ބަންގިއާއި ޤަމަތް ވާޖިބުވުމުގެ ޝަރުޠުތައް.
1 –ފިރިހެނުން ކަމުގައިވުން.
އަންހެނުންނާއި ބާލިޣުނުވާ ކުޑަކުދިންގެ މައްޗަކަށް ބަންގި ވާޖިބެއްނޫނެވެ. އެކަނި ހުރިކަމުގައިވިޔަސް އަދި އަންހެނުންގެ ޖަމާޢަތެއްކަމުގައި ވިޔަސް އެމީހުންގެ މައްޗަކަށް ބަންގިއެއް އަދި ޤަމަތެއްވެސް ޝަރުޢުކުރެވިގެން ނުވެއެވެ. ބަންގި އާއި ޤަމަތް ޝަރުޢުކުރެވިގެންވަނީ ހަމައެކަނި ފިރިހެނުންނަށެވެ.
2 – ޖަމާޢަތެއްގެ މީހުންކަމުގައިވުން(އެކަކަށްވުރެ ގިނަވުން).
އެއްމެ ފަރުދެއްނަމަ އެމީހާގެ މައްޗަށްވެސް ވާޖިބެއްނޫނެވެ. ނަމަވެސް ސުނަތްވެގެންވެއެވެ. އެއްވެސް ސަބަބަކާއިހުރެ ބަންގިއާއި ޤަމަތް އަޑު ނީވެއްޖެ ނަމަ، އެކަނި ހުންނަ ފިރިހެނާގެ މައްޗަށް ބަންގިގޮވުމާއި ގަމަތްދިނުން ސުންނަތްވެގެން ވެއެވެ.
3 – ފަރުޟު ފަސްނަމާދަށް ބަންގި ގޮވުން.
މީގެތެރޭގައި ހުކުރު ދުވަހުގެ މެންދުރު ނަމާދުގެ ބަދަލުގައި ކުރެވޭ ހުކުރު ނަމާދުވެސް ހިމެނެއެވެ. ވިތުރިއާއި ކޭތަ ނަމާދާއި ޢީދުނަމާދުފަދަ ނަމާދުތަކަށް ބަންގިއެއް އަދި ޤަމަތެއްވެސް ނުވެއެވެ.
ބަންގިއާއި ޤަމަތާއި ނުލައި ކުރާ ނަމާދު
ކުރީގައި ބަޔާންކުރެވުނު ފަދައިން އިސްވެ ބަޔާންވެގެންދިޔަ ތިން ޝަރުޠު ފުރިހަމަވާކަމުގައި ވާނަމަ ބަންގިއާއި ޤަމަތް ގެނެސްގަތުން ވާޖިބު ވާނެއެވެ. ނަމަވެސް ހަނދާންނެތިގެން ނުވަތަ އެހެންވެސް ސަބަބަކާއިހުރެ ބަންގި ގޮވުމާއި ނުލައި ނުވަތަ ޤަމަތްދިނުމާއި ނުލައި ނަމާދުކުރި ކަމުގައިވިޔަސް ނަމާދު ޞައްޙަވާނެއެވެ. ނަމަވެސް ވާޖިބެއް ދޫކޮށްލުގެ ސަބަބުން އެފާފަ އޮންނާނެއެވެ.
– ނުނިމޭ –
މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން.