އަޅުތަކުންގެ ޙައްޤުތައް އަދާކުރުމުގައި ބައެއް މީހުން ފަރުވާކުޑަކުރެއެވެ. އަދި އެބައިމީހުންނަށް ހީވެފައި އޮންނަނީ އަޅުވެރިކަން ފުރިހަމަވަނީ ހަމައެކަނި އެމީހަކާ އޭނާގެ ޚާލިޤުވަންތަ އިލާހާ ދެމެދުގައިވާ ކަންކަން އިޞްލާޙުކުރުމުން ކަމުގައެވެ.
އިބްނު ރަޖަބު ވިދާޅުވިއެވެ.
“ﷲ ގެ ޙައްޤުތައް އަދާކުރުމަށް ފަރުވާތެރިވާ، އެއިލާހު ދެކެ ލޯބިވެތިވާ، އެއިލާހަށް ބިރުވެތިވާ އަދި އެއިލާހަށް ކިޔަމަން ގަތުމަށް ހުސްވެފައިވާ މީހުންނަށް ވަރަށް ގިނައިން ދިމާވާކަމެއް އޮވެއެވެ. އެއީ އަޅުތަކުންގެ ޙައްޤުތައް އެކުއެކީ އިހުމާލުކޮށްލުން ނުވަތަ އެއަށް ފަރުވާ ކުޑަކުރުމެވެ. ﷲ ގެ ޙައްޤުތަކަށް ރައްކާތެރިވުމާއެކު އަޅުތަކުންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ ވަރަށް ބުރަކަމެކެވެ. އެކަންކުރެވެނީ އެންމެ ފުރިހަމަ މީހުންނެވެ. އެއީ ނަބީބޭކަލުންނާއި ޞިއްދީޤުންނެވެ.”[1]
ﷲ ގެ ޙައްޤުތައް އަދާކުރުމާއެކު އަޅުތަކުންގެ ޙައްޤުތައްވެސް އަދާކުރުމުގެ ތައުފީޤު، ކޮންމެ ކޮންމެ އަޅަކަށް ލިބިގެން ނުވެއެވެ.
އަލްމުޙާސިބީ ވިދާޅުވިއެވެ.
“ވަރަށް ބުރަ ތިންކަމެއް ވެއެވެ. ރައްކާތެރިކަމާއެކު އުޅެ ޤަދަރުހިފެހެއްޓުމާއި ދީންވެރިކަމާއެކު އުޅެ ޚުލްޤުހެޔޮކުރުމާ އަދި އަމާނާތްތެރިކަމާއެކު އުޅެ އަޚުވަންތަކަން ދެމެހެއްޓުމެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] جامع العلوم والحكم (1/454)