ނަސަބު
އެކަލޭގެފާނަކީ ޢަބްދުﷲ ބުން ޢުޘްމާން ބުން ޢާމިރު ބުން ޢަމްރު ބުން ކަޢުބު ބުން ސަޢުދު ބުން ތައިމް ބުން މުއްރާ ބުން ކަޢުބު ބުން ލުއައްޔު އައްތައިމީ އަލްޤުރަޝީއެވެ.
ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނަށް ކިޔާ އުޅުނީ ޢަބްދުލްކަޢުބާއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނަށް ޢަބްދުﷲ [1] ގެ ނަމުން ނަން ދެއްވިއެވެ.
ކުންޔާ އަދި ލަޤަބު
ބުނެވޭ ގޮތުގައި އެކަލޭގެފާނަށް ކުންޔާގެ ގޮތުގައި އަބޫބަކުރު ކިޔުނީ، އެކަލޭގެފާނު އިސްލާމްދީނަށް ވަދެވަޑައިގަތުމުގައި އަވަސްވެވަޑައިގަތުމުންނެވެ.
އެކަލޭގެފާނުގެ ލަޤަބަކީ އައްޞިއްދީޤެވެ. އެ ލަޤަބު ދެއްވުނީ، ނަބިއްޔާ صلى الله عليه وسلم ގެ ކޮންމެ ބަސްފުޅެއް ތެދުކުރެއްވުމުގެ ސަބަބުންނެވެ. އަދި ބުނެވޭ ގޮތުގައި އެކަލޭގެފާނަށް މި ލަޤަބުން މުޚާޠަބުކުރެވެން ފެށުނީ ހިޖުރައިގެ ދެ އަހަރު ކުރިން، އިސްރާގެ ރެއަށް ފަހު، ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ. އެ ޙާދިޘާއަށް ފަހު ބައެއް މުސްލިމުން ދީން ދޫކޮށްލިއެވެ. އެހެނަސް އަބޫބަކުރު رضي الله عنه އަށް ޤުރައިޝުން އިސްރާއާއި މިޢުރާޖުގެ ޚަބަރު ދިނުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
“لَئِنْ كَانَ قَالَ ذَلِكَ لَقَدْ صَدَقَ.
قَالُوا: أَوَ تُصَدِّقُهُ أَنَّهُ ذَهَبَ اللَّيْلَةَ إِلَى بَيْتِ الْمَقْدِسِ وَجَاءَ قَبْلَ أَنْ يُصْبِحَ؟
قَالَ: نَعَمْ، إِنِّي لَأَصُدِّقُهُ فِيمَا هُوَ أَبْعَدُ مِنْ ذَلِكَ أُصَدِّقُهُ بِخَبَرِ السَّمَاءِ فِي غَدْوَةٍ أَوْ رَوْحَةٍ.” [2]
މާނައީ: “އެކަލޭގެފާނު ތިޔަ ފަދައިން ޙަދީޘްކުރެއްވިކަމުގައިވާނަމަ އެކަލޭގެފާނު އެ ޙަދީޘްކުރެއްވީ ތެދުފުޅެކެވެ.”
އެބައިމީހުން ބުންޏެވެ. “އެކަލޭގެފާނު ރޭގަނޑު ބައިތުލް މަޤްދިސްއަށް ވަޑައިގަތުމަށް ފަހު، ހެނދުނުވުމުގެ ކުރިން އެނބުރި ވަޑައިގަތްކަމަށް ބުނުމުން އެކަން ކަލޭގެފާނު ތެދުކުރައްވަނީ ހެއްޔެވެ؟”
އެކަލޭގެފާނު ވިދާޅުވިއެވެ. “އާދޭހެވެ. އެކަލޭގެފާނުގެ އަރިހުން ތިމަންކަލޭގެފާނު މިވަނީ އެއަށްވުރެ ބޮޑުކަމެއް ތެދުކޮށްފައެވެ. އެއީ އުޑުގެ ޚަބަރުތައް ދުވާލުގެ ކުރީކޮޅުގައި ނުވަތަ ދުވާލުގެ ފަހުކޮޅުގައި އެކަލޭގެފާނަށް ލިބޭކަމަށެވެ.”
ދެން ފަހެ، އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު ދެވުނެވެ.
އަދި އެކަލޭގެފާނަށް އަލްޢަތީޤުގެ ލަޤަބުވެސް ދެވިފައިވެއެވެ. ބުނެވޭ ގޮތުގައި އެއީ މޫނުފުޅުގެ ރީތިކަމުންނެވެ. އަދި ބުނެވޭ ގޮތުގައި އެކަލޭގެފާނުގެ މަންމަގެ އެއްވެސް ފިރިހެން ދަރިއަކު ދިރި ނުހުރެއެވެ. ފަހެ، އެކަލޭގެފާނު އުފަންވުމުން، އެކަލޭގެފާނުގެ މަންމަ ގެފުޅަށް ކުރިމަތިލާ ބުންޏެވެ. “ހަމަކަށަވަރުން މިއީ މަރުން ސަލާމަތްކުރެއްވި ކުއްޖެކެވެ. ފަހެ އަހުރެންނަށް މިކުއްޖާ ހިބަކޮށްދެއްވާށެވެ.” [3]
އަދި އެކަލޭގެފާނަށް އަލްއައްވާހުގެ ލަޤަބުވެސް ދެވިފައިވެއެވެ. އެއީ އެކަލޭގެފާނުގެ އޯގާތެރިކަމާއި ރަޙުމްކުރެއްވުމުގެ ސަބަބުންނެވެ. [4]
الخلفاء الراشدون لسليمان بن عبد الله الرومي
[1] الاستيعاب للقرطبي (3 / 963).
[2] رواه الحاكم في المستدرك (4407)، وقال صحيح الإسناد ولم يخرجاه.
[3] الإصابة لابن حجر (4 / 147).
[4] الإصابة لابن حجر (4 / 149).