الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ފިޠުރު ޒަކާތް:
ފިޠުރު ޒަކާތް ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ކުޑަ ކުއްޖަކަސް ބޮޑު މީހަކަސް، އަންހެނަކަސް ފިރިހެނަކަސް، މިނިވަނަކަސް އަޅަކަސް، ފިޠުރު ޒަކާތް ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. މައިމީހާގެ ބަނޑުގައިވާ، ފުރާނަ އެޅިފައިވާ ދަރިފުޅަށް ފިޠުރު ޒަކާތް ނެރުން ސުންނަތް ވެގެންވެއެވެ.
ފިޠުރު ޒަކާތް ވާޖިބުވަނީ ދެޝަރުޠެއް ފުރިހަމަ ވުމުންނެވެ.
- މުސްލިމަކު ކަމުގައިވުން.
- ޢީދު ދުވަހާއި އީދުވިލޭރޭ، ކައިފަ ބާކީވާ ވަރަށް ހުރުން.
ފިޠުރު ޒަކާތް ވާޖިބުވުމުގެ ޙިކްމަތް:
- ރޯދަވެރިޔާއަށް އަރަގަނެވިފައިވާ، ދެބަ އޮޑުވުމާއި ޣީބަ ބުނުން ފަދަ ފާފަތަކުން އޭނާ ޠާހިރު ކުރުވުން.
- ފަޤީރުން، ޢީދު ދުވަހު ސަލާންޖެހުމާއި ދުރުހެލިކުރުވާ އެމީހުންގެ ހިތްތަކަށް އުފާވެރިކަން ވެއްދުން.
- ރަމަޟާންމަހުގެ ރޯދަ ހިފުމުގެ ތައުފީޤު ދެއްވި ކަމަށްޓަކައި މާތްﷲއަށް ޝުކުރު އަދާކުރުން.
ފިޠުރު ޒަކާތް ނެރުން ވާޖިބުވާ މިންވަރު:
ފިޠުރު ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ އެތަނެއްގައި ޢާންމުކޮށް ކައި އުޅޭ އެއްޗަކުން ޞާޢެކެވެ. ވަކި ބައެއްގެ ފަރާތުން ނުވަތަ ޢާއިލާއެއްގެ ފަރާތުން އެކަކު، ފިޠުރު ޒަކާތް ނެރުން ހުއްދައެވެ.
ފިޠުރު ޒަކާތް ނެރުން ވާޖިބުވާ ވަގުތު:
ފިޠުރު ޒަކާތް ނެރުން ވާޖިބުވަނީ ޢީދު ވިލޭރެއަށް އިރު އޮއްސުމުންނެވެ. އެހެންނަމަވެސް ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ނެރުންވެސް ހުއްދައެވެ. ޞަޙާބީންގެ ތެރެއިން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ފަދަބޭކަލުން މިގޮތަށް އަމުރު ކުރައްވާފައިވެއެވެ. ޢީދު ނަމާދުގެ ފަހަށް، ފިޠުރު ޒަކާތްނެރުން ލަސްކުރުން ހުއްދަވެގެން ނުވެއެވެ. މިގޮތަށް ޢަމަލުކުރާމީހާ ފާފަވެރިވާނެއެވެ.
=ނުނިމޭ=
____________________________________
مصدر: الفقه الميسر