[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورۃ البقرۃ

އަލްބަޤަރާ ސޫރަތުގެ ނަން ގުޅިފައިވަނީ، އެ ސޫރަތުގެ 67 ވަނަ އާޔަތުން ފެށިގެން 73 ވަނަ އާޔަތުގެ ނިޔަލަށް، ނަންގަނެވިފައިވާ ވާހަކައާއެވެ. އެއީ ބަނޫ އިސްރާޢީލު ބާގައިގެ މީހުން އިމްތިހާނު ކުރެއްވުމުގެ ގޮތުން، ގެރިއެއް ކަތިލުމަށް އަމުރު ކުރެވުނުހިނދު، އެމީހުން ކަންތައްތައް ކުރި ގޮތުގެ ވާހަކައެވެ. މިވާހަކައިގައި އަޅުތަކުންނަށް ވަރަށް މަތިވެރި ޢިބުރަތެއްވެއެވެ.

 

ސޫރަތުގެ މާތްކަމާއިމެދު އައިސްފައިވާ ޙަދީޘެއް

«اقْرَءُوا سُورَةَ الْبَقَرَةِ، فَإِنَّ أَخْذَهَا بَرَكَةٌ، وَتَرْكَهَا حَسْرَةٌ، وَلَا تَسْتَطِيعُهَا الْبَطَلَةُ» [رواه مسلم 252 – (804)]

މާނައީ: “ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން އެސޫރަތް ކިޔެވުމަކީ ބަރަކާތެކެވެ. އަދި ނުކިޔަވާ ދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި ސިޙުރުވެރިންނަށް އެސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ގަދަ ނުވެވޭހުއްޓެވެ.”

 

 

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

 

އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫޢަކީ އިލާހީ ހިދާޔަތުގެ ވާހަކައެވެ. ހެޔޮ ގޮތުގެ މަގު ބަޔާން ކުރުމުގެ ވާހަކައެވެ. އިންސާނާގެ ފަރުދީ ޙަޔާތާއި އަދި ޖަމާޢީ ޙަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލާނީ ކިހިނެތްކަމާ ބެހޭ ގޮތުން ދެވޭ ތަޢުލީމާތުތަކާއި އިރުޝާދުގެ ވާހަކައެވެ.

ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް

– މީސްތަކުން ބެހިފައިވާ ގޮތްތައް

މުއުމިނުންގެވާހަކަ އައިސްފައިވަނީ ފުރަތަމަ އާޔަތުން ފަސް ވަނަ އާޔަތަށެވެ.

ކާފަރުންގެވާހަކަ އައިސްފައިވަނީ  ހަވަނަ އާޔަތާއި ހަތްވަނަ އާޔަތަށެވެ.

މުނާފިޤުންގެވާހަކަ އައިސްފައިވަނީ  އަށްވަނަ އާޔަތުން 20 ވަނަ އާޔަތަށެވެ.

– ބިމުގައި ޚަލީފާވެރިކުރެއްވުން. މިކަމުގައި ތަޖުރިބަތަކެއް ވެއެވެ.

 

ފުރަތަމަ ތަޖުރިބާ

އަލްބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުން ފެށިގެން 39 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ އިންސާނުން ޚަލްޤުކޮށް ވުޖޫދަށް ގެންނެވުމުގެ ވާހަކައެވެ. އާދަމްގެފާނާއި ޙައްވާގެފާނުގެ ޚަލްޤު ކުރައްވައި، އިންސާނުން ދުނިޔޭގައި ލެއްވުނު ގޮތުގެ ވާހަކައެވެ. އިބްލީހަކީ އިންސާނުންގެ ބޮޑުވެގެންވާ ޢަދާވާތްތެރިއެއްކަމާއި، އިންސާނުން މަގުފުރެއްދުމުގައި އެންމެ ހިނދުކޮޅެއްވެސް އިބްލީސް ދޫނުކުރާނެކަން މި ބައިގައި އައިސްފައިވެއެވެ. އިންސާނުން ވާވެއްދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އިބްލީސް ކުރާނެކަމާއި އިބްލީހުގެ މަޅިތަކުން އިންސާނުންނަށް ސަލާމަތްވެވޭނެ މަގަކީ ﷲ ތަޢާލާގެ ރައްކާތެރިކަމަށް އެދުމާއި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ތަބަޢަވެ، ނަހީތަކުން ދުރުވުން ކަމުގައިވެސް ބަޔާންކުރައްވައިފައިވެއެވެ.

 

ދެވަނަ ތަޖުރިބާ

ދެވަނަ ބައި އެކުލެވިގެންވަނީ 40 ވަނަ އާޔަތުން ފެށިގެން 123 ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ހުށަހަޅާލެވިފައި ވަނީ ބަނޫ އިސްރާޢީލު ބާގައިގެ ތާރީޚުގެ ބައެއް ވާހަކަތަކެވެ. މާތްﷲ އެމީހުންނަށް ދެއްވި ނިއުމަތްތަކުގެ ވާހަކަ އެވެ. އިލާހީ ހިދާޔަތް އެމީހުންނަށް ދެވުނު ކަމާއި އަދި އެހިދާޔަތުގެ އަލީގައި އެމީހުންގެ ޙަޔާތް ވޭތުކޮށް، އެހެން މީސްތަކުންނަށް އޮތް ނަމޫނާއަކަށްވުމުގެ ޝަރަފު ދެވި، މިމަތިވެރި ވާޖިބު، އެމީހުންނާ ހަވާލު ކުރެވުނު ކަމުގެ ވާހަކައެވެ. އަދި އެ ވާޖިބު އަދާކުރުމުގައި އެމީހުން ޢަމަލުކުރި ގޮތާއި އޭގެ ނަތީޖާގެ މައްޗަށް ވެސް މިބައިގައި އަލިއަޅުވާލެވިފައި ވެއެވެ.

 

ތިންވަނަ ތަޖުރިބާ

އަލްބަޤަރާ ސޫރަތުގެ ތިންވަނަ ބައި ހިމެނެނީ 124 އާޔަތުން ފެށިގެން 141 ގެ ނިޔަލަށެވެ. މި ޚަލީފާވެރި ކުރެއްވުމަކީ ކާމިޔާބު ޚަލީފާވެރިކުރެއްވުމެކެވެ. މިކަމުގެ މިސާލަކީ ނަބީބޭކަލުންގެ ބަފައިކަލުން، އިބްރާހީމް عليه السلام އެވެ. މާތްﷲ އަށް ކިޔަމަންތެރިކަން އަދާކުރުމާއި ޚިލާފަތުގެ މަސްއޫލިއްޔަތަށް އަމާނާތްތެރިވުމުގައި އިބްރާހީމްގެފާނަކީ ލާމަސީލު ނަމޫނާއެކެވެ. އިބްރާހީމްގެފާނު (ދީން ބަޔާންކޮށްދެއްވުމުގެ) އަމާނާތް އަދާކުރެއްވިއެވެ. އެކަލޭގެފާނާއި ހަވާލުކުރެވުނު މަސްއޫލިއްޔަތުތައް ފުރިހަމަކުރެއްވިއެވެ.

 

 

ދުސްތޫރާއި މަންހަޖު

ދެވަނަ ބައިގައި ސާފުކޮށްދެއްވައި ބަޔާންކޮށްދެއްވާފައިވަނީ، ބިންމަތީގައި އިންސާނާ ޚަލީފާވެރިއަކު ކަމުގައި ލެއްވުމުގެ ބޭނުމާއި މަޤުޞަދު ޙަޤީޤަތަކަށް ހެދުމަށްޓަކައި އިންސާނާ ޢަމަލުކުރަން ޖެހޭ، މަންހަޖާއި ދުސްތޫރެވެ. މި މަންހަޖާއި ދުސްތޫރު ގެންނަވާފައިވަނީ، އުއްމަތުގެ ހާލަތާއި އުއްމަތުގެ އަފްރާދުންގެ ނަފްސުތަކާއި ވަކި ވަކި ފަރުދުންގެ ޠަބީޢަތާ އެކަށޭނަ ގޮތުން، ތަފާތު މަރުޙަލާތަކެއްގެ މަތިންނެވެ. އެގޮތުން:

 1. ކުރީގެ އުއްމަތްތަކާ ތަފާތުކުރައްވައި އެބައިމީހުންނަށް ތަބާވުން ނިމުމަކަށް ގެންނަވައި، އެކަމުން މިންޖުކޮށްދެއްވުން (104،106،141)
 2. ތަފާތުކުރައްވައި ޚާއްޞަކުރެއްވުމުގެ ސަބަބެއްކަމުގައި ވަޒަންހަމަކަމާއި މެދުމިންކަން ލެއްވެވި (158)
 3. ކިޔަމަންތެރިކަން އަދާކުރާނެ ޢަމަލީ މިންގަނޑުތައް (142-150)
 4. ޝަރުޢުކުރެއްވުނު ކަންކަމާއި މަންހަޖުގެ ތަފްޞީލު:
 • އިސްތިޘްނާކުރައްވާ ޙަރާމްކުރެއްވި ތަކެތި ފިޔަވައި، ބިންމަތީގައި ވާ އެންމެހާ ރިވެތި ތަކެތި ހުއްދަކުރެއްވުން (172،173)
 • ޖިނާއީ ކުށްތައް (178، 179)
 • ވަޞިއްޔަތުގެ މުހިންމުކަން ސަމާލުކަމަށް ގެންނެވުން (180، 181، 182)
 • އަޅުކަން (ރޯދަ) ޝަރުޢުކުރެއްވުން (183-187)
 • ޖިހާދުކުރުން ޝަރުޢުކުރެއްވުން (190-195، 216-218)
 • ޙައްޖު ޝަރުޢުކުރެއްވުން (189، 197-203)

ޢާއިލާއާ ގުޅޭ ޙުކުމުތައް ޝަރުޢުކުރެއްވުން:

 • – ކައިވެނި (221)
 • – ޖިމާޢުވުން  (226)
 • – ވަރި  (227-232)
 • – ޚުލްޢު (އަނބިމީހާ އަމިއްލައަށް ވަރިވުން) (229)
 • – ވަރިވެފައިވާ އަންހެނާއާއި ހުވަފަތް އަންހެނާގެ ޢިއްދާ (228، 234)
 • – ޚަރަދު ދިނުމާއި ކައިވެނީގެ ރަން (236،237،240،241)
 • – ގާތުން ކިރުދިނުން (233)
 • – ޙައިޟުވުން (222، 223)

 

އަޅުގަނޑާ އެކު ވިސްނުންހިންގާލުމަށް: ސޫރަތުގެ އެމުނިއެކުލެވުމާއި ތަރުތީބުގައިވާ ފުރިހަމަކަން

 1. (އުއްމަތުގެ) ޚާއްޞަކަން ޙަޤީޤަތަކަށްވުން (فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِ(
 2. (އުއްމަތް) ޚާއްޞަކުރެއްވުމުގައި، މީޒާންހަމަކަން (إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَآٮِٕرِ ٱللَّهِ‌)
 3. ކުރިމަތިލާ ފަރާތަކީ ހުރިހާ އެއްޗެއް ނޫންކަން (لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ) އެހެނެއްކަމަކު، ބޭނުންވަނީ، ހުރިހާ ގޮތަކުން އިޞްލާޙުވުމާއި ފުރިހަމައަށް ތަބާވުންކަން
 4. ޝާމިލު އިޞްލާޙުވުން ދޭހަވާ ކަންކަން (ޝަރުޢީ ޙުކުމުތައް)

 

މި ހިސާބުން ފަހަރުގައި އުފެދިދާނެ ސުވާލެއް: ޝަރުޢީ ޙުކުމުތައް ތަރުތީބު ގޮތެއްގައި ބަޔާންކުރެއްވުމުގެ ބަދަލުގައި މަސްހުނިކޮށް ބަޔާންކުރެއްވެވީ ކީއްވެ؟

އެހެނީ، އަޅުކަމުގެ ޙުކުމުތައް އެހެން ޙުކުމުތަކާ ވަކިން ބަޔާންކުރެއްވުމުގެ ބަދަލުގައި، ޖިނާއީ ޙުކުމުތަކާ ވިދިގެން، އެކުއެކީގައި ގެންނެވުމުގެ ޙިކުމަތަކީ؛ މި ސޫރަތުގައި ބަޔާންވެގެންވާ މަންހަޖުގެ ޝާމިލުކަން ކަށަވަރުކޮށްދެއްވުމާއެކު، އަޅުކަމަކީ ދިރިއުޅުމުގެ ހުރިހާ މައިދާނަކާ ގުޅި ލާމެހިފައިވާ ބައެއްކަން ބަޔާންކޮށްދެއްވުމެވެ.

 

ހަމަ އެފަދަ އެހެން ސުވާލެއް: ޢާއިލާއާ ގުޅޭ ޙުކުމުތައް އަޅުކަމުގެ ޙުކުމުތަކަށް ވުރެ ފަހުން ބަޔާންކުރެއްވީ ކީއްވެ؟

 • އެއީ، އެ ޙުކުމުތައް ކިޔަމަންތެރިކަމާއެކު ބަލައިގަނެ އެކަންކަމަށް ޢަމަލުކުރުން ފަސޭހަވުމަށްޓަކައެވެ. އެހެނީ، އަޅުކަމާއި ތަޤުވާގެ އެހީގައި ހިތާއި ނަފްސު އެކަމަށް ތައްޔާރުވެފައިވުމަކީ ކޮންމެހެން ބޭނުންކަމެކެވެ.
 • ޢާއިލާގެ ޙުކުމުތައް ވާރިދުވެގެން ވާ އާޔަތްތަކުގެ ނިންމުމުގައި ﷲ އަށް ތަޤުވާވެރިވުމާއި އެކަލާނގެ ވޮޑިގެންވާކަން ދަތުމާއި އެކަލާނގެ ދެނެވޮޑިގެންވާކަން ހަނދާންކުރުމުގެ ވާހަކަތައް ގެންނަވާފައި ވަނީ އެ ސަބަބަށްޓަކައެވެ. އޭގެ ބައެއް މިސާލުތަކަކީ 231، 233، 234، 237 އަދި 241 ވަނަ އާޔަތެވެ.

 

އެހެނީ، އަހަރުމެންގެ ޝަރީޢަތުގައި އަޚުލާޤާއި ޢަމަލަކީ ދުވަހަކުވެސް ވަކިނުކުރެވޭނެ ދޭއްޗެވެ.

ބަޤަރާ ސޫރަތުގައި ދެން އަހަރުމެންނަށް ބަޔާންކޮށްދެއްވާފައި ވަނީ، ޠާލޫތާއި ޖާލޫތުގެ ވާހަކައެވެ. އެ ވާހަކާގައި ކިޔައިދެއްވާފައިވަނީ، ބިންމަތީގައި ޚަލީފާވެރިންތަކެއްކަމުގައިވި ބަނީ އިސްރާޢީލުންގެ ދެ ޖަމާޢަތެއްގެ ވާހަކައެވެ. އޭގެ ތެރެއިން އެއް ބަޔަކު، އެ ކަމުގައި ނާކާމިޔާބާ ކުރިމަތީލާން ޖެހުނެވެ. އެއީ އެބައިމީހުން، ޢަދުއްވުންނާ ބައްދަލުވިހިނދު ބިރުގަނެ، އެނބުރި ދުވެފިލުމުންނާއި، އެބައިމީހުންގެ ނަބިއްޔާއަށް ނުކިޔަމަންތެރިވުމުންނާއި، އީމާންތެރިކަމާއި ރައްބާނީ މިންގަނޑުތަކުން، ނަޞްރުލިބުމާއި ބަލިވެ އިނދަޖެހުން މިންކުރުމުގެ ބަދަލުގައި، މާއްދީ މިންގަނޑުތަކުން އެ ދެ ކަން މިންކުރުމުގެ ސަބަބުންނެވެ.

އޭގެތެރެއިން ދެވަނަ ޖަމާޢަތަށް ކާމިޔާބު ލިބުނީ، ހިތްވަރުގަދަކަމާއި ތެދުވެރިކަމާއި ކިޔަމަންތެރިކަމާއި (އެމީހުންގެ ވެރި ރައްބާ މެދު އޮތް) ޔަގީންކަމުގެ ވަރުގަދަކަމުންނާއި (އެފަރާތަށް) ވަކީލުކޮށް އިޢުތިމާދުކުރުމުގެ ސަބަބުންނެވެ.

މިވާހަކަތައް ބަޔާންކޮށްދެއްވާފައި ވަނީ، (ކުރިން ބަޔާންވެ ދިޔަ) މަންޖަހު ޙިމާޔަތްކުރުމަށް، ޖިހާދުގެ މުހިންމުކަން ބުނެދެއްވުމަށެވެ. އަދި، އެކަމައިގެން ތެދުވުމަށް ބިރުގަނެ ފިނޑިވާ މީހުންނަކީ، (ބިންމަތީގައި ޚަލީފާވެރިއަކު ކަމުގައި ވުމުގެ) ރައްބާނިއްޔަ އަމާނާތާއި މަސްއޫލިއްޔަތު އުފުލުމަށް އެކަށީގެންވާ ބައެއްނޫންކަން ވިސްނަވައިދެއްވުމަށެވެ.

އެއަށް ފަހު، ދެން ބަޔާންކޮށްދެއްވާފައި ވަނީ، މާލީ އަދި އިޤްތިޞާދީ ޙުކުމުތަކެވެ. އެގޮތުން، އެފަދަ ބައެއް ތަފްޞީލުތަކާއެކު، ވަރުގަދަ ނަހީއިން ރިބާ ނަހީކުރެއްވެވިއެވެ. އެހެނީ ރިބާއަކީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ފާފައެކެވެ. އެކަން 195،215،245،254،261-283 މި އާޔަތްތަކުން އެނގިގެންދާނެއެވެ.

 

 

މި ބަރަކާތްތެރި ސޫރަތާ ގުޅިފައިވާ ފައިދާތަކާއި ފިލާވަޅުތައް

 

 1. މުއުމިނުންގެ އީމާންތެރިކަން ވަރުގަދަވެ އެބައިމީހުންގެ ވެރި ރައްބާ މެދު ހިތްތަކުގައި އޮންނަ ޔަގީންކަން އިތުރުވެގެން ދިޔުން. ދުނިޔޭގެ ރާސްތާ ފުރިހަމަކުރުމުގައި އެކަން އެބައިމީހުންނަށް އެހީއަކަށް ވުން. އެގޮތުން ޢުޒައިރުގެފާނުގެ ވާހަކައާއި (259) އިބްރާހީމްގެފާނާއި ނަމްރޫދުގެ ވާހަކައާއި (258) އިބްރާހީމްގެފާނުގެ އެދިލެއްވުމަށް ދޫނިތަކެއް އަލުން ދިރުއްވުނު ވާހަކައާއި (260) މަރުވުމަށް ފަހު އަލުން ދިރުއްވުނު މީސްތަކުންގެ ވާހަކަ (243) އަކީ އެފަދަ ވާހަކަތަކެކެވެ.

މި ހުރިހާ ވާހަކަތަކެއްވެސް އިޝާރާތްކުރަނީ، މަރުވެފައިވާ ތަކެތި ދިރުއްވުމާއި ކައުނުގެ އެންމެހާ ކަންކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ލިބިވޮޑިގެންވާ މުޠުލަޤު (އިމެއް ނެތް) ބާރާއި ކުޅަދުންވަންތަކަމަށެވެ.

 1. ހުއްދަ އަދި ޙަލާލް ބަދަލެއް ނުދައްކަވައި، އިސްލާމްދީނުގައި އެއްވެސް އެއްޗެއް އަދި ކަމެއް ޙަރާމްނުކުރައްވާކަން. އެގޮތުން ރިބާގެ އާޔަތް ވާރިދުވެފައި ވަނީ ހޭދަކުރުމާއި އިތުރުކުރުމާއި ދަރަނީގެ ވާހަކަތައް ބަޔާންވެފައިވާ އާޔަތްތަކާ ގުޅިގެންނެވެ.
 2. ބަޤަރާ ސޫރަތަކީ އިސްލާމްދީނުގެ އެންމެހާ ރުކުންތައް (ޝަހާދަތާއި ނަމާދާއި ޒަކާތާއި ރޯދައާއި ޙައްޖު) އެއް ސޫރަތެއްގައި ވާރިދުވެގެންވާ ހަމައެކަނި ސޫރަތެވެ.
 3. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާން އެންމެ ފުރަތަމަ ސިފަކުރައްވާފައި ވަނީ، (ذَٲلِكَ ٱلۡڪِتَـٰبُ لَا رَيۡبَ‌ۛ فِيهِ‌ۛ) މި މޭރުމުންނެވެ. އެބަހީ، އެ ފޮތަކީ އޭގައި އެއްވެސް ޝައްކެއް ނުވާ ޔަގީން ފޮތެކެވެ. މިއީ އެކަލާނގެއަށް އީމާން ނުވާ މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެހެނީ އެއްވެސް ފޮތެއއ ލިޔާ މީހަކު، އޭނާގެ ފޮތާ މެދު މިފަދަ ޔަގީންކަމަކުން ގޮންނުޖަހާނެއެވެ. ޞަޙާބިންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް އައި އެންމެހާ ޢިލްމުވެރިންވެސް ވަނީ ކީރިތި ޤުރުއާނުން އެވެސް ކުށެއް ނުވަތަ އުނިކަމެއް ފާހަގަކުރުމަށް ނުކުޅެދިފައެވެ. ޚުދު، ޤުރުއާނާ މެދު ޝައްކުކުރާ މީހުންވެސް އެކަމުގައި ކާމިޔާބުވެފައެއް ނުވެއެވެ.
 4. ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މުއުމިނުން ސިފަކުރައްވާފައިވަނީ ޣައިބަށް އީމާންވާ ބައެއްގެ ގޮތުގައެވެ. (يُؤۡمِنُونَ بِٱلۡغَيۡبِ) ހަމަ މިސޫރަތުގައި، އެންމެ ފަހުން މުއުމިނުން ސިފަކުރައްވާފައިވަނީ، ﷲ ގެ ޙަޟުރަތުން ރަސޫލާ صلى الله عليه وسلم އަށް ބާވައިލެއްވި ތަކެއްޗަށް އީމާންވި ބައެއްގެ ގޮތުގައެވެ. (آمَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَ‌) އެހެންކަމުން، އެންމެ މުހިންމު ކަމަކީ އިޢުތިޤާދު ނުވަތަ ގަބޫލުކުރާ ގަބޫލުކުރުމެވެ.

އިޢުތިޤާދަކީ ހިތުގެ ޢަމަލެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްލަވާވޮޑިގެން ވަނީ، އެކަލާނގެ އަޅުތަކުންގެ ހިތްތަކަށެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ހިތްތައް އިޞްލާޙުކުރައްވައި އަޅަމެންނީ ސަލާމަތް ހިތެއްގެ ވެރި ބަޔަކުކަމުގައި ލައްވާންދޭވެ!

 1. އިންސާނާ ޢިލްމުގެ ސަބަބުން މަތިވެރިކުރެއްވެވިއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. (وَعَلَّمَ آدَمَ ٱلۡأَسۡمَآءَ كُلَّهَا) (ބަޤަރާ 31)

އަދިވެސް ވަޙީކުރެއްވެވިއެވެ. (خَلَقَ ٱلۡإِنسَـٰنَ * عَلَّمَهُ ٱلۡبَيَانَ) (ރަޙްމާން 2)

އެކަލާނގެ ނަބިއްޔާ މޫސާގެފާނާ ގުޅޭގޮތުން ވަޙީކުރެއްވެވިއެވެ. (أَعُوذُ بِٱللَّهِ أَنۡ أَكُونَ مِنَ ٱلۡجَـٰهِلِينَ) (ބަޤަރާ 67)

ޢިލްމުތަކުގެ ތެރެއިން އެންމެ މަތިވެރި ޢިލްމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ބާވާލައްވާފައިވާ ޢިލްމެވެ. އެހެނީ، އެކަލާނގެއީ ކާއިނާތުގެ ޚާލިޤެވެ. އަދި ހުރިހާ ކަމެއް ދެނެވޮޑިގެންވާ ޢަލީމެވެ.

 1. އަޅާގެ ފަރާތުން ވާ ތައުބާ، ﷲ ގެ ޙަޟްރަތުގައި، 2 ތައުބާއަކުން ވަށާލެވިގެން ވެއެވެ.
 • ތައުބާއަށް ތައުފީޤު މިންވަރުކުރެއްވުން (فَتَلَقَّىٰٓ آدَمُ مِن رَّبِّهِۦ كَلِمَـٰتٍ۬)
 • ތައުބާ ޤަބޫލުކުރެއްވުން (فَتَابَ عَلَيۡهِ‌ ۚ إِنَّهُ ۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ)

މިކަން ޤުރުއާނުގައި އެތައް ފަހަރަކު ވާރިދުންވެގެން ވެއެވެ. މިއީ، އަޅުތަކުންގެ މައްޗަށް ތަނަވަސްވެގެން ވާ ރަޙުމަތެވެ. އެކަލާނގެއީ އެންމެ ރަޙީމުވަންތަ ރަސްކަލާނގެއެވެ.

 1. ތިބާގެ ބުއްދިއަށް ޤަބޫލުކުރަން ދަތި ކަންކަން ބައެއް ފަހަރު އިންސާނުންގެ ފުށުން ތިބާ ދެކޭނެއެވެ. އެ ފަދަ ހާލަތްތަކުގައި ހައިރާންވާކަށް ނުޖެހެއެވެ. އެހެނީ، ބައެއް އިންސާނުންގެ ހިތްތައް ހަރު ހިލައަށް ވުރެ ހަރުކަމުގައި ވެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (ثُمَّ قَسَتۡ قُلُوبُكُم مِّنۢ بَعۡدِ ذَٲلِكَ فَهِىَ كَٱلۡحِجَارَةِ أَوۡ أَشَدُّ قَسۡوَةً۬‌ۚ)
 2. މާތް ﷲ ވަޙީކުރެއްވިއެވެ. (وَقُلۡنَا يَـٰٓـآدَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ) (ބަޤަރާ)

އަދިވެސް ވަޙީކުރައްވާފައި ވެއެވެ. (وَيَـٰٓـآدَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ) (އަޢުރާފް)

މި ދެ އާޔަތުގައި ގެންވާފައިވާ (ٱسۡكُنۡ) މި ލަފުޒުން، އިޝާރާތްކުރައްވަނީ، އާދަމްގެފާނު ސުވަރުގޭގައި ހޭދަކުރެވި ވަގުތުގެ ކުރުކަމަށެވެ. އެހެނީ، އާދަމްގެފާނު ޚަލްޤުކުރެއްވުނީ، ބިންމަތީގައި ޚަލީފާވެރިޔަކުކަމުގައި ވުމަށެވެ.

 1. މާތް ﷲ ވަޙީކުރެއްވިއެވެ. (وَلَمَّا جَآءَهُمۡ رَسُولٌ۬ مِّنۡ عِندِ ٱللَّهِ مُصَدِّقٌ۬ لِّمَا مَعَهُمۡ نَبَذَ فَرِيقٌ۬ مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَـٰبَ ڪِتَـٰبَ ٱللَّهِ وَرَآءَ ظُهُورِهِمۡ كَأَنَّهُمۡ لَا يَعۡلَمُونَ * وَٱتَّبَعُواْ مَا تَتۡلُواْ ٱلشَّيَـٰطِينُ)

އިބްނު ސަޢުދީ (ރަޙިމަހު ﷲ) ވިދާޅުވިއެވެ.

 • ރަޙްމާނުވަންތަ ﷲ އަށް އަޅުކަންކުރުން ދޫކޮށްލައިފި މީހާއަށް، ބުދުތަކަށް އަޅުވެތިވުމުގެ ބަލާވެރިކަން ޖެހިދެއެވެ.
 • ﷲ އަށް ކިޔަމަންތެރިކަން އަދާކުމުގައި ހޭދަނުކުރާ މީހާ، ހޭދަކުރާ ހުށީ ޝައިޠާނާއަށް ކިޔަމަންތެރިވުމުގައެވެ.
 • ހެއްދެވި ފަރާތަށް ކިޔަމަންތެރިވެ މަޑުމޮޅިވުން ދޫކޮށްލައިފި މީހާއަށް، ހެއްދެވި ފަރާތުގެ އެހެން އަޅުތަކުންނަށް ކިޔަމަންވާން ޖެހި، އެ މީހުންގެ ކުރިމަތީގައި ނިކަމެތިކަން ޖައްސަވަތެވެ.
 • ޙައްޤު ދޫކޮށްލައިފި މީހާއަށް، ބާޠިލުގެ ބަލާވެރިކަން ޖައްސަވަތެވެ.
 • މި ބީދައިން، ޔަހޫދީން، ﷲ ގެ ފޮތް ދޫކޮށްލުމުން، ތަބާވާން ޖެހުނީ ޝައިޠާނުން ކިޔައިދިން ވާހަކަތަކަށެވެ. މިއީ ޤަދަރުގައި ކަން ހިނގާ ސުންނަތެވެ. އަދި އިލާހީ ޙުކުމެވެ.
 1. (يَـٰٓأَيُّہَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ)

މި އާޔަތުގައި ވަނީ، ﷲ އަށް އަޅުކަންކުރުމަށް ޚަލްޤުތަކުންނަށް ދެއްވާފައިވާ ދެ ދަޢުވަތެވެ. އެއީ ދެ މަގަކުންނެވެ:

ފުރަތަމަ މަގަކީ؛ އިންސާނާއާއި އުޑުތަކާއި ބިމާއި ވާރޭ ޚަލްޤުކުރެއްވުމުގައި ވާ ހެކިތައް ބަޔާންކޮށްދެއްވުމެވެ.

ދެވަނަ މަގަކީ: އަޅުތަކުންނަށްޓަކައި ﷲ ސުބޫޙާނަހޫ ވަތަޢާލާގެ މައްޗަށް ވާ ޙައްޤުތަކާއި ނިޢުމަތްތަކުގެ ވާހަކަ، ނުހަނު ރިވެތި ބަޔާންކޮށްދެއްވުމަކުން ބުނެދެއްވުމެވެ.

 • އެގޮތުން، އެންމެ ފުރަތަމަ އެބައިމީހުންނާއި އެބައިމީހުންގެ ކާބަފައިން ހައްދަވާބޮޑުކުރެއްވި އިލާހަކީ އެކަލާނގެ ކަމާއި، ޚާލިޤުވަންތަ އިލާހަށް އަޅުކަންކުރުން ޙައްޤުވެގެންވާކަން ހަނދާކޮށްދެއްވެވިއެވެ. އެއަށް ފަހު، އެ އިލާހުގެ ނިޢުމަތްތަކާއި، ނިޢުމަތްދެއްވާ ފަރާތަށް އަޅުކަންކޮށް ޝުކުރުވެރިވުން ޙައްޤުކަން ހަނދާންކޮށްދެއްވެވިއެވެ.
 • (جعل لكم، رزقا لكم) މި ބަސްފުޅާ މެދު ވިސްނަވާލައްވާށެވެ! ތިބާއާއި ތިބާގެ ވެރި ރަސްކަލާނގެ އާ ދެމެދު ވާ ލޯތްބާއި ކުލުނުވެރިކަން އިހުސާސްކުރެވޭނެއެވެ.
 1. 21 ވަނަ އާޔަތުގެ އެންމެ މަތިވެރި މަޤުޞަދަކީ، ﷲ ގެ އެއްކައުވަންތަކަމަށް އަމުރުކުރެއްވުމެވެ.

__________________________
މަޞްދަރު: أول مرة أتدبر القرآن

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް