[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްނު ޚުޒައިމާ رحمه الله 7

ޢިލްމީ ފެންވަރާއި ޢިލްމުވެރިން އެކަލޭގެފާނާމެދު ވިދާޅުވެފައިވާ ޘަނާގެ ބަސްފުޅުތައް:

 

ޢިލްމުގައި އެކަލޭގެފާނުގެ ފުންނާބު އުސްކަން ޢިލްމުވެރިންވަނީ ބަޔާންކުރައްވާފައެވެ. އަދި ވަރަށް ގިނަ ބޭކަލުންވަނީ އެކަލޭގެފާނަށް ޘަނާ ކިޔުއްވާފައެވެ. އެކަލޭގެފާނާ ބެހޭގޮތުން އިބްނު ޙިއްބާން رحمه الله ވިދާޅުވިއެވެ.

“އެކަލޭގެފާނަކީ މިދުނިޔެ ދުށް އިމާމުންކުރެ އިމޭމެކެވެ. އެއީ ޢިލްމުވެރިކަމާއި ފިޤުހުވެރިކަމާއި ހިތުދަސްކުރުމުގައްޔާއި ޖަމާކުރުމުގައްޔާއި އިސްތިންބާތުކުރުމުގައިވެސް މެއެވެ. ސުންނަތްތަކާމެދު އެކަލޭގެފާނު ވާހަކަފުޅު ދައްކަވާއިރު ގެންނަވާފައިވާ ބައެއް ސަނަދުތަކަކީ މީގެ ކުރިން އެއްވެސް އިމާމަކު ގެންނަވާފައިވާ ކަން ތިމަން ބޭކަލުންނަށްވެސް އެނގިވަޑައިގެން ނުވާ ސަނަދުތަކެކެވެ. އެކަލޭގެފާނު އެކަން ކުރައްވާފައިވަނީ ވަރަށް ފުރިހަމަކަމާއި ދީންވެރިކަމާއެކުއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެގޮތުގެ މަތީގައެވެ.” [1]

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.

“ސުންނަތްތައް އެއްކުރެއްވުމާއި އޭގެ ޞައްޙަ ލަފްޒުތަކާއި އިތުރު ލަފްޒުތައް ރައްކާކުރެއްވުމުގައި، އެކަން ކުރަން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި އެކަން ކުރައްވާ އެއްވެސް ބޭކަލެއް މިބިންމަތީގައި ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ. މުޙައްމަދު ބުން އިސްޙާޤު ފިޔަވައެވެ. (އެބަހީ: އިބްނު ޚުޒައިމާ ފިޔަވައެވެ.) “[2]

އެކަލޭގެފާނާ ބެހޭގޮތުން އަލްޙާކިމު رحمه الله ވިދާޅުވިއެވެ.

“މި އިމާމުގެ މާތްކަން ތިމަންކަލޭގެފާނުވަނީ ވަރަށް ގިނަ ފަތްފުށްތަކެއްގައި ލިޔެ ޖަމާކޮށްފައެވެ.”[3]

އެކަލޭގެފާނާ ބެހޭގޮތުން އައްޛަހަބީ رحمه الله ވިދާޅުވިއެވެ.

” އެކަލޭގެފާނަކީ (ޙަދީޘް ޢިލްމުގެ) ޙާފިޒެކެވެ. ޙުއްޖަތެކެވެ. ފިޤުހުވެރިއެކެވެ. ޝައިޚުލް އިސްލާމްއެވެ. އިމާމުލް އައިންމާގެ ލަޤަބު އެރުވިގެންވާ ބޭކަލެކެވެ. އަބޫ ބަކުރު އައްސުލަމީ އައްނައިސާބޫރީއެވެ. ޝާފިޢީ މަޛްހަބުގެ ބޭކަލެކެވެ. ގިނަ ފޮތްތައް ލިޔުއްވި ބޭކަލެކެވެ… ވަރަށް ހަގު ޢުމުރުގައި ޙަދީޘް ޢިލްމާއި ފިޤުހު ކިޔަވާ ވިދާޅުވިއެވެ. ޢިލްމުގެ ތަނަވަސްކަމާއި ޘާބިތުކަމުގެ މިސާލެއްގެ ގޮތުގައި އެކަލޭގެފާނުގެ ނަންފުޅު ބޭނުންކޮށް އުޅުނެވެ.” [4]

އަދި މިނޫންވެސް ވަރަށް ގިނަ ޢިލްމުވެރިން އެކަލޭގެފާނަށް ޘަނާ ކިޔުއްވާފައިވެއެވެ. ގިނަ އިމާމުންތަކެއް އެކަލޭގެފާނަށް ޘަނާ ކިޔުއްވާފައިވުމުން އެއިން އެނގިގެންދަނީ ޢިލްމުގައި އެކަލޭގެފާނުގެ ފުންނާބު އުސްކަމެވެ.

 

= ނުނިމޭ =

_________________________________

[1] الثقات لابن حبان (9/156).

[2] تاريخ الإسلام للذهبي (7/243).

[3] معرفة علوم الحديث للحاكم (ص: 83).

[4] السير للذهبي (14/385).

 

މިލިޔުމުގެ އެހެންބައިތައް