[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބުލޫޣުލް މަރާމުގެ ޝަރަޙަ 1

ބުލޫޣުލް މަރާމުގެ ތަޢާރަފް

 

 

الحمد لله رب العالمين والصلاة والسلام على المبعوث رحمة للعالمين، نبينا محمد وعلى آله وصحبه أجمعين،

وبعد

ބުލޫޣުލް މަރާމަކީ ފިޤުހީ ބާބުތަކުގައި ބޭނުންކުރާ އަޙާދީޘުލް އަހްކާމުތައް (ފިޤުހީ ޙުކުމްތައް އޭގެ މައްޗަށް ބިނާވެގެންވާ ޙަދީޘްތައް) ޖަމާކޮށް އަލް ޙާފިޡް އަބިލް ފަޟްލު، ޢަލީ އިބްނު އަޙްމަދު އިބްނު ޙަޖަރު އަލް އަސްޤަލާނީ އެކުލަވާލާފައިވާ ޙަދީޘް ފޮތެކެވެ. މި ފޮތަކީ ޝަރުޢީ ޙުކުމްތަކުގެ ފަންނުގައި ލިޔެވިފައިވާ މުއައްލަފާތްތަކުގެ ތެރެއިން އުންމަތުގެ މަޤުބޫލުކަން ލިބިފައިވާ މަޝްހޫރު ފޮތެކެވެ. ފޮތް ލިޔެވުނީއްސުރެ މިއަދާހަމައަށްވެސް އެތައް ބަޔަކު މިފޮތް ކިޔަވައި، ހިތުދަސްކޮށް، މިފޮތުގައިވާ ޙަދީޘްތަކުގެ ޝަރަޙަ އުނގެނެމުން ދިޔުމަކީ މި ފޮތުގެ މުހިންމުކަން ދައްކުވައިދޭ ހެއްކެކެވެ.

އަޙާދީޘުލް އަޙްކާމްގެ ރޮނގުގައި އެތައް ފޮތެއް ލިޔެވިފައިވާއިރު، ބުލޫޣުލް މަރާމް، އެހެން ފޮތްތަކަށްވުރެ މަޝްހޫރުވެ، މަޤްބޫލުވުމުގައި ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި:

 1. ބްލޫޣުލް މަރާމުގައި ޙަދީޘްތައް އެކުލަވާލެވިފައިވަނީ ކޮންމެ މަޛްހަބެއްގެ މީހަކަށްވެސް ފަސޭހަކަމާއެކު ފިޤްހީ ޙުކުމްތަކަށް ބޭނުންވާ ދަލީލުތައް ލިބިގަނެވޭނެ ގޮތަށެވެ. ފިޤުހީ ބާބުތަކުގެ މައްޗަށް ވާރިދުވެގެން އައިސްފައިވާ ހުރިހާ ޙަދީޘެއް މިފޮތުގައި ގެނެސްފައި ނުވިކަމުގައި ވިޔަސް، މިފޮތުގައިވާ ޙަދީޘްތައް ދަސްކޮށް އޭގެ ޝަރަޙަ ރަނގަޅަށް އުނގެނިއްޖެ މީހަކު ފިޤުހީ މުހިންމު ބާބުތަކެއްމެ، ރަނގަޅަށް ފަހުމްވާނެކަމަށް އެތައް ޢިލްމުވެރިންނެއްވަނީ ވިދާޅުވެފައެވެ.
 2. މި ފޮތަކީ އަޙާދީޘުލް އަޙްކާމުގެ ރޮނގުންް ލިޔެވިފައިވާ ފޮތްތަކުގެ ތެރޭގައި ޙަދީޘްގެ ޢަދަދަށް ބަލާއިރު މެދުމިނުގެ ފޮތެކެވެ. މީގެ ސަބަބުން ފޮތް ހިތުދަސްކުރަން ފަސޭހަވެގެންދެއެވެ.
 3. މިފޮތުގައި އިބްނު ޙަޖަރު އަލް އަސްޤަލާނީ، ޙަދީޘްތައް ޛިކުރުކުރައްވާފައި ވާއިރު، ބައެއް ޙަދީޘްތަކާއެކު، އެޙަދީޘްތަކުގެ އެކި އެކި ރިވާޔަތްތަކުގައި އިތުރަަށް ވާރިދުވެފައި ވާ ލަފްޒުތައް ޛިކުރުކުރައްވާފައި ވެއެވެ. އަދި މިފަދައިން އިތުރު ރިވާޔަތެއްގައިވާ ބައެއް ޛިކުރުކުރައްވާނަމަ، އެބައެއް ޛިކުރުކުރައްވަނީ އެ ރިވާޔަތުގެ އަލީގައި މުހިންމު ޙުކުމެއް ނެގެން އޮންނާތީއެވެ. އެހެނީ އެއް ޙަދީޘެއް އެކި ޞަޙާބީންގެ ކިބައިން ތަފާތު މިންވަރަށް ރިވާވެގެން އައިސްފައި ހުރެދާނެއެވެ.

މިޘާލަކަށް މިސްކިތުގައި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ޞަޙާބީންނަށް ދީން އުނގަންނަވައި ދެއްވަން އިންނަވަނިކޮށް މިސްކިތަށް ވަދެވަޑައިގަތް ޞަޙާބީއަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކިބައިން ޙަދީޘެއް ރިވާކުރައްވަފާނެއެވެ. ނަމަވެސް އެޞަޙާބީއަށްވުރެ ކުރިން މިސްކިތަށް ޙާޟިރުވެ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އެޙަދީޘް އިތުރު ވާހަކަތަކަކާއެކު ރިވާކުރައްވަފާނެއެވެ.

 1. ހަތަރުވަނަ ކަމަކަށް، އިބްނު ޙަޖަރު އަލް އަސްޤަލާނީ، މިފޮތުގައި ދިގު ޙަދީޘްތައް އެއްކޮށް ޛިކުރުނުކުރައްވައި ކުރުކޮށް ޛިކުރުކުރައްވާފައި ވެއެވެ. މިޘާލަކަށް ޙާދިޘާއަކާ ގުޅިގެން އައިސްފައިވާ ޙަދީޘެއް، އެ ޙާދިޘާ ޛިކުރުނުކުރައްވާ ހަމައެކަނި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅު ޛިކުރު ކުރައްވާފައި ވެއެވެ. މިފަދަ ޙަދީޘްތައް ޝަރަޙަގައި ބަޔާންވެގެންދާނެއެވެ. إن شاء الله. އަދި މިގޮތަށް އިޚްތިިޞާރުކޮށް ޙަދީޘްތައް ޛިކުރުކުރެވިފައިވުމުން، ޙަދީޘްތައް ހިތުދަސް ކުރަން ފަސޭހަ ވެގެންދެއެވެ.
 2. މި ފޮތުގައި އިބްނު ޙަޖަރު ޛިކުރުކުރައްވާފައިވަނީ ހަމައެކަނި އައްޞަޙީޙައިން ނުވަތަ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙުލް މުސްލިމުގައިވާ ޙަދީޘްތަކެއް ނޫނެވެ. ޞަޙީޙައިން ނޫން އެހެން ޙަދީޘް ފޮތްތަކުންނާއި އެހެން ޜާވީންގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘްތައްވެސް ޛިކުރުކުރައްވާފައި ވެއެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތައް އެތައް ލައްކައަކަށް އަރާއިރު، ހަމައެކަނި ޞަޙީޙައިނުން ޙަދީޘް ނެގުމުން، އެތައް ޢިލްމަކުން ތިމާ މަޙުރޫމު ވެގެން ދާނެއެވެ. އެހެނީ ޞަޙީޙައިނުގައި ހަމަ އެކަނި ޞަޙީޙު ޙަދީޘްތައް ހުރި ނަމަވެސް، ޞަޙީޙައިންގައި ނުހިމެނޭ ޞަޙީޙު ޙަދީޘްތައް ވެސް ވެއެވެ. އަދި ޞަޙީޙް ދަރަޖަ އަށް ނުދިޔަ ނަމަވެސް ޙަސަން ދަރަޖައިގެ ޙަދީޘްތައް ވެސް ވެއެވެ.
 3. މިފޮތުގައިވާ ޙަދީޘްތައް ޛިކުރުކުރެއްވުމަށްފަހު، އިބްނު ޙަޖަރުވަނީ، އިސްލާމް ދީން ދެކެފައިވާ މަޝްހޫރު އިމާމުންގެ ތެރެއިން އެޙަދީޘެއް ތަޚްރީޖު ކުރައްވާފައިވާ އިމާމުންގެ ނަންތައް ޛިކުރުކުރަށްވާފައެވެ.
 4. ޞަޙީޙައިންގައި ނުހިމެނޭ ޙަދީޘްތައް ޛިކުރުކުރައްވާ ހިނދު، އެ ޙަދީޘްގެ ދަރަޖައާމެދު އެކިއެކި ޢިލްމުވެރިންނާއި އިމާމުންގެ ފައިސަލާ ވެސް މިފޮތުގައި އިބްނު ޙަޖަރު ބަޔާން ކުރައްވާފައި ވެއެވެ.
 5. ބައެއް ޙަދީޘްތައް ޛިކުރުކުރައްވާފައި ވާއިރު، އެ ޙަދީޘަކަށް ބާރު ލިބިދޭ އެހެން ޙަދީޘްތައް ވެސް މިފޮތުގައި އިބްނު ޙަޖަރު އަލް އަސްޤަލާނީ ޛިކުރު ކުރައްވައެވެ. މިއީވެސް ފޮތުގެ މުހިންމުކަން ބޮޑުވެގެންދާ ސަބަބެކެވެ.
 6. އިބްނު ޙަޖަރު، މިފޮތުގައި ޙަދީޘް ޛިކުރު ކުރެއްވުމަށްފަހު، ވަރުގަދަކަމާއި ބަލިކަށިކަމުގެ ގޮތުން އެޙަދީޘެއްގެ ދަރަޖަ ބަޔާން ކުރައްވާފައި ވެއެވެ.
 7. މި ފޮތުގައި ބަލިކަށި ޙަދީޘްތައް ޛިކުރުކުރެވިފައި ވާއިރު، އޭގެ ތެރެއިން ބައެއް ޙަދީޘްތައް ބަލިކަށިވީ ސަބަބުވެސް ޛިކުރުކުރައްވާފައި ވެއެވެ. މިއީ ބަލިކަށި ޙަދީޘްތައް ދިރާސާކުރުމުގައި ވަރަށް މުހިންމު ކަމެކެވެ. އަދި މިފޮތުގައި ބަލިކަށި ޙަދީޘްތައް ޛިކުރުކުރައްވާފައިވަނީ ވެސް ވަރަށް މުހިންމު ބޭނުމަކަށްޓަކައެވެ. ބުލޫޣުލް މަރާމުގައި ބަލިކަށި ޙަދީޘްތައް ޛިކުރުކުރައްވާފައި ވުމަކީ މިފޮތް މުހިންމުވެގެންދާ ސަބަބެއް ކަމަށް ވިދާޅުވުމަށްފަހު، ފަޟީލަތުއް ޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރު ވިދާޅުވެފައިވެއެވެ.

“ކޮންމެ ޟަޢީފު ނުވަތަ ބަލިކަށި ޙަދީޘަކީ ދޫކޮށްލެވޭ ޙަދީޘެއް ނޫނެވެ. މިއީ އެންމެހާ ޢިލްމުވެރިންގެ މެދުގައިވެސް ޢަަމަލު ކުރެވޭ ޤާޢިދާއެކެވެ.”

ފަހެ ޟަޢީފް ޙަދީޘުގެ ދަރަތައްވެސް ތަފާތު ވެގެންވެއެވެ. އަދި އެކި ދަރަޖަތަކުގެ ޙަދީޘްތަކާމެދު ޢަމަލު ކުރެވިގެންދާ ގޮތް ވެސް އެކިއެކި ޙާލަތްތަކުގައި ތަފާތު ވެގެންވެއެވެ. ޙަދީޘެއް ޟަޢީފުވީ ނަމަވެސް، އެ ޙަދީޘް ޟަޢީފު ވެފައިވީ ސަބަބު ދެނެގަނެ، ޟަޢުފުގެ ދަރަޖައަށް ބަލައި، އެ ޙަދީޘަކަށް ބާރު ލިއްބައިދޭ ޝަވާހިދުތަކާއި މުތާބަޢާތުތަކަށް ބަލައި އަދި ޞަޙާބީންގެ ޢަމަލު އެކަމުގައި ޞައްޙަ މަގުން ޘާބިތުވާނަމަ އެޙަދީޘް ދޫކޮށްނުލެވި އަޙާދީޘުލް އަޙްކާމުގައި ދަލީލު ނަގަން ބޭނުން ކުރިވިދާނެއެވެ. މިކަމަށް އަލިއަޅުވާލައްވަމުން އިބްނު ޢަބްދުލް ބައްރު އެކަލޭޣެފަނުގެ ފޮތް، ތަމްހީދުގެ މުޤައްދިމާގައި ވިދާޅުވެފައިވެއެވެ.

“ފަަހަރުގައި ޟަޢީފު ސަނަދަކުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ޞަޙީޙް މާނައެއް އޮވެދާނެއެވެ.”

ބުލޫޣުލް މަރާމު ރަނގަޅަށް އުނގެނި އޭގެ ޝަރަޙަ ރަނގަޅަށް އުނގެނިއްޖެ މީހަކަށް ދީނީ މައްސަލަތަކުގެ ޙުކުމްތައް ދެނެގަތުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށް އެތަށް ޢިލްމުވެރިންނެއް ވިދާޅުވެފައި ވާއިރު، އިބްނު ބާޒު ފަދަ ޢިލްމުވެރިން މިފޮތަށް ވަރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ބެހެއްޓެވިއެވެ. އެގޮތުން ބަލާއިރު، ޝައިޚް އިބްނު ބާޒު އެކަލޭގެފާނުގެ ޢުމުރުގެ އެންމެ ފަހުގެ ދުވަސްތަކަށް ދާންދެންވެސް، ތަނަކަށް ވަޑައިގަންނަވާ ނަމަ އަބަދުވެސް އެކަލޭގެފާނާއެކު މިފޮތް ގެންދަވާ ކަމުގައިވެއެވެ. އަދި ޙަދީޘް ޢިލްމަށް އެތައް ގިނަގުނަ މަސައްކަތް ކުރެއްވުމުގެ ސަބަބުން މުޅި އުންމަތުގެ މަޤުބޫލުކަން ހޯދައިފައިވާ، އައްޝައިޚް އަލްބާނީ ވިދާޅުވެފައި ވެއެވެ:

“އަޙާދީޘުލް އަޙްކާމުގެ ރޮނގުން ލިޔެވިފައިވާ އެންމެ ރަނގަޅު ފޮތްތަކުގެ ތެރޭގައި އިބުނު ޙަޖަރު އަލް އަސްޤަލާނީގެ ބުލޫޣުލް މަރާމް ހިމެނެއެވެ.”

މިފޮތުގައި ވާ ޙަދީޘްތައް ޢަދަދުކުރުމުގައި ކުޑަ އިޚްތިލާފެއް އައިސްފައި ވެއެވެ. މި އިޚްތިލާފު އައިސްފައިވަނީ ކުރިންވެސް ބުނެވިދިޔަ ޙަދީޘްތަކުރެ އިތުރު ރިވާޔަތްތައްވެސް ވަކި ޙަދީޘްގެ ގޮތުގައި ބެލުމުގެ ސަބުބުންނެވެ. އެގޮތުން ބުލޫޣުލް މަރާމުގައިވާ ޙަދީޘްތަކުގެ ޢަދަދާ މެދު މަޝްހޫރު ތިން ރަޢުޔެއްވެއެވެ. އެއީ:

 1. ސަމީރުއް ޒުހައިރީ ގުނުއްވާ ގޮތުން ނަމަ 1582 ޙަދީޘެވެ.
 2. މާހިރު އަލް ފަޙްލު ގުނުއްވާ ގޮތުން ނަމަ 1568 ޙަދީޘެވެ.
 3. ޠާރިޤް ޢަވްޟުﷲ ގުނުއްވާ ގޮތުން ނަމަ 1469 ޙަދީޘެވެ.

އަލް-އިމާމް ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާގެ ފިޤްހު ޑިޕާޓްމަންޓުގެ އުސްތާޛެއްކަމަށްވާ ސަޢުދު އިބްނު ތުރްކީ އަލްޚަޘަލާން އެމަނިކުފާނުގެ ވެބްސައިޓުގައި ވިދާޅުވެފައި ވެއެވެ. ބުލޫޣުލް މަރާމުގައި ވާ ޙަދީޘް ތަކުގެ ޢަދަދަކީ 1568 އެވެ.

ކޮންމެއަކަސް މި އިޚްތިލާފަކީ ފޮތަށް އުނިކަމެއް އަންނަވަރުގެ އިޚްތިލާފެއް ނޫނެވެ.

ދުޢާއަކީ މިފޮތުގެ އަލީގައި އަޅުގަނޑުމެންނަށް އެތައް ގިނަގުނަ ދީނީ މަޢުލޫމާތުތަކެއް ލިބިގެންދިޔުމެވެ. އަދި އަޅުގަނޑުމެންގެ ދީނީ ޢިލްމުގެ ޚަޒާނާ މުއްސަނދިވެގެން ދިޔުމެވެ. އަދި ފައިދާކުރަނިވި ޢިލްމު ލިބިގެން ދިޔުމެވެ.

 

_____________________________

ބުލޫޣުލް މަރާމުގެ ޝަރަޙަ