އަމިއްލަ ރަށް ދޫކޮށްފައި ދިޔުމަކީ ނަފްސަށް އުނދަގޫކަމެކެވެ. އަދި އެއީ ތަބީޢީގޮތުންވެސް ބުރަކަމެކެވެ. ނަބިއްޔާ صلى الله عليه وسلم މައްކާއިން ނެރެލެވުމުން، އެބިމާ ދިމާއަށް ބެއްލެވުމަށް ފަހު ޙަދީޘްކުރެއްވިއެވެ.
((وَاللهِ إِنَّكِ لَخَيْرُ أَرْضِ اللهِ، وَأَحَبُّ الْأَرْضِ إِلَى اللهِ، وَلَوْلَا أَنِّي أُخْرِجْتُ مِنْكِ مَا خَرَجْتُ)) [رواه أحمد]
މާނައީ: “ﷲ ގަންދީ ވިދާޅުވަމެވެ. ތިޔައީ ﷲގެ ބިންތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވީ ބިމެވެ. އަދި ﷲގެ ބިންތަކުތެރެއިން އެއިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. ތިޔަބިމުން ތިމަންކަލޭގެފާނު ނެރެނުލެވުނުނަމަ، ތިމަންކަލޭގެފާނު ތިޔަބިމަކުން ނުނިކުންނެވީމުހެވެ.”
އެންމެ ބޮޑެތި ޢިލްމުވެރިންނަށްވެސްވަނީ ބީރައްޓެހިކަމުގައި އުޅުއްވި ދުވަސްވަރު ވަރަށް ގިނަކަންކަމާ ދިމާވެފައެވެ. ނަމަވެސް އެކަންކަމުގެ ސަބަބުން ޢިލްމު ހޯދުމުން އެބޭކަލުން އެއްކިބާވެވަޑައިނުގަންނަވައެވެ.
ފަހެ އިމާމު އަޙްމަދު، ޢަބްދުއްރައްޒާޤު އައްޞަންޢާނީގެ އަރިހަށް ޔަމަނަށް ނުކުމެވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަތްމަތި ދަތިވިއެވެ. އަދި އެކަލޭގެފާނުގެ މަތިވެރިކަމާއި ޢިލްމުވެރިކަމާއެކުވެސް ޞަންޢާއަށް ދެވެންދެން އެކަލޭގެފާނު އުޅުއްވީ ތަކެތި އުފުލާދޭ ޚާދިމެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ އެކުވެރިން އެކަލޭގެފާނަށް އެހީވުމަށް ހުށަހެޅުއްވިއެވެ. ނަމަވެސް އެކަލޭގެފާނު އެކަން ޤަބޫލުނުކުރެއްވިއެވެ. [1]
އަދި ރަހުނެއްގެ ގޮތުގައި ރޮށިފިހާމީހެއްގެ އަތުގައި އިމާމު އަޙުމަދު، އެކަލޭގެފާނުގެ ފައިވާން ބެހެއްޓެވިއެވެ. އެކަލޭގެފާނު އެއަނބުރާ ހޯއްދެވީ ޔަމަނުން ނުކުމެވަޑައިގަންނަވަމުންނެވެ. [2]
އިމާމު އަޙުމަދު ޢިލްމު ޙާޞިލުކުރެއްވުމަށްޓަކައި އަދި ޙަދީޘް އެއްކުރެއްވުމަށްޓަކައި ޔަމަނަށް ވަޑައިގެންނެވި ދަތުރުފުޅުގައްޔާއި އެތާ ހުންނެވި ދުވަސްވަރުގައި ދިމާވި ދަތިތައް ބަޔާންކުރައްވާ އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ.
“އަދި އެކަލޭގެފާނުގެ ޔަމަނުގައި ވަނިކޮށް އެކަލޭގެފާނުގެ ހެދުންތައް ވަގަށްނެގިއެވެ. ދެން ގޭގައި ދޮރުލައްޕައިގެން އެކަލޭގެފާނު މަޑުކުރެއްވިއެވެ. އެކަލޭގެފާނު ވީތަނެއް ނޭނގިގެން އެކަލޭގެފާނުގެ އަޞްޙާބުން ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ސުވާލުދެންނެވިއެވެ. އެވާހަކަ އެކަލޭގެފާނު ކިޔައިދެއްވުމުން އެކަލޭގެފާނަށް ރަން ދިނުމަށް އެބޭކަލުން ބޭނުންފުޅުވިއެވެ. ނަމަވެސް އެކަލޭގެފާނު އެއެއް ނުނެންގެވިއެވެ. އެކަލޭގެފާނު ނެންގެވީ އެންމެ ދީނާރެކެވެ. އެއީ އެބޭކަލުންނަށް ފޮތްތަކުން ނަޤުލުކޮށްދީ ލިޔެދިނުމުގެ އުޖޫރައެއްގެ ގޮތުގައި ނެންގެވި ފައިސާއެކެވެ. ދެން އެކަލޭގެފާނު އެބޭކަލުންނަށް އުޖޫރައަށް ލިޔެދެއްވިއެވެ. رحمه الله “
________________________
[1] مناقب الإمام أحمد لإبن الجوزي ص: 226
[2] مناقب الإمام أحمد ص: 226 ، الحلية 8/174-175
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް