އަބޫ ބަކްރާ رضي الله عنه ގެ އަރިހުން އައިސްފައިވާ ރިވާޔަތްތަކުގެ ޞައްޙަކަން
މިނުކުތާ ކުރިއަށް ގެންދިޔުމުގެ ކުރިން އަލިއަޅުވާލާނީ ޞަޙާބީ ބޭކަލުންގެ ތަޢާރަފާއި އިސްލާމްދީނުގައި ޞަޙާބީ ބޭކަލުންނަށް ދެއްވާފައިވާ ޤަދަރާ އަދި ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ޞަޙާބީ ބޭކަލުންނާމެދު ދެކޭ ގޮތަށެވެ. އެހެނީ މިނުކުތާއަކީ އެކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކެމެކެވެ.
* ޞަޙާބީ ބޭކަލުންގެ ތަޢާރުފު
އެއީ ނަބިއްޔާ صلى الله عليه وسلم އާ ބައްދަލުވެ، އެކަލޭގެފާނަށް އީމާންވެ އަދި މުއުމިނެއްގެ ގޮތުގައިވާ އަވަހާރަވި ބޭކަލުންނެވެ. [1]
* ޞަޙާބީ ބޭކަލުންގެ މާތްކަން ބަޔާންކޮށްދޭ ޤުރުއާނާއި ސުންނަތުގެ ބައެއް ދަލީލުތައް
– ﴿وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ … ﴾ [سورة التوبة ١٠٠]
މާނައީ: “މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ ތަބަޢަވީމީހުން (ދަންނާށެވެ!) ﷲ އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެއިލާހަށް ރުހިއްޖެއެވެ.”
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لاَ تَسُبُّوا أَصْحَابِي فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ)) [رواه البخاري]
މާނައީ: “ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދައިގެ މިންވަރަށް ރަން ހޭދަކުރިޔަސް، އެ ބޭކަލުންގެ ތެރެއިން ބޭކަލެއް ހޭދަކުރި މުއްދެއްގެ މިންވަރާވެސް އެއްވަރު ނުވާ ހުށްޓެވެ. އަދި ކިއެއް ހެއްޔެވެ. މުއްދެއްގެ ދެބައިކުޅަ އެއްބަޔާވެސް އެއްވަރުނުވާ ހުށްޓެވެ.”
* ހުރިހާ ޞަހާބީ ބޭކަލުންނަކީވެސް ޢަދުލުވެރި ބޭކަލުން
އައްނަވަވީ رحمه الله ވިދާޅުވިއެވެ. “ހުރިހާ ޞަޙާބީ ބޭކަލުންނަކީވެސް ޢަދުލުވެރި ބޭކަލުންކަމުގައި ޢިލްމުވެރިންވަނީ އިޖުމާޢުވެފައެވެ.” [2]
* ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާގައި ޞަޙާބީންނާމެދު ދެކޭ ގޮތް
ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ޞަޙާބީ ބޭކަލުންނަށް އެބޭކަލުންނަށް އެކަށީގެންވާ ޤަދަރުދެއްވައެވެ. އަދި އެބޭކަލުންނަށް ޤަދަރުކުރުމުގައި ހައްދު ފަހަނަ އަޅާ ނުދެއެވެ. އަދި އެބޭކަލުންނަށް ޤަދަރު ކުޑައެއްވެސް ނުކުރެއެވެ.
* ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ.
“އަދި ސުންނަތް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގައި: އެބައިމީހުންގެ ހިތްތަކާއި ދޫތައް މުޙައްމަދު صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުންނާމެދު ޠާހިރުކުރުން ހިމެނެއެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.
﴿وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ﴾ [سورة الحشر ١٠]
މާނައީ: “އަދި އެއުރެންގެ ފަހުން އައި މީހުން ބުނެއެވެ. އަޅަމެންގެ ރައްބެވެ! އަޅަމެންނަށާ އަދި އަޅަމެންނަށް ވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަ ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ރައްބެވެ! ހަމަކަށަވަރުން، އިބައިލާހީ ނުހަނު އޯގާވަންތަ، ރަޙީމުވަންތަ އިލާހެވެ.”
އަދި ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘް ބަސްފުޅަށް ކިޔަމަންގަތުމުގެ ގޮތުންނެވެ.
((لاَ تَسُبُّوا أَصْحَابِي فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ)) [رواه البخاري]
މާނައީ: “ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދައިގެ މިންވަރަށް ރަން ހޭދަކުރިޔަސް، އެ ބޭކަލުންގެ ތެރެއިން ބޭކަލެއް ހޭދަކުރި މުއްދެއްގެ މިންވަރާވެސް އެއްވަރު ނުވާ ހުށްޓެވެ. އަދި ކިއެއް ހެއްޔެވެ. މުއްދެއްގެ ދެބައިކުޅަ އެއްބަޔާވެސް އެއްވަރުނުވާ ހުށްޓެވެ.”
އަދި ޤުރުއާނާއި ސުންނަތާއި އިޖުމާޢުން ޘާބިތުވެފައިވާ އެބޭކަލުންގެ މާތްކަމާއި ދަރަޖަތައް އެބައިމީހުން ޤަބޫލުކުރެއެވެ.”
* ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުންނާ ބެހޭގޮތުން އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.
“ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުމާ ބެހޭގޮތުން އިމާމު އަޙްމަދުވަނީ ފޮތެއް ލިޔުއްވާފައެވެ. – އެކަލޭގެފާނަށް ﷲ ތަޢާލާ ރުއްސަވާވޮޑިގަންނަވާފާނދޭވެ. – އެފޮތުގައި އެކަލޭގެފާނުވަނީ، ރަސޫލާ صلى الله عليه وسلم ގެ ސުންނަތާ ދެކޮޅުހެދުމުގެ ގޮތުން ޤުރުއާނުގެ ބޭރުފުށުގެ މާނައިން ދަލީލު ދައްކާ މީހުންނަށް ރައްދުދެއްވާފައެވެ. އަދި ސުންނަތުން ޙުއްޖަތް ނެގުން ދޫކޮށްލި މީހުންނަށްވެސް މެއެވެ. އަދި ފައްޓަވަމުން ވިދާޅުވެފައިވެއެވެ.
“ހަމަކަށަވަރުން ﷲ ތަޢާލާ މުޙައްމަދުގެފާނު ފޮނުއްވީ ހިދާޔަތާއި ޙައްޤުދީނާއިގެންނެވެ. އެއީ މުޝްރިކުން ނުރުހުނުކަމުގައިވިޔަސް އެންމެހާ ދީންތަކުގެ މައްޗަށް އެދީން ގަދަކުރެއްވުމަށްޓަކައެވެ. އަދި އެފޮތަށް ތަބާވެއްޖެމީހަކަށް ހިދާޔަތާއި ނޫރު ލިއްބައިދޭ ފޮތް އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވިއެވެ. އަދި އެފޮތުގެ ފާޅުވެގެންވާ މާނައާ ވަންހަނާވެގެންވާ މާނައަށް މަގުދައްކައިދޭ ބޭކަލެއްކަމުގައި އެކަލޭގެފާނު ލެއްވިއެވެ. އަދި ޚާއްޞައާއި ޢާންމުކަންތައްތަކާއި ނާސިޚުއާއި މަންސޫޚާ އަދި ފޮތް ބާވާލެއްވުނު މަޤުޞަދުތަކަށްވެސް މެއެވެ.
ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم އަކީ ﷲ ގެ ފޮތް ބަޔާންކޮށްދެއްވާ ފަރާތެވެ. އަދި އޭގެ މާނަތަކަށް މަގުދައްކަވާ ފަރާތްވެސްމެއެވެ. އެކަމުގެ ހެއްކަކީ އެކަލޭގެފާނަށްޓަކައި ﷲ ތަޢާލާ އިޚްތިޔާރުކޮށްދެއްވާ ރުއްސުންލެއްވި ޞަޙާބީންނެވެ. އެބޭކަލުންވަނީ އެކަލޭގެފާނުގެ އަރިހުން އެ ނަޤުލުކުރައްވާފައެވެ.
ފަހެ، އެބޭކަލުންވީ އެންމެ ރަނގަޅަށް ރަސޫލާ صلى الله عليه وسلم ދެނެގަތް ބޭކަލުން ކަމުގައެވެ. އަދި ﷲ ގެ ފޮތުގެ މުރާދުވެސް އެންމެ ރަނގަޅަށް އެނގިލެއްވި ބޭކަލުންކަމުގައެވެ. އެއީ އެބޭކަލުންނަށް ފެނިވަޑައިގެން ކަންތައްތައްތަކުގެ ސަބަބުންނެވެ. އެގޮތުން ރަސޫލާ صلى الله عليه وسلم އަށް ފަހު އޭގެ މާނަ ބަޔާންކޮށްދެއްވީ އެބޭކަލުންނެވެ.
ޖާބިރުގެފާނު ވިދާޅުވިއެވެ.
ﷲ ގެ ރަސޫލާ صلى الله عليه وسلم ތިމަން ބޭކަލުންގެ ތެރޭގައި ހުންނެވި ހިނދު އެކަލޭގެފާނުގެ މައްޗަށް ޤުރުއާން ބާވައިލެއްވުނެވެ. އަދި އޭގެ ތަފްސީރު އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެ ޤުރުއާނުގައިވާ ކަމަކަށް އެކަލޭގެފާނު ޢަމަލުކުރައްވައިފިނަމަ ތިމަން ބޭކަލުންވެސް އެކަމަކަށް ޢަމަލުކުރައްވަމެވެ.”
ދެން އެއަށްފަހު އެކަލޭގެފާނަށް ކިޔަމަންގަތުމާ ބެހޭގޮތުން އައިސްފައިވާ އާޔަތްތައް ބަޔާންކުރެއްވިއެވެ. [3]
* އަލްޙާފިޡް އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ.
“ހުރިހާ ޞަޙާބީބޭކަލުންނަކީވެސް ޢަދުލުވެރި ބޭކަލުންކަމުގައި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގަންނަވާފައެވެ. އެކަމުގައި ބިދުޢަވެރިންގެ ތެރެއިން މަދު ބަޔަކު މެނުވީ ޚިލާފުވެފައެއް ނުވެއެވެ. އަލްޚަޠީބު (އަލްބަޣްދާދީ) ވަނީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “އަލްކިފާޔާގައި” މިކަމާ ގުޅުން ހުރި އަގުހުރި ފަޞްލެއް ގެންނަވާފައެވެ. އޭގައި ވިދާޅުވެފައިވެއެވެ. “ޞަޙާބީ ބޭކަލުންގެ ޢަދުލުވެރިކަން ޘާބިތުވެފައިވަނީ ﷲ ތަޢާލާ އެބޭކަލުންނަކީ ޢަދުލުވެރި ބޭކަލުންތަކެއްކަމުގައި ކަނޑައެޅުއްވުމުންނެވެ. އަދި އެބޭކަލުންގެ ޠާހިރުކަން އެއިލާހުވަނީ ބަޔާންކުރައްވާފައެވެ. އަދި އެއިލާހު އެބޭކަލުން ޚިޔާރުކުރެއްވިކަންވެސް މެއެވެ. – ދެން އެކަމާ ގުޅޭ ގޮތުން ކީރިތި ޤުރުއާނުގެ އާޔަތްތަކެއް ގެންނެވިއެވެ. – މިކަމުގައި ވަރަށް ގިނަ އާޔަތްތައް އައިސްފައިވެއެވެ. އަދި ވަރަށް ގިނަ ޙަދީޘްތައްވެސް އައިސްފައިވެއެވެ. އެ ގުނައިފިނަމަ ވަރަށް ގިނަކަމަށް ފެނިގެންދާނެއެވެ.
އެހުރިހާ ކަމަކުންވެސް ދަލީލު ލިބެނީ އެބޭކަލުންގެ ޢަދާލަތްތެރިކަމަކީ ކަނޑައެޅިގެން އެނގޭކަމެއްކަމެވެ. އަދި އެބޭކަލުންނީ ޢަދުލުވެރި ބައެއްކަމުގައި ﷲ ތަޢާލާ ކަނޑައެޅުއްވުމަށް ފަހު، އެހެން އެއްވެސް މަޚްލޫޤެއްގެ ކިބައިން އެބޭކަލުންގެ ޢަދާލަތްތެރިކަން ކަނޑައަޅައިދިނުމަށް އެބޭކަލުން ޙާޖަތަށް ޖެހިގެން ނުވެއެވެ.” [4]
އަބޫ ބަކްރާ رضي الله عنه އަށް ދިމާވި ޙާދިޘާ
ޢުމަރުގެފާނުގެ ޚިލާފަތުގައި އަބޫ ބަކްރާއާއި ނާފިޢުއާއި ޝިބްލު ބުން މަޢުބަދާ މިތިން ބޭކަލުންވަނީ ޒިނޭގެ މައްސަލައެއްގައި ހެކިބަސްދެއްވާފައެވެ. އެހެނަސް ހަތަރު ހެކިން ހަމަނުވުމުން އެބޭކަލުންގެ ގައިގައިވަނީ ޤަޛްފުގެ ޙައްދު ޖަހާފައެވެ. އެކަލޭގެފާނު މިމައްސަލައިގައި ދެކެވަޑައިގެންނެވީ އެކަލޭގެފާނަކީ ހެކިވެރިއެއްގެ ގޮތުގައެވެ. [5]
ޒިނޭގެ ތުހުމަތު މީހެއްގެ ބޮލުގައި އަޅުވާ “އޭ ޒިނޭކުރާ މީހާ” މިފަދަ ބަހަކުން މީހަކަށް ގޮވުމާ، ޒިނޭފަދަ ޢަމަލެއް މީހަކު ކުރަމުން ދަނިކޮށް އެހެން މީހަކަށް އެކަން ފެނުމުން އެކަމުގައި ހެކި ބަސް ދިނުމާ ތަފާތުތަކެއް ވެއެވެ. އަބޫ ބަކްރާވަނީ އެފަދައިން ހެކި ބަސްދެއްވާފައެވެ. އެހެނަސް ހަތަރު ހެކިން ހަމަނުވުމުން ޢުމަރުގެފާނަށް ފެނިވަޑައިގެންނެވީ އެބޭކަލުންގެ ގައިގައި ޤަޛްފުގެ ޙައްދު ޖެއްސެވުމަށެވެ. ނަމަވެސް އަބޫ ބަކްރާ އެފަދައިން ދެކެވަޑައިނުގަންނަވާތީ ހެކިދެއްވުމުގައި ޘާބިވެ ހުންނެވީއެވެ.
= ނުނިމޭ =
______________________
[1] ބައްލަވާ: نخبة الفكر لابن حجر (83 – 84).
[2] ބައްލަވާ: التقريب للنووي (ص: 92).
[3] إعلام الموقِّعين عن ربِّ العالمين (٢ / ٢٩٠- ٢٩١).
[4] الإصابة في تمييز الصحابة لابن حجر (1/162).
[5] ބައްލަވާ: سير أعلام النبلاء للذهبي (3/ 6 – 7).
މަޞްދަރު: الدفاع عن الصحابي أبي بكرة – رضي الله عنه – ومروياته، والاستدلال لمنع ولاية النساء على الرجال للشيخ عبدالمحسن العباد – حفظه الله –