[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الصلاة (11)

kithab ah salaath

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ކަށު ނަމާދު

ކަށު ނަމާދުގެ ކުރިން މައްޔިތާ ހިނަވާ ކަށުކަމާކެމީގެ ކަންތައްތައް ފުރިހަމަ ކުރުމަކި ވާޖިބެކެވެ. މައްޔިތާ ހިނެވުމުގައި ޢަދުލުވެރި، އިތުބާރުހިފޭ، ކަށުކަމާކެމީގެ ކަންތައްތައް ރަގަޅަށް ދަންނަ މީހަކު އިޚްތިޔާރު ކުރަން ޖެހޭނެއެވެ. ފިރިހެނުން ހިނަވަންޖެހޭނީ ފިރިހެނުންނެވެ. އަންހެނުން ހިނަވަން ޖެހޭނީ އަންހެނުންނެވެ. ހަތް އަހަރު ނުވާ ކުޑަކުއްޖަކު، އަންހެނަކު ވިޔަސް ފިރިހެނަކު ވިޔަސް ހިނެވިދާނެއެވެ. އެއްވެސް މުސްލިމަކަށް ކާފަރަކު ނުހިނެވޭނެއެވެ. ހަނގުރާމައިގައި ޝަހީދުވާމީހުން ހިނަވާކަށް ނުޖެހޭނެއެވެ. އަދި އެމީހާ ކަފުން ކުރުމެއް، ކަށު ނަމާދު ކުރުމެއް ނެތެވެ. މައިމީހާގެ ބަނޑުން ބައިގެންދާ ދަރި، ހަތަރުމަސް ފުރިފައިވާނަމަ ހިނަވާ ކަފުންކޮށް ކަށު ނަމާދު ކުރަންޖެހޭނެއެވެ. ސަބަބަކީ، ހަތަރުމަސް ފުރުމުން ފުރާނަ އެޅިފައިވާ އިންސާނަކަށް ވެފައިވާތީއެވެ.

މައްޔިތާ ހިނަވާ ފެނަކީ ޠާހިރު ފެނަކަށް ވާންޖެހޭނެއެވެ. އަދި ހިނަވާ ތަނަކީ ރަގަޅަށް ނިވާވެފައިވާ ތަނަކަށް ވާން ޖެހޭނެއެވެ. އަދި މައްޔިތާއާއި ގުޅުމެއްނެތް މީހުން އެތަނަށް ހާޒިރު ވެގެންނުވާނެއެވެ.

ކަފުން ކުރުމުގައި ސުންނަތް ވެގެންވާ ގޮތަކީ ފިރިހެނަކު ނަމަ ތިން ކަފުން ބޭނުން ކުރުމެވެ. އަންހެނަކު ނަމަ ފަސް ކަފުނެވެ. ކަފުން ކުރުމުގައި، އިޙްރާމް ބަނދެގެން ހުއްޓާ މަރުވި މީހާގެ ބޯ ނިވާކުރާކަށް ނުޖެހޭނެއެވެ.

ކަށު ނަމާދަކީ މުސްލިމުންގެ މައްޗަށްވާ ކިފާޔަތުގެ ފަރުޟެކެވެ. ކަށު ނަމާދުގެ ޝަރުޠު ތަކަކީ:

  • ނިޔަތް ގަތުން.
  • ތަކްލީފު ލިބިގެންވުން.
  • ޤިބްލައަށް ކުރިމަތިލުން.
  • ޢައުރަ ނިވާ ކުރުން.
  • ޠާހިރު ވެގެން ހުރުން.
  • ޢައިބުގައި ނޫންގޮތަކަށް ކުރެވޭ ކަށު ނަމާދެއްނަމަ، މައްޔިތާ ހާޒިރު ކުރެވުން.
  • ކަށު ނަމާދު ކުރާމީހާއާއި، ކުރެވޭ މީހާއަކީ މުސްލިމުންނަށް ވުން.

ކަށު ނަމާދުގެ ރުކުންތައް:

  • ކުޅަދާނަ ވެގެންވާ މީހާ ކޮޅަށް ހުރުން.
  • ހަތަރު ތަކްބީރު.
  • ސޫރަތުލް ފާތިޙާ ކިޔެވުން.
  • ނަބިއްޔާ ﷺގެ މައްޗަށް ޞަލަވާތް ކިޔެވުން.
  • މައްޔިތާއަށް ދުޢާކުރުން.
  • ސަލާމް ދިނުން.
  • ބަޔާންވެދިޔަ ރުކުންތައް ތަރުތީބު ކުރުން.

ހާޒިރުގައި ކުރެވޭ ކަށު ނަމާދެއްނަމަ، މައްޔިތާ ހިނަވާ ކަފުންކޮށް ތައްޔާރުކޮށް ނިމުމުން ކަށު ނަމާދުގެ ވަގުތު ފެށުނީއެވެ. މައްޔިތާއަކީ ފިރިހެނެއްނަމަ، ކަށު ނަމާދު ކުރާއިރު އިމާމު މީހާ ހުއްޓޭނީ މައްޔިތާގެ ބޮލުގެ ކައިރީގައެވެ. އަންހެނެއްނަމަ މެދުގައެވެ. އެއަށްފަހު ތަކްބީރު ކިޔައި ހަށަމް ބަންނާނީ އެވެ. އަދި އަޢޫޛު ބިސްމި ކިޔައި ސޫރަތުލްފާތިޙާ ސިއްރުން ކިޔަވާނީއެވެ. ދެން ދެވަނަ ތަކްބީރަށްފަހު ނަބިއްޔާ ﷺގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. ތިންވަނަ ތަކްބީރަށްފަހު މައްޔިތާއަށް ދުޢާކުރާނީއެވެ. ހަތަރުވަނަ ތަކްބީރަށްފަހު ސަލާމްދޭނީއެވެ.

=ނިމުނީ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް