ޔޯގާގެ MEDITATION ބޭނުންކުރުމުގެ ޙުކުމް
ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުންކުރުމުގެ ޙުކުމާމެދު ކުރިން އަލިއަޅުވާލާފައިވާނެއެވެ. އެހެނަސް ބައެއް މީހުން ޢާންމުކޮށް ކުރާ ކަސްރަތާއެކު ޔޯގާގެ meditation ވެސް ބޭނުންކޮށް އުޅެއެވެ.
އަދި ބައެއްމީހުން ކޮށްއުޅޭ ސުވާލަކީ:
ހިންދޫން އެކުރާފަދަ އިޢުތިޤާދެއް ނެތި ޔޯގާގެ ބޭނުންކުރުމަކީ ހުއްދަކަމެއް ހެއްޔެވެ؟
- ޔޯގާއާއި ގުޅުން ހުރި ޢަޤީދާތަކާއެކު މުސްލިމަކު ޔޯގާގެ meditation ފަރުވާއަކަށް ބޭނުންކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އަދި އެއީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ކާފިރުވުމެވެ. އެހެނީ އޭގެ އަޞްލު ބިނާވެގެންވަނީ ހިންދޫންގެ ޢަޤީދާތަކެއްގެ މައްޗަށެވެ. އަދި މުސްލިމުން ޤަބޫލުކުރާ ޤިޔާމަތްދުވަހާއި އަލުން ދިރުއްވުމުގެ ޢަޤީދާއަށް ކާފިރުވުމުގެ މައްޗަށެވެ.
- އެފަދަ އެއްވެސް އިޢުތިޤާދެއް ނެތި މެޑިޓޭޓުކުރުމާމެދު ދަންނައެވެ. އެއީވެސް ހުއްދަކަމެއް ނޫނެވެ. އެއީ އަންނަނިވި ސަބަބުތަކާ ހުރެއެވެ.
- ޔޯގާގެ meditation ގެ އެންމެ ބޮޑު ބޭނުމަކީ ސިކުނޑި އެއްކޮށް މަޑު ޖައްސާލުމެވެ. އަދި ކަންކަމާމެދު ވިސްނުން އެއްކޮށް ނެތިކޮށްލުމެވެ. އެއީ އިސްލާމްދީނުގައި ވިސްނާ ފިކުރުކުރުމަށާ އަދި އަބަދުވެސް ސިކުނޑީގެ ބޭނުންކުރުމަށް ބާރު އަޅުއްވާފައިވާ އާޔަތްތަކާއި ޙަދީޘްތަކާ ފުށުއަރާ ކަމެކެވެ.
- ޔޯގާގެ meditation ގެ މަޤްޞަދަކީ އިލާހީ ނޫރަށާއި ޣައިބުގެ ޢާލަމަށް ވާޞިލުވުމެވެ. އަދި ﷲ ތަޢާލަށް ބަލައި އެއިލާހާ އެކުވުމެވެ. މިއީ ޞަރީޙަ ކުފުރެއްކަމުގައި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. [1]
- އެފަދައިން މެޑިޓޭޓުކުރުމަކީ ބޫޛީންގެ ގާތުގައި އަސާސީ ކަމެކެވެ.
- މެދުކެނޑުމެއް ނެތި މުޤައްދަސް ކަލިމައެއް ނުވަތަ ޢިބާރާތެއް އަޅުކަމެއްގެ ގޮތުގައި އެބައިމީހުން ކިޔައި އުޅެއެވެ. މިކަމުގެ ސަބަބުން ޔޯގާގެ ކަސްރަތުތައްކުރާ މުސްލިމުންނަށް އުނދަގުލެއް މެދުވެރިވިއެވެ. އެއީ “އައުމު” ފަދަ އެބައިމީހުންގެ އިލާހުންގެ ނަންތައް މިފަދަކަމެއް ކުރާއިރު މުސްލިމަކު ކިޔާނީ ކިހިނަކުން ހެއްޔެވެ! ހިންދޫންގެ ތެރެއިން މިކަން ދަސްކޮށްދޭ މީހުންގެ ޖަވާބަކަށްވީ އެމީހަކު އެ އީމާންވާ އިލާހެއްގެ ނަން ކިޔުމުން ރަނގަޅުވާނެ ކަމުގައެވެ. މިކަމުގައި ހުރި ބާޠިލުކަން ކޮންމެ މުސްލިމަކަށްވެސް އެނގިގެންދާނެއެވެ. މުސްލިމަކު އެގޮތަށް ކިޔުމުން އޭނާއަށްވެސް އެ މަސައްކަތް ކުރެވެނީ ހިންދޫން އެމީހުންގެ ކަލާނގެއާ އެކުވެ ގުޅާލުމަށް އުޅޭ ގޮތަށް މުސްލިމު އަޅާވެސް ﷲ އަށް ގުޅުމަށެވެ. މިއަށް ކިޔަނީ ޙުލޫލުގެ ޢަޤީދާއެވެ. މިއީ ކުފުރުގެ ޢަޤީދާއެއްކަމުގައި މުސްލިމު ޢިލްމުވެރިންވަނީ ބަޔާންކުރައްވާފައެވެ. މިއީ ޞޫފީ ޢަޤީދާގެ އަހުލުވެރިންގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ޢަޤީދާއެކެވެ.
- ޔޯގާގެ މެޑިޓޭޝަން އަށް ސާންސްކްރީޓު ބަހުން ކިޔަނީ ދިހްޔާނާ (dhyana) އެވެ. އިނގިރޭސި ބަހަށް މި ތަރުޖަމާކޮށްފައިވަނީ meditation އަށެވެ. އަދި ޢަރަބި ބަހަށް ތަރުޖަމާކޮށްފައިވަނީ التأمل އަށެވެ. މި ތަރުޖަމާއަކީ ރަނގަޅު ތަރުޖަމާއެއް ނޫނެވެ. މިކަމުގައި ބޮޑަށް ބެލެވެނީ އިންޑިއާއިން ބޭރުގައި މިކަން މަޤްބޫލުކުރުމަށް މީގެ ނަން ބަދަލުކޮށްފައިވާ ކަމަށެވެ.
ޔޯގާގައި މިކަން ކުރާ ގޮތާއި meditation އާއި التأمل މިލަފްޒުތަކުގެ މާނައާ ދިމަލެއް ނުވެއެވެ. އެހެނީ އެ ދެ ލަފްޒުގެ މާނައަކީ ކަމަކާ މެދު ފުންކޮށް ވިސްނުމެވެ. އެހެނަސް ޔޯގާގައި އޮންނަ ގޮތަކީ ސިކުނޑިން ވިސްނުން ހުއްޓާލުމެވެ.
ފަހެ މިހުރިހާ ކަމަކަށް ތަބާ ނުވިޔަސް މުސްލިމުންނަށް އެބައިމީހުންގެ ދީނުގައި ލައްވާފައިވާ ކަންކަމާ އަދި ހުއްދަކުރައްވާފައިވާ ކަންތައްތައް ފުދިގެންވެއެވެ. ހަށިގަނޑު ވަރުގަދަކޮށް ކަސްރަތުކުރުމަށްޓަކައި މިފަދަ ކަންތައްތައް ނުކުރިޔަސް ކުރެވިދާނެ ގިނަގުނަ ކަސްރަތުތައް ވެއެވެ. [2]
އެހެންކަމުން އިސްވެ ބަޔާންވެ ދިޔަ މަޢުލޫމާތުތަކުގެ އަލީގައި ޔޯގާގެ އެންމެހާ ޙަރަކާތްތަކުން މުސްލިމުން ދުރުހެލިވުމަށް ގޮވާލާ ނަސޭޙަތްތެރިވަމެވެ. އަދި ދިވެހިރާއްޖެއަށް ހިންދޫން އަތްގަދަކޮށް، ނުފޫޒު ގަދަކުރަމުންދާ މިފަދަ ދުވަސްވަރެއްގައި ޙީލަތްތެރި ގޮތަކަށް އެބައިމީހުން އެތައް އަޅުކަމަކާއި ޘަޤާފާތްތަކެއް ރާއްޖޭގައި ފަތުރަމުން ދިޔުމަކީ އިސްލާމްދީނާމެދު ޣީރަތްތެރިވާ ކޮންމެ މުސްލިމަކު އެކަމާ ކަންބޮޑުވާނޭ ކަމެކެވެ. މިކަމުގައި އޮތީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކަށް ވީވަރަކުން މީސްތަކުންނަށް މިކަމުގެ ނުބައިކަން ބަޔާންކޮށްދީ މިފަދަ ޙަރަކާތްތަކުން ދުރުހެލިކުރުމަށް މަސައްކަތް ކުރުމެވެ.
އޭ ﷲ! އަޅަމެން މިފަދަ އެންމެހާ ފިތުނަތަކުން ދުރުހެލިކުރައްވާ، އިބައިލާހު ރުއްސަވާ ގޮތުގައި އުޅުމުގެ ތައުފީޤު ދެއްވާނދޭވެ!
____________________________________________
= ނިމުނީ =
[1] ބައްލަވާ: دراسات في التصوف (ص: 282 – 294).
[2] ބައްލަވާ: اليوجا والتأمل رياضة أم عبادة لد. سالم حمزة أمين مدني (ص: 201 – 205).