اللَّـهُ الصَّمَدُ ﴿٢﴾
[اللَّه އީ، އެންމެހާ ތަކެތި އެއިލާހަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެއިލާހު ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.]
(الله الصمد) އަކީ ވަކި ޖުމްލައެކެވެ. ﷲ سبحانه وتعالى ބަޔާންކޮށް ދެއްވަނީ އެއިލާހައީ (الصمد) ކަމެވެ. މިލަފްޒު މާނައާއި ބެހޭގޮތުން ވިދާޅުވެފައިވާ އެންމެ ފުރިހަމަ ބަހަކީ: އެއިލާހު سبحانه وتعالى އީ އެއިލާހުގެ ސިފަފުޅުތަކުގައި އެންމެ ފުރިހަމަ އަދި އެއިލާހަށް އެންމެހައި މަޚްލޫޤާތްތައް ބޭނުން ޖެހިގެންވާ ފަރާތް ކަމަށް އޮތް ބަހެވެ. الصمد އާއި ބެހޭގޮތުން އިބްނު ޢައްބާސް رضي الله عنه ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. “އެއީ ޢިލްމުފުޅުގައި އެންމެ ފުރިހަމަ ފަރާތެވެ. ޙިލްމުފުޅުގައި އެންމެ ފުރިހަމަ ފަރާތެވެ. އިޢްޒަތްފުޅުގައި އެންމެ ފުރިހަމަ ފަރާތެވެ. އަދި ޤުދުރަތުގައި ވެސް އެންމެ ފުރިހަމަ ފަރާތެވެ.” މިފަދައިން ގޮސް އެ ރިވާޔަތް ނިމެން ދެނެވެ.[1] މީގެ މާނައީ: އެއިލާހު އެންމެހައި މަޚޫލުގުންގެ ކިބައިން ފުދިވޮޑިގެންވާކަމެވެ. އެހެނީ އެއިލާހުވަނީ ފުރިހަމަވެގެންނެވެ.
އަދިވެސް މިކަލިމައިގެ ތަފްސީރުގައި ވާރިދުވެގެން އައިސްފައިވެއެވެ. الصمد އަކީ އެފަރާތަކަށް އެންމެހައި މަޚްލޫޤުން އެބައިމީހުންގެ ބޭނުންތަކާއިގެން އެދޭ ފަރާތެވެ. މީގެ މާނައީ އެންމެހައި މަޚްލޫޤުން ވަނީ އެއިލާހަށް ބޭނުން ޖެހިފައި ކަމެވެ. މިހެން ކަމުން الصمد ގެ އެންމެ ޖާމިޢު މާނަ އެއް ކަމުގައި ވާނީ: އެންމެހައި ސިފަތަކުން އެންމެ ފުރިހަމަ ވެގެންވާ އެންމެހައި މަޚްލޫޤުން އެފަރާތަކަށް ބޭނުން ޖެހިގެންވާ ފަރާތް ކަމުގައެވެ.
= ނުނިމޭ =
މިލިޔުމުގެ އެހެނިހެން ބައިތައް
______________________
[1] أخرجه الطبر في تفسيره 30/346، والبهقي في الأسماء والصفات ص 58 – 59.
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الإخلاص ގެ ތަފްސީރުގެ ތަރުޖަމާއެވެ.