﴿إنه كان تواباً﴾ އެބަހީ: އެއިލާހުގެ އަޅުތަކުންނަށް ގިނަގިނައިން ތައުބާލެއްވުން މަތީ އެކަލާނގެ ދެމިވޮޑިގެން ވެއެވެ. ފަހެ ތިބާ އެކަލާނގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވައިފި ކަމުގައި ވަނީނަމަ ތިބާއަށް ތައުބާ ލައްވައެވެ. މިސޫރަތުގެ މާނައަކީ މިއީއެވެ.
އެހެނެއްކަމު ބުއްދިވެރިޔަކަށް މެނުވީ ފަހުމްނުވާނެފަދަ ބޮޑުވެގެންވާ ކަމެއް މިސޫރަތުގައިވަނީ ފޮރުވިގެންނެވެ. މިހެނީ އިބްނު ޢައްބާސް رضي الله عنهما ގެ ޢުމުރުގެ ހަގުކަމާއެކުވެސް ޢުމަރު ބުން އަލްޚައްޠާބު رضي الله عنه، އެކަލޭގެފާނުގެ މަޖުލިސްތަކަަށް އިބްނު ޢައްބާސް رضي الله عنهما ގާތްކޮށް އުޅުއްވާތީ އެކަމުގައި މީސްތަކުން ޢައިބު ކިޔަން ފެށުމުން، ޢުމަރުގެ ފާނަކީ ޢަދުލުވެރި ޚަލީފާއަކަށް ވީހިނދު އިބްނު ޢައްބާސް ފަދަ ޒުވާން ބޭފުޅެއް ލޮބުވެތިވީ ސަބަބަކާ ލައިގެންކަމަށް ދައްކަވަން ބޭނުންފުޅުވިއެވެ.
ދެންފަހެ މުހާޖިރުންނާއި އަންޞާރުންކުރެ ބޮޑުން އެއްދުވަހެއްގައި އެއްތަންވެވަޑައިގެންނަވައިފިއެވެ. އޭގެތެރެއިން ޢަބްދުﷲ ބުން ޢައްބާސް ހިމެނިވަޑައިގަންނަވައެވެ. ވިދާޅުވިއެވެ: މި ސޫރަތާ ބެހޭ ގޮތުން ތިޔަބޭކަލުން ދަންނަވަނީ ކީކޭ ތޯއެވެ؟ ﴿إِذَا جَآءَ نَصْرُ اللَّهِ وَالْفَتْحُ﴾ އިން ފެށިގެން ސޫރަތުގެ ނިޔަލަށް ކިޔަވައި ވިދާޅުވެއްޖެއެވެ. ފަހެ ބޭރުފުށުގެ މާނަ ފެންނަން އޮތް މިންވަރަށް އެބޭކަލުން ތަފްސީރު ކުރެއްވިއެވެ. އެއްބައި ބޭކަލުން ވިދާޅުވިއެވެ. އަހުރެމެންނަށް ނަޞްރާއި ފަތަޙަ ލިބިއްޖެ ނަމަ ﷲ އަށް ޙަމްދުކޮށް އިސްތިޣްފާރު ކުރުމަށް އަމުރު ކުރައްވާފައި ވަނީއެވެ. އަދި އަނެއްބަޔަކު ވިދާޅުވިއެވެ. ތިމަންމެން ބޭކަލުންނަށް އެނގިވަޑައި ނުގަންނަވައެވެ. އަދި އެއްބަޔަކު އެއްޗެއް ވިދާޅުނުވެ ހަނުތިއްބެވޫއެވެ. ވިދާޅުވިއެވެ. އޭ އިބްނު ޢައްބާސްއެވެ. ކަލޭގެފާނު ވިދާޅުވަނީ ކީކޭ ތޯއެވެ؟ ވިދާޅުވިއެވެ. އޭ މުއުމިނުންގެ ޚަލީފާއެވެ. އެއީ ﷲގެ ރަސޫލާ صلى الله عليه وسلّم އަޖަލު ކައިރިވި ކަމުގެ ވާހަކައެވެ. އެކަލޭގެފާނަށް އަންގަވާފައި ވަނީ: ﴿إِذَا جَآءَ نَصْرُ اللَّهِ وَالْفَتْحُ﴾ މައްކާ ފަތަޙަވުން އެއީ އެކަލޭގެފާނުގެ އަޖަލު ޖެހިވަޑައިގެންފިކަމުގެ ޢަލާމާތެއް ކަމުގައެވެ. ﴿وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجاً * فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوِبَا﴾ ޢުމަރުގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީ ހުވައި ކުރައްވަމެވެ. ކަލޭގެފާނަށް ތިޔަ އެނގިވަޑައިގަންނަވާ ގޮތަށް މެނުވީ ތިމަންކަލޭގެފާނަށް ވެސް އެނގިވަޑައި ނުގަންނަވައެވެ.” ފަހެ އިބްނު ޢައްބާސްގެ މާތްކަމާއި އެކަލޭގެފާނުގެ ކިބައިގައިވާ ދެނެގަތުމުގެ ފެންވަރު ބަޔާންވެގެން ދިޔައެވެ. އެހެނީ ހަމަކަށަވަރުން ﷲ ތަޢާލާގެ ބަސްފުޅުގެ މުރާދު ދެނެގަތުމާއި ތޫނުފިލިކަން އެކަލޭގެފާނަށް ލިބިގެންވެއެވެ.
ދެންފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلّم އީ، މާތް ﷲ ގެ އަޅުތަކުންކުރެ އެންމެ ތަޤުވާވެރި އަދި އަޅުކަމުގައި އެންމެ ކުރިއަރައި ހުންނެވި ބޭކަލަކު ކަމުގައި ވީހިނދުވެސް މި ސޫރަތް ބާވާލެއްވުމާއެކު ރުކޫގައްޔާއި ސަޖިދާގައި މިފަދައިން ކިޔުން ގިނަ ކުރައްވައި ވަޑައިގެންނެވިއެވެ: ((سُبْحَانَكَ اللَّهُمَ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي)) “އަޅުގެ ވެރި ރައްބެވެ. އިބަ ﷲއީ ހުސްޠާހިރުވަންތަ އިލާހެވެ. އަދި ޙަމްދު ހުރީ އިބަ ﷲ އަށެވެ. އޭ ﷲ އެވެ. މިއަޅާއަށް ފާފަ ފުއްސަވާނދޭވެ.”
ފަހެ އަހުރެން ދަންނަވަމެވެ. اللهم ربنا وبحمدك، اللهم اغفر لنا ذنوبنا، وإسرافنا في أمرنا، وثبت أقدامنا، وانصرنا على القوم الكافرين.
[وصلى الله وسلم على نبينا محمد وعلى آله وصبه أجمعين. والحمد لله رب العالمين.]
-ނިމުނީ-
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة النصرގެ ތަފްސީރުގެ ތަރުޖަމާއެވެ.