ޙަސަދަވެރިކަމަކީ ﷲއާ ދެކޮޅުވެރިވުމުގެ ޢަމަލެއްވެސް މެއެވެ. އެހެނީ ޙަސަދަވެރިޔާ އެ ނުރުހެނީ ﷲ ތަޢާލާ އެއިލާހުގެ އަޅަކަށް ނިޢުމަތް ދެއްވުމުން އެކަމާއެވެ. ﷲ ތަޢާލާ އެކަމަށް ލޯބިވެވޮޑިގެންވާ ޙާލު ނިޢުމަތް ދެއްވުމުން އެކަން ނެތި ދިޔުމަށް އޭނާ އެދެއެވެ. އެއީ ﷲ ތަޢާލާ ނުރުހުންތެރިވެވޮޑިގެންވާނޭ ކަމެކެވެ. އަދި އެއީ ﷲ ތަޢާލާގެ ނިޔާއާވެސް ދެކޮޅު ކަމެކެވެ. އަދި އެއީ އެއިލާހު ލޯބިވެވޮޑިގެންވާ ގޮތާއި ނުރުހުންތެރިވެ ވޮޑިގެންވާ ގޮތުގެ ދިމާ އިދިކޮޅެވެ.
އަދި އެއީ ދީނުގައިވާ އަޚުވަންތަކަންވެސް ނަފީކުރާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إِخْوَانًا» [رواه مسلم]
މާނައީ: “ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދިނުމުގެ ގޮތުން މުދަލުގެ އަގު ބޮޑުނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭށެވެ. އަދި ގަނެވިއްކުމުގައި (ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް) އެކަކު ކިޔާ އަގުގެ މައްޗަށް އަނެކަކު އަގު ނުކިޔާށެވެ. އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚުވަންތަވާށެވެ.”
ޙަސަދަވެރިޔާ އެ ނުރުހެނީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ދެއްވާ ފަޟްލުވަންތަކަމަށެވެ. އެފަދަ މީހުން ވާހުށީ މީސްތަކުން އެމީހަކު ދެކެ ރުޅި އަންނަ މީހަކަށެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސު ދެކެ ނުހަނު ލޯބިވާ މީހަކަށެވެ. އަދި އެހެން މީހުންނަށް މަންފާވާ ކަންކަމުގައި ނުރުހުންތެރިވާ މީހަކަށެވެ.
މުޢާވިޔާ ބުން އަބީ ސުފްޔާނު رضي الله عنه ވިދާޅުވިއެވެ.
“ނިޢުމަތްތަކުގެ މައްޗަށް ޙަސަދަވެރިވާ މީހަކު ފިޔަވާ ހަމަ ކޮންމެ މީހެއްވެސް ތިމަންކަލޭގެފާނަށް ރުއްސިދާނެއެވެ. ފަހެ އެނިޢުމަތް ފިލައި ދިޔުން ނޫން އެހެން ގޮތަކާ އޭނާ ނުރުހޭނެއެވެ.”
= ނުނިމޭ =
_________________________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.