އަބޫބަކުރުގެފާނުގެ މާތްކަން
މިއުންމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ފަހު އެންމެ މާތް ބޭކަލަކީ އަބޫބަކުރުގެފާނު ކަމުގައި ޢިލްމުވެރިން އިޖުމާޢުވެފައިވެއެވެ. އެކަލޭގެފާނަށް މި މަޤާމު ޙާޞިލުވީ ﷲ ގެ ފަޟްލުވަންތަވެރިކަމަށް ފަހު، މި އުންމަތަށްޓަކައި އަދި ނަބިއްޔާ صلى الله عليه وسلم ގެ ޚިދުމަތުގައި އެކަލޭގެފާނުގެ ކުރެއްވި މަތިވެރި ޢަމަލުފުޅުތަކުގެ ސަބަބުންނެވެ. އެހެންކަމުން އެކަލޭގެފާނުގެ މާތްކަމުގެ ވާހަކަތަކަކީ މަދު ޞަފްޙާތަކެއްގައި ބަޔާންކޮށް ނިންމާލެވޭނެ ވާހަކަތަކެއް ނޫނެވެ. އެހެނަސް ނުކުތާތަކެއްގެ އަލީގައި އެކަލޭގެފާނުގެ މާތްކަމުން މިންވަރެއް ބަޔާންކޮށްދޭނަމެވެ.
ފުރަތަމައީ: އަބަދުމެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އުޅުއްވުން
ޞަޙާބީންގެ ތެރެއިން އެންމެ ގިނައިން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އުޅުއްވީ އަބޫބަކުރުގެފާނެވެ. އެކަލޭގެފާނަކީ ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ނަބިއްޔާ صلى الله عليه وسلم ގެ އެކުވެރިޔާއެވެ. އަދި ހިޖުރައިގެ ދަތުރުގައި އެކަލޭގެފާނުގެ ބައިވެރިޔާއެވެ. އެކަމާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّـهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّـهَ مَعَنَا﴾ [سورة التوبة ٤٠]
މާނައީ: “ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން ﷲ އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. ދެ ބޭކަލުންކުރެ އެއް ބޭކަލަކުކަމުގައިވާ ޙާލު، ކާފިރުވި މީހުން، އެކަލޭގެފާނު ނެރެލި ހިނދުގައެވެ. އޭގެ ދެ ކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ، ތިމަންބޭކަލުންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ.”
އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ أَمَنَّ النَّاسِ عَلَيَّ فِي صُحْبَتِهِ وَمَالِهِ أَبُو بَكْرٍ». [1]
މާނައީ: “ހަމަކަށަވަރުން އެބޭކަލެއްގެ ނަފްސާއި މުދަލުން، ތިމަންކަލޭގެފާނަށް އެންމެ ބޮޑަށް ފައިދާކޮށްދީފައިވަނީ އަބޫބަކުރުގެފާނެވެ.”
الخلفاء الراشدون لسليمان بن عبد الله الرومي
[1] رواه البخاري (466) واللفظ له، ومسلم (2 – (2382).