[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (17)

 

 

އެފަދަ ނަޖިސް ތަންތަނުގައި ނަމާދުކުރުން މަނާކުރައްވާފައިވާ އެތައް ޙަދީޘްތަކެއްވެއެވެ. އެއީ އެތަންތަނަކީ ޝައިޠާނުން ދިރިއުޅޭ ތަންތަނަށްވާތީއެވެ. ބައެއް ޢިލްމުވެރިން ދެކެލައްވާގޮތުގައި އެފަދަ ތަންތަނުގައި ނަމާދުކުރުން މަނާކުރައްވާފައިވަނީ އެތަންތަނުގައި ނަޖިސްތަކެތި ވާތީއެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވަނީ  އެކަންކަމަކީ އަޅުކަމާ ގުޅިފައިވާ ކަންތައްތަކެވެ. އަދި ބުއްދީގެ ޛަރީޢާއިން އެކަންކަން ދެނެ ނުގަނެވޭނެއެވެ. އެންމެ ޞައްޙަ ގޮތަކީ ފާޚާނާއާއި ޖަމަލު ކޮށި ފަދަ ތަންތަނުގައި ނަމާދުކުރުން މަނާކުރައްވާފައިވަނީ އެތަންތަނަކީ ޝައިޠާނުން ދިރިއުޅޭ ތަންތަނަށްވާތީއެވެ. އަދި މަޤްބަރާތަކުގައި ނަމާދުކުރުން މަނާކުރައްވާފައިވަނީ އެއީ ޝިރުކަށް މަގުފަހިވާ ކަމަކަށްވާތީއެވެ. އަދި އެއާއެކު އެތަންތަނަކީވެސް ޝައިޠާނުން ދިރިއުޅޭ ތަންތަނެވެ.

މިތަނުގައި މަޤްޞަދަކީ ބިދުޢައާއި މަގުފުރެދުމުގެ އަހުލުވެރިންގެ ތެރެއިން ޝަރީޢަތުގައި އައިސްފައިވާގޮތާ ޚިލާފަށް އަޅުކަންކޮށް ޒުހުދުވެރިވާމީހުން އެމީހުން އާދަޔާ ޚިލާފުކަންކަން ކުރުމަށްޓަކައި ޝައިޠާނުން އުޅޭ ތަންތަނަށާއި އެތަންތަނުގައި ނަމާދުކުރުން ނަހީކުރައްވާފައިވާ ތަންތަނަށް ދެއެވެ.  އެހެނީ ކާހިނުންގެ ގާތަށް ގޮސް އެއުރެންނާ މުޚާޠަބުކުރާ ފަދައިން އެމީހުންގެ ގާތަށް އައިސްވެސް ޝައިޠާނުން މުޚާޠަބުކޮށް ހަދައެވެ. އަދި އެބައިމީހުން އަޅުކަންކުރަން ގެންގުޅޭ ބުދުތަކުގެ ތެރެއަށްވަދެ އެތަކެއްޗަށް އަޅުކަންކުރާ މީހުންނާ ވާހަކަ ދައްކާ އެބައިމީހުން އެދޭ ބައެއް ކަންތައްތައް ކޮށްދީވެސް ހަދައެވެ. އެއީ ސިޙުރުވެރިންނާއި ބުދަށާއި އިރަށާއި ހަނދަށާ އަދި ތަރިތަކަށް އަޅުކަންކުރާމީހުންނަށް އެސޮރުމެން އެހީތެރިވާ ފަދައިންނެވެ. އެގޮތުން އެސޮރުމެންނާ އެކަށީގެންވާކަމަށް އެބައިމީހުންނަށް ހީވާ އަޅުކަންތަކުން އެބައިމީހުން އެސޮރުމެންނަށް އަޅުކަންކޮށް ހަދައެވެ. އެއީ ތަސްބީޙަ ކިޔުމާއި ބައެއް ވައްތަރުތަކުގެ ހެދުންލުމާއި ދުން އެޅުމާ އަދި އެނޫންވެސް އެހެން ކަންތައްތަކުގެ ޛަރީޢާއިންނެވެ. ފަހެ އެހެނީ ހަމަކަށަވަރުން އެބައިމީހުންގެ ގާތަށް ބައެއް ޝައިޠާނުން އައިސް އުޅެއެވެ. އެއަށް އެބައިމީހުން ކިޔަނީ ތަރިތަކުގެ ރޫޙުތަކެވެ. އެބައިމީހުންގެ ބައެއް ކަންކަން އެސޮރުމެން ކޮށްދީފާނެއެވެ. އެއީ އެބައިމީހުންގެ ޢަދުއްވުން މެރުމާއި ބަލިކޮށްލުމާއި އެބައިމީހުން ބޭނުންވާ ބައެއް މީހުން ގެނެސްދިނުމާ އަދި ބައެއް މުދާ ގެނައުމެވެ. ނަމަވެސް އެބައިމީހުންނަށް އޭގެން ލިބޭ ފައިދާއަށްވުރެ ގެއްލުން އެތައް އެތައް ގުނައަކަށް އިތުރުވެދާނެއެވެ.

_____________________________________

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް