[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الزلزلة ގެ ތަފްސީރު 4

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْراً يَرَهُ * وَمَن يَعْـمَلْ مِثْقَالَ ذَرَّةٍ شَرّاً يَرَهُ}. މިތާގައި {من} އަކީ شرطية އެވެ. އޭގެން ދޭހަވަނީ ނުވަތަ ޢާއްމުކަމެވެ/ އެހެނީ އެހެނީ ކޮންމެ އިންސާނަކުވެސް ކުޅަ ކޮންމެ ޢަމެލެއްވެސް، އެއީ ހެޔޮ ޢަމަލެއް ކަމުގައި ވިޔަސް އަދި ނުބައި ޢަމަލެއް ކަމުގައި ވިޔަސް އެ ޢަމަލު ޙިސާޞު ކުރެވި އޭގެ ޙައްޤުޖަޒާ އޭނާއަށް ދެވޭނެއެވެ.
مِثْقَالَ ذَرَّةٍ ގެ މުރާދަކީ ذرة އެއްގެ ބުރަދަނެވެ. ذرة އަކީ ކުދި ހިންޏެވެ. އަކީ މިއަދުގައި މިކިޔާ އެޓޮމްއެއް ނޫނެވެ. އެހެނީ އެ ޒަމާނުގައި އެއީ އެމީހުން ދަންނަ އެއްޗެއް ނޫނެވެ. މީސްތަކުންނަށް ނޭނގޭ އެއްޗެއްގެ ވާހަކައިން ﷲ ތަޢާލާ މީސްތަކުންނާ މުޚާޠަބުނުކުރައްވައެވެ. ذرةގެ ވާހަކަ އައިސްފައިވަނީ ذرة އަކީ މަދުކަން ބަޔާންކުރުމުގައި މިސާލު ޖަހާ އުޅޭ އެއްޗެއްކަމުގައި ވާތީއެވެ. ﷲ ތަޢާލާ އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا [النساء: 40]. މާނައީ: “ﷲ(އެއްވެސް މީހަކަށް) ޛައްރެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ޘަވާބު) ގިނަގުނަ ކުރައްވަތެވެ. އަދި، އެއިލާހުގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ.”
ޛައްރާއަކަށް ވުރެ ކުޑަ މިންވަރެއްގެ ޢަމަލެއް ކުޅަ މީހާގެ ޢަމަލުވެސް ޙިސާބު ކުރެވޭނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މިސާލު ޖެހުމަށް ذرة ބޭނުންކުރެވޭތީ މި އާޔަތުގައި އެގޮތަށް ވަޙީކުރެއްވީއެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅު مِثْقَالَ ذَرَّةٍ އިން ދޭހަކޮށްދެނީ ޢަމަލުތައް ކިރޭނެކަމެވެ. މި މައްސަލައަކީ ޢިލްމުވެރިން މި މައްސަލައާމެދު އިޚްތިލާފުވެވަޑައިގެންފައިވާ މައްސަލައެކެވެ.
– ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވާގޮތުގައި ކިރޭނީ ޢަމަލުތަކެވެ.
– އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި ކިރޭނީ ޢަމަލުތައް ލިޔެވިގެންވާ ފަތްފުއްތަކެވެ.
– އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކިރޭނީ ޢަމަލުކުރާ މީހާއެވެ.
ކޮންމެ ބަޔަކުވެސް ދަލީލުތައް ގެންނަވާފައިވެއެވެ.
ޢަމަލުތައް ކިރޭނެކަމުގައި ވިދާޅުވާ ބޭކަލުންގެ ދަލީލަކީ މި އާޔަތެވެ. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ ޛައްރާއެއްގެ މިންވަރުގެ ޢަމަލެއް ކުޅަ މީހާ، ތަޤްދީރު ކުރެވިފައިވަނީ ޛައްރާއެއްގެ މިންވަރުގެ ބުރަދަން ހުރި ޢަމަލެއް މިގޮތަށެވެ. އަދިވެސް ޢަމަލުތައް ކިރޭނެކަމުގައި ވިދާޅުވާ ބޭކަލުން އަންނަނިވި ޙަދީޘުންވެސް އެބޭކަލުންގެ އެބުނުމަށް އިސްތިދުލާލު ކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
كَلِمَتَانِ حَبِيبَتَانِ إِلَى الرَّحْمَنِ خَفِيفَتَانِ عَلَى اللِّسَانِ ثَقِيلَتَانِ فِي الْمِيزَانِ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَان اللَّه الْعَظِيمِ މާނައީ: “މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު، ދޫމައްޗަށް ލުއި، ތިލަފަތުގައި ބަރު ދެކަލިމައެއް ވެއެވެ. އެއީ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَان اللَّه الْعَظِيمِ އެވެ.”
މި ޤައުލާމެދު ސުވާލެއް އުފެދިދާނެއެވެ. އެއީ ޢަމަލީ ކުރުމުން އެ ނިމޭ އެއްޗެކެވެ. ޖިސްމެއް ނޫނެވެ. އެހެންކަމުން އެއްވެސް ޖިސްމެއް ނުވާ އެއްޗެއް ތިލަފަތަށް ލާނީ ކިހިނެއްތޯ ސުވާލު އުފެދިދާނެއެވެ؟
މި ސުވާލުގެ ޖަވާބުގައި ބުނެވެއެވެ. އިންސާނާގެ މައްޗަށްވަނީ ﷲ ތަޢާލާ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ކުރައްވާފައިވާ ޣައިބުގެ އެންމެހާ ކަންކަން ތެދުކުރުމެވެ. އެއީ އޭނާގެ ބުއްދިއަށް ޤަބޫލުނުކުރެވޭ ކަންކަން ކަމުގައިވެސްމެއެވެ. މިހެން ބުނުމުން މިފަދައިން ކަންތައް ވާނީ ކިހިނެއްހޭ ބުނެ އޭނާ ޢަޖައިބުވެދާނެއެވެ. ފަހެ އޭނާގެ މައްޗަށް ވަނީ ތެދުކުރުމެވެ. އެހެނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އޭނާ ތަޞައްވަރުކުރާ ވަރަށް ވުރެ މާ ބޮޑަށްވެސް ބޮޑުވެގެންވެއެވެ. މުސްލިމުގެ މައްޗަށް ވާޖިބުވެގެންވަނީ ބޯލަނބައި ކިޔަމަންގަތުމެވެ. ތެދުކުރުމެވެ. އެއީ ކިހިނެއް ވާ ކަމެއްތޯ ސުވާލު ނުކުރުމެވެ. އެހެނީ ޣައިބުގެ ކަންކަމަކީ އަހަރެމެންނަށް ތަޞައްވަރުކުރެވޭ ކަންކަމެއް ނޫނެވެ.
ދެވަނައީ، މި ޢަމަލުތައް މީޒާނުގައި (ބަރުވެ ލުއިވާ) ޖިސްމުތައްކަމުގައި ލެއްވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. މަޢުނަވީ ކަންކަންވެސް ޖިސްމުތަކަކަށް ބަދަލުކުރެއްވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. މަރު ޤިޔާމަތްދުވަހުގައި ކަންބަޅިއެއްގެ ސިފައިގައި ގެނެވޭނެކަމަށް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޞައްޙަގޮތުގައި ރިވާވެގެންވާ ފަދައިންނެވެ.
عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( يُؤْتَى بِالْمَوْتِ كَهَيْئَةِ كَبْشٍ أَمْلَحَ فَيُنَادِي مُنَادٍ يَا أَهْلَ الْجَنَّةِ فَيَشْرَئِبُّونَ وَيَنْظُرُونَ فَيَقُولُ هَلْ تَعْرِفُونَ هَذَا ؟ فَيَقُولُونَ : نَعَمْ ، هَذَا الْمَوْتُ ، وَكُلُّهُمْ قَدْ رَآهُ ، ثُمَّ يُنَادِي يَا أَهْلَ النَّارِ فَيَشْرَئِبُّونَ وَيَنْظُرُونَ فَيَقُولُ هَلْ تَعْرِفُونَ هَذَا ؟ فَيَقُولُونَ : نَعَمْ ، هَذَا الْمَوْتُ ، وَكُلُّهُمْ قَدْ رَآهُ ، فَيُذْبَحُ ، ثُمَّ يَقُولُ : يَا أَهْلَ الْجَنَّةِ خُلُودٌ فَلَا مَوْتَ ، وَيَا أَهْلَ النَّارِ خُلُودٌ فَلَا مَوْتَ ، ثُمَّ قَرَأَ ( وَأَنْذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ ) ، وَهَؤُلَاءِ فِي غَفْلَةٍ أَهْلُ الدُّنْيَا ( وَهُمْ لَا يُؤْمِنُونَ ) .رواه البخاري ( 4453 ) ومسلم ( 2849 ) .
މާނައީ: އަބޫ ސަޢީދުލް ޚުޛްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “ޤިޔާމަތްދުވަހުގައި ކަޅާއި އަދި ހުދު ކުލައިގެ ކަންބަޅިއެއްގެ ގޮތުގައި ސުވަރުގެއާއި އަދި ނަރަކައިގެ ދެމެދަށް މަރު ގެނެވޭނެއެވެ. އެއަށްފަހުގައި ބުނެވޭނެތެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުންނަށް މިއީ ކޯއްޗެއްކަން އެނގޭ ހެއްޔެވެ؟ އެހިނދު އެބައިމީހުން ބޯތައް ދިއްކޮށް އެއަށް ބެލުމަށްފަހު ބުނާނެތެވެ. އާނއެކެވެ. ތިޔައީ މަރެވެ. އެހުރިހާ އެންމެންނަށް އެ ވަނީ ފެނިފައެވެ. އަދި ބުނެވޭނެއެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުންނަށް މިއީ ކޯއްޗެއްކަން އެނގޭ ހެއްޔެވެ؟ އެހިނދު އެބައިމީހުން ބޯތައް ދިއްކޮށް އެއަށް ބެލުމަށްފަހު ބުނާނެތެވެ. އާނއެކެވެ. ތިޔައީ މަރެވެ. އެހުރިހާ އެންމެންނަށް އެ ވަނީ ފެނިފައެވެ. ދެން މަރު ޛަބަޙަ ކުރެވޭނެތެވެ. އެއަށްފަހުގައި ބުނެވޭނެތެވެ. އޭސުވަރުގޭގެ އަހުލުވެރިންނޭވެ. (ތިޔަބައިމީހުންނަށް ވަނީ) މަރުވުމެއް ނެތިވެ ދާއިމަށް ދެމިތިބުމެވެ. އަދި އޭ ނަރަކައިގެ އަހުލުވެރިންނޭވެ. (ތިޔަބައިމީހުންނަށް ވަނީ) މަރުވުމެއް ނެތިވެ ދާއިމަށް ދެމިތިބުމެވެ. އެއަށް ފަހުގައި ރަސޫލު ﷲ صلى الله عليه وسلم (މަރްޔަމް ސޫރަތުގެ 39 އާޔަތް) ކިޔަވައި ވިދާޅުވިއެވެ. ” ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޛާރު ކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ ޣާފިލް ކަމެއްގެ ތެރޭގައެވެ. އަދި އެއުރެން އީމާނެއް ނުމެވޭމެއެވެ.” ދުނިޔޭގެ އަހުލުވެރިން އެވަނީ ޣަފުލަތުގެ މަތީގައެވެ. އެބައިމީޙުން އީމާނެއް ނުވާނެއެވެ.”
މި ޙަދީޘުން އެ އުފެދުނު ސުވާލަށް ޖަވާބު ލިބިއްޖެއެވެ.
(ނުނިމޭ)

 

މިލިޔުމުގެ އެހެނިހެން ބައިތައް