[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

إِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ (ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ.) 3

12112825_765499876893483_360637091_o (1)

ދީނީ ޢިލްމު މަތިވެރިވާ ބައެއް ސަބަބުތައް

 1. ފަހެ ޢިލްމުވެރިންނަކީ ނަބީ ބޭކަލުންގެ ވާރުތަވެރިންނެވެ. ނަބީ ބޭކަލުން ވާރުތަ މުދަލެއްގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އޭބޭކަލުން ދޫކުރެއްވީ ޢިލްމެވެ. އިސްވެ ދިޔަ ޙަދީޘުން ބަޔާންވެ ދިޔަފަދައިން އެޢިލްމު ލިބެގެންފި މީހާ އެހޯދީ ވަރަށްވެސް ބޮޑު ކާމިޔާބެކެވެ. ފަހެ ތިބާ މިއަދު ތިހޭދަކުރަނީ ފަނަރަވަނަ ޤަރުނުގެ ދުވަސްތަކެވެ. މިއަދު ތިބާ އެދީނުގެ ޢިލްމު ޙާޞިލްކުރިއަސް، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވާރުތަ ޙާޞިލުވާނެއެވެ. މިއީ މިދީނުގެ ޢިލްމު މަތިވެރި ކޮށްދޭ އެންމެ ބޮޑު އެއްކަމެވެ.
 2. މުދަލަކީ ފަނާވެދާނެ އެއްޗެކެވެ. ނަމަވެސް ފައިދާކުރަނިވި ޢިލްމަކީ ދެމިގެންދާނެ އެއްޗެކެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުއަކީ ޞަޙާބީންގެ ތެރެއިން ފަޤީރު ބޭކަލެކެވެ. ބައެއްފަހަރު ބަނޑުހައި ހޫނުކަމުގެ ސަބަބުން އެކަލޭގެފާނު ހޭނެތިގެން ވެއްޓެއެވެ. ނަމަވެސް އެކަލޭގެފާނުގެ ނަންފުޅު މިއަދުވެސް މީސްތަކުންގެ މެދުގައި ކިޔެމުން ދެއެވެ. އަހަރެމެންނާ ހަމައަށް ރިވާވެފައިވާ ޙަދީޘްތަކުގެ ތެރެއިން އެންމެ ގިނައީ، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފަައިސްފައިވާ ޙާދީޘް ބަސްފުޅުތަކެވެ. ފަހެ އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތައް ރިވާކުރެއްވީތީވެ، ޤިޔާމަތާ ޖެހެންދެން އެކަމުގެ އަޖުރު ދެމިގެން ދާހުއްޓެވެ.އެހެންކަމުން ދީނީ ޢިލްމު ޙާޞިލްކުރުމަށްޓަކައި އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަންވީއެވެ. ފަހެ އެކަމުގެ އަޖުރު މަރުވުމަށް ފަހުވެސް ލިބެމުން ދާހުއްޓެވޭ.އަބޫ ހުރައިރާ ރަޟިޔަﷲ
  ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަސީޘް ކުރެއްވިއެވެ.
  “إذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إلاَّ مِنْ ثَلاَثٍ : صَدَقَةٍ جَارِيَةٍ ، أَوْ عِلْمٍ يُنْتَفَعُ بِهِ ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ “[1]މާނައީ: “އިންސާނާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލެއް ކެނޑިގެން ދެއެވެ. ތިންކަމެއް ފިޔަވައެވެ. އެއީ ދެމިގެންދާ ޞަދަގާތެވެ. ނުވަތަ ފައިދާކުރަނިވި ޢިލްމެވެ. ނުވަތަ އޭނާއަށްޓަކައި ދުޢާކުރާނޭ ޞާލިޙު ދަރިއެކެވެ.”
 3. ޢިލްމަކީ މުދާ ރައްކާކުރާ ފަދައިން ރައްކާކުރުމަށް ބުރަ އުފުލަން ޖެހޭ އެއްޗެއް ނޫނެވެ. ރައްކާ ކުރުމަށްޓަކައި ފާރަވެރިން ބައިތިއްބާކަށް ނުޖެހެއެވެ. އެހެނީ ﷲތަޢާލާ އެމީހަކަށް ޢިލްމު ދެއްވާފި މީހަކު އެޢިލްމު ރައްކާކުރަނީ އޭނާގެ ހިތުގައެވެ. ޢިލްމު ރައްކާތެރި ކުރުމަށްތަކައި ފޮށްޓެއް، ގުދަނެއް އެއްޗެއް އޭނާއަކަށް ބޭނުމެއް ނުޖެހެއެވެ. އަދި އެ ރައްކާކޮށް ތަޅުލުމަށްޓަކައި ތަޅުދަނޑިއަކަށްވެސް ބޭނުން ނުޖެއެވެ. އެހެނީ އޭނާ ހިތުގައި ވަނީ އެޢިލްމު ރައްކާތެރި ކުރެވިފައެވެ. އަދި ކިއެއްހެއްޔެވެ! އެ ޢިލްމު، ޢިލްމުގެ އަހުލުވެރިޔާ ރައްކާތެރި ކޮށްދެއެވެ. ނުރައްކާތެރި ޝުބުހަ ތަކުންނާއި ޝަހަވަތްތަކުން ﷲގެ ވާގިފުޅާއެކު ޢިލްމުގެ އަހުލުވެރިޔާ ރައްކާތެރި ކޮށްދެއެވެ. އެހެންނަމަވެސް މުދަލަކީ އެމުދަލުގެ އަހުލުވެރިޔާ ރާއްކާތެރި ކުރަންޖެހޭ އެއްޗެކެވެ. އެރައްކާތެރި ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހެއެވެ. ބައެއްފަހަރު އެކަމާހުރެ ހިތުގައި ނުތަނަވަސްކަން އުފެދި މުދަލަކީ ހިތްހަމަޖެހުން ލިބެނިވި އެއްޗެއް ކަމުގައި ނުވެދެއެވެ.
 4. ޢިލްމަކީ އިންސާނާ ޙައްޤަށް ހެކިވުމަށް ވާޞިލުކޮށްދޭ އެއްޗެކެވެ. ދަލީލަކީ ﷲގެ ވަޙީ ބަސްފުޅެވެ.
  شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَـٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ ﴿آل عمران: ١٨﴾
  މާނައ: “ހަމަކަށަވަރުން ﷲތަޢާލާ، އެއިލާހު ފިޔަވައި ޙައޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، އަދި މަލާއިކަތުންނާއި ޢިލްމުގެ އަހުލުވެރިންވެސް ހެކިވިއެވެ. (އެއިލާހު ހެއްދެވި ތަކެތި ތައުބީރު ކުރެއްވުމުގައި) ޢަދުލުވެރި ކަމާއިގެން އެއިލާހު ޤާއިމްވެ ވޮޑިގެންވެތެވެ. އެއިލާހު މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެތެވެ. އެއިލާހީ ޢިއްޒަތްވަންތަ، ޙަކީމުވަންތަ އިލާހެވެ.”
  ﷲތަޢާލާ މި ވަޙީ ބަސްފުޅުގައި މުދަލުގެ އަހުލުވެރިންގެ ވާހަކަ ޛިކުރު ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ވަޙީ ކުރައްވާފައި އެވަނީ ޢިލްމުގެ އަހުލުވެރިންގެ ވާހަކައެވެ. ﷲއާއި މަލާއިކަތް ބޭކަލުންނާއިއެކު، ﷲތަޢާލާގެ އެއްކައުވަންތަކަމާމެދު ހެކިވުމަށްވުރެ ބޮޑު ފަޚުރެއް ފަހެ ވޭހެއްޔެވެ!
 5. ޢިލްމުގެ އަހުލުވެރިންނަކީ، ﷲތަޢާލާ އެބަޔަކަށް ކިޔަމަންތެރިވުމަށް މީސްތަކުންނަށް އަމުރުކުރައްވާފައިވާ އަމުރުވެރިންގެ ތެރެއިން ބައެކެވެ. ﷲގެ ވަޙީ ބަސްފުޅުގައި ވެއެވެ.
  يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ﴿النساء: ٥٩﴾
  މާނައީ: “އޭ އީމާންވެއްޖެ މީސްތަކުނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވާށެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް ކިޔަމަންތެރި ވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިންވާ އަމުރުވެރިންނަށްވެސް މެއެވެ.”
  މި އާޔަތުގައި މިވާ އަމުރުވެރިންގެ ތެރޭގައި ވެރިންނާއި ޙާކިމުންނާއި ދީނީ ޢިލްމުވެރިންނާއި ދީނީ ޢިލްމު އުނގޭނޭ ކުދިން ޝާމިލުވެއެވެ. ޢިލްމުވެރިންނަށް ވަނީ ﷲގެ ޝަރީޢަތް ބަޔާންކޮށްދީ މީސްތަކުންނަށް ދަޢުވަތު ފޯރުކޮށްދިނުމެވެ. ވެރިންނަށް ވަނީ ﷲގެ ޝަރީޢަތް ތަންފީޒުކުރުމާ އަދި އެޝަރިއްޔަތަށް ޢަމަލުކުރުމަށް މީސްތަކުންނަށް ލާޒިމް ކުރެވުމެވެ.

  (ނުނިމޭ)

  މަޞްދަރު: كتاب العلم لابن عثيمين


  [1]  رواه مسلم (1631).

  މިލިޔުމުގެ އެހެނިހެން ބައިތައް