الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޒަކާތުގެ ވާހަކަ ނަންގަނެވުނު ބާބު
ޒަކާތުގެ ލުޣަވީ މާނަ: އިތުރު ވުން.
އިޞްޠިލާޙީ މާނަ: ނިޞާބު ހަމަވެފައިވާ ވަކި ޚާއްޞަ މުދަލަކުން، ވަކި ޝަރުޠު ތަކަކާއެކު، ވަކި ޚާއްޞަ ބަޔަކަށް ދޭންޖެހޭ ޙައްޤެކެވެ.
ޒަކާތަކީ އިސްލާމްދީނުގެ ފަރުޟުތަކުގެ ތެރެއިން ފަރުޟެކެވެ. އަދި ރުކުންތަކުގެ ތެރެއިން ރުކުނެއްވެސްމެއެވެ. އަދި އެއީ ނަމާދަށްފަހު، އިސްލާމްދީނުގެ އެންމެ މުހިއްމު ރުކުނެވެ. ކީރިތި ޤުރްއާނުގައި، ނަމާދު ޤާއިމުކުރުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިދިގެން ޒަކާތްދިނުމަށް އަމުރުކުރައްވާފައި ވުމުން ޒަކާތުގެ މުހިއްމުކަން ހާމަވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿وَأَقِيمُوا الصَّلاَةَ وَآتُوا الزَكَاةَ﴾
މާނައީ: “އަދި ތިޔަބައިމީހުން ނަމާދު ކުރާށެވެ. އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ”.
ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
((بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ)) [رواه مسلم]
މާނައީ: “އިސްލާމްދީން ބިނާވެގެންވަނި ފަސްކަމެއްގެ މައްޗަށެވެ. ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންކުރެވޭ އެހެން އިލާހަކުނުވާކަމަށް ހެކިވުމާއި މުޙައްމަދު ﷺއީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމްކުރުމާއި، ޒަކާތް ދިނުމާއި، ޙައްޖު ވުމާއި، ރަމަޟާންމަހު ރޯދަ ހިފުމެވެ”.
ޒަކާތުގެ ވާޖިބުކަމާއިމެދު ހުރިހާ މުސްލިމުން އެއްބަސްވެއެވެ. އަދި ޒަކާތްދިނުމުން މަނާވެގަންނަ މީހުންނާއި ހަނގުރާމަ ކުރުން ހުއްދަ ކަމުގައި ޞަޙާބީން އިއްތިފާޤުވެލައްވައެވެ.
އެހެންކަމުން ޒަކާތުގެ ފަރުޟިއްޔަތަކީ ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ ﷺގެ ސުންނަތާއި، ޢިލްމުވެރިންގެ އިޖްމާޢުން ސާބިތުވާ ކަމެކެވެ.
=ނުނިމޭ=
____________________________________
مصدر: الفقه الميسر