[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމުއް ޠަޙާވީ ރަޙިމަހުﷲ

އަލްއިމާމުއް ޠަޙާވީ ރަޙިމަހުﷲ ގެ ނަންފުޅަކީ އަބޫ ޖަޢުފަރު އަޙްމަދު ބިން މުޙައްމަދު ބިން ސަލާމާ ބިން ސަލްމަތު ބިން ޢަބްދުލްމަލިކު ބިން ސަލަމަތު ބިން ސަލީމް ބިން ސުލައިމާން ބިން ޖަވާބުލްއަޒްދީ އައްޠަޙާވީއެވެ. އެކަލޭގެފާނު ނިސްބަތްވެފައިވަނީ މިޞްރުގެ އަވަށަކަށެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 239 ވަނަ އަހަރުއެވެ.

އެކަލޭގެފާނު އުޅުއްވި ޒަމާނަކީ ފިޤުހާއި ޙަދީޘް ޢިލްމުގެ ރަން ޒަމާނެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ޢިލްމު ހޯއްދަވާފައިވަނީ، އަލްއިމާމުއް ޝާފިޢީ ރަޙިމަހުﷲގެ އެންމެ އިސްދަރިވަރުކަމުގައިވާ، އެކަލޭގެފާނުގެ މަންމަ ފަރާތުގެ ބޮޑުބޭބެ އިސްމާޢީލް ބިން ޔަޙްޔާ އަލްމުޒަނީގެ އަރިހުންނެވެ. ހަމައެފަދައިން މިޞްރަށް ވަޑައިގަންނަވާ ކޮންމެ ޢިލްމުވެރިޔެއްގެ ކިބައިން ޢިލްމު ހޯއްދެވުމަށް ގަދައަޅައި މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު ޢިލްމު ލިބިވަޑައިގެންނެވި ޢިލްމުވެރިންގެ ޢަދަދު ތިންސަތޭކައަށް އަރައެވެ.

ފިޤްހީ މައްސަލަތައް ދިރާސާކުރެއްވުމުގައި އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ ގެ މަޝްހޫރު ދެދަރިވަރުން ކަމުގައިވާ އަބޫ ޔޫސުފް ޔަޢްޤޫބު ބިން އިބްރާހީމުލް އަންޞާރީއާއި، އަބޫ އަބްދުﷲ މުޙައްމަދު ބިން އަލްޙަސަން އައްޝައިބާނީ ރަޙިމަހުމަﷲ ގެ ފޮތްތަކަށް ގިނަގިނައިން ރުޖޫޢަވަޑައިގަންނަވައެވެ. ނަތީޖާއެއްގެ ގޮތުން އިމާމް ޠަޙާވީ ރަޙިމަހުﷲ ފިޤްހީ މައްސަލަތަކުގައި ބުރަވެވަޑައިގަންނަވާ މަޛްހަބެއްގެގޮތުގައި އިމާމް އަބޫ ޙަނީފާގެ މަޛްހަބު ޚިޔާރުކުރެއްވިއެވެ.

އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި ފިޤްހުން އަރާ ހުންނެވި ބޭކަލެކެވެ. ހަމައެފަދައިން ޙަދީޘް ޢިލްމުގައިވެސް ފާހަގަކުރެވޭ ބޭކަލެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަކަކީ ނުހަނު ގިނަގުނަ ފައިދާތަކެއް އެފޮތްތަކުން ލިބިދޭ، ޢިލްމުވެރިން އެފޮތްތަކަކަށް އިޢްތިމާދުވާ ފޮތްތަކެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ މުހިއްމު ފޮތްތަކުގެ ތެރޭގައި:

 1. އަލްޢަޤީދަތުއް ޠަޙާވިއްޔާ
 2. މަޢާނިލް އާޘާރު
 3. މުޝްކިލުލް އާޘާރު
 4. އަޙްކާމުލް ޤުރުއާން
 5. އަލްމުޚްތަޞަރު
 6. ޝަރްޙުލް ޖާމިޢުލް ކަބީރު
 7. ޝަރްހުލް ޖާމިޢުލް ޞަޣީރު
 8. އައްޝުރޫޠު
 9. އައްނަވާދިރުލް ފިޤްހިއްޔާ
 10. އައްރައްދު ޢަލާ އަބީ ޢުބައިދު
 11. އައްރައްދު ޢަލާ ޢީސަ ބިން އަބާން، މިފަދަ އެތައް ފޮތެއް ހިމެނެއެވެ.

އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 321 ވަނަ އަހަރުއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރަކީ 82 އަހަރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ރަޙްމަތް ލައްވާށި!