ޝައްކެއްވެސް ނެތްގޮތުގައި މިއީ 21 ވަނަ ޤަރުނެވެ. އަޅުގަނޑުމެން މި ޤަރުނަށް މަލާމާތެއް ނުކުރަމެވެ. އަދި މި ޤަރުނުގައި އިންސާނުން ހޯދާފައިވާ ތަރައްޤީތަކަށާއި އުސްމިންތަކަށް އަޅުގަނޑުމެން އިންކާރެއް ނުކުރަމެވެ. އެހެންކަމުން މިއީ ސައިންސާއި ޓެކްނޮލޮޖީގެ ޒަމާނެވެ. ކޮންމެ އެއްޗަކަށްވެސް ދަލީލާއި ޙުއްޖަތް ވާކަމަށް މީހުން ޤަބޫލް ކުރާޒަމާނެވެ. އަދި މި ޒަމާނަކީ މިޒަމާނުގެ ތަރައްޤީގެ ނަން އަޅުވާފައި ފާޅުވެނިމިފައިވާ ޙަޤީޤަތްތަކަށްވެސް އިންކާރު ކުރާ ބަޔަކު އުފެދިފައިވާ ޒަމާނެކެވެ. މިކާއިނާތުން ފާޅުވާ އެންމެ ބޮޑުޙަޤީޤަތަކީ ﷲ ތަޢާލާގެ އެއްކައުވަންތަ ކަމުގެ ޙަޤީޤަތެވެ. އެއިލާހު ފިޔަވައި އިލާހުންތަކެއް ވީނަމަ މި ކާއިނާތް މިހާ އޮމާން ކަމާއިއެކު ކުރިޔަށް ނުދާނޭކަން ކަށަވަރެވެ. މިއަދު އަޅުގަނޑުމެން ގެނެސްގެންއުޅޭ ޑިމޮކްރަސީގައި ފެންނަގޮތުން އެއްބާރުން އަނެއްބާރާއި ތޮޅެ ހެދުމަކީ މިގޮތަށް ކުރިޔަށް ނުދާނެކަން ސިފަވެގެންދާ ކުޑަކުޑަ ނަމޫނާއެކެވެ. ހަމަކަށަވަރުން ﷲ ތަޢާލާއީ ހުރިހާކަމެއްގައިވެސް ފުދިވޮޑިގެންވާ އިލާހެވެ.
އަޅުތަކުންނާއި މަޚްލޫޤާތްތައް ޚަލްޤުކުރެއްވުނީ ﷲ ތަޢާލާ އެއްކައުވަންތަކުރުމަށްޓަކައެވެ. އަދި ޚާއްސަކޮށް އެއިލާހަށް އަޅުކަންކުރުމުގައި އެއިލާހު އެއްކައުވަންތަކުރުމަށްޓަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ)[الذاريات: 56] މާނައީ: ” ހަމައެކަނި ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. “ އެހެންކަމުން ﷲ ތަޢާލާ އެއްކައުވަންތަކުރުމަކީ އަޅުތަކުންގެ ކުރިމަތީގައިވާ އެންމެ ބޮޑު ލަނޑުދަނޑިއެވެ. އަޅުތަކުން ޚަލްޤުކުރެއްވުމުގެ ޙަޤީޤީ މަޤްޞަދެވެ. އެއަށްވުރެ ބޮޑުކަމެއް އަޅުގަނޑުމެންގެ ކުރިމަތީގައި ނެތެވެ. އަދި އޮވެގެންވެސް ނުވާނެއެވެ.
އާދެ، ﷲ ތަޢާލާ އެއްކައުވަންތަ ކުރުން ނުވަތަ ތަވްޙީދުގެ އިދިކޮޅަކީ ﷲ ތަޢާލާއަށް ބައިވެރިންތަކެއް ލައިގެން އަޅުކަންކުރުމެވެ. ނުވަތަ އަޅުކަންތަކުގައި އެއިލާހު ފިޔަވައި އެހެން ފަރާތްތަކަކަށް ބައިއެޅުމެވެ. މިއަށް ކިޔަނީ ޝިރުކެވެ. ޝިރުކަކީ ރެއާއިދުވާލު އެކަމަކަށް އަރައިގަނެވިދާނެތީ އަޅުގަނޑުމެން ބިރުގަންނަންޖެހޭވަރުގެ ބޮޑުކަމެކެވެ. ޝިރުކުގެ ސަބަބުން އަޅުގަނޑުމެން އަބަދާއިއަބަދު ނަރަކައިގެ ވޭންދެނިވި ޢަޒާބުގައި ދެމިތިބެންވެސް ޖެހިދާނެއެވެ.
ﷲ ތަޢާލާ މީސްތަކުންނަށް ތަވްޙީދު އުނގައްނަވައިދެއްވުމަށް ފޮނުއްވި ނަބިއްޔުންނާއި އަޅާ ބަލާއިރު އަޅުގަނޑުމެންނަކީ ކޮންބައެއްތޯއެވެ؟ އެބޭކަލުންގެ އީމާންކަމާއި އަޅާކިޔާއިރު އަޅުގަނޑުމެންގެ އީމާންކަމަކީ އެއްވެސް އެއްޗެއްނޫނެވެ. އެހާވެސް މަދު އެއްޗެކެވެ. ﷲ ތަޢާލާ ވަނީ އެބޭކަލުންނަށްވެސް ޝިރުކުން ދުރުހެލިވުމަށް އިންޒާރުކުރައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. (وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ) [الزمر: 65] މާނައީ: ” ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީކުރައްވާފައިވެއެވެ. ކަލޭގެފާނު ޝިރުކުކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލުވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. “ އަދި މި އިންޒާރަށް ސަމާލުކަން ދީގެން ޝިރުކަށް ބިރުވެތިވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންގެކުރީގެ ޞާލިޙު އަޅުންވަނީ މި ދުނިޔޭގައި އުޅެފައެވެ.
އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ދެކެމުންދަނީ ޝިރުކަކީ މޫނުމަތީގައި އެނބުރޭ މެއްސެއް ފޮޅާލުންފަދަ ކުޑަ ކަމެއްގެ ގޮތުގައެވެ. މިއަދު އަޅުގަނޑުމެންގެ ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުގެ ޙާލަތަކީ ކޮބައިތޯއެވެ؟ ޝިރުކުގެ އެންމެ މައި ވަސީލަތްކަމުގައިވާ ބުދުތައް މުޅިރަށުގައި ފާޅުގައި އެތައްމިތާގައި ބެހެއްޓޭއިރު އެއާ ދެކޮޅަށް ތެދުވާންކެރެނީ މަދު ބަޔަކަށެވެ. އަދި އެއާއި ދެކޮޅަށް އެއްޗެއްބުނެލަން ކެރެނީވެސް މަދުބަޔަކަށެވެ. އަދި އެއްބަޔަކު އޭނާ އެކަން މަނާކުރީތީ ތިމަންނަ މަނާ ނުކުރާނަމޭ ކިޔައިގެން ތިބެނީއެވެ! އަނެއް ބަޔަކު އެމީހުންވެސް ބުދެއް ބެހެއްޓިޔޭ އަހަރެމެންނަށްވެސް ނުބެހެއްޓެންވީ ކީއްވެހޭ ކިޔާ ބީދައިން ތިބެނީއެވެ! އަނެއް ބަޔަކު މިވެނި އެވެނި ތަނެއްގައިވެސް އެހެރީ ބުދޭ ތީތި ތަޅަންޏާ މީތި ތަޅާށޭ، މީތި ނުތަޅަންޏާ ތީތި ތަޅައިގެން ނުވާނެ ބުނާ ބީދައިން ތިބެނީއެވެ! އަނެއް ބަޔަކު ފެންނަ މަންޒަރުވެސް ނުފެންނަ ކަމަށް ހަދައިގެން ތިބެނީއެވެ! އަނެއް ބަޔަކު އެއީ އަޅުކަން ކުރާން ބެހެއްޓި އެއްޗެއްނޫނޭ ކިޔައިގެން ތިބެނީއެވެ! އަނެއް ބަޔަކު އެއީ ބުދެއް ނޫނޭ، އެއީ މޮނިއުމެންޓެކޭ ކިޔައިގެން ތިބެނީ އެވެ! އަޅެފަހެ އަޅުގަނޑުމެން މުސްލިމުން ހޭ އަރާކަށް ނުވޭހެއްޔެވެ؟ ތަވްޙީދާއި ޝިރުކުގެ މައްސަލަތަކަކީ ކިހާ ބޮޑު މައްސަލަތަކެއްކަން ވަޒަން ނުކުރެވެނީތޯއެވެ؟
ނަމަވެސް ދުނިޔެއިން ފެންނަމުންދާ ޙަޤީޤަތް މިއަދު އަޅުގަނޑުމެންގެ ރާއްޖެއިންވެސް ފެންނަން ފަށައިފިއެވެ. ދުނިޔޭގެ ބޮޑެތި ވިސްނުންތެރި މޮޅު އިސްލާމީ މުފައްކިރުން އެބަތިއްބެވެ. އެހެން ނަމަވެސް ކިތައްމެ މޮޅަށް ކިޔެވިޔަސް ކިތައްމެ ވިސްނުން ތޫނަސް ތަވްޙީދުގެ މަތީގައި ޘާބިތުވެ ތިބުމުގެ ނިޢުމަތަކީ ކޮންމެ މީހަކަށް ﷲތަޢާލާ ދެއްވާ ނިޢުމަތެއް ނޫނެވެ. އެކަން އެ މުފައްކިރުންގެ ޢަމަލުތަކުން ފެނިގެންދާނެއެވެ. މިގޮތުން އެއްދުވަހު ޤަބުރަށް އަޅުކަން ކުރުން ހުއްދަކޮށް ބޮޑު ފޮތެއް ލިޔެފާނެއެވެ. އަނެއް ދުވަހު ޤަބުރަށް އަޅުކަން ކުރުމަކީ ޝިރުކޭ ބުނާ ޢިލްމުވެރިނަށް ރައްދުދީ ފޮތެއް ލިޔެފާނެއެވެ. އަދި ޤަބުރު ވަށައިގެން ދުޢާކޮށް ތަވާފު ކުރުމަކީ ޝިރުކު ނޫންކަމުގައިވެސް ހަމަ މުސްލިމުންގެ ގޮތުގައިތިބިކަމަށްބުނާ ބޮޑެތި ވިސްނުންތެރިން އެބަބުނެވެ. އަދި ޤަބުރު ވަށައިގެން ތަވާފުކުރާމީހުންނަކީ ޝިރުކު ކުރާ ބަޔެކޭ ޢިލްމުވެރިޔަކު ބުނެފިނަމަ އެބައިމީހުން ބުނަނީ އެ ޢިލްމުވެރިން އެމައްސަލަތަކުގައި ހައްދުފަހަނައަޅައިދަނީ ކަމުގައެވެ. ކޮންމެއަކަސް އަޅުގަނޑު މިތާގައި ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ ތަވްޙީދުގެ މަތީގައި ޘާބިތު ވުމަކީ ގޮނޑިޔަކުން ނުވަތަ ވަކި ޖަމާޢަތަކަށް ނިސްބަތްވުމުން ނުވަތަ ވިސްނުންތޫނު ވުމުން ލިބޭ ކަމެއް ނޫންކަމެވެ.
އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގިނަގިނައިން ވިދާޅުވެއެވެ. “އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! ތިމަން އަޅާގެ ހިތް އިބަ އިލާހުގެ ދީންމަތީގައި ޘާބިތު ކޮށްދެއްވާނދޭވެ. ދެން ސުވާލު ކުރެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހަކަމަށަވަރުން ހިތްތައް ފުރޮޅޭތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ހަމަކަށަވރުން އަޅުތަކުންގެ ހިތްތައްވަނީ ރަޙްމާން ވަންތަ ﷲ ގެ އިނގިލިފުޅުތަކުގެ ތެރެއިން 2 އިނގިލިފުޅުގެ ދެމެދުގައެވެ. އެއިލާހު އިރާދަކުރައްވާ ގޮތަކަށް އެ ހިތްތަށް ފުރޮޅުއްވައެވެ. “ އެހެންކަމުން އެއިލާހު އިރާދަކުރެއްވި މީހަކު މިދީންމަތީގައި ޘާބިތުކުރައްވައެވެ. އަދި އެއިލާހު އެއަޅަކަށް ތަވްޙީދުގެ މަތީގައި ބަހާއި ޢަމަލުން ޘާބިތުވުމުގެ ނިޢުމަތް ދެއްވައިފި އަޅެއްނަމަ އެ ނިޢުމަށް ގެއްލިގެން ހިނގައިދާނެތީ ބިރުވެތިވެ އެއަށް ރައްކާތެރިވާންވާނެއެވެ. އިއްޔެ މި ބިމުގައި ބުދު ބެހެއްޓުމުން އެއަށް އިންކާރު ކުރިއަޑުތައް މިއަދު ހަމަ އެފަދަ ބުދުތަކެއް ބެހެއްޓުމުން އިންކާރުކުރާ އަޑު އަޅުގަނޑުމެންނަށް ނީވޭ ސަބަބު އަޅުގަނޑުމެންނަށް މިޙަދީޘުން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އެހެންކަމުން އަޅުގަނޑުމެން އަބަދާއި އަބަދު ދުޢާކުރަންވީ އަޅުގަނޑުމެންގެ ހިތްތައް ތަވްޙީދުގެ މަތީގައި ޘާބިތު ކުރައްވާތޯއެވެ. މި ފަހަރު ބުދުތައް ބެހެއްޓުމުން އެޔަށް އިންކާރު ކުރާނެ ބަޔަކު މި ދިވެހި އުއްމަތުގައި ތިބީ ﷲ ތަޢާލާ އެބައެއްގެ ހިތްތަކުގައި ތަވްޙީދު ޘާބިތުކޮށްދެއްވާފައިވާ ހިތްތަކެއްގެވެރި އަހުލުވެރިން އަޅުގަނޑުމެންގެތެރޭގައި ތިބުމުންނެވެ.
ޝިރުކުގެ ބިރުވެރިކަން ވަރަށްބޮޑެވެ. ނަރަކައިގެ ވޭންދެނިވި ޢަޒާބުން ﷲ ތަޢާލާވަނީ ޝިރުކު ކުރާމީހުންނަށް އިންޒާރުކުރައްވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ. (إِنَّهُ مَن يُشْرِكْ بِاللّهِ فَقَدْ حَرَّمَ اللّهُ عَلَيهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ) [المائدة: 72] މާނައީ: ” ހަމަކަށަވަރުން ﷲ އަށް ޝިރުކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝިރުކުކުޅަ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ. “ މިއާޔަތުންވެސް މިކަމުގެ ނުރައްކާތެރިކަމާއި ސުންޕާކަން ހާމަވެގެން އެބަދެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބުދަށް ނަފްރަތުކޮށް އެކަން ސީރިޔަސް މައްސަލައެއްގެ ގޮތުގައި ނަގައި އެތަކެތި އެތަންތަނުން ނެގެން އޮތްގޮތަކަށް ނެގުމަށް މަސައްކަތްކުރީ ކިތަށްބޭފުޅުންތޯއެވެ؟ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ޝިރުކަށް ވެއްޓިދާނެތީ ބިރު ނުގަތް ކަމުގައިވިޔަސް އެ ބޭކަލެއްގެ އަތްޕުޅުން ބުދުތައް ތަޅާލައްވައި އެންމެ ފުރިހަމަ ގޮތުގައި ތަވްޙީދު ޤާއިމްކުރެއްވި ޙަނަފިއްޔަތުގެ އިމާމް އިބްރާހިމް ޢަލައިހިއްސަލާމް ނުވަތަ ﷲ ގެ ޚާލީލްވެސް ޝިރުކުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ތަޢާލާއަށް ދުޢާކުރައްވާފައިވެއެވެ. އިބްރާހިމް ޢަލައިހިއްސަލާމް އެކަމަކަށް ބިރުފުޅުގެންވަޑައިގަންނަވާކަމެއް ކަމުގައި ޝިރުކު ވީއިރު އަޅުގަނޑުމެން އެ ޝިރުކުގެ ތެރެއަށް ދިޔުމަށް ބިރުނުގަންނަންވީ ކީއްވެތޯއެވެ؟ އަޅުގަނޑުމެންގެ އީމާންކަން އިބްރާހީމްގެފާނުގެ އީމާންކަމާއި އެއްފަދަ ނުވާނޭކަން ކަށަވަރެވެ. އެއިން ސަލާމަތްވުން އެހާފަސޭހަ އެއްޗެއްނަމަ ﷲ ގެ ޚަލީލް އެކަމާއި ބިރުފުޅު ނުގެންނެވީހެވެ. އެކަލޭގެފާނު ﷲ ތަޢާލާއަށް ދުޢާކުރައްވާފައިވެއެވެ. (وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الأَصْنَامَ)[إبراهيم: 35]. މާނައީ : ” އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ! “
އިބްރާހިމް އައްތައިމިއްޔު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޝިރުކުގެ ބަލާއިން ސަލާމަތްވެގެންވާ ކަމުގެ އިޙްސާސް އިބްރާހީމްގެ ފާނަށް ލިބިގެންނުވާނަމަ ދެން އެ ހަމަޖެހުން ލިބޭނީ ކާކަށްތޯއެވެ!؟ އަދި މިއުއްމަތުގެ މީހުންގެ ތެރެއިން މާތްވެގެންވާ 3 ޤަރުނަށްފަހު ވަރަށް ގިނަ ބަޔަކު ވަނީ ޝިރުކުގައި ޖެހިފައެވެ. އެހެންކަމުން ޤަބުރުތައްމަތީ މިސްކިތްތައް އެޅުނެވެ. އަދި ޤަބުރުތަކުގައި ޒިޔާރަތްތައް ހެދުނެވެ. އަދި އަދި އަޅުކަންކުރުމުގައި އެ ޤަބުރުތައް ބައިވެރިކޮށް ޝިރުކުކުރިއެވެ. އަޅުކަންތަކުގެ އެކިއެކި ވައްތަރުތަކުގައެވެ. ހަމަ ޖާހިލިއްޔަ ޒަމާނުގެ މުޝްރިކުން އަޅުކަންކުރަމުންދިޔަ ގޮތަށެވެ. އަދި އެއަށްވުރެ ނުބައިކޮށެވެ. އަދި އެއީ އެބައިމީހުންގެ ދީންކަމުގައި ހެދިއެވެ. އެހެން ނަމަވެސް އެ ޤަބުރުތަކަކީ އަވްޘާން ތަކާއި އަޞްނާމްތަކެކެވެ. ޞަނަމަކީ އެއަށް ވަކި ސިފައެއް ނުވަތަ ޞޫރައެއް ދެވިގެންވާ ބުދުތަކެވެ. އަދި ވަޘަނު ތަކަކީ އެއެއްޗައްސަށް އަޅުކަންކުރެވޭތަކެތީގެ ތެރެއިން ވަކި ޞޫރައެއް ލިބިގެންނުވާ ތަކެއްޗެވެ. މިސާލަކަށް ހިލަތަކެވެ. އަދި ބިނާތަކެވެ. އެގޮތުން ޞަނަމަށް ނުވަތަ ބުދަށް ވަޘަނޭ ކިޔެއެވެ. ﷲ ގެ ޚަލީލު ވިދާޅުވިފަދައިންނެވެ.( إِنَّمَا تَعْبُدُونَ مِن دُونِ اللَّهِ أَوْثَانًا ) އަލްޢަންކަބޫތު 17 މާނައީ: ” ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ.” .އެހެން ކަމުން ބުދުތަކަކީވެސް ވަޘަން ގެތެރޭގައި ހިމެނޭތަކެއްޗެވެ. އަދި މީހުން އަޅުކަންކުރާ ޤަބުރުތަކަކީވެސް ވަޘަނެވެ. އެހެންކަމުން އަވްޘާނަކީ ޝިރުކުކުރާ ތަކެއްޗަށް ބޭނުންކުރާ ޢާއްމު ނަމެކެވެ.””
އަދި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ﷲ ފިޔަވައި އަޅުކަންކުރެވޭ ކޮންމެ ފަރާތަކީ ބުދެކެވެ. އަދި ﷲ ގެ ޙަޟްރަތަށް ކުއްތަންވުމުން މީހުން ޢާފިލުކޮށް މަޝްޢޫލު ކުރުވާ ކޮންމެ އެއްޗަކީ ބުދުތަކެކެވެ. އަދި ﷲ ގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމް ވަނީ އެކަލޭގެފާނު ޝިރުކަށް ބިރުފުޅުގަންނަވާ ސަބަބުވެސް ބަޔާން ކުރައްވާފައެވެ. އެކަލޭގެފާނު ވިދާޅުވިކަމަށް ޤުރްއާނުގައި ވެއެވެ. (رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ) [إبراهيم: 36] މާނައީ: ” އަޅުގެ ވެރިރައްބެވެ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. “ އެހެންކަމުން އަޅުގަނޑުމެންގެ ތެރޭގައިވެސް މިހާރުމިވަނީ ބުދުތައް ބަހައްޓާފައެވެ. އެތަކެތި އަޅުގަނޑުމެން މަގުފުރެއްދުމުގެ ކުރިން ތަވްޙީދަކީ ކޮބައިކަން ރަގަޅަށް ދަސްކުރަން އެބަޖެހެއެވެ. އަދި ކުރިޔަށްވުރެބޮޑަށް ޝިރުކަށް އެނބުރި ހިނގައިދާނެތީ އެކަމާއި އަޅުގަނޑުމެން ބިރުވެތިވެ ތައުޙީދުގެ މަތީގައި ޘާބިތުކޮށްދެއްވުންއެދި ﷲ އަށް ގިނަގިނައިން ދުޢާކޮށް ބުދުތަކާއި ޝިރުކު މި ދިވެހި ދީބުން ނައްތާލަން ކުރެވެން އޮތް ހުރިހާ ގޮތަކުން ޖިހާދުކުރަންވާނެއެވެ.