[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޚުއްފުގައި ފެންފުހުމުގެ މުއްދަތާއި ފެންފުހުން ބާޠިލުވާ ކަންތައްތައް

khuffuޚުއްފުގައި ފެންފުހުމުގެ މުއްދަތު
އެއީ ރަށުގައި ޤާއިވެގެން ހުންނަމީހާއަށް އަދި ނަމާދު ކުރުކުރުން ހުއްދަވެގެންނުވާ މިންވަރަށް ދަތުރުފަތުރު ކުރާ މީހާއަށް ދުވާލަކާއި ރެއެކެވެ. އަދި ނަމާދު ކުރުކުރުން ހުއްދަވެގެންވާ މިންވަރަށް ދަތުރުކުރާ މީހާއަށް ތިންދުވަހާއި ތިންރެއެވެ. އެއީ ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘުގެ ސަބަބުންނެވެ. ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((جَعَلَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ ثَلَاثَةَ أَيَّامٍ وَلَيَالِيهِنَّ لِلْمُسَافِرِ وَ يَوْمًا وَ لَيْلَةً لِلْمُقِيمِ)) [رواه مسلم برقم (85)] މާނައީ: “ޚުއްފުގައި ފެންފުހުމުގެ މުއްދަތަކީ ދަތުރުވެރިޔަކަށް ތިންދުވަހާއި ތިންރޭ އަދި މުޤީމަކަށް ދުވާލަކާއި ރެއެއް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލެއްވެވިއެވެ.”

ޚުއްފުގައި ފެންފުހުން ބާޠިލުވާ ކަންތައްތައް
ޚުއްފުގައި ފެންފުހުން ބާޠިލުވާ ކަންތައްތަކަކީ:
1- ހިނައިގަތުން ވާޖިބުވާ ކަމެއް ކުރިމަތިވެއްޖެނަމަ ފެންފުހުން ބާޠިލުވީއެވެ. އެއީ ޞަފްވާން ރަޟިޔަﷲ ޢަންހުގެ ޙަދީޘުގެ ސަބަބުންނެވެ. ޞަފްވާން ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((كَانَ النَّبِيُّ صَلَّى اللهُ عَلَيهِ وَسَلَّمَ يَأْمُرُنَا إِذَ كَانَ سَفَرَاً أَلَّا نَنْزِعَ خِفَافَنَا ثَلَاثَةَ أَيَّامٍ وَلَيَالِيْهِنَّ إِلَّا مِنْ جَنَابَةٍ)) [رواه أحمد (4/ 239) والنسائي (1/ 84) والترمذي برقم (96) وصححه و حسنه الألباني في (الإرواء برقم 104)] މާނައީ: “އަހުރެމެން ވުޟޫކޮށްގެން ޚުއްފުލައްވާހިނދު ދަތުރެއްގައިވާނަމަ ތިންދުވާލާއި ތިންރޭ ޚުއްފުގައި ފެންފުހުމަށާއި (އެމުއްދަތުގައި) ޖުނުބުވެރިވެގެން މެނުވީ ޚުއްފު ނުބޭލުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހުރެމެންނަށް އަމުރުކުރެއްވިއެވެ.”
2- ދޮވުން ފަރުޟުވެގެންވާ ހިސާބުން ބައެއް ފާޅުވުން: އެބަހީ ފައިގެ ދޮވުން ފަރުޟުވެގެންވާ ސަރަޙައްދު ނުވަތަ ޚުއްފު ލާފައިވާ ސަރަޙައްދުން ބައެއް ފާޅުވުމެވެ. އެހެންވެއްޖެނަމަ ފުހުން ބާޠިލުވީއެވެ.
3- ދެޚުއްފު ބޭލުމުން ފުހުން ބާޠިލުވާނެއެވެ. ގިނަ ޢިލްމުވެރިންގެ އަރިހުގައި، އެއް ޚުއްފު ބޭލުމަކީވެސް ދެޚުއްފު ބޭލުންފަދަ ކަމެކެވެ. (އެބަހީ އެއް ޚުއްފުބޭލިޔަސް ފުހުން ބާޠިލުވީއެވެ.)
4- ފުހުމުގެ މުއްދަތު ހަމަވުން: އެހެނީ މިކަން ޝަރުޢުކުރެއްވި ފަރާތުން ޚުއްފުގައި ފެން ފުހެވޭނެ ވަކި މުއްދަތެއް ވަނީ ކަނޑައަޅުއްވާފައެވެ. ވަޤުތު ކަނޑައަޅުއްވާފައިވާ ޙަދީޘްތަކުން ފަހުމުވާގޮތުގައި ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރުކުރުމަކީ ހުއްދަކަމެއް ނޫނެވެ.
(ނުނިމޭ)
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد