ދެވަނަ ބައި: ކުޑަ ޝިރުކު
ކުޑަ ޝިރުކަކީ ޝަރުޢީ ނައްޞުތަކުގައި އެއީ ޝިރުކެއްކަމުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ބޮޑު ޝިރުކަށް ނުވާ ކަންތައްތަކެވެ. އޭގެ މިޘާލަކީ ﷲ ތަޢާލާ ނޫން ފަރާތެއް ގަންދީ ހުވާކުރުމެވެ.
އެކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘެވެ.
«إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ» [1]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު އެންމެ ބޮޑަށް ބިރުފުޅު ގަންނަނީ ކުޑަ ޝިރުކަށެވެ.”
ޝިރުކުގެ އެހެން ބާވަތެއްވެސް ވެއެވެ. އެއީ ވަންހަނާވެގެންވާ ޝިރުކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((يَا أَيُّهَا النَّاسُ اتَّقُوا هَذَا الشِّرْكَ؛ فَإِنَّهُ أَخْفَى مِنْ دَبِيبِ النَّمْلِ)) [2]
މާނައީ: “އޭ މީސްތަކުންނޭވެ! މިބާވަތުގެ ޝިރުކަށް ބިރުވެތިވާށެވެ. ފަހެ ހިންޏެއް ހިރޭ ހިރުމަށް ވުރެ އެ ވަންހަނާވެގެންވެއެވެ.”
އަދި އިބްނު ޢައްބާސް رضي الله عنهما ކުޑަ ޝިރުކު ތަފްސީރުކުރައްވަމުން ވިދާޅުވެފައިވަނީ އެއީ މިސާލަކަށް މީހަކާ ދިމާއަށް: “ﷲ ތަޢާލާ އިރާދަކުރެއްވި ގޮތެވެ. އަދި މިވެނި މީހަކުވެސް އެދުނު ގޮތެވެ.” މިފަދައިން (ގުޅުވާލައިގެން) ބުނުމެވެ.
މިބާވަތުގެ ޝިރުކުން ރައްކާތެރިވުމަށް ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައިވަނީ އަންނަނިވި ދުޢާ ކިޔުމެވެ.
((اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ، وَنَسْتَغْفِرُكَ لِمَا لَا نَعْلَمُ))
“އޭ ﷲ! އަޅަމެންނަށް އެނގޭ ޙާލު، އިބަ އިލާހާ ޝަރީކުކުރުމުން ރައްކައުތެރިކޮށްދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އަދި އަޅަމެންނަށް ނޭނގި ތިބެ ކުރެވޭ ކަންތައްތައް ފުއްސަވައިދެއްވުމަށް އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ތައުޙީދަކީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަންތައްތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އަދި ޝިރުކަކީ ﷲ ތަޢާލާއަށް އަދާކުރަން ޖެހޭ ޙައްޤެއްގައި މަޚްލޫޤަކު ބައިވެރިކޮށް ޝަރީކަކުރުމެވެ. އެއީ ﷲ ތަޢާލާ މަތެރިވެރިކުރާ ފަދައިން މަޚްލޫޤަކު މަތިވެރި ކުރުމެވެ. ނުވަތަ މަޚްލޫޤަކަށް އަޅުކަންކުރުންފަދަ ކަމެއް ކުރުމެވެ.
* “ﷲ ތަޢާލާ އިރާދަކުރެއްވި ގޮތެވެ. އަދި ތިބާވެސް އެދުނު ގޮތެވެ.” އަދި “ﷲ ތަޢާލާއާއި މިވެނި މީހަކު ނުވި ނަމަ މިވެނި ކަމެއް ވީހެވެ. ނުވަތަ މިވެނި ކަމެއް ނުވީހެވެ.”
މިފަދަ ބަސްތައް ޝިރުކަށްވާ ސަބަބަކީ: މިޢިބާރާތްތަކުގައި މިވަނީ ﷲ އާއި މަޚްލޫޤުން އެއްވަރުކޮށްފައެވެ. ﷲ ތަޢާލާވަނީ އެކަމުން ހުސްޠާހިރުވެގެންނެވެ.
* މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ “ﷲ ތަޢާލާ އިރާދަކުރެއްވި ގޮތެވެ. ދެން އެއަށްފަހުގައި ތިބާވެސް އެދުނު ގޮތެވެ.” މިފަދައިން ބުނުމެވެ.
އަދި “ﷲ ތަޢާލާ ނުވި ނަމަ މިވެނި ކަމެއް ވީހެވެ. ދެން އެއަށްފަހުގައި މިވެނި މީހަކުވެސް މެއެވެ.” ނުވަތަ “ﷲ ތަޢާލާ ނުވި ނަމަ މިވެނި ކަމެއް ނުވީހެވެ. ދެން އެއަށްފަހުގައި މިވެނި މީހަކުވެސް މެއެވެ.” މިފަދައިން ބުނުމަށެވެ.
* ކުޑަ ޝިރުކަކީ: ބޮޑު ޝިރުކަށް މަގުފަހި ކުރުވާ ބަހާއި ޢަމަލެވެ. އެއީ މިޘާލަކަށް ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމެވެ.
* ކުޑަ ޝިރުކަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެނަސް އެކަން ކުރާ މީހާ އިސްލާމްދީނުން ބޭރު ނުވާނެއެވެ.
* ވަންހަނާވެގެންވާ ޝިރުކު ބައެއް ޙާލަތްތަކުގައި ބޮޑު ޝިރުކުގެ ތެރޭގައި ހިމެނެއެވެ. އަދި އަނެއްބައި ޙާލަތްތަކުގައި ކުޑަ ޝިރުކުގެ ތެރޭގައިވެސް ހިމެނެއެވެ.
– ވަންހަނާވެގެންވާ ޝިރުކު ބޮޑު ޝިރުކަށްވާ ޙާލަތުގެ މިޘާލަކީ: މީސްތަކުންނަށް ދެއްކުމަށްޓަކައި އިސްލާމްވެގެން އުޅޭކަމަށް ހެދިގެން އުޅޭ މުނާފިޤުން ކުރާ ޢަމަލުތައް
– ވަންހަނާވެގެންވާ ޝިރުކު ކުޑަ ޝިރުކަށްވާ ޙާލަތުގެ މިޘާލަކީ: މީސްތަކުންނަށް ދެއްކުމަށްޓަކައި މުސްލިމަކު ކުރާ ހެޔޮ ޢަމަލެއް
* ބޮޑު ޝިރުކާއި ކުޑަޝިރުކުގެ ބައެއް ފަރަޤުތައް:
1- ތައުބާ ނުވާހާ ހިނދަކު ބޮޑު ޝިރުކެއް ﷲ ތަޢާލާ ނުފުއްސަވާނެއެވެ.
ކުޑަ ޝިރުކުކޮށްފައި ތައުބާ ނުވެ މަރުވާ މީހާއާ މެދު ޢިލްމުވެރިންވަނީ ޚިލާފުވެފައެވެ.
– ބައެއް ޢިލްމުވެރިން ވިދާޅުވަނީ: އޭނާއަށް ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ ފުއްސަފާނެއެވެ.
– އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ: އޭނާ އެގޮތުގައި މަރުވެއްޖެނަމަ ﷲ ތަޢާލާ އޭނާއަށް ޢަޛާބުދެއްވާނެއެވެ. އެހެނަސް އެފަދަ މީހަކު ނަރަކައިގައި ދެމި ނުހުންނާނެއެވެ.
- ބޮޑު ޝިރުކުކުރުމުން ހުރިހާ ޢަމަލެއް ބާޠިލުވެގެން ދެއެވެ.
ކުޑަ ޝިރުކުކުރުމުން ބާޠިލުވެގެންދަނީ ޝިރުކު ހިމެނުނު ޢަމަލު އެކަންޏެވެ.
3- ބޮޑު ޝިރުކުކުރާ މީހާ މިއްލަތުން ބޭރު ވާނެއެވެ.
ކުޑަ ޝިރުކުކުރާ މީހާ މިއްލަތުން ބޭރު ނުވާނެއެވެ. ތައުޙީދުގެ ފުރިހަމަކަމަށް ކުޑަ ޝިރުކުގެ ސަބަބުން އުނިކަން ގެނުވައެވެ. އެހެނަސް އެފަދަ މީހަކު ބަލާނީ މުސްލިމެއްގެ ގޮތުގައެވެ.
4- ބޮޑު ޝިރުކުކުރުމަށް ފަހު އެގޮތުގައި މަރުވާމީހާ ވާހުށީ އަބަދުގެ އަބަދަށް ނަރަކައިގައެވެ.
ކުޑަ ޝިރުކު ކުރި މީހަކު ނަރަކައިގައި އަބަދަކަށް ނުވާނެއެވެ.
ސުވާލުތައް
1- ކުޑަ ޝިރުކުގެ މިޘާލެއް ބަޔާންކުރާށެވެ.
2- އަންނަނިވި ދެ ޖުމުލައިގެ ތެރެއިން ރަނގަޅު ޖުމްލައަކީ ކޮބާ ހެއްޔެވެ؟ ސަބަބު ބަޔާންކުރާށެވެ.
“ﷲ ތަޢާލާ އިރާދަކުރެއްވި ގޮތެވެ. އަދި ތިބާވެސް އެދުނު ގޮތެވެ.”
“ﷲ ތަޢާލާ އިރާދަކުރެއްވި ގޮތެވެ. ދެން އެއަށްފަހުގައި ތިބާވެސް އެދުނު ގޮތެވެ.”
3- ބޮޑު ޝިރުކާއި ކުޑަޝިރުކުގައިވާ ފަރަޤަކީ ކޮބާ ހެއްޔެވެ؟
4- ކުޑަ ޝިރުކުގެ ދަލީލު ބަޔާންކުރާށެވެ.
= ނުނިމޭ =
_____________________________
[1] رواه أحمد في مسنده برقم: (23630) وصححه الألباني في سلسلة الأحاديث الصحيحة برقم: (951).
[2] رواه أحمد في مسنده برقم: (19606) وقال الألباني: حسنه لغيره (صحيح الترغيب والترهيب له برقم: (36)).