الحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:
“ދަރަޖައުފުލުމާއި ޢިއްޒަތްތެރިކަމާއި އަދި މަތިވެރިކަން(އިސްކަން) އެދޭ މީހާ، ދީނުގައި ހިފަހައްޓައިގެން މެނުވީ އެމީހަކަށް އެކަން ޙާޞިލުނުވާހުއްޓެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(مَن كَانَ يُرِيدُ الْعِزَّةَ فَلِلَّـهِ الْعِزَّةُ جَمِيعًا) (1)
މާނައިގެ ތަރުޖަމާއީ: “ފަހެ ޢިއްޒަތްއެދޭ މީހާ ދަންނާށެވެ. ފަހެ ހުރިހާ ޢިއްޒަތްތެރިކަމެއް ވަނީ ﷲ (ސުބުޙާނަހޫ) ވަތަޢާލާއަށެވެ. (އެބަހީ: ހުރިހާ ޢިއްޒަތެއް ވަނީ ﷲގެ އަތްޕުޅުގެ މަތީގައެވެ. އަދި ޢިއްޒަތްލިބުންވަނީ އެއިލާހަށް ބޯލަނބައި ކިޔަމަންތެރިވެގެންނެވެ.)”
ދީންވެރިކަމާއެކު ނަބީބޭކަލުންނާއި ޞަހާބީންނާއި އަދި ސަލަފުންގެ ބޭކަލުންގެ ޙަޔާތްޕުޅުވަނީ އަބަދަށް (ޢިއްޒަތާއިއެކު) ދެމިގެންނެވެ. ނަމަވެސް ދީނަށް ޢަދާވާތްތެރިވުމާއެކު އަބޫ ޖަހުލާއި އަބޫ ލަހަބާއި އަދި ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލު ފަދަ މީހުންގެ ދުވަސްތައްވަނީ ބޭކާރުވެފައެވެ. އަދި އަދި އެއްވެސް އަގެއްނެތްބަޔަކަށް އެބައިމީހުން ވަނީ ވެފައެވެ.
ތިބާގެ ހިތާއި ދުލާއި އަދި ގުނަވަންތަކުން މިދީން ޤަބޫލުކުރާށެވެ. އަދި އެދީނުގައި ހިފެހެއްޓުމާއި އަދި ޙުކުމްތަކާއި މެދު އަދި އެދީނާއި މެދު އުފާކުރާށެވެ. އަދި އެއިން އަދަބުވެރި (ޢިލްމުވެރި) ވާށެވެ. އަދި މަޖިލިސްތަކާއި ހަފުލާތަކުގައި އެދީން މަތިވެރިކުރާށެވެ. އަދި އެދީނުގެ މާތްކަމާއި އަދި ހެޔޮކަންކަން ފާޅުކުރާށެވެ. އަދި ތިބާނޫން އެހެން ފަރާތްތަކަށް އެޔަށް ދަޢުވަތު ދޭށެވެ. އަދި ތިބާއަށް އެދީނުގެ ހިދާޔަތުން ލިބުނު އުފާވެރިކަން އިޢުލާން ކުރާށެވެ. ﷲ ސުބުޙާނަހޫ ވަޙީކުރައްވާފައިވެއެވެ.
(قُلْ بِفَضْلِ اللَّـهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ ) (2)
މާނައިގެ ތަރުޖަމާއީ: “ކަލޭގެފާނު ވިދާޅުވާށެވެ. ﷲގެ ފަޟުލުވަންތަކަމާއި (ޤުރުއާނާއި) އަދި އެއިލާހުގެ ރަޙުމަތަކަށްޓަކައި (އިސްލާމްދީނާއި އީމާންކަމަށްޓަކައި) ފަހެ ތިޔަބައިމީހުން އުފާކުރާށެވެ. އެކަން އެބައިމީހުން(ކާފަރުން، އީމާންނުވާ މީސްތަކުން) ޖަމާކުރާ (މުދަލާ ވަޤުތީ އުފާތަކަށްވުރެ) ހެޔޮކަން ބޮޑުވެގެންވެއެވެ.”
އަދި ޢާލަމްތަކުގެ ވެރި ރައްބު މަތިވެރިކުރާށެވެ. އަދި އެއިލާހަށް ޘަނާކިޔުން ފާޅުކުރާށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(لَيْسَ أَحَدٌ أَحَبَّ إِلَيْهِ الْمَدْحُ مِنْ اللَّهِ مِنْ أَجْلِ ذَلِكَ مَدَحَ نَفْسَهُ) متفق عليه(3)
މާނައީ: “އެއްވެސް މީހަކު ﷲ (ސުބުޙާނަހޫ ވަތަޢާލާ)އަށް ވުރެ ބޮޑަށް މަދަޙަ(ޘަނާ)އަށް ލޯބިނުކުރައްވައެވެ. އެކަމުގެ ސަބަބުން އެއިލާހުގެ ނަފުސަށް މަދަޙަ ވަޙީކުރައްވާފައިވެއެވެ.”
އެއްވެސް މީހަކު ދީނާއި ކައިރިވާ ވަރަކަށް އެމީހަކު ޢިއްޒަތްތެރިނުވެ އަދި މަތިވެރިނުވެ ނުދެއެވެ. އަދި ﷲ (ސުބުޙާނަހޫ ވަތަޢާލާ) އެމީހެއްގެ ބަސްތަކާއި އަދި ޢަމަލުތައް ސީދާކޮށްދެއްވަވައެވެ. ޝެއިޚުލް އިސްލާމް (އިބުނު ތައިމިއްޔާ) ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ތިބާގެ ނަފުސު ތިބާގެ ކިބައިން ކަރާމާތްތެރިކަމަށް އެދެއެވެ. އަދި ފަހަރެއްގައި، އިސްތިޤާމާ (ސީދާވެގެންހުރުން) ތިބާގެ ނަފުސު ތިބާގެ ކިބައިން އެދިފާނެއެވެ. އަދި (ދަންނާށެވެ). އެންމެ ބޮޑުވެގެންވާ ކަރާމާތްތެރިކަމަކީ ސީދާވެގެން ހުންނަ ހުރުމެވެ.(އިސްތިޤާމާއެވެ.)”
ﷲ ސުބުޙަނަހޫ ވަތަޢާލާގެ ކިބައިން ހުރިހާފަރާތްތަކަށް ތަޢުފީޤާއި ތެދުވެރިކަން އަދި ބަހުގަޔާއި އަދި ޢަމަލުތަކުގައި އިޚުލާސްތެރިކަން ދެއްވުމާއި އަދި އާޚިރަތުގައި ދަރަޖަމަތިވެރިކުރެއްވުން އެދި (ދުޢާ) ދަންނަވަމެވެ. وصلى الله وسلم على نبينا محمد و على آله و صحبه أجمعين. “
ޝެއިޚުގެ ބަސްކޮޅު ނިމުނީ. އަދި މިކުޑަކުޑަ ރިސާލާވެސް ތަރުޖަމާކޮށް ނިމުނީއެވެ.
الحمد لله بنعمته تتم الصالحات.
وصلى الله وسلم على نبينا محمد و على آله و صحبه و من تبعهم بإحسان إلى يوم الدين.
މިފޮތުގެ އިތުރުބައިތައް ބައްލަވާ
______________
(1) سورة فاطر: 10
(2) سورة يونس: 58.
(3) رواه البخاري: (4922، 6968) و رواه مسلم و هذا لفظه (2760)
(4)މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިކުޑަ ރިސާލާއިން ނެގިފައިވާ މައުޟޫއެކެވެ.