހެއްދެވިކަމަށް ވިދާޅުވެދާނެތީއެވެ.”
(إِنَّ الْقَوْمَ اسْتَضْعَفُونِي وَكَادُوا يَقْتُلُونَنِي) [4]
މާނަ: “ހަމަކަށަވަރުން، ޤައުމުގެ މީހުން ތިމަން ނިކަމެތިކޮށްފިއެވެ. އަދި އެބައިމީހުން ތިމަން ޤަތުލުކުރުމާ ގާތްކޮށްފިއެވެ.”
(قَالَ رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ ۖ وَأَنتَ أَرْحَمُ الرَّاحِمِينَ) [5]
މާނަ: “އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ. އަޅުގެ ވެރި ރައްބެވެ! ތިމަންއަޅާއަށާއި، ތިމަންއަޅާގެ އަޚާއަށް ފާފަފުއްސަވާނދޭވެ! އަދި އިބައިލާހުގެ ރަޙްމަތުގެ ތެރެޔަށް އަޅަމެން ވައްދަވައިފާނދޭވެ! އިބައިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.”
ދެން އެއަށްފަހު ސާމިރީ އާއި ދިމާލަށް މޫސާގެފާނު އެނބުރި ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. އޭ ސާމިރީ އެވެ! ފަހެ، ކަލޭ އެގޮތަށް ކަންތައްކުރީ ހެއްޔެވެ؟
ސާމިރީ، އޭނާއަށް ކުރެވުނު ފާފައަށް އިޢުތިރާފުވިއެވެ. އޭނާ ބުންޏެވެ.
(وَكَذَٰلِكَ سَوَّلَتْ لِي نَفْسِي) [6]
މާނަ: “ތިމަންގެ ނަފްސު ތިމަންނައަށް ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ.”
(قَالَ فَاذْهَبْ فَإِنَّ لَكَ فِي الْحَيَاةِ أَن تَقُولَ لَا مِسَاسَ) [7]
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ! ފަހެ، ދާންއުޅޭށެވެ! ފަހެ، ހަމަކަށަވަރުން، (ދުނިޔޭގެ) ޙަޔާތުގައި ކަލެއަށް އޮތީ (އެއްވެސް މީހެއްގައި) ބީހުމެއް ނެތޭ ބުނުމެވެ.”
މި ދުނިޔޭގައި ސާމިރީގެ އަދަބަކަށްވީ އެކަނި ހިނގާފައި ދިޔުމެވެ. އަދި ދިރިއުޅެންވެސް ޖެހުނީ އެކަނިމާ އެކަންޏެވެ.
ޝިރުކުގެ ނަޖިހުގައި މީހަކު، އެތައް ހާސް ބަޔެއް ޖައްސައިފިކަމުގައިވާނަމަ، ކޮންމެހެންވެސް އޭނާގެ ކިބައިން ރައްކާތެރިވެ، އޭނާއަށް ނުރުހުންތެރިވާންޖެހެއެވެ.
ﷲ އާއި އެ އިލާހުގެ އަޅުން ވަކިކުރާމީހާ، ކޮންމެހެންވެސް މީސްތަކުންނާ ވަކިކުރަން ޖެހެއެވެ.
ﷲއަށް ޝަރީކުކުރުމަށް ގޮވައިލާ މީހާއަކީ، އެ އިލާހުގެ ބިމުގައި ބޮޑު ފާފަވެރިއެކެވެ.
ދެން އެއަށްފަހު މޫސާގެފާނު، އެ ލަޢުނަތް ލެވިގެންވާ ގެރިއާއި ދިމާލަށް އެނބުރި ވަޑައިގަތެވެ. އެ ގެރި އަންދާލުމަށް އަމުރުކުރެއްވިއެވެ. އެ ގެރި އަންދާލެވުނެވެ. ދެން އަންދާލެވުނު ބައި އެއަށްފަހު ކަނޑަށް އުކާލެވުނެވެ.
ބަނޫ އިސްރާއީލުގެ މީހުން އަޅުކަން ކުރި ގެރީގެ ނިމުން އައި ގޮތް، އެ މީހުންނަށް ފެނުނެވެ. އެ ގެރީގެ ބަލިކަށިކަމާއި، ނުކުޅެދުންތެރިކަންވެސް އެ މީހުންނަށް ފެނުނެވެ.
ދެން މުސާގެފާނު ބަނޫ އިސްރާއީލުގެ މީހުންނާ ދިމާލަށް އެނބުރި ވަޑައިގަތެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ.
(يَا قَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِاتِّخَاذِكُمُ الْعِجْلَ فَتُوبُوا إِلَىٰ بَارِئِكُمْ) [8]
މާނަ: “އޭ ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ގެރިއަކީ އިލާހަކު ކަމުގައި ހެދުމުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން ޚަލްޤުކުރެއްވި އިލާހަށް ތައުބާވާށެވެ!”
އެފަދައިން އެ މީހުން ކަންތައް ކުރިއެވެ. އެފަދައިން ﷲ ތަޢާލާ އެމީހުންނަށް ތައުބާލެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(إِنَّ الَّذِينَ اتَّخَذُوا الْعِجْلَ سَيَنَالُهُمْ غَضَبٌ مِّن رَّبِّهِمْ وَذِلَّةٌ فِي الْحَيَاةِ الدُّنْيَا ۚ وَكَذَٰلِكَ نَجْزِي الْمُفْتَرِينَ) [9]
މާނަ: “ހަމަކަށަވަރުން، ގެރިޔަކީ، އިލާހެއްކަމުގައި ހަދައިގެން އުޅުނުމީހުންނަށް، އެއުރެންގެ ވެރި ރައްބުގެ ޙަޟްރަތުން ކޯފާއާއި، ދުނިޔޭގެ ދިރިއުޅުމުގައި ނިކަމެތިކަން ލިބޭހުށްޓެވެ. އަދި ދޮގު އުފައްދާ މީހުންނަށް ތިމަން އިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.”
ހަމައެފަދައިން ޤިޔާމަތްދުވަހާއި ހަމައަށް ގެރިއަށް އަޅުކަންކުރާ މީހުންނަށްވެސް މެއެވެ. ހަމައެފަދައިން ޤިޔާމަތްދުވަހާއި ހަމައަށް ﷲއަށް ޝަރީކުކުރާ މީހުންނަށް ވެސްމެއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] طه 92
[2] طه 93
[3] طه 94
[4] الأعراف 150
[5] الأعراف 151
[6] طه 96
[7] طه 97
[8] البقرة 54
[9] الأعراف 152