[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އާއި އެއިލާހުގެ ރަސޫލާގެ حضرة ގައި އިސްވެގަތުން ނަހީވެގެންވުންﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ((يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ)) [الحجرات 1] މާނައީ: “އޭ އީމާންވި މީހުންނޭވެ! ﷲ އާއި އެއިލާހުގެ ރަސޫލާގެ حضرة ގައި ތިޔަބައިމީހުން އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

މިއާޔަތުގައި ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ގޮވާލައްވާފައި އެވަނީ އީމާންކަމުގެ ޞިފައިންނެވެ. އެއީ މަތިވެރިވެގެންވާ ޞިފައެކެވެ. އެއީ މުސްލިމް މީހާ އޭނާގެ ނަފްސުގައި އެޞިފަ ތަޙްޤީޤު ކޮށްފިނަމަ އަމުރުވެވިގެންވާ ކަންތައްތައް ކުރުމަށާއި ނަހީވެގެންވާ ކަންތަކުން ދުރުހެލިވުމަށް ބާރުއަޅައި ދޭނޭ ޞިފައެކެވެ. ދެންފަހެ އެއަށްފަހުގައި އެއްވެސް ޙާލަކުންކުރެ ޙާލެއްގައި ﷲ އާއި އެއިލާހުގެ ރަސޫލާގެ މައްޗަށް އިސްވެގަތުން  އެބައިމީހުންނަށް އެއިލާހު ނަހީކުރެއްވިއެވެ.

ابن جرير الطبري ވިދާޅުވިއެވެ: “(( يَا أَيُّهَا الَّذِينَ آمَنُوا )) އެއިލާހުގެ މިބަސްފުޅުގައި އެއިލާހުގެ މުރާދަކީ: އޭ ﷲގެ އެއްކައުވަންތަކަމަށް އަދި މުޙައްމަދުގެފާނުގެ ނަބީކަމަށް އިޤްރާރުވި މީހުންނޭވެ! ((لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ)) ތިޔަބައިމީހުންގެ ދީނާއި ގުޅުންހުރި ކަމެއްގައި ވިޔަސް އަދި ހަނގުރާމައާއި ގުޅުންހުރިކަމެއްގައި ވިޔަސް އެކަމުގައި ﷲ އާއި އެއިލާހުގެ ރަސޫލާ ނިޔާ ކަނޑައެޅުއްވުމުގެ ކުރިން ތިޔަބައިމީހުން ގޮތެއް ނުނިއްމާށެވެ! އެއިރުން ﷲ އާއި އެއިލާހުގެ ރަސޫލާގެ އަމުރާ ޚިލާފަށް ތިޔަބައިމީހުންނަށް ގޮތެއް ނިންމިދާނެއެވެ…..”

ވީމާ އާޔަތުގެ މާނައަކީ: “ﷲ އާއި އެއިލާހުގެ ރަސޫލާގެ ނިންމެވުމާއި ނުލައި ތިޔަބައިމީހުން އަމިއްލައަށް ގޮތެއް ނުނިންމާށެވެ! އަދި އެކަމުގައި ތިޔަބައިމީހުން އަވަސްވެ ނުގަންނާށެވެ!”

ابن جرير ވިދާޅުވިއެވެ: “އަދި ((وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ)) މިބަސްފުޅުގައި އެއިލާހު އެ ވަޙީކުރައްވަނީ: އެންމެހައި އީމާންވި މީހުންނޭވެ! ތިޔަބައިމީހުންނަށް ﷲ އާއި އެއިލާހުގެ ރަސޫލާ އިޛުނަ ނުދެއްވާ ކަމެއްގައި އަދި އެނޫނަސް ތިޔަބައިމީހުންގެ ކަންކަމުގައި ގޮތްކިޔާ ބަސްބުނެވިދާނެ ކަމަށްޓަކައި، ތިޔަބައިމީހުން ބުނާބުނުންތަކުގައި ﷲ އަށް ބިރުވެތިވާށެވެ! އަދި ފާރަވެރިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ބުނާބުނުންތައް ﷲ އައްސަވާވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ބަހެއްބުނެފިނަމަ އެބަސްބުނުމުގެ ބޭނުން އެއިލާހު ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންގެ ހިތުގެ ޟަމީރުގައިވާ އެއްވެސް އެއްޗެއް އަދި އެނޫނަސް ތިޔަބައިމީހުންގެ ކަންކަމުގެތެރެއިން ކަމެއް އަދި ތިޔަބައިމީހުން ނޫން އެހެން ބައެއްގެ ކަމެއް އެއިލާހަށް ވަންހަނާވެގެން ނުވެއެވެ.”[1]

ޢަރަބިބަހުގައި އަދި މުފައްސިރުންގެ އަރިހުގައި التقدّم (އިސްވެގަތުމުގެ) މާނަ :

އެންމެފުރަތަމަ: ޢަރަބިބަހުގައި التقدّم (އިސްވެގަތުމުގެ) މާނަ:

މިކަލިމައިގެ އަޞްލުކަމަށްވާ (قَدَّمَ)  ދޭހަކޮށްދެނީ ކުރިއަރައި އިސްވެގަތުމަށެވެ. އެގޮތަށް ވިދާޅުވެފައިވަނީ ابن فارس އެވެ. އަދި الفيروز آبادي[2] މިލަފްޒު ތަފްސީރުކުރައްވާފައިވަނީ ވެސް ހަމަ އެމާނައިގައެވެ. އެގޮތުން (لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ) މިވަޙީ ބަސްފުޅު ޛިކުރު ކުރުމަށްފަހު ވިދާޅުވިއެވެ: “އެބަސްފުޅުގެ ތަޙްޤީޤަކީ: ޙުކުމްކުރުމުގައި އަދި ބަސްބުނުމުގައި އެއިލާހަށްވުރެ ތިޔަބައިމީހުން އިސްވެނުގަންނާށެވެ! އަދިކިއެއްތަ، العباد المكرمون (މާތްވެގެންވާ އަޅުތަކުން އެބަހީ: މަލާއިކަތުން) ކަންތައްކުރައްވާގޮތަށް އެއިލާހު ތިޔަބައިމީހުންނަށް އަމުރުކުރައްވާކަމެއް ކުރާށެވެ! އެއިލާހު ތަޢާލާ ވަޙީކުރައްވަނީ މިފަދައިންނެވެ: ((لَا يَسْبِقُونَهُ بِالْقَوْلِ))[الأنبياء 27][3] މާނައީ: “އެބޭކަލުން އެއިލާހު حضرة އަށް އިސްވެބަހެއް ނުދަންނަވާނެތެވެ.”

أبو عبيدة ވިދާޅުވެފައިވަނީ ވެސް ހަމަމިފަދައިންނެވެ: “ޢަރަބީން ބުނެތެވެ: މިވެނި މީހަކު ވެރިމީހާގެ މައްޗަށް އަދި އޭނާގެ ބައްޕަގެ މައްޗަށް އިސްވެގަނެއެވެ. ބައްޕައަށް ބެލުމެއްނެތި އަމުރުކުރުމާއި ނަހީކުރުމުގައި އަވަސްވެގަނެއެވެ.”[4]

ދެވަނައަށް: މުފައްސިރުންގެ އަރިހުގައި التقدّم ގެ މާނަ:

التقدّم ގެ މުރާދައާ ބެހޭގޮތުން މުފައްސިރުންގެ ބަސްފުޅުތައް ގިނަގުނަވެގެންވެއެވެ. އެހުރިހާ ބަސްފުޅުތަކެއް ރުޖޫޢަވަނީ ހަމައެއް މާނައަކަށެވެ. އެބަސްފުޅުތަކަކީ:

1-    علي بن أبي طلحة ގެ ރިވާޔަތުގައި ابن عباس މިއާޔަތާމެދު ވިދާޅުވިއެވެ: (لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ) “ތިޔަބައިމީހުން ފޮތާއި ސުންނަތާ ޚިލާފަށް ނުބުނާހުށިކަމެވެ!”

2-    عطية العوفي ގެ ރިވާޔަތުގައި ابن عباس ވިދާޅުވިއެވެ: “އެއިލާހުގެ ކަލާމްފުޅު ކުރިމަތީގައި ވާހަކަދެއްކުން އެބައިމީހުންނަށް ނަހީވެގެންވެއެވެ.”

3-    مجاهد ވިދާޅުވިއެވެ: “ރަސޫލާގެ ދޫފުޅުގެ މަތިން ﷲ ނިޔާ އިއްވަވަންދެން، އެއްވެސް ކަމެއްގައި ތިޔަބައިމީހުން ﷲގެ ރަސޫލާގެ މައްޗަށް އަވަސްވެނުގަންނާށެވެ.”

4-    قتادة ވިދާޅުވިއެވެ: “ތިމަންމެންނަށް ކިޔައިދެވުނެވެ: ބަޔަކު މީހުން ބުނެއުޅުނެވެ: މިވެނި ކަމެއްގައި (އާޔަތެއް) ބާވައިލެއްވުނު ނަމައެވެ. އެވެނި އެވެނި ކަމެއްގައި (ޙުކުމެއް) ބާވައިލެއްވުނު ނަމައެވެ.” ވިދާޅުވިއެވެ: “ފަހެ އެކަމާމެދު ﷲ ނުރުހުންވެވޮޑިގަތެވެ.”

5-    الحسن ވިދާޅުވިއެވެ: “އެއީ ނަބިއްޔާ  ޢީދު ނަމާދު ކުރެއްވުމުގެ ކުރިން އުޟުޙިޔާ ކަތިލި މީހުންނެވެ. ދެންފަހެ ދެވަނަފަހަރަށް ކަތިލުމަށް އެއުރެންނަށް ނަބިއްޔާ އަމުރުކުރެއްވިއެވެ.”

6-    الضحاك ވިދާޅުވިއެވެ: “ތިޔަބައިމީހުންގެ ދީނުގެ ޝަރުޢީ ކަންކަމުގައި ﷲ އާއި އެއިލާހުގެ ރަސޫލާގެ ނިޔާފުޅަށް ނުބަލައި ނިޔާ ކަނޑަނައަޅާށެވެ!”

7-    ابن زيد ވިދާޅުވިއެވެ: “ތިޔަބައިމީހުން ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމާއި ނުލައި ކަމެއް ނުނިންމާށެވެ!”

8-    سفيان ވިދާޅުވިއެވެ: “ތިޔަބައިމީހުން ﷲގެ ރަސޫލާގެ ނިޔާފުޅަށް ބެލުމެއްނެތި ނިޔާ ކަނޑަނައަޅާށެވެ!”

އެއްވެސް ކަމެއްގައި ﷲ އާއި އެއިލާހުގެ ރަސޫލާގެ حضرة ގައި އިސްވެގަތުން ހުއްދައެއް ނުވާނެއެވެ. އެއީ ކަމެއް ޙަލާލުކުރުން ގަމުގައި ނުވަތަ ޙަރާމްކުރުން ކަމުގައި ނުވަތަ ޝަރުޢުކުރުން ކަމުގައި ނުވަތަ އެނޫން ކަމެއްކަމުގައި ވިޔަސްމެއެވެ. ފަހެ އެކަމަކީ ޙަރާމްވެގެންވާ ކަމެކެވެ. އަދި މުއުމިނާއަށް ވަނީ އެކަމަށް އަރައިގަތުމުން ނަހީވެވިގެންނެވެ.

އެކަމުގެ ޙުކުމް ބަޔާންކުރައްވަމުން الأمين الشنقيطي ވިދާޅުވިއެވެ: “…. މިއާޔަތުގައި އެވަނީ ﷲ އާއި އެއިލާހުގެ ރަސޫލާގެ حضرة ގައި އިސްވެގަތުމަކީ ނަހީވެގެންވާ ކަމެއްކަން ޞަރީޙަކޮށް ބަޔާންވެފައެވެ. އޭގެތެރެއަށް އެންމެ ފުރަތަމަފަށުގައި ﷲ އެކަމަކަށް އިޛުނަ ނުދެއްވާ ކަމެއް ޝަރުޢުކުރުމާއި، އެއިލާހު ޙަރާމްނުކުރައްވާ ކަމެއް ޙަރާމްކުރުމާއި، އެއިލާހު ޙަލާލުނުކުރައްވާ ކަމެއް ޙަލާލުކުރުން ވަދެގެންދާނެއެވެ. އެހެނީ ހަމަކަށަވަރުން ﷲ ޙަރާމްކުރެއްވި ކަމެއް މެނުވީ ޙަރާމްވެގެން ނުވެއެވެ. އަދި ﷲ ޙަލާލުކުރެއްވި ކަމެއް މެނުވީ ޙަލާލުވެގެން ނުވެއެވެ. އަދި ﷲ ޝަރުޢުކުރެއްވި ދީނެއް މެނުވީ ދީނެއްކަމުގައި ނުވެއެވެ.”[5]

ހުރިހާކަމެއްގައި ﷲ އާއި އެއިލާހުގެ ރަސޫލާގެ حضرة ގައި އިސްވެގަތުން ނަހީވުމުގައި ވާރިދުވެފައިވާ ގިނަގުނަ نصوص ތައް:

ކަށަވަރުންވެސް އެންމެ ހެޔޮވެގެންވާ ޙުކުމަކީ ﷲ ގެ ޙުކުމްކަމާއި، އެއިލާހުއީ ނިޔާއިވަވާ އެންމެ ހެޔޮ އިލާހުކަމާއި، އެއިލާހު ފިޔަވައި އެހެން ފަރާތެއްގެ ޙުކުމް ހޯދުން ހުއްދަނުވާނޭކަން ބަޔާންކުރަމުން އެތައް އާޔަތްތަކެއް އައިސްފައިވެއެވެ. އެއިން ލާޒިމްކުރުވަނީ ﷲ ގެ حضرة ގައި އިސްވެގަތުން ހުއްދަ ނުވުމެވެ. އަދި އެއްވެސް ކަމެއްގައި އެއިލާހުގެ ޙުކުމް ފިޔަވައި އެހެން ފަރާތެއްގެ ޙުކުމް ބަލައިގަތުން ހުއްދަ ނުވުމެވެ. އަދި އެކަން ނަހީވެގެންވުން ލާޒިމްކުރުވައެވެ. ހަމައެޔާއެކު އެއިލާހުގެ ރަސޫލާގެ حضرة ގައި އިސްވެގަތުން ނަހީވުން ވެސް އެއިން ލާޒިމްކުރުވައެވެ. އެހެނީ ހަމަކަށަވަރުން އަހަރުމެންގެ ހުރިހާ ކަމެއްގައި އެއިލާހުގެ ރަސޫލާގެ ޙުކުމް ހޯދުމަށް އަހަރުމެންނަށް ﷲ ވަނީ އަމުރުކުރައްވާފައެވެ. އެއިލާހު ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا) [النساء 65] މާނައީ: “އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރި ރައްބު ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.”

އަދި އެއިލާހު ތަޢާލާ ވަޙީކުރެއްވިއެވެ: (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا)[الحشر:7] މާނައީ: “އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ!”

އަދި އެއިލާހު ތަޢާލާ ވަޙީކުރެއްވިއެވެ: (وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا) [الأحزاب 36] މާނައީ: “އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.”

އަދި އެއިލާހު ތަޢާލާ ވަޙީކުރެއްވިއެވެ: (مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ) [النساء 80] މާނައީ: “ރަސޫލާއަށް ކިޔަމަންވާ މީހާ ފަހެ ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެވެ.”


[1]  أنظر: جامع البيان للطبري (26/116، 117)

[2]  އެއީ مجد الدين محمد بن يعقوب بن محمد بن إبراهيم بن عمر أبو طاهر الفيروز آبادي އެވެ. އޭނާއަކީ ޢަރަބި ބަހާއި އަދަބުގެ އިމާމެކެވެ. އުފަންވެވަޑައިގަތީ 729ހ. ވަނަ އަހަރު أعمال شوران ގެ كارزين އަށެވެ. އޭނާ ޢިރާޤާއި ޝާމްކަރައާއި މިސްރަށް ދަރުކުރެއްވިއެވެ. އެއަށްފަހު ޔަމަނުގެ ޒުބައިދުގައި ވަޒަންވެރިވެ ވަޑައިގަތެވެ. القاموس المحيط އާއި بصائر ذوي التمييز އާއި އެނޫންވެސް ފޮތްތައް އޭނާއަށް ވެއެވެ. އަވަހާރަވީ 817ހ. ވަނަ އަހަރުއެވެ. أنظر: الأعلام (7/146).

[3]  أنظر: بصائر ذوي التمييز (4/146).

[4]  انظر: مجاز القرآن (2/219).

[5]  انظر: أضواء البيان (7/614).