[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (11)

އިންސާނާގެ ނަފްސު ނުވަތަ މިޒާޖު ފަސާދަވެއްޖެނަމަ އޭނާއަށް ގެއްލުންހުރި ކަންކަމަށް އެދުންވެރިވެއެވެ. އެފަދަ ކަންކަމަށް ލޯބިކުރުމުގެ ސަބަބުން އޭނާގެ ބުއްދިއާއި، ދީނާއި، އަޚްލާޤާއި، ހަށިގަނޑާ އަދި މުދާ ފަސާދަވެއެވެ. ޝައިޠާނާއަކީ އޭގެ ނަފްސުގައިވެސް ނުބައި އެއްޗެކެވެ. ފަހެ، ޝައިޠާނުން ލޯބިވާފަދަ ކުފުރާއި ޝިރުކު އެކުލެވޭ ރުޤްޔާތަކާއި، ހުވާތަކާއި، ރޫޙާނިއްޔަތާއި ސިޙުރުގެ ފޮތްތަކާ އަދި މިނޫންވެސް ކަންކަމުން ޝައިޠާނުންނާ ގާތްވާނަމަ އޭނާ އެއެދޭ ބައެއް ކަންތައް އެބައިމީހުން ކޮށްދެއެވެ. އެއީ އެބައިމީހުންނަށް ރިޝްވަތު ދިނުންފަދަ ކަމެކެވެ. އެއީ މިޘާލަކަށް މީހަކު ޤަތުލުކުރަން ބޭނުންވާ މީހަކު ޤަތުލުކުރުމަށްޓަކައި އެހެންމީހަކަށް ފައިސާ ދިނުންފަދަ ކަމެކެވެ. ނުވަތަ ފާޙިޝް ކަމެއް ކުރުމަށް މީހަކަށް އެހީތެރިވެދިނުން ނުވަތަ މީހަކާއެކު ފާޙިޝް ކަމެއް ކުރުންފަދަ ކަމެކެވެ.

މިފަދަ ގިނަ ކަންކަމުގައި އެބައިމީހުން ލޭ ނުވަތަ އެނޫންވެސް ނަޖިސް ތަކެތިން ﷲ ތަޢާލާގެ ކަލާމްފުޅު (އެބަހީ: ކީރިތި ޤުރުއާން) ލިޔެއެވެ.  އެގޮތުން އެބަސްފުޅުތަކުގެ އަކުރުތައް އޮޅުވާލައިގެން (ތަރުތީބު ބަދަލުކޮށްގެން) ލިޔެއެވެ. ފާތިޙާގެ އަކުރުތައް ނުވަތަ قُلْ هُوَ اللهُ أَحَد ގެ އަކުރުތައް އެގޮތަށް ލިޔެއެވެ. ނުވަތަ މިނޫންވެސް ޝައިޠާނާ ރުހޭފަދަ އެއްޗެތި ލިޔެއެވެ. ނުވަތަ އެފަދަ ބަސްތައް ކިޔައެވެ. ފަހެ، ޝައިޠާނުން ރުހޭފަދަ ބަސްތައް ކިޔުމުން ނުވަތަ ލިޔުމުން އެޝައިޠާނުން އެބައިމީހުން އެދޭ ބައެއް ކަންތައްތައް ކޮށްދެއެވެ. އެއީ ފެންގަނޑެއް ހިންދާލުން ނުވަތަ ވައިގެ މަގުން ތަނަކަށް ގެންގޮސްދިނުން ނުވަތަ އޭގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންގަނެވިފައިނުވާ މީސްތަކުންގެ މުދަލާއި ޚާއިނުންގެ ބައެއް މުދާތަކާ އަދި އެނޫންވެސް އެހެންމުދާ ވަގަށް ނަގައިގެން ޝައިޠާނުން އޭނާއަށް ގެނެސްދިނުން ފަދަ ކަންކަމެވެ.

މިތަނުގައި މަޤްޞަދަކީ މުޙައްމަދު صلى الله عليه وسلم ފޮނުއްވުނީ އިންސީންނާއި ޖިންނީންގެ ގާތަށް ކަމެވެ. އަދި ޖިންނީން އެކަލޭގެފާނު ކިޔަވާ ވިދާޅުވި އަޑުއެހުމަށްފަހު އެބައިމީހުންގެ ޤައުމުގެ މީހުންގެ ގާތަށް ގޮސް އިންޛާރުދިން ކަމެވެ. އެއީ ﷲ ޢައްޒަވަޖައްލަ ޚަބަރު ދެއްވާފައިވާ ފަދައިންނެވެ. މިއީ މުސްލިމުން އިއްތިފާޤުވެފައިވާ މައްސަލައެކެވެ. ދެން ފަހެ، ޞަޙާބީންނާއި ތާބިޢީންގެ ތެރެއިން ގިނަ ބޭކަލުން ވިދާޅުވެފައިވަނީ ޖިންނީން (އެޙާދިޘާއަށްފަހު) އެނބުރި ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް އައުމުން އެކަލޭގެފާނު އެބައިމީހުންނަށް ޤުރްއާން ކިޔަވާ ވިދާޅުވެދެއްވާ އެބައިމީހުންގެ ކިބައިން ބައިޢަތު ހިއްޕެވިކަމަށާ އަދި އެބައިމީހުންގެ ކޮއްތާއި ޖަނަވާރުތަކާ ބެހޭ ގޮތުން ސުވާލުކުރެއްވިކަމަށެވެ…

އެކަލޭގެފާނު އެބައިމީހުންނަށް ޙަދީޘްކުރެއްވިއެވެ.

((لَكُمْ كُلُّ عَظْمٍ ذُكِرَ اسْمُ اللهِ عَلَيْهِ يَقَعُ فِي أَيْدِيكُمْ أَوْفَرَ مَا يَكُونُ لَحْمًا وَكُلُّ بَعْرَةٍ عَلَفٌ لِدَوَابِّكُمْ))

މާނައީ: “ތިޔަބައިމީހުންނަށް ލިބޭ ކަށީގެ ތެރެއިން، (އެއެއްޗެއް ކެއުމުގެ ކުރިން) ﷲ ގެ ނަންފުޅު ގަނެވިފައިވާ ކޮންމެ ކަށްޓެއް ފުރާ މަސްލެއްވޭނެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތަކަށްވަނީ (އިންސާނުންގެ ޖަނަވާރުތަކުގެ) ބޮޑުކަމުދާ ތަކެއްޗެވެ.”

ދެންފަހެ، (ޞަޙާބީ ބޭކަލުންނާ މުޚާޠަބުކުރައްވާ) ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((فَلَا تَسْتَنْجُوا بِهِمَا فَإِنَّهُمَا طَعَامُ إِخْوَانِكُمْ)) [وهذا ثابت في صحيح مسلم، وغيره من حديث ابن مسعود]

މާނައީ: “ފަހެ އެދޭތިން [އެބަހީ: ކަށިންނާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތިން] ތިޔަބޭކަލުން އިސްތިންޖާ ނުކުރާހުށިކަމެވެ. އެހެނީ އެއީ ތިޔަބޭކަލުންގެ އަޚުންގެ (އެބަހީ: ޖިންނީންގެ) ކާނާއެވެ.”…

______________________________

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް