މިގޮތުން ޠާހިރު ސުންނަތާއި އެރިވާކުރެއްވި ބޭކަލުންނާމެދު ޝައްކާއި ޝުބުހަ ފެތުރުމުގައި އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ އަންނަނިވި މީހުންނެވެ.
1- ޔަހޫދީ ދީނަށް ނިސްބަތްވާ ޢަބްދުﷲ ބިން ސަބާ: އޭނާ ކޮށްފައިވާ ކަންތައްތަކުގެ ވާހަކައަކީ އެންމެންވެސް ދަންނަ މަޝްހޫރު ވާހަކަތަކެކެވެ. [1]
2- ނަޞާރާ ދީނަށް ނިސްބަތްވާ ސައުސަން: މަޢުބަދުލް ޖުހަނީ ޤަޟާޤަދަރާ ބެހޭގޮތުން ދެއްކި ބިދުޢަވެރި ވާހަކަތައް އުނގެނުނީ މީނާގެ ފުށުންނެވެ. [2]
3- މުޢުތަޒިލާ ފިރުޤާއަށް ނިސްބަތްވާ އިބްރާހީމް އައްނައްޡާމު: ބައެއް ޢިލްމުވެރިންނާ ހަވާލާ ދެއްވަމުން އިމާމު އައްޛަހަބީ ވިދާޅުވެފައިވަނީ މިއީ ބަރާހިމުންގެ މީހެއްކަން ވަންހަނާކޮށްގެން ހުރެ މުޢުތަޒިލީ ޢަޤީދާ ފަތުރަމުން ދިޔަ މީހެކެވެ. އެއީ އިސްލާމްދީން ފަސާދަކުރުމަށެވެ. [3]
4- ބިޝްރު އަލްމަރީސީ: އަލްޚަޠީބު އަލްބަޣުދާދީ ވިދާޅުވެފައިވަނީ އޭނާއަކީ ކޫފާގައި ރުމާ ހަދަން އުޅުނު މީހެއްކަމަށެވެ. އަދި އޭނާއަކީ އޭނާގެ ނިފާޤުކަން އޭނާގެ މުޢުތަޒިލީ ޢަޤީދާގައި ފޮރުވައިގެން އުޅުނު މީހެކެވެ. [4]
5- ޖަހްމު ބިން ޞަފްވާނު: އޭނާއަށްވަނީ ހިންދީންނާއި ސުމަނީންގެ ކިބައިން ފިކުރީ ގޮތުން އަސަރުކޮށްފައެވެ. އެހެން މިއްލަތްތަކުގެ މީހުން ފަސާދަނުކުރާ ވަރަށް މީނާވަނީ އިސްލާމްދީނަށް ފަސާދަ ވައްދާފައެވެ. [5]
އަދި މިނޫންވެސް ވަރަށް ގިނަ މީހުންމިކަމުގައި ބައިވެރިވިއެވެ. ފަހެ، ﷲ ތަޢާލާވަނީ އަހްލުއް ސުންނާ ވަލްޖަމާޢާގެ ބޮޑެތި ޙަދީޘް ޢިލްމުވެރިން މެދުވެރިކޮށް އެފަދަ މީހުން ފަޟީޙަތްކުރައްވާފައެވެ. [6]
= ނުނިމޭ =
______________________
[1] ބައްލަވާ: عبد الله بن سبأ وأثره في الفتنة في صدر الإسلام، للدكتور سليمان بن حمد العودة.
[2] ބައްލަވާ:ترجمة معبد الجهني في: تهذيب الكمال للمزي، وميزان الاعتدال للذهبي وتهذيب التهذيب لابن حجر.
[3] انظر: ترجمته في: سير أعلام النبلاء ۱٠ / ٥٤۲.
[4] ބައްލަވާ: ردَّ الدارمي عليه، وتاريخ بغداد ٧/ ٥٦ وما بعدها، وخلق أفعال العباد للبخاري.
[5] انظر: الرد على الجهمية للإمام أحمد ص: ۱٠۱ – ۱٠٥، وفتح الباري لابن حجر ۱۳ / ۳٤٥.
[6] ދީން ޤަބޫލު ނުކުރާ މީހަކު ޤަތުލުކުރުމަށް ހާރޫނުއްރަޝީދުގެ އަރިހަށް ގެނެވުނެވެ. ފަހެ، އެމީހާ ބުންޏެވެ. އަހަރެން ހަދަހަދައިގެން ކީ 1000 ހަދީޘަށް ހަދާނީ ކިހިނެތް ހެއްޔެވެ؟ ޖަވާބުގައި ހާރޫނުއްރަޝީދު ވިދާޅުވިއެވެ. އޭ ﷲގެ ޢަދާވަތްތެރިޔާއެވެ. ފަހެ، އަބޫ އިސްޙާޤު އަލްފިޒާޒީ އާއި އިބްނުލް މުބާރަކަށް ތިބާ ހަދާނީ ކިހިނެތް ހެއްޔެވެ. ޙަދީޘްތަކުގެ ތެރެއަށް ފީނާ އެފަދަ ޙަދީޘްތަކުން ފަހަރަކު އަކުރެއް ނަގަމުންގޮސް އެބޭކަލުން އެ ނެރޭނެއެވެ. (تذكرة الحفاظ للذهبي ۱ / ۲٧۳)