[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުން

ރަޙިމުގެ ގުޅުން ދެމެހެއްޓުން ވާޖިބުވެގެންވަނީ ކޮންބަޔަކާތޯ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ.

1- ފުރަތަމަ ބަސްފުޅު: ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭނީ މަޙްރަމުންނާއެވެ. (ކައިވެނި ޙަރާމް މީހުންނާއެވެ)
2- ދެވަނަ ބަސްފުޅު: ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭނީ ވާރިޘުންނާއެވެ. (އޭނާގެ ތަރިކަ މުދަލުން ބައި ލިބޭ މީހުންނާއެވެ.)
3- ތިންވަނަ ބަސްފުޅު: ރަޙިމުގެ ގުޅުން ދަމަހައްޓަން ޖެހޭނީ ނަސަބުގެ ގޮތުން ގާތް މީހުންނާއެވެ. ތަރިކަ މުދަލުން ބައި ލިބުނަސް ނުލިބުނަސް މެއެވެ.

ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަބަސްފުޅުގައި ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހެނީ ބައްޕަ ފަރާތު އަދި މަންމަ ފަރާތުގެ ވެސް ނަސަބުގެ ގޮތުން ގާތް މީހުންނާއެވެ. އެއްކިރުވުމުގެ ސަބަބުން ގާތްވާމީހުންނަކާ ނޫނެވެ.
އަނބިމީހާގެ ގާތްތިމާގެ މީހުންނަކީ ފިރިމީހާ ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންގެ ތެރެއަށް ވަންނަ ބައެއް ނޫނެވެ. އަދި ފިރިމީހާގެ ގާތްތިމާގެ މީހުންނަކީ އަނބިމީހާ ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންގެ ތެރެއަށް ވަންނަ ބައެއް ނޫނެވެ.

ޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. “ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންނަކީ އަދި ގާތްތިމާގެ މީހުންނަކީ ކޮންބައެއްތޯއެވެ؟ އެހެނީ ބައެއް މީހުން ބުނާގޮތުގައި އަނބިމީހާގެ ގާތްތިމާގެ މީހުންނަކީ ފިރިމީހާ ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ ބައެއް ނޫނެވެ.” ޖަވާބުގައި ވިދާޅުވިއެވެ. “ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންނަކީ ތިބާގެ މަންމަ އަދި ބައްޕަގެ ފަރާތުން ނަސަބުގެ ގޮތުން ގާތް މީހުންނެވެ. އެއީ ސޫރަތުލް އަންފާލުގައި އަދި ސޫރަތުލް އަޙްޒާބުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މުރާދުގައިވާ މީހުންނެވެ.
(وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّـهِ) الأنفال/75 ، والأحزاب/6)
މާނައީ: “އަދި ﷲގެ ފޮތުގައި ކަނޑައަޅުއްވާފައިވާގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ އައުލާކަން ބޮޑެވެ.”
އޭގެ ތެރެއިން އެންމެ ބޮޑަށް ގާތްކަން ބެހެއްޓުން އެންމެ އައުލާވެގެންވަނީ ބަފައިންނާއި، މައިންނާއި، ކާފައިންނާއި، މާމައިންނާއި، ދަރީންނާއި ދަރީންގެ ދަރިންނާ މިހެންގޮތަސް ކިތަންމެ ދުރަށް ދިޔަކަމުގައިވިޔަސް މެއެވެ. އޭގެ ފަހުގައި އެންމެ ގާތްވެގެންވަނީ ބޭބެއިންނާއި އެބައިމީހުންގެ ދަރީންނާއި، ބައްޕަ ފަރާތު ބޮޑު ބޭބެއިންނާއި ބައްޕަފަރާތު ބޮޑު ދައިތައިންނާއި އެދެބައިމީހުންގެ ދަރީންނާއި، މަންމަފަރާތު ބޮޑު ބޭބެއިންނާއި މަންމަފަރާތު ބޮޑުދައިތައިންނާއި އެދެބައިމީހުންގެ ދަރީންނާއިއެވެ.
عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ لَمَّا سَأَلَهُ سَائِلٌ قَائِلاً: مَنْ أَبَرُّ يَا رَسُولَ اللهِ ؟ قَالَ : ( أُمُّكَ ) قَالَ : ثُمَّ مَنْ ؟ قَالَ : ( أُمُّكَ ) قَالَ : ثُمَّ مَنْ ؟ قَالَ : ( أُمُّكَ ) قَالَ : ثُمَّ مَنْ ؟ قَالَ : ( أَبَاكَ ، ثُمَّ الْأَقْرَبُ فَالْأَقْرَبُ ) {رواه مسلم } މާނައީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާވެގެންވެއެވެ. “އަހުރެން އެންމެ ބޮޑަށް ކަމޭހިތަންވީ ކާކަށްހޭ؟” މިފަދައިން މީހަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރުމުން، ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައެވެ.” އެމީހާ ބުންޏެވެ. “ދެން ކާކަށްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައެވެ.” އެމީހާ ބުންޏެވެ. “ދެން ކާކަށްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައެވެ.” އެމީހާ ބުންޏެވެ. “ދެން ކާކަށްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާގެ ބައްޕައެވެ. ދެން އޭގެ ފަހުގައި އެންމެ ގާތްތިމާގެ މީހެކެވެ. ދެން އެއާ ޖެހުނު މީހެކެވެ.”
މިކަމާ ބެހޭގޮތުން ގިނަ ޙަދީޘްތައް ވާރިދުވެފައިވެއެވެ.
ފަހެ، އަނބިމީހާގެ ގާތްތިމާގެ މީހުންނީ، ގާތްތިމާގެ ކަމުގެ ގޮތުން ގުޅިފައިނުވާނަމަ، ފިރިމީހާ ރަޙިމުގެ ގުޅުން ދެމެހެއްޓުން ލާޒިމުކުރާ އޭނާގެ ގާތްތިމާގެ މީހުންގެ ތެރޭގައި ހިމެނޭ ބައެއް ނޫނެވެ. އެކަމަކު އެއީ ފިރިމީހާއަށް އަނބިމީހާގެ ފުށުން ލިބިފައިވާ ދަރީންގެ ސަބަބުން ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންގެ ތެރެއަށް ވަދެގެންދާ ބައެކެވެ. ” فتاوى إسلامية ” ( 4 / 195 )
ދެމަފިރީން އެކަކު އަނެކެއްގެ ތިމާގެ މީހުންނަކީ އެކަކު އަނެކަކު ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންގެ ތެރޭގައި ނުހިމެނޭ ބައެއް ކަމުގައިވިޔަސް އެމީހުންނަށް އިޙްސާންތެރިވާންވާނެއެވެ. ސަބަބަކީ އެކަމަކީ އަނބިމީހާ އަދި ފިރިމިހާވެސް އެކަކު އަނެކަކަށް ރަނގަޅަށް ހިތުމުގެ ތެރެއިން ހިމެނޭ އަދި ދެމަފިރިންގެ ދެމެދުގައި ލޯތްބާއި ކުލުނު އިތުރުކުރުވާ ކަމެކެވެ.
ރަޙިމުގެ ގުޅުން ވަރަށް ގިނަ ގޮތް ގޮތުން ދެމެހެއްޓިދާނެއެވެ. އޭގެ ތެރޭގައި، ޒިޔާރަތްކުރުމާއި، ޞަދަޤާތް ދިނުމާއި، އެބައިމީހުންނަށް އިޙްސާންތެރިވުމާއި، ޚިދުމަތްކޮށްދިނުމާއި، ބަލިވުމުން ގޮވާލަން ދިޔުމާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

މަރްޖިޢު
https://islamqa.info/ar/answers/75057