الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދެޢީދު ދެނަމާދު:
ޢީދު ނަމާދަކީ ފަރުޟު ކިފާޔަތެކެވެ. މާތް ނަބިއްޔާﷺ ވަނީ އަންހެނުންވެސް ޢީދު ނަމާދަށް ޙާޟިރުވުމަށް އިރުޝާދު ދެއްވާފައެވެ. ޢީދު ނަމާދު ޝަރުޠުތަކަކީ ވަގުތު ވަނުމާއި، ޖަމާޢަތް ހެދުމަށް މީހުން ތިބުމާއި، ރަށުގައި ޤާއިމުވެ ތިބުމެވެ. ހުސް ބިމެއްގައި ޢީދު ނަމާދު ކުރުމަކީ ސުންނަތެކެވެ. އެހެންނަމަވެސް، ވާރޭވެހުން ފަދަ ސަބަބެއް މެދުވެރިވުމުން މިސްކިތުގައި ޢީދު ނަމާދު ކުރުމަކުން މައްސަލައެއް ނެތެވެ. ޢީދު ނަމާދުގެ ވަގުތަކީ ޟުޙާ ނަމާދުގެވެސް ވަގުތެވެ. އެއީ ލޮންސިއެއްގެ މިންވަރަށް އިރުއެރުމެވެ.
ޢީދު ނަމާދުގެ ދެރަކްޢަތް ކުރަނީ ޚުޠުބާގެ ކުރިންނެވެ. ފުރަތަމަ ރަކްޢަތުގައި ކިޔަވަން ފެށުމުގެ ކުރިން، ތަކްބީރަތުލް އިޙްރާމްގެ އިތުރަށް ހަ ތަކްބީރު އޮންނާނެއެވެ. ދެވަނަ ރަކްޢަތުގައި ކިޔަވަން ފެށުމުގެ ކުރިން، ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރަށް، ފަސް ތަކްބީރު އޮންނާނެއެވެ.
ޢީދު ނަމާދުގެ ސުންނަތްތައް:
- ޖާގަ ތަނަވަސް ހުސްބިމެއްގައި ޢީދު ނަމާދު ކުރުން.
- އަޟްޙާ ޢީދު ނަމާދު އަވަސްކޮށް، ފިޠުރު ޢީދު ނަމާދު ކުޑަކޮށް ލަސްކުރުން.
- ފިޠުރު ޢީދު ނަމާދަށް ދިޔުމުގެ ކުރިން ކަދުރުކޮޅެއް ކައިގެން ދިޔުން، އަދި އަޟްޙާ ޢީދު ނަމާދުގެ ކުރިން އެއްވެސް އެއްޗެއް ނުކެއުން.
- ޢީދު ނަމާދަށް ދިޔުން އަވަސްކުރުން.
- ފެންވަރައި ޠާހިރުވެ، ރީތި ހެދުމެއް ލައިގެން ދިޔުން.
- ގިނަގިނައިން ތަކްބީރު ކިޔުން.
- ޢީދު ނަމާދަށް ދާމަގާއި އެނބުރި އަންނަމަގު ތަފާތު ކުރުން.
ކޭތަ ނަމާދު
ކޭތަ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. މިނަމާދުގެ ވަގުތަކީ ކޭތަ ހިފަންފަށާ ވަގުތުން ފެށިގެން ކޭތަ ވީއްލަންދެނެވެ. ކޭތަ ނަމާދުގައި އޮންނަނީ ދެރަކްޢަތެވެ. ރޭގަނޑު ކުރިޔަސް، ދުވާލު ކުރިޔަސް ކިޔަވަންޖެހެނީ ބާރަށެވެ. ސޫރަތުލް ފާތިޙާގެ އިތުރަށް ދިގުކޮށް ކިޔެވުން ސުންނަތް ވެގެންވެއެވެ. އެއަށްފަހު ރުކޫޢު ކުރާނީއެވެ. ރުކޫޢުވެސް ދިގުކުރުން ސުންނަތް ވެގެންވެއެވެ. ދެން ރުކޫޢިން ތެދުވެ އަނެއްކާވެސް ސޫރަތުލް ފާތިޙާއާއި ދިގު ސޫރަތެއް ކިޔަވާނީއެވެ. އެއަށްފަހު ރުކޫޢުކޮށް ތެދުވުމަށްފަހު ސަޖިދަ ކުރާނީއެވެ. ދެސަޖިދަވެސް ދިގުކުރުން ސުންނަތް ވެގެންވެއެވެ. އަދި ފުރަތަމަ ރަކްޢަތް ކުރިފަދައިން ދެވަނަ ރަކްޢަތްވެސް ކުރާނީއެވެ. ކޭތަނަމާދަށްފަހު، އިމާމްމީހާ މައުމޫމުންނަށް ވަޢުޡު ނަސޭޙަތް ދިނުން ސުންނަތް ވެގެންވެއެވެ.
=ނުނިމޭ=
____________________________________
مصدر: الفقه الميسر